ޕްރައިމަރީއަށްފަހު އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ ވެރިކަން ގެއްލޭނެ

Facebook
Twitter
WhatsApp
CB79FDF3-DD82-4D0F-BC39-2B2C5F313DF1

      އެމްޑީޕީގެ ޕްރައިމަރީއަށްފަހު ދެރައީސުން އެއްގަލަކަށް އަރާވަޑައި ނުގެންފިނަމަ 2023ގެ ރިޔާސީ އިބްތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވާނޭކަމަށް ގިނަބަޔަކު ދެކެއެވެ.

2023 ގެ ރިޔާސީ އިންތީޚާބުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގިނަ ކަމާއެކު އެމްޑީޕީ ގެ ޕްރައިމަރީ ކާމިިޔާބު ކުރައްވާ ބޭފުޅެއްގެ ފަހަތްޕުޅަށް ޕްރައިމަރީއިން ފެއިލްވާ ރައީސަކު އަރާ ވަޑައިނުގެންފިނަމަ އެމްޑީޕީ އަށް ވެރިކަން ގެއްލިގެން ދިއުން ވަރަށްގާތެވެ.

އެގޮތަކީ ރިޔާސީއިންތިޚާބުގައި ދެރައީސުން ގިނިކަޏާ ނުކުމެ ވަޑައި ގެންފިނަމަ އެމްޑީޕީ ދެބައިވެ ދެބޭފުޅުންގެ މަށްޗަށް ވޯޓު ބެހިގެން ދާނޭތީ އެވެ. މިގޮތުގެ މަތީން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ދެބޭފުޅުންކުރެ ބޭފުޅަކު ހޮވި ވަޑައި ނުގަތުމަކީ ވެސް އެމްޑީޕީއަށް ލިބޭދެރައަކަށް ވާނެއެވެ. ކަން މިހެންހުރުމާއެކު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އެމްޑީޕީ އަށް ވަރަށް މުހިންމުވާނެއެވެ.

     ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ބޭފުޅުން ގިނަ ކަމާއެކު ފުރަތަމަ ބުރުން އެއްވެސް ބޭފުޅަކަށް %51 އިންސައްތަ ލިބުމަކީ ނާދިރުކަމެކެވެ.

      އެހެން ކަމާއެކު ދެވަނަބުރަކަށް ދާން ބަލާއިރު ފުރަތަމަ ބުރުން ހޮވޭ ފަރާތަކާއެކު ކޯލިޝަން ހަދާނެއެވެ. މިއީ މީގެ ކުރީންވެސް ކަން ހިގާފައިވާ ގޮތެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ރައީސް ނަޝީދު ކާމިޔާބު ކުރެއްވިއަސް ނޫންނަމަ ރައީސް އިބްރާހިމް ކާމިޔާބު ކުރެއްވިއަސް މިހާރުގެ ކޯލިޝަނުގެ ބައިވެރިން ފުރަތަމަބުރު ވިންކުރެއްވި ބޭފުޅަކާ އެކު ކޯލިޝަންހަދާނޭކަމަށް ގަބޫލުކުރެވެއެވެ.

      އަނެއްކޮޅުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނު އަށް ކުރިމަތި ލެވޭގޮތް ވެއްޖެނަމަ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ވިން ކުރައްވާފާނޭ ކަމަށްވެސް އެއްބަޔަކު ދެކެއެވެ. ނަމަވެސް މިހާރު ޖަލު ޙުކުމެއްގައި ހުންނެވުމުން ދެން އެޕާޓީއިން ނެރެފާނެ ކެންޑިޑޭޓަކަށް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަކަށް ނުދެމެވެ.

 އެހެނީ ޕީޕީއެމް އިން ރައީސް ޔާމީން އަށް ރޭހުގައި ބައިވެރި ނުވެވޭ ޙާލަތުގައި އެޕާޓީގެ ކުރީސަފުންވެސް ވެރިކަން ބޭނުންވެގެން ތޮޅިގަންނާނެ ބޭފުޅުން ތިބުމާއި އެކުގައެވެ.

މިހާރުވެސް އެޕާޓީގެ ތެރެއިން ގައްސާނު އާއި، ޑރ. މުއިއްޒު އާއި ސަޢީދު އާއި ޝަރީފު އަދި ޑރ. ވަޙީދުމެންގެ ފެކްޝަންތައް ވަނީ އެކްޓިވޭޓްވާން ފަށައިފައެވެ. ގައްސާނަށް ވާދަކުރަން އެޕާޓީގެ ފަރާތުން ލިބިއްޖެނަމަ އެހިސާބުން ޕީޕީއެމް ގެ ކެންޑިޑޭޓް މައުމޫނުގެ ހިރިޔާފައިތުރާ ދަށަށް ބަދަލުވެ އެމްއާރުއެމް ޕީޕީއެމާއި ގުޅިކޯލިޝަން ހެދުމަކީ ނުވާނޭ ކަމެކޭ ބުނެވޭކަށެއް ނެތެވެ. ރައީސް މައުމޫނު އެހެންނަވަނީ ހެދިފައިވާ ކޮންމެ ޕާޓީއަކަށް އެމަނިކުފާނުގެ ބޭފުޅެއް އިންދުވައިގެންނެވެ. މިއީ އެމަނިކުފާނުގެ ތަޖުރިބާއާއި ދުރު ވިސްނުންފުޅެވެ.

      ކޮންމެ އަކަސް ކުޅިފަސް އޮތީ މިވަގުތަށް އެމްޑީޕީގެ އަތުގައެވެ. އެހެނަސް އެމްޑީޕީ ކުރިން މިދެންނެވުނު ގޮތަށް ޅައެއްޗެއް އަޅައިފިނަމަ އެމްޑީޕީ އަށް މިއޮތް ކުޅިފަސް ގެއްލިގެން ދާނޭކަމާއިމެދު ޝައްކެއްނެތެވެ.

2018 ގެ ކޯލިޝަން

    ރާއްޖޭގެ ރިޔާސީ އިންތިޚާބު ކޯލީޝަން ނުހަދާ ވިންކުރެވޭނޭ އެހެންގޮތެއް މިވަނީ ހޯދަން ޖެހިފައެވެ. އެގޮތަކަކީ ރައްޔިތުން ވޯޓުދެނީ ކޯލިޝަނަކަށް ނޫންކަމުންނެވެ      ރައްޔިތުން ވޯޓުނުދޭ ޕާޓީތަކުން ރައްޔިތުން ވޯޓްދީގެންހޮވާ ސަރުކާރެއްގެ ތެރެއަށް ދާޚިލްވެ ސަރުކާރު ބޯކިބާފޮއްޗަެއް ހެން ފަޅިފަޅި ކޮށް ބަހާލައިގެން ބައި އަޅައިގެން ވެރިކަން ކުރުމުގެ އުޞޫލަކީ ރައްޔިތުން ގަބޫލުކުރާ އުސޫލަކީ މިހާރު ރައްޔަތުންނަށް ހިތިބޭހަކަށް ވެއްޖެއެވެ.

ރައްޔިތުން ރާއްޖޭގޭގެ ވެރިކަން ޙަވާލުކުރަނީ ކޮންމެވެސް ޕާޓީ އަކުން ރިޔާސީ އިންތިޚާބަށް ނުކުންނަވާ އެއް ބޭފުޅަކަށެވެ. އެހެނަސް ރައްޔުތުންގެ އަޣުލަބިއްޔަތު ނުލިބި ބާކީވާ ޕާޓީތައް ރައްޔިތުންރުހިގެން ޢަޣުލަބިއްޔަތު ދިން ޕާޓީގެ ތެރެއަށް ވަދެ ރައްޔިތުން ނުދޭ ބާރުގެ ބޭނުން ކުރުމުގެ އުޞޫލުގާނޫނަކުން ބަދަލުކުރަން ވެއްޖެ ކަމުގައި ދެކެމެވެ. ނޫންނަމަ ނިޒާމު ބަދަލުކުރަން އެބަޖެހެއެވެ.

       ރައްޔިތުންނަށް ކަމުނުގޮސްގެން ބާކީ ކޮށްފައިވާ ފަރާރަކަށް ސަރުކާރުން ބައިއެޅުމަކީ އެއްގޮތަކަށްވެސް ރައްޔިތުން ރުހެވޭނޭ ކަމެއްކަމުގައި ނުދެކެމެވެ. އެހެނީ ކޯލިޝަން ސަރުކާރު ރުއްސުމަށްޓަކައި އޭގެ ބައިވެރީން ނަށް ބައިއެޅި ކަރަޕްޝަންގެ ޢަމަލުތައް ހައްދުން ނެއްޓެމުންދާތީއެވެ.

      ދެންދިމާވެދާނެ އަނެއްމައްސަލަ އަކީ ރާއްޖެ ފަދަ ކުޑަ އާބާދީއަކާ އެކަށީގެން ނުވާ މިންވަރަށް ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ދިނުމެވެ. ދުނިޔޭގެ ދެވަނައަށް އެންމެ މީހުން ގިނަ އާބާދީއަކީ އިންޑިއާގެ އާބާދީ އެވެ.

އެހެނަސް ވޯޓުދިނުމުގެ ޙައްގު ފުރިގަމަވާ ދެލައްކަ މީހުންގެ އާބާދީއެއްގައި ކޮންމެ ދެމަފިރިއަކަށް ސިޔާސީ ޕާޓީ އުފެއްދޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ގައި ލިއުއްވާ އެގާނޫނު ތަސްދީގު ކުރެއްވި ބަޔަކަށް ހަމަ ސާބަހެވެ.

2012ގެ  ” ބަޢާވާތަށްފަހު” އުފެދުނު  ކޯލިޝަން

ރާއްޖެއަށް އުފަންވާ ކޮންމެ މީހަކީ ސިޔާސީ ޕާޓީ އެކޭ ބުނަން ނުކެރިގެން ހަދާފައިވާ ގާނޫނެއްބާވައޭ ވެސް ބައެއް ފަހަރުހިތައް އަރައެވެ. މިއަށްވުރެ ޒިންމާދާރުކޮށް ގާނޫނަށް ބަދަލު ގެނެވި ރައްޔަތުންގެ ބައިތުލްމާލުން ސިޔާސީ މާފިޔާތަކަށް ޚަރަދު ނުކުރެވޭނޭ ގޮތް ވަގުތުން ވަގުތަށް ހަދަންޖެހެއެވެ. ސިޔާސީ ޕާޓީ ހިންގުމަށް ނިކަމެތި ރައްޔަތުންގެ ޓެކްސްފައިސާ އިން 1% ޚަރަދުކުމާވެސް އަހުރެން ދެކޮޅެވެ. ޕާޓީތައް ގިންނަވާން ދިމާވާ އެއްސަބަބަކީވެސް މިއީކަމުގައި ދެކެމެވެ.

     ރިޔާސީ އިންތިޚާބު ދެބުރަށް ބޭއްވުމަކީވެސް ރައްޔިތުންގެ އަތުން ވަށް ބޮޑުޚަރަދު ހިނގާކަމެކެވެ. އެހެން ކަމާއިއެކު ސިޔާސީ ޕާޓީ އުފެއްދޭނޭ މިންވަރާއި ރިޔާސީ ރޭހުގައި ބައިވެރިވެވޭ އުޞޫލަށްވެސް ބަދަލުގެންނަން މިހާރު މިވަނީ ޖެހިފައެވެ. އެއީ މިދިޔަ 14 އަހަރުގެ ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ.

     ރާއްޖޭގައި ވޯޓުދެވޭ ޢުމުރުގެ ދެލައްކައެއް ހާމީހުން ހަމަނުވާއިރު ރިޔާސީ އިންތިޚާބު ދެބުރަށް ނުބާއްވައި އެއްބުރުން ވެސް ނިމޭނޭ ގޮތެއް ފެނޭ ތޯވެސް ބަލަން އެބަޖެހޭ ނޫންތޯއެވެ؟

       މިގޮތުން 30 ހާސް މޭންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ކެންޑި ޑޭޓުން ނުރެވޭ ގޮތަށް ހަމަޖެއްސިއްޖެނަމަ ކުރިމަތި ލެވޭނީ ގިނަވެގެން ދެތިން ކެންޑިޑޭޓުންނަށެވެ.

މިހެން ވެއްޖެނަމަ އެއްބުރުން ރިޔާސީ އިންތިޚާބު ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

      މިހާރު މިފެންނަމުންދާ ރިޔާސީ އިންތިޚާބުތައް ސިފަކުރެވެނީ ކުރީ ޒަމާނުގެ ބައިސްކަލް ރޭހަށެވެ.

އޭރުގެ ބައިސްކަލް ރޭހެކޭ މިހާރުގެ ރިޔާސީ އިންތިޚާބުގެ ރޭހެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. ރިޔާސީ އިންތިޚާބުގައި ބައިވެރި ވުމަކަށް އެއްވެސް އެއްވެސް ޝަރުތެއް ނެތެވެ. އަތުގައި ލާރިފޮއްޗެއް އޮތީ ވިއްޔާ ރިޔާސީ ރޭހުގައި ވާދަ ކުރެވެއެވެ. މިހެން ދިމާވުމުން ހުރިހާ ގެއްލުމެކާ ކުރިމަތިލާން ޖެހެނީ ރައްޔިތު އެންމެންނާއެވެ.

      މިހާރުވެސް 2008 ކުން ފެށިގެން މެދުނުކެޑި ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަމުން އަންނަ ފަރާތްތަކެއްވެސް ހިމެނެއެވެ. އޭގެ ތެރޭގައި %02 އިންސައްތައާއި %05 އިންސައްތަ ވޯޓު ކިރިޔާ ހަމަވާ ބޭފުޅުންވެސް ހިމެނެއެވެ. ހިތާމައަކީ ރާއްޖޭގެ ރައްޔަގުންގެ މާލިއްޔަތުގައި ތިންހަތަރު ބުރަށް ރިޔާސީ އިންތިޚާބު ބޭއްވޭހާ ތަނަވަސް ކަމެއް ނެތުމެވެ.

       ދެން އޮތް ޙައްލަކީ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ އަކަށް ބަދަލު ކުރުމެވެ. އެކަން ކުރުމަށް މަހުޖަނުންނާ ސިޔާސީ ނުފޫޒުގަދަ ފަރާތްތަކުން އެއްބަސް ނުވާތީ ރައްޔިތުންގެ މަޖިލީހުގެ އިސްނެގުމަށް ހުރަސް އެޅިގެން ދެއެވެ. ހަމަ އެހެންމެ އެނިިޒާމުންވެސް ދައުލަތުގެ ޚަރަދުތަކަށް ވަކީ ލުޔެއް ލިބޭނޭކަމަކަށް ނުދެއެވެ.

އެހެނީ މަޖިލިސް މެމްބަރަކަށް ވުމަކަށްވެސް އެއްވެސް ޝަރުތެއް ނެތެވެ. ދޫފަސޭހަކަމާއި އެކު ހަޔާތް ގޮވާލެވޭ ލޯމަރާފަ ހަބޭހަށް ކަރަޕްޝަން ހިންގާލެވޭނެ ދިވެހި ރައްޔަތަކަށް ވެފައި އޭނަޔަކީ އިސްލާމެކޭ ބުނުން ވިޔަވާ އެހެން ކޮލިޓީއެއް ތަޢުލީމެއް ބޭނުމެއް ނުވެއެވެ. މިހިރީ 21ވަނަ ގަަރުނުގައި ގާނޫންއަށް އިސްލާޙީ ބަދަލުތައް ގެނެސްގެން ހަމަޔަކަށް އަޅުވަންޖެހޭ ކަންކަމެވެ. އެހެނީ އެ އެއްޗަކުން ނުކުންނާނީ އެ އެއްޗެއްގައި ހުރިއެއްޗެކޭ ބުނެވޭ ބީދާއިން މިހާރު މިފެންނަމުން ދަނީ އެކަންކަމެވެ.  ހުރިހާ ދެރައެއް ހަމަ ރައްޔަތުންނަށެވެ. އެހެން ކަމާއިއެކު މިފަދަގިނަ މެންބަރުން ނުފޫޒުގެ ދަށުވެ ފައިސާ ވިކޭ މަންޒަރު ފާޅުކަން ބޮޑުގޮތެއްގައި ފެންނަމުން ދާއިރު ހެޔޮގޮތްތަކެއް ހޯދަން އެބެޖެހެއެވެ. މަލްޓީޕާޓީ ސިސްޓަމް ރާއްޖޭގެ އާބާދީގެ ނިސްބަތާ ގުޅުވައި ކޯލިޝަންގެ ފިތުނައިން ގައުމު ސަލާމަތް ކުރުމަކީ މިގައުމަށްއޮތް އެންމެ ރަގަނޅު ގޮތް ކަމުގައި ދެކޭމީހުންވެސް މަދެއްނޫނެވެ.

2 Responses

  1. މީގެކުރިން ފެނިފައިހުރި މަންޒަރުތަކަށް ބަލާއިރު ޕްރައިމަރީ ގައި ނާކާމިޔާބުވާ ބޭފުޅަކު ކާމިޔާބު ކުރާ ބޭފުޅަކަށް ތާއީދުކޮށް އެކުގައި މަސައްކަތްކުރިތަން ފެންނާކަށް ނެތެވެ. އަދި އަމުދުން ޕްރައިމަރީއަށްފަހު އިންތިޚާބުގައި ކާމިޔާބު ވިޔަސް އަދި ނުވިޔަސް ކުރިމަތިލުމުގެ ވިސްުނުން ގެންގުޅެނަމަ އޭގެ ނުރައްކާ ޕާރޓީގެ މެމްބަރުންނަށް އަދި މާބޮޑެވެ. ޕާރޓީގެ މެމްބަރުން ވިސްނަންވީ މިކަމާއެވެ. ދެނެގަންނަން ވީ މިއުޅެނީކީ ޕާރޓީގެ މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް ހެޔޮއެދިގެން ނޫންކަމެވެ. މަގޭ ޖީބު ފުރާލާނެ ގޮތުގެ ވިސްނުމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް