ޔޫރަޕްގެ ރަޖިސްޓަރީ ބޯޓުފަހަރުން ފިލިޕީންސް ސީމަނުން ބޭރުކުރަނީ، ދިވެހި ސީމަނުންގެ ޙާލަތު އޮތީ ކިހިނެއް!

Loading

Facebook
Twitter
WhatsApp

ޔޫރަޕިއަން ޔޫނިއަނުން ހާމަކޮށްފައިވާ ގޮތުގައި ފިލިޕީންސްގައި ބޯޓުފަހަރުގެ ވަޒީފާއަށް މީހުންތަމްރީނު ކުރުމުގައި ބައިނަލް އަގްވާމީ މިންގަނޑަށް ނުފެތޭކަމަށް ބެލެވޭތީ އެ ގައުމުން ދީފައިހުންނަ ސަނަދުތަކާއި ލިއުންތައް މީގެފަހުން ޔޫރަޕިއަން ޔުނިއަނުން ގަބޫލެއް ނުކުރާނެއެވެ. އެހެންނަމަވެސް މިހާތަނަށް ދީފައިހުރި ސަނަދުތަކުގެ މައްޗަށް ބިނާކޮށް ވަޒީފާދީފައިތިބި ފަރާތްތަކަށް އެ ސަނަދުގެ މުއްދަތު ހަމަވަންދެން ވަޒީފާ އަދާ ކުރެވޭނެއެވެ.  

ޔޫރަޕްގެ މި ފިޔަވަޅުން ބައިނަލް އަގްވާމީ ޝިޕިންގ އަށް ބޮޑެތި ގޮންޖެހުންތަކެއް މެދުވެރިވާނެއެވެ. މިހާރުގެ މާރކެޓަށް ބަލާއިރު ބޯޓުފަހަރުގައި އުޅޭ ފިލިޕީންސް މީހުންގެ ނިސްބަތަކީ 25 އިން ސައްތައެވެ. މިއީ ވަރަށް ބޮޑު އަދަދެކެވެ. މިހާރު ބޯޓުފަހަރުގައި ވަޒީފާ އަދާކުރާ މީހުންގެ ޖުމްލަ އުޅެނީ ގާތްގަނޑަކަށް 1.90 މިލިއަނުގައެވެ. ނަމަވެސް 2026 ވަނައަހަރާ ހަމަޔަށް ދެވޭއިރު އިތުރު ލައްކައެއްހާ ސީމޭނުން މި މާރކެޓަށް ބޭނުންވާނެކަމަށް ލަފާކުރެވެއެވެ. 

އެއީ ބައިނަލް އަގްވާމީ ދަތުރަކަށް މިހާރު ބޭނުންކުރާ 74000 ބޯޓުގައެވެ. ކުރިއަށް އޮތް އަހަރުތަކު ތެރޭގައި މިއަދަދުވެސް އިތުރުވެގެން ދާނެއެވެ. ހަމައެފަދައިން އެ ބޯޓުފަހަރުގައި މަސައްކަތްކުރަންޖެހޭ ސީމޭނުން ތަމްރީނު ކުރުމަށްވެސް އިތުރު ގޮތްތަކެއް ތަޢާރުފް ކުރެވިގެން ދާނެއެވެ. ތަމްރީނުތަކުގެ ފެންވަރުވެސްބަދަލުވާނެއެވެ.                                              

ފިލިޕީންސްއަށް ދިމާވެފައިމިވާ މައްސަލާގައި އެގަމުގެ ސީމޭނުންނަށް އެންމެ ގިނައިން ވަޒީފާގެ ފުރުސަތު ހުޅުވާދީފައިވާ ބައިނަލް އަގްވާމީ ޝިޕިންގ ކުންފުނިތަކުން ބަދުނާމުގެ އިނގިލި ދިއްކުރަނީ ފިލިޕީންސްގެ ސަރުކާރަށެވެ. ސީމޭނުން ތަމްރީނުކުރުން އަމިއްލަ ފަރާތްތަކަށް ދޫކޮށްލާފައި ވާއިރު އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ނުދިނުމާއި އަދި އެކަން ކުރެވެމުން ދާގޮތް ބަރާބަރަށް ފާރަނުލުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ގޮސްފައިވާތީއެވެ. ގައުމަށް ވަންނަ ވަރަށް ބޮޑު ފޮރިން ކަރަންސީއެއް ވަޒީފާތަކުގައި އުޅޭ ސީމޭނުންގެ ފަރާތުން ލިބެމުން ދެއެވެ.

ފިލިޕީންސްގެ ސެންޓްރަލް ބޭންކުން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ބޭރުގެ ބޯޓުފަހަރުގައި މަސައްކަތްކުރާ އެގަމުގެ ސީމޭނުންއަހަރަކު 6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެން ގިނައިން ގައުމަށް ފޮނުވަމުން ގެންދެއެވެ. އެހެންނަމަވެސް މިހާރު ކަންތައްތައް ދިމާވެފައިވާގޮތުން އެތައްހާސް ސީމޭނުންނަށް ލިބިފައިވާ ވަޒީފާގެ ފުރުސަތު ގެއްލިގެން ދާނެއެވެ.                                        

މައުލޫމާތު އެނގޭ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި ބޯޓުދަތުރު ކުރާ މީހުންނަށް ތަމްރީނު ދިނުމާބެހޭ ބައިނަލް އަގްވާމީ މުޢާހަދާއާއި ސީމޭނުންގެ އިންސާނީ ޙައްގުތައް ކަށަވަރު ކުރުމުގެގޮތުން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން އާންމުކޮށްފައިވާ “ ވައިޓް ލިސްޓް “ ގައި ހިމެނިފައިވާ ގައުމުތަކުގެ ތެރެއިން 75 ގައުމެއް އުނިކުރަން ޖެހިދާނެކަމުގެ އިންޒާރު މިހާރު ވަނީ އާންމޮކޮށް ފައެވެ. 

އަދި އޭގެ ތެރެއިން 54 ގައުމަކުން މިހާރު ވަނީ އެ ގައުމުތަކުން މިދެންނެވި ވައީޓް ލިސްޓުގައި ދެމިތިބުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޝަރުތުތައް ފުރިހަމަކޮށް އަލުން ހުށައަޅާފައެވެ. އޭގެތެރޭގައި ބައެއް އަވަށްޓެރި ގައުމުތައްވެސް ހިމެނެއެވެ. ނަމަވެސް އެ ޝަރުތުތައް ފުރިހަމަ ކުރި ގައުމުތަކުގެ ލިސްޓުގައި އަދިވެސް ފިލިޕީންސް ނުހިމެނެއެވެ. 

މިކަމާގުޅިގެން ފިލިޕީންސްއަށް ނިސްބަތްވާ ސީމެނުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް އެގައުމުގެ ސަރުކާރަށް ކުރިމަތި ކުރަމުން އެބަގެންދެއެވެ. ފިލިޕީންސް ސަރުކާރުން ސީމޭނުންނަށް ޔަގީންކަން ދެމުން ގެންދަނީ ފުރިހަމަ ކުރަންޖެހޭ ކަންތަކަށް ފަރުވާ ކުޑަނުކުރާނެ ކަމަށާއި އެކަމާގުޅިގެން ކަންބޮޑު ނުވުމަށެވެ. އަދި އެމީހުންގެ ވަޒީފާ ގެއްލުމަށް ފުރުސަތު ނުދޭނެކަމަށެވެ.                                                              

ސީމޭނުން ތަމްރީނުކުރުމާއިބެހޭ މުޢާހަދާއާއި ވައިޓްލިސްޓެއްގައި އެބުނާ ކަންތައްތަކަށް ފިލިޕީންސް އިންފަރުވާ ކުޑަކުރުމުގެ ސަބަބުން އަހަރު 6 ބިލިއިން އެމެރިކާ ޑޮލަރު ގައުމަށް އެތެރެކުރާ މަސައްކަތްތެރިން ތަކެއްގެ ވަޒީފާ ގެއްލުމުގެ ބިރު ކުރިމަތިވެފައިވާ ވާހަކަ ދެކެވޭއިރު ދިވެހިރާއްޖޭގެ ޙާލަތާމެދު ކުޑަކޮށް ވިސްނާލުން ރަނގަޅުވާނެކަމަށް ދެކެމެވެ.  

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން 1990 ގެ މެދުތެރޭގެ އަހަރުތަކުގައި ތަޢާރުފް ކުރެވުނު ވައިޓްލިސްޓަށް އެރުން ނޫންގޮތެއް އޭރަކު ނެތެވެ. އެކަމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެހާކަންތައްތައް ފުރިހަމަ ކުރުމަށްފަހު ކަނޑައަޅާފައިވާ ތާރީޚުގެކުރިން އެ އޯގަނައިޒޭޝަނަށް ހުށައަޅައި ވައިޓްލިސްޓުގައި ހިމެނުން ކަށަވަރު ކުރަން އޮތީ މަޖުބޫރ ުވެފައެވެ. އެކަންތައް ފުރިހަމަ ނުކުރާ ގައުމުތަކުގެ ބޯޓުފަހަރު އަދި އެ ގައުމުތަކަށް ނިސްބަތް ކުރެވޭ ސީމެނުން ( ހުރިހާ ގިންތީއެއް ހިމެނޭގޮތުގައި ) ނާއެކު ދަތުރުކުރާ ބޯޓުފަހަރު ބައިނަލް އަގްވާމީ ބަނދަރު ތަކަށް ދަތުރުކުރުމުގެ ހުއްދަ ނުލިބޭނެކަން އޮތީ އަންގާފައެވެ. 

އަދި ހަމަކޮންމެ ގައުމަކުންވެސް ސީމޭނުންނަށް ދީފައިވާ ސަނަދުތަކަކީ ވަޒީފާއަދާކުރާ ބޯޓު ރަޖިސްޓަރީ ކޮށްފައިއޮތް ގައުމުން ގަބޫލުކުރާ ސަނަދެއްކަން ސާބިތުކޮށްދޭން ޖެއެވެ. ސަނަދުތައް ގަބޫލުކުރުންވެސް ހިމެނިފައިއޮތީ ވައިޓްލިސްޓުގެ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށްފައެވެ. އެކަންތައްތައް ފުރިހަމަކުރަން ތިން ހަތަރު އަހަރު ދުވަހުގެ މުހުލަތެއްވެސް އޮތީ ދީފައެވެ. 

މައްސަލާގެ ސީރިއަސްކަމުން ދިވެހިސަރުކާރުންވެސް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވައިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއަކަށްވީ އެންމެ ފުރަތަމަ ބުރުގައި އިއްލާނުކުރި ވައިޓްލިސްޓް ގައުމުތަކުގެތެރޭގައި ދިވެހިރާއްޖެ ހިމެނުމެވެ. އެހެނަސް ޝަރުތުތަކަކާ އެކުގައެވެ. ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ފާހަގަކޮށް އެކަންތައްތައް ރަނގަޅުކުރުމަށް ފަސްއަހަރު ދުވަހުގެ މުއްދަތެއް ދީފައެވެ. 

ސަންދާނަށް މައުލޫމާތު ދިން ފަރާތުން ހާމަކުރިގޮތުގައި އެންމެ ފުރަތަމަ ޝަރުތަކީ ގައުމުގެ އާދަކާދައާއި ގުޅޭ އެހެންނަމަވެސް އެ އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ ކަނޑުދަތުރު ފަތުރާބެހޭ ބައިނަލް އަގްވާމީ ގާނޫނެއް ވުޖޫދު ކުރުމެވެ. އެއަށްފަހު އެގާނޫނުގެދަށުން ސިމޭނުން ތަމްރީނު ކުރުމާއި އެމީހުންގެ އިންސާނީ ޙައްގުތައް ކަށަވަރުކުރެވޭނެ ނިޒާމެއް އެކަށައެޅުމަށްފަހު އެ އޯގަނައިޒޭޝަނަށް ހުށައެޅުމެވެ.               

އޭގެފަހުން ފަންސަވީހަކަށް އަހަރު ފާއިތުވެގެން ދާއިރުވެސް ކަނޑުދަތުރު ކުރުމާބެހޭ ބައިނަލް އަގްވާމީ ފެންވަރުގެ ގާނޫނެއް ވުޖޫދު ކުރެވިއްޖެ ބާވައެވެ. ސީމެނުން ތަމްރީނުކޮށްގެން ވަޒީފާއަށް ނެރޭއިރު އެމީހުންނަށް ދީފައިވާ ސަނަދުތަކަކީ ހަމައެކަނި އެސް ޓީ އޯ ގެ ބޯޓެއްގައި ވަޒީފާއަދާ ކުރުމަށް ފުރުސަތު ލިބޭ އެއްޗަކަށް ވުމަކުން މަގްސަދު ޙާސިލް ވެއްޖެކަމަކަށް ނުބެލެވޭނެއެވެ. 

ހަމަގައިމުވެސް ވައިޓްލިސްޓުން އުނިކުރަން ޖެހިދާނެކަމަށް އިންޒާރު ދީފައިވާ ގައުމުތަކުގެ ތެރެއިން ވައިޓްލިސްޓުގައި ދެމިތިބުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަ ކުރި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައެއް ނެތެވެ. އަވަށްޓެރި ގައުމުތަކުގެ ތެރެއިން ސްރީ ލަންކާއާއި ބަންގްލާދޭސް ފަދަ ގައުމުތަކުން އެ ޝަރުތުތައް ހުރީ ފުރިހަމަ ކޮށްފައެވެ.                       

ގަބޫލު ކުރަންޖެހޭ ޙަގީގަތަކީ މިވަގުތުވެސް ޓްރާންސްޕޯރޓް މިނިސްޓްރީގައި މި ތިއްބެވީ އެކަމަށް ވަރަށް ގާބިލު ބޭފުޅުން ކޮޅެކެވެ. ކަންތައް ކުރަންޖެހޭ ގޮތާއި ކުރަންވީ ކަންތައް ކިޔާ ދޭކަށްވެސްނުޖެހޭނެއެވެ. ސަންދާނުގެ މަގްސަދަކީ ފިލިޕީންސް މައްސަލާއާއި ގުޅިގެން ހާމަކޮށްފައިހުރި މަޢުލޫމާތުތަކުން ކޮންމެވެސް މިންވަރެއް ދިވެހި ސީމޭނުންނާއެކު ޙިއްސާކުރުމެވެ. އެމީހުންގެ ވަޒީފާ ރައްކާތެރިކުރުމުގެ ބޭނުމުގައި ހަނދާން ކޮށްދިނުމަށެވެ.                

Loading

One Response

  1. 1970 ގެ އަހަރު ތަކުންފެށިގެން 2000 ވަނައަހަރާ ހަމަޔަށް އާބާދީގެ ނިސްބަތުން ރަނގަޅު ޝިޕިންގ ލައިނެއް ދިވެހި ގައުމުގެމިލްކުގައި އޮތެވެ. 1999 ވަނައަހަރު ނިމިގެންދިޔައިރު ދިވެހި ބޯޓުފަހަރާއި ބޭރުގެ ބޯޓުފަހަރުގައި ދެހާހެއްހާ ދިވެހިން މަސައްކަތްކުރަމުންގެންދިޔައެވެ. ދިވެހި ސީމޭނުންނަކީ މަސައްކަތަށް ރަނގަޅުބައެއް ކަމުގައި އޮތީ ފާހަގަ ކުރެވިފައެވެ. ރެކްރޫޓިން އޭޖެންސީތަކަށް އޮތީ އޮބި ނޯންނަވަރު ވެފައެވެ. 1970 ގެ އަހަރުތަކުން ފެށިގެން 1980 ގެ މެދުތެރެއާ ހަމަޔަށްވެސް ގިނަ ބިދޭސީންތަކެއް ( ޚާއްސަކޮށް އިސް މަގާމުތައް ) ވަޒީފާއަދާކުރަމުންގެންދިޔަ ދިވެހި ބޯޓުފަހަރުގައި 1999 ނިމުމަކަށް އައިއިރު އެންމެ ބިދޭސީއަކުވެސް އެ ބޯޓުފަހަރުގެ ވަޒީފާގައި ނެތްކަމަށް 1999 ވަނައަހަރު މެރިޓަމް ދުވަސް ފާހަގަކުރި ޖަލްސާގައި އިވިގެން ދިޔަ ހަނދާން އަދި ނުފިލައެވެ. ދެން މިއައި ދުވަސްތަކަކީ މިއަދުގެ ތާރީޚެވެ. ބުނެދޭކަށް ނުޖެހޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް