ޖައްވުތެރޭގެ ފެންކޯރެއް އަނެއްކާވެސް ކެލިފޯނިޔާއަށް ބަންޑުންވަނީ

Loading

Facebook
Twitter
WhatsApp
World Local News Maldives

ނަސާރާއިންގެ އީދާ ދިމާކޮށް އެމެރިކާއަށް މެދުވެރިވާންފެށި ގަނޑުފެނުގެ ތޫފާނާއި ޖައްވުތެރޭގައި ދަތުރުކުރާ ފެންކޯރުތައް ބަންޑުންވުމުގެ ހާދިސާތަކަށް ކުޑަވެސް ލުޔެއް ނުލިބި އުޅެނިކޮށް އަނެއްކާވެސް ޖައްވުތެރޭގައި އުފެދިފައިވާ ފެންކޯރެއް ކެލިފޯނިޔާގެ ސަރަޙައްދަށް ބަންޑުން ވެދާނެކަމުގެ އިންޒާރު މޫސުމާބެހޭ އިދާރާތަކުން ދޭންފަށައިފިއެވެ.

ޖައްވުތެރޭގައި އުފެދޭ ފެންކޯރުގެ ތަޢާރުފްގައި މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އެއީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަންދާޒާވެސް ނުކުރެވޭ ވަރުގެ ގިނަ އަދަދަކަށް ވާރޭ ވެހިދާނެފަދަ ގޮތަކަށް ފުނިޖެހި ފައިވާ ތެތްފިނި ކަމެކެވެ.             

މި ޑިސެމްބަރު މަހަކީ ޢާންމުގޮތެއްގައި ކެލިފޯނިޔާ ސަރަޙައްދަށް ވާރޭވެހުންގިނަ ދުވަސްވަރެކެވެ. އެހެންނަމަވެސް މިއަހަރު ވާރޭވެހުން އެތައްގުނައެއް އިތުރުވެއްޖެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޖައްވުގައި ދަތުރުކުރާ އިތުރު އެތައް ފެންކޯރެއް ކެލިފޯނިޔާ ސަރަޙައްދަށް ބަންޑުން ވެގެންދާނެކަމަށް ބެލެވެއެވެ.

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ސެކްރެމަންޓޯގެ ބައެއް ސަރަޙައްދަށް  4 އިންޗީގެ ވާރޭވެހޭނެކަމަށް ލަފާކުރާއިރު ސިއެރާ ނެވާޑާ ފަރުބަދަ ސަރަޙައްދުގައި 9 އިންޗީގެ ވާރޭ ވެހޭނެކަމަށް ލަފާކުރެވެއެވެ.

ސެކްރެމަންޓޯ  ވާދީ އާއި ބޭ ސަރަޙައްދާއި ސިއެރާ ނެވާޑާ ގައި މިހާރު އޮތީ ފެންބޮޑުވެ އިތުރު ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެކަމަށް ދެކި ހޭލެނުންތެރި ވުމަށް އަންގާފަވެއެވެ. ވެހޭ ވާރޭގެ ސަބަބުން ބައެއް ކޯރުތަކާއި އެ ކޯރުތަކާ ގުޅިފައިހުރި ޑޭމްތައް ފުރިގެން ބަންޑުންވުމުގެ ނުރައްކާތެރިކަން އޮތުމުގެ ސަބަބުން  އެ ކޯރުތަކުންނާއި ކޯރުތަކާއި ގުޅިފައިހުންނަ ޑޭމްތަކުން ގެންދަނީ ފެން ބޭރު ކުރަމުންނެވެ. ލޭކް ނެޓޯމާއާއި ގުޅިފައިވާ ކޯރަށް ހުކުރު ދުވަހު ހަވީރު ސިކުންތަކު ފަންސަވީސް ހާސް ކިއުބިކް ފީޓުގެ ވާރޭ ވެހުނު ކަމަށް ބުނެއެވެ.

އެއްގަމު ދަތުރުކުރާ އުޅަނދުފަހަރުވެސް ސަމާލުވެތިބެ ދަތުރުކުރުމަށް ވަނީ އަންގާފައެވެ. އާ އަހަރުގެ ފުރަތަމަ ދުވަހު އަވިދޭނެކަމަށް ބެލެވުނަސް ހޯމަދުވަހު އަނެއް ފިނީގެ ކޮޅިގަނޑު އަރާނެކަމަށް ބެލެވެއެވެ.

ސިރެރާ ނެވާޑާ ސަރަޙައްދުގައި 7500 ފޫޓުގެ އުސް ހިސާބުގަނޑުގައި މިހާރުވެސް ފޫޓަކަށް ސްނޯ އެބަހުއްޓެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ބައެއް ހިސާބުތަކަށް 5 ފޫޓުގގެ އުސްމިނަށް ސްނޯ ވެހޭނެއެވެ.

އެމެރިކާގެ މޫސުމާބެހޭ އިދާރާއިން ފާހަގަކޮށްފައިވާ ގޮތުގައި ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ކެޓަގަރީ 3 އާއި 4 ގެ ސްޓޯމަކާ ކުރިމަތިލާން ޖެހޭނެއެވެ.  ކެޓަގަރީ 3 ގައި މާބޮޑު ނުރައްކަލެއް އޮވެދާނެކަމަށް ނުބެލެވުނަސް ކެޓަގަރީ 4 އަކީ އޭގެ ސަބަބުން ބޮޑެތި ކާރިސާތަކާއި ކުރިމަތިލާން ޖެހިދާނެ ޙާލަތެކެވެ.

Loading

One Response

  1. ސެކްރެމަންޓޯ ސަރަހައްދުގައި އިއްޔެ މެންދުރުފަހު 1.30 ހާއިރު ގޭގޭގައި މީހުންނުތިބެ އަވަހަށް ރައްކާތެރި ތަނަކަށް މީހުން ދިއުމުގެ އަމުރު ނެރުނުކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އޭގެ 2 ގަޑިއެއްހާއިރުފަހުން ފެންބޮޑުވަމުންދާލެއް އަވަސްކަމުން މަގުތައް ބޭނުން ނުކުރެވޭނެތީ އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށް އޮތީ އަމުރު ނެރެފައެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމަށްވެސް ގުދުރަތީ ކާރިސާތަކުގައި މި އޮންނަނީ ކުރެވޭނެ މާބޮޑު ކަމެއް ނެތިފައެވެ. އަހަރެމެންގެ ނަސީބުރަނގަޅުކަމަށްޓަކައި މި ނިއުމަތްތައް ދެއްވި މާތް ﷲ އަށް ޝުކުރު ކުރުން އަދިވެސް ގިނަކުރަމާ ހެއްޔެވެ !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް