އާ އަހަރާދިމާކޮށް ރަޝިޔާގެ ވަރުގަދަ ޙަމަލާތަކެއް ޔޫކްރެއިނަށް

Loading

Facebook
Twitter
WhatsApp

ޔޫކްރެއިނުން އާއަހަރުގެ ޙަފްލާތަކަށް ތައްޔާރުވަމުން ދަނިކޮށް ހޮނިހިރުދުވަހު އަނެއްކާވެސް ރަޝިޔާގެ މިސައިލް ޙަމަލާތަކެއް ޔޫކުރެއިން އަށް އޮހިގެންފިއެވެ. ބުނެވޭގޮތުގައި ގިނަ ޙަމަލާތަކެއް އަމާޒުވީ އާންމު ރައްޔިތުން ދިރިއުޅެމުން ގެންދާ ޢިމާރާތް ތަކަށެވެ. އޭގެ ތެރޭގައި މިވަގުތު މީހުންނޫޅޭ ހޮޓަލެއްވެސް ހިމެނެއެވެ. ކީވްގެ މޭޔަރ ވިޓާލީ ކްލިޓްސްކޯ ވިދާޅުވީ މި ޙަމަލާތަކުގައި 28 މީހުން ޒަޚަމްވެ އެކަކު މަރުވި ކަމަށެވެ.                                

ޔޫކްރެއިންގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް ވެލަރީ ޒަލުޒުންވީވިދާޅުވީ ރަޝިޔާގެ ބިމުންނާއި ކެސްޕިއަންސީގެ މަތިން އުދުހެމުންދިޔަ ރަޝިޔާގެ ޓީ. ޔޫ. 95 އެމް. އެސް ” ބެއަރ ” އިން ޖުމުލަ 20 ކުރޫޒް މިސައިލް ގޮއްވާލި ކަމަށެވެ. އޭގެތެރެއިން 6 މިސައިލް ޔޫކްރެއިންގެ ސިފައިން ކީވްގެ މަތިން ހަލާކު ކޮށްލިއެވެ.

އެހެންނަމަވެސް ޔޫކްރެއިން ސިފައިންގެ ޖެނެރަލް ސްޓާފުން ބުނަމުން ގެންދަނީ ރަޝިޔާއިން ގޮއްވާލީ ކިތައް މިސައިލްކަން ކަށަވަރު ނުވާކަމަށެވެ. ސަބަބަކީ އޭގެތެރެއިން ބައެއް މިސައިލް ރަޝިޔާގެ ސަރަޙައްދު ތެރެއަށްވެސް ވެއްޓިފައިވާތީއެވެ.

މިސައިލް އަމާޒުވިކަމަށް ބުނާ ބައެއް ސަރަޙައްދުތަކަށް ދިޔަ ނޫސްވެރިންނަށް ޕެޗާރސްކިވް ސަޙަރަހައްދުގެ އަލްފާވިޓޯ ހޮޓެލްއަށާއި އަދި އެހެން މިސައިލެއް އާންމުން ދިރިއުޅޭ ހައުސިން އިސްޓޭޓެއްގެ ޕާރކިން އޭރިއާއަށް ޖެހިގެންފައި ވަނިކޮށް ފެނިފައިވާކަމަށް ބުނެއެވެ. 

އަލްފާވިޓޮ ހޮޓެލް ވަނީ އެއްކޮށް ބިމާ ހަމަވެފައެވެ. އޭރުވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ނޫސްވެރިން ހާމަކުރިއެވެ. އެހެންނަމަވެސް އެ ހޮޓަލަކީ މިވަގުތު ބޭނުން ނުކުރާ ތަނަކަށްވީތީ އިންސާނުންނަށް ގެއްލުން ވެފައިހުރެދާނެ ކަމަކަށް ނުބެލެވެއެވެ. 

ހައުސިން އިސްޓޭޓުގެ ޕާކިންގއޭރިއާއަށް ޖެހިގަތް މިސައިލުގެ ސަބަބުން އެތަނުގައިހުރި ހުރިހާ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ވެފާހުއްޓެވެ. ކާރުތައްވެސް ހުރީ މުޅިން ވީދައިގެން ގޮސްފައެވެ. ނޫސްވެރިން ދިޔައިރު ބައެއްގެތައް މަރާމާތު ކުރެވޭތޯ މަސައްކަތްކުރަމުންދާތަން ފެނުނެވެ. އަނެއްބައި ގެތައް ހުރީ މަރާމާތު ކުރެވޭ ވަރަށްވުރެން ބޮޑަށް ހަލާކުވެފައެވެ. 

އަނެއް ބަޔަކު ގެންދިޔައީ އެބައިމީހުން ގެންގުޅޭ އެއްޗެހި ޕެކްކުރަމުންނެވެ. އަދި ޔޫކްރެއިންގެ އެކްސްޕްލޯސިވް ޓެކްނީޝަނުންގެންދިޔައީ ތަން ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ފަހަކަށް އައިސް ކޮންމެދުވަހަކު ކަހަލަ ގޮތަކަށް މިހާރު އެމީހުން ކުރަން ޖެހިފާވާ ކަމެކެވެ.

ކީވް އަށް އަމާޒުވި ޙަމަލާގެ އަޑު ފުރަތަމަ އިވުނީ މެންދުރު 2 ޖަހާކަށްހާއިރުކަމަށް ބުނެއެވެ. އެ މިސައިލް ޖެހިގަތީ ސިޓީ ސެންޓަރާ ވަރަށް ކައިރިއަށެވެ. ބެލެވޭ ގޮތުގައި މި ޙަމަލާގެ އެއް މަގްސަދަކީ އާއަހާރާއި ދިމާކޮށް މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމެވެ. އިއްޔެގެ ޙަމަލާގައި ފޮނުވާލި  20 މިސައިލަކީ ގަދަވަމުންދިޔަ ފިނީގެ ތެރޭގައި އާންމު ރައްޔިތުންގެ ގެދޮރު ހަލާކު ކޮށްލުމަށް އަމާޒުކޮށް އޮކްޓޯބަރު މަހުގެ 10 ވަނަދުވަހު ރަޝިޔާއިން ފޮނުވާލި 84 މިސައިލްގެ ނިސްބަތުން ކުޑަ އަދަދެކެވެ. 

އިއްޔެގެ ޙަމަލާތަކުން ރައްކާތެރިކަން ލިބިގަތުމަށްޓަކައި ސޮވިއޭޓްޒަމާނުގައި ހަދާފައިހުރި ބިންގަރާސްތަކަށް ރައްޔިތުންގެ ގިނަބަޔަކު ވަދެގަތެވެ. އެތެރެއަށް ނުވަދެވި ތިބި މީހުން ބުނާގޮތުގައި ސިޓީ ސެންޓަރުކައިރިން އަށެއްކަފަހަރު ބާރުގަދަ ގޮވުންތަކެއް ގޮވި އަޑު އިވުނެވެ. ރަޝިޔާއިން ފޮނުވާލި ގިނަ މިސައިލްތަކެއް ޖަރުމަނުން ލިބުނު އައިރިސް-ޓީ އަދި ނޯވޭއިން ލިބުނު ނަސަމްސް ބޭނުންކޮށްގެން ހަލާކު ކޮށްލެވުނު ކަމަށް ޔޫކްރެއިނުން ބުނެއެވެ.                                            

މިސައިލްތަކުގެ ޙަމަލާގައި ކަރަންޓް ފޯރުކޮށްދޭ ވަސީލަތްތަކަށް އިތުރު ގެއްލުން ލިބިދާނެތީ މުޅި ސިޓީން ކަރަންޓް ކަނޑާލަން ޖެހުނުކަމަށާއި ނަމަވެސް ހައެއްކަ ގަޑިއިރުފަހުން އަނެއްކާ ކަރަންޓް ފޯރުކޮށްދިނުން އިއާދަކުރެވުނު ކަމަށް ކީވްގެ  ހަކަތައާއިބެހޭ ވަޒީރު ހަރމަން ހަލުޝެންކޯ ވިދާޅުވިއެވެ.                           

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް