ކޮންމެ އަހަރަކުވެސް ބައިނަލް އަގްވާމީ މައިދާނުގައި ފާހަގަ ކުރެވޭ ގިނަ ކަންތައްތަކެއް ހުންނާނެއެވެ. ބައެއް ގައުމުތަކަށް މާބޮޑު އަސަރެއް ނުކުރިޔަސް ދުނިޔޭގައިތިބި ނަގާކިޔާ ގައުމުތަކަށް މައްސަލައަކަށް ވެގެންދާ ކޮންމެ ކަމެއްގެ ނަތީޖާގެ އަސަރު އެހެން ގައުމުތަކަށް ކުރެއެވެ.
އެއީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ކަމަށް ވިޔަސް ނުވަތަ ޗައިނާއާއި ތައިވާނުގެ މައްސަލަ ކަމަށްވިޔަސް މެއެވެ. ވޮށް އަނދިރީގައި ތިބެންޖެހުމާއި އަނގަޔާ އަތާ ދިމާނުވުންމިއީ އެންމެ ބޮޑު މައްސަލައެވެ.

ސަޢޫދީ އެރޭބިޔާއިން މިކަމުގައި އަމަލުކުރާ ގޮތަކާއިމެދު މުޅިދުނިޔެ އޮންނަނީ ބަލަބަލައެވެ. މި ސަބަބަށްޓަކައި ސަންދާނުން މި ބަލާލަނީ ފާއިތުވެދިޔަ އަހަރު ބައިނަލް އަގްވާމީ ދަނޑުގައި ސަޢޫދީ އެރޭބިޔާގެ ބައެއް ޙަރަކާތަށެވެ.
2022 އަހަރާއި ހަމަޔަށްވެސް ސަޢޫދީ އެރޭބިޔާއަކީ އެމެރިކާ ބުނިގޮތަކަށް ކަންތައް ކުރަމުން އައި ގައުމެކޭ ބުނުން އެއީ ހަގީގަތާ މާބޮޑަށް ދުރަށް ދިއުމަކަށް ނުވާނެއެވެ. އެހެންނަމަވެސް 2022 ވަނައަހަރު މި އެކުވެރި ކަމުގައި ގިނަ ރެނދުތަކެއް އަޅައި ގައިގާ އަތްނުލައި އައްދޯތްގޮވާ ހިސާބަށް ހިގައްޖެއޭ ބުނެވިދާނެއެވެ.
ހަމަކަށަވަރުން ވެސް ސަބަބުތަކެއް އޮންނާނެއެވެ. ބައިނަލް އަގްވާމީ މީޑިއާއިން ފާހަގަކޮށްފައިވާ ބައެއް ކަންތަކަށް ބަލާލަމާ ހިނގާށެވެ.
މިލިސްޓުގައި އެންމުފުރަތަމަ ފާހަގަ ކޮށްފައި ވަނީ އެމެރިކާ ރައީސް ބައިޑްން އާއި ދެތެރޭ ސަޢޫދީ ވަލީ އަޙްދުގެ ވިސްނުންފުޅަށް އައި ބަދަލެވެ. އެ ބަދަލު ސިއްރު ކުރާކަށްވެސް ވަލީ އަހްދު މުޙައްމަދު ބޭނުންފުޅުނުވި ކަހަލައެވެ. 2022 ވަނައަހަރު މާރޗްމަހުގެ ތެރޭގައި ދި އެޓްލާންޓިކަށް ދެއްވި ބަސްދީގަތުމެއްގައި މަލާމާތުގެ ރާގަކަށް ވަލީ އަޙްދު ވިދާޅުވެފައިވަނީ ” ބައިޑްން ހީކޮށްފާނެ އެއްޗަކާ ދޭތެރޭ އަހަރެންގެ ފަރުވާލެއް ނެތްކަމަށެވެ “.
މީގެ އިތުރުން ސައޫދީ އެރޭބިޔާއިން ރަޝިޔާއާއި ޗައިނާއާއެކު ގުޅުން ގާއިމްކުރަން ފެށުމާއި އެމެރިކާއާއިއެކު އޮންނަ ގުޅުންތަކުގައި ކުނި ޖެހެން ފެށުމާއި އެމެރިކާގެ ނުފޫޒު ވައިވެގެންދާން ފެށުމުން އެ ގުޅުން ރަނގަޅުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އެމެރިކާ އާއި ދުރަށް ސަޢޫދީން މިސްރާބު ޖެހުން ފާހަގަކުރަން ޖެހެއެވެ.
ސަޢޫދީ އެރޭބިޔާއާއި އެމެރިކާގެ ގުޅުމުގައި ލާފައިހުރި ކުދި ރެނދުތައް ފުޅާވެގެން ދާންފެށި ހިސާބަކީ 2020 ގައި ބައިޑްންގެ ރިޔާސީ ކެމްޕޭނުގެ ދުވަސްވަރެވެ.
ސަޢޫދީގެ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލައާއި ގުޅުވައިގެން އިންސާނީ ޙައްގުތަކުގެ ނަމުގައި ވާހަކަ ދައްކަވަމުން ” ސަޢޫދީ އެރޭބިޔާ އިން ސަލާންޖަހާ ނާށިގަނޑު ހިފައިގެން ނިކުންނަން ޖެހޭވަރު ކޮށްލާނަމޭ ” ބުނި ބުނުމަކީ ސަޢޫދީން އަޅާނުލާ ދޫކޮށްލާނެ ވާހަކައަކަށް ނުވީއެވެ.
މުޙައްލިލުންގެ ނަޒަރުގައި އެމެރިކާއިން އިންސާނީ ޙައްގުތަކުގެ ނަމުގައި ސަޢޫދީ އެރޭބިޔާއަށް ފާޑުކިއުމަކީ ސައޢޫދީންގެ ކަރުގައި ކައްޓެއް ތާށިކޮށްލުމެވެ.
ސަޢޫދީން ލުއިގޮތަކަށް އެކަން ނުނަގާނެކަން އެނގެން ޖެހޭނެއެވެ. އެމެރިކާގެ އުސޫލުތަކަށް ވުރެން ވަލީއަޙްދު މުޙައްމަދު ބޮޑަށް މިހާރު ގަޔާވަނީ ޝީ އާއި ޕޫޓިންގެ ފަލްސަފާއަށެވެ.
އެބޭފުޅުންގެ ވިސްނުންފުޅުގައި ރައްޔިތުންނަށް މާބޮޑަށް މިނިވަންކަން ދީފާއޮތުމަކީ އިޖްތިމާއީ ގޮތުންނާއި އަޚްލާގީގޮތުން ރައްޔިތުން ލަދުޙަޔާތް ކެނޑި އެކަމުގެ ސަބަބުން ސިޔާސީ ހަމަނުޖެހުމަށްވެސް މަގުފަހިވެގެން ދާނެކަމެކެވެ.
ސަޢޫދީން ދެކޭގޮތުގައި މިނިވަން ކަމަށްވެސް ހުދޫދެއް ކަނޑައެޅި ފައިއޮތުމާއި އެކު ޗައިނާފަދަ ނިޒާމެއްގައި ސަރުކާރު ހިންގުމުގެ ފައިދާ މާބޮޑެވެ. ގަލްފް ސްޓޭޓްސް އެނަލިޓިކްގެ ސީ. އީ. އޯ. ޖިއޯޖިއޯ ކެފީރޯ ދެކޭގޮތުގައި ސަޢޫދީގެ އިންސާނީ ޙައްގުތަކުގެ މައްސަލައަކީ ސަޢޫދީގެ ދާޚިލީކަމެއްގެ ގޮތުގައި ދެކިވަޑައިގެން އެކަމަށް ފާޑު ވިދާޅުނުވުން ޝީ އާއި ޕޫޓިން އިޚްތިޔާރު ކުރެއްވި ފަދައިން ޗައިނާއާއި ރަޝިޔާގެ ދާޚިލީ މައްސަލަތަކުގައި ހަނުހުރުން އިޚްތިޔާރު ކުރުމަކީ ވަލީ އަޙްދު މުޙައްމަދުގެ ސިޔާސަތެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ޗައިނާއިން އެގައުމުގެ މުސްލިމުންނާއި ދޭތެރޭ ހިންގަމުން ގެންދަނީ ގަތުލު އާންމެކެވެ. ސަޢޫދީ އެރޭބިޔާއަކީ އިސްލާމްދީނުގެ މައި މަރުކަޒު ކަމުގައި ވިޔަސް އެ މައްސަލާގެ ތެރެއަށް ވަންނާކަށް ސަޢޫދީން ބޭނުމެއް ނުވެއެވެ. ސަޢޫދީ އާއި ޗައިނާ އަދި ރަޝިޔާއިންވެސް އިޚްތިޔާރުކުރަނީ ހުރިހާ ކަމެއްވެސް ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ވެރިކަމުގެ ނިޒާމެކެވެ. އެގައުމުތަކުން ދެކޭގޮތުގައި ރައްޔިތުން ބޭނުން ގޮތަކަށް ސަރުކާރު ހިންގުން ދޫކޮށްލާފައި އޮތުމަށްވުރެން ސަރުކާރުގެ ބާރުގެ ދަށުގައި ކަންތައް ރޭވިގެން ހިނގަމުން ދިއުމުން ގައުމުގެ ހަމަޖެހުމަށް މާބޮޑަށް މަގުފަހިކޮށް ދޭނެއެވެ.
އެގައުމުތަކުން ދެކޭގޮތުގައި އެންމެ ފުރަތަމަ ރައްކާތެރި ކުރަންޖެހޭނީ ގައުމުގެ މަސްލަޙަތެވެ. އެމީހަކު ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފަލްސަފާއަށް އެބޭފުޅުންނަށް ތަރުޙީބެއް ނުދެވެއެވެ.
ސަޢޫދީ އެރޭބިޔާއާއި ޗައިނާގެ އެކުވެރިކަން ދެމެހެއްޓޭނެ ސަބަބުތަކެއް އެބަހުއްޓެވެ. އިގްތިސާދީ ގޮތުން އެއްގައުމުން އަނެއްގައުމަށް ވާގިވެރިވެ ދެވޭނެ މަގުތަކެއް އެބަހުއްޓެވެ. އެމެރިކާއިން ދުނިޔޭގެ އެހެން ހުރިހާ ގައުމަކުން ކަންތައް ކުރަންވީ ގޮތް ކިއުމަކީ އެ ދެގައުމަށް ބަލާގަނެވޭނެ ކަމަކަށް ނުވެއެވެ.
ޗައިނާއިން ދެކޭގޮތުގައި އެމެރިކާ އަކީ ޗައިނާގެ ކުރިއެރުމަށް އޮތް މުސީބާތެކެވެ. ސަޢޫދީން ބޭނުންވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އަތްގަދަ ކުރަން ބޭނުންވާ އިގްތިސާދުގައި މުހިންމު ބައެއް އަދާކުރުމަށެވެ.
ސަޢޫދީ އެރޭބިޔާއިން ބޭނުންވަނީ ހަމައެކަނި ޗައިނާއާއެކު ގުޅުން ބަދަހި ކުރާކަށް ނޫނެވެ. އޭގެ އިތުރުން އެމެރިކާ ރުޅިއެރުވުންވެސް ހިމެނޭގޮތުގައި އެމެރިކާގެ އެންމެ ވާދަވެރި އަދި ދުނިޔޭގައި ދެވަނައަށް މިލިޓަރީގޮތުން އެންމެބާރުގަދަ ރަޝިޔާ އާއި އެކުވެސް ސަޢޫދީން މިހާރު ގެންދަނީ ގުޅުން ބަދަހި ކުރަމުންނެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހުގެތެރޭގައި ރަޝިޔާއާއި އެއްބައިވެގެން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ސަޢޫދީން ނިންމުމުން އެމެރިކާ ރަތަށް އެރިއެވެ.
އެމެރިކާއިން ހީކޮށްގެން ތިބީ ސަޢޫދީން އެމެރިކާއާއި އެއްކޮޅަށް ބައިވެރިވެ ތެޔޮ އުފެއްދުން އިތުރުކުރާނެ ކަމަށެވެ. އަދި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުން އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ހިމެނޭ ރަޝިޔާގެ ތެޔޮ ވިއްކޭނެ މަގުތައް ބަންދުކުރަން ބައިޑަން ކުރިމަސައްކަތް ވެސް ނާކާމިޔާބު ވުމުގައި ސަޢޫދީން ރަޝިޔާއާއި އެއްބައިވުން އެކުލެވޭތީ ބައިޑްންގެ ރުޅިގަނޑު އަދިވެސް އިތުރުވެގެން ދިޔައެވެ.
ޗައިނާގެ ރައީސް ޝީ ވަޑައިގަތުމުން ސަޢޫދީންކީ މަރުޙަބާގެ ލެވެލް ބައިޑްން ވަޑައިގަތުމުން ކީ މަރުޙަބާއަށް ވުރެން ކުލަގަދަ ވުމާއި ސަޢޫދީއަށް ބޭނުންވާ މުހިންމު އިންފްރާސްޓްރަކްޗަރ ތައް ޢިމާރާތްކުރުމާއި ވަސީލަތްތައް ގާއިމްކުރުން ޗައިނާއާއިޙަވާލުކުރުން ލިސްޓުގެ ތެރެއަށް އިތުރުވެގެން ދެއެވެ.
ސަޢޫދީ އެރޭބިޔާއާއި މެދު އެމެރިކާ ދެކޭގޮތް އޮބާމާ އާއި ޓްރަމްޕް އަދި މިހާރު ބައިޑްން ސަރުކާރުން ބަދަލުވަމުން ދިއުމާއެކު ސަޢޫދީންވެސް އެމެރިކާއަށް އިތުބާރުކުރު ކުޑަވެގެން ދިޔައީކަމަށް އެއްބަސްވެއެވެ.
އެހެންނަމަވެސް ގަލްފް ސަރަޙައްދުގެ ހަލަބޮލިކަމާހެދި އެމެރިކާއިން ސަޢޫދީއަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދޭތީވެ ރަޙުމަތްތެރި ކަމުގެ ގުޅުން ކުއްލިއަކަށް ކެނޑިގެން ނުދާނެކަމަށް ބެލެވެއެވެ. އަދި ސަޢޫދީގެ ސަލާމަތަށްޓަކައި އެމެރިކާވަރުގެ ބައިވެރިޔަކު ނުލިބޭނޭ ބުނާމީހުންވެސް މަދެއްނޫނެވެ.