ސަޢޫދީ އެރޭބިޔާގެ ބަދަލުވަމުންދާ އާދަކާދަ

Loading

Facebook
Twitter
WhatsApp

ސަޢޫދީ އެރޭބިޔާއަކީ ދިވެހިން ހިތްތަކުގައި ވަރަށް މަތިވެރި މަގާމެއް ލިބިފައިވާ ބިމެކެވެ. އެ ބިމުގައި ހިނގާ ކަންތައްތައް އެނގެން ބޭނުންވާ ދިވެހިން މިގައުމުގައި ވަރަށް ގިނަވާނެއެވެ. މި ގެނެސްދެނީ ސަޢޫދީ އެރޭބިޔާގައި ބަދަލުވަމުންދާ އާދަކާދަ އާއި ބެހޭގޮތުން ބޭރުގެ މީޑިއާތަކުގައި ގެނެސްދެމުން ގެންދާ ޚަބަރުތަކުގެ ޚުލާސާއެކެވެ.                              

އެނބުރެމުން ދިޔަ ކުލަ ބޮކިތަކާއި ދުންތަކުގެ ތެރޭގައި މައިކެއް ހިފައިގެން ލަވަކިޔަން ހުރީ 29 އަހަރުގެ ނައުފް ސުފްޔާނީ އެވެ. ކޮމިސްކެޓްގެ ނަމުން މަޝްހޫރު ވެފައިވާ ސަޢޫދީ އެރޭބިޔާގެ ޑީ.ޖޭ. އެވެ.  އޭނާގެ ލަވައަށް ނަށަމުންދިޔަ ކްރައުޑަށް ފޯރި ދިނުމަށްޓަކައި “ ރައިޓް ހިއަރ… ރައިޓް ނަވް.. ވީ އާރ ޖިއްދާ އޭ ގޮވަމުން ދިޔައެވެ. އެއީ މިމަހުގެ ކުރީކޮޅު ޖިއްދާ ގައި ބޭއްވި ބަލަދް ބީސްޓް ގެ ދެވަނަ ރެއެވެ.

ބަލަދް ބީސްޓަކީ 2019 ވަނައަހަރުން ފެށިގެން ސަޢޫދީ ސަރުކާރުގެ ބައިވެރިވުމާއި އެކު ބާއްވަމުން ގެންދާ ސައުންޑް ސްޓޯރމް މިއުޒިކް ފެސްޓިވަލްގެ ބައެކެވެ. މި ފެސޓިވަލްގައި ޑީ.ޖޭ. ސޮލޯމަން ފަދަ ބައިނަލް އަގްވާމީ ގޮތުން ފުންނާބު އުސް އާރޓިސްޓުން ވެސް ބައިވެރިވަމުން ގެންދެއެވެ.                                                 

އިނގިރޭސިބަސް ކިޔަވާދޭ ޓީޗަރެއް ކަމުގައިވާ 26 އަހަރުގެ ފަވާޒް އުތައިބީ ވެސް ހުރީ މިއުޒިކްގެ އަޑަށް އުފަލުން ބޯޖަހާލަ ޖަހާލައެވެ. މީގެ ފަސްއަހަރު ކުރިންއަހަރެމެން މިރަށަށް އަންނަނީ ހަމައެކަނި ވިޔަފާރިކޮށް ލުމަށެވެ. މިހާރު ހިތްހަމަޖައްސާލައި މަޖާކުރެވޭނެ ގޮތްވެސް މިއޮތީ ހަމަޖެހިފައެވެ. އޭނާބުންޏެވެ. ނިކަން ދެކިބަލާށެވެ. އަހަރެމެން މި ގެންދަނީ ސަޢޫދީގައި ޕާރޓީ ކުރަމުންނެވެ.                                           

ބަލަދް ބީސްޓަކީ 2017 ވަނައަހަރު މުޙައްމަދު ބިން ސަލްމާން ވަލީއަޙުދަކަށް ވުމާއެކު ޢިއުލާންކުރެއްވި 2030 ގެ ތަސައްވުރުގެ އެތިކޮޅެކެވެ. އަދި އެއީ ސަޢޫދީ އެރޭބިޔާ ހަމައެކަނި ތެލަށް ބަރޯސާވެފައިއޮތް އިސްލާމީ ރަސްކަމެއްގައި އިގްތިސާދު ފުޅާކޮށް ދުނިޔެއަށް ހުޅުވާލުމުގެ މަގްސަދުވެސް ހިމެނޭ ތަސައްވަރެއް ކަމުގއި ބުނެވިފާވެއެވެ.

ސައޫދީގެ އަބާދީގެ  ތިންބައިކުޅަ ދެބައި މީހުންނަކީ 35 އަހަރުން ދަށުގެ ޒުވާނުން ކަމަށްވެފައި ހިތްހަމަޖެއްސުމަށް ޓަކައި ދުބާއި އަދި ބަހްރައިނަށްގޮސް ފައިސާތައް ޚަރަދުކުރުމުގެ ބަދަލުގައި އަމިއްލަ ގައުމުގައިވެސް ހިތްހަމަ ޖައްސައި އުފާކުރެވޭނެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ތަސައްވުރެކެވެ. މުޙައްމަދު ބިން ސަލްމާނުގެ މަގްސަދަކީ ސައޫދީ އެރޭބިޔާގެ އިގްތިސާދު ފުޅާކުރުމާއެކު އެ ގައުމަކީ އެންޓަރޓެއިންމެންޓުގެ ހަބަކަށްވެސް ހެދުމެވެ.           

ސަޢޫދީގެ ރައްޔިތުން މިހާތަނަށް ނިދިބަރުކާފައި ތިބި އާދަކާދަ މިގޮތަށް ކުއްލިއަކަށް ބަދަލުވެގެން ދާތަން ފެނުމަކީ ހައިރާން ވާންޖެހޭ ކަމެއްވެސް މެއެވެ. ޑިސެމްބަރު މަހަށް ފާހަގަ ކުރެވިފައިވާ ޙަފްލާތަކުގެ ތެރޭގައި ބަލަދް ބީސްޓް،ރެޑްސީ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް، ދަ ޑާކާރ ރެލީ، ދަ ރިޔާޒް ސީސަން އަދި ބުލްވާރޑް ރިޔާޒް ފާހަގަ ކުރެވެއެވެ. 

ވަލީ އަޙުދަށް ތާއީދުކުރާ މީހުންގެ ނަޒަރުގައި ސަޢޫދީގެ އާދަކާދައަށް މިބަދަލުތައް ގެނެވޭނެ ގަޓުހުރި ބޭފުޅަކީ ހަމައެކަނި އެއީއެވެ. ޖިއްދާގައި ބޭއްވެމުންދާ ބަލަދް ބީސްޓް ބަލަން ބުރުގާ ނާޅާހުރި އަންހެން ރައްޓެއްސަކާއެކު މޮކްޓެއިލް ބުއިމެއް ހިފައިގެންހުރި އުތައިބާ އަކީ މީގެ ދުވަސްކޮޅެއް ކުރިން އެގޮތަށް ފެނިދާނެކަމަށް ހިތަށްވެސް ނުގެނެވޭނެ މަންޒަރެކެވެ. 

ބައެއްޒުވާން އަންހެންކުދިން ސްޕޯރޓްސް ޖީންސް ލައިގެން ތިބި އިރު އަނެއްބަޔަކު ތިބީ ޝޯޓުބުރި ލައިގެންނެވެ. އަނެއް ބަޔަކުތިބީ ކްރޮޕް ޓޮޕާއި މެޝް ޝާރޓް ލައިގެންނެވެ. ދެ ޖިންސުން ނަށަމުން ދިޔައީ އެކުއެކީގައެވެ.ސައުންޑް ސްޓޯމް އުފަންކުރުވި 44 އަހަރުގެ އަޙުމަދު ޢައްމާރީ ފާހަގަކުރި ގޮތުގައި ޖިއްދާގައި އުޅެބޮޑުވި މީހަކަށް ނޫނީ އަހަރެމެން މިގެނައި ތަފާތު ނުވެސް އެނގޭނެއެވެ.

އެހެންނަމަވެސް ލިބެމުންމިދާ އިޖްތިމާޢީ މިނިވަން ކަމަށް ފާޑުކިޔާ މީހުން ބުނަނީ މީގެކުރިން ސަޢޫދީ ރަސްކަމުގައި އޮތް މަޝްވަރާގެ އުސޫލު ނެތިކޮށްލައި މިސްރާއިސިރިޔާ ގޮތަށް އެންމެ މީހެއްގެ ބާރުގެ ދަށަށް ސިޔާސީ ހުރިހާކަމެއް ގެނެސް ކޮންކްރީޓް ކުރިނަމަވެސް އެ މިނިވަންކަމުގެ އަގު ފަހުން އަދާކުރަން ޖެހޭނެކަމަށެވެ.

މިއީ  މިވަގުތަށް މިކަންތައް ކުރަން އެންމެ ރަނގަޅުގޮތް ކަމުގައި ދެކޭ ސިޔާސީ މުޙައްލިލުންވެސް މަދެއް ނޫނެވެ. ވޯޝިންގްޓަންގައި ހުންނަ އަރަބް ގަލްފު ސްޓޭޓް އިންސްޓިޓިއުޓުގެ ސްކޯލަރ ޙުސޭން އިބީސް ވިދާޅުވަނީ ގައުމުގެ ރައްޔިތުންނަކީ ދުނިޔެއަށް ލޯ ހުޅުވިފައިތިބި އުފެއްދުންތެރި ބަޔަކަށް ހެދުމަށްޓަކައި މިފަދަ އިޖްތިމާޢީ މިނިވަންކަން އޮންނަން ޖެހޭކަމަށް ސަޢޫދީގެ ލީޑަރޝިޕުން ދެކިވަޑައި ގަތަސް މުސްތަގްބަލްގައި އެ މިނިވަން ކަމުގެ ރަހަ ސިޔާސީ ދާއިރާއަށްވެސް ފެތުރިގެން ދިއުން ދެން ނުހުއްޓުވޭނެ ކަމަށެވެ.އެކަމަކު އިޖްތިމާޢީ މިނިވަންކަން ލިބިދޭންޖެހޭނެ ކަމަށާއި އެނޫންގޮތަކަށް މިއަދުގެ ދުނިޔެއާއި ފައިހަމަކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް އެނާ އެއްބަސްވެ ވަޑައިގަންނަވައެވެ.                                                           

ސަޢޫދީ މަސައްކަތްތެރި ކަމުގެ ދާއިރާއަށް ބަލާއިރު މިހާރު އަންހެނުންގެ ނިސްބަތަކީ 35 އިންސައްތައެވެ. މީގެ 5 އަހަރުކުރިއާ އަޅާކިޔާނަމަ ދެ ގުނަ އިތުރު ވުމެކެވެ. ކޮސްމިކެޓް ޑީ.ޖޭ. ސުފުޔާނީ އަކީ ދަތުގެ ޑޮކްޓަރެކެވެ. އެހެންނަމަވެސް އެނބުރެމުންދާ ކުލަބޮކިތަކުގެ ތެރޭގައި އޭނާއަށް އެހެން ފުރަސަތު ތަކެއްވެސް ހުޅުވިގެން ދިޔައީއެވެ.                                                              

އަރާމްކޯގައި މަސައްކަތްކުރާ 43 އަހަރުގެ މުޙައްމަދު ބުޚާރީ ދެކޭގޮތުގައި ކުޑަކުދިންނާއި ޒުވާނުންނަށް މި އުފެދުނީ ވަރަށް ރަނގަޅު ވެއްޓެކެވެ. އެކަމަކު ކޮންމެ ކަމެއްގައިވެސް ނުބައިމަގު އޮންނާނެއެވެ. އެކަމަށް އަހަރެމެން ފަރުވާތެރިވާން ޖެހޭނެއެވެ.                                                       

ބައެއް ސަޢޫދީން ދެކޭގޮތުގައި ޒަމާން މިދަނީ ބަދަލު ވަމުންނެވެ. ޒަމާނާއެކުގައި އިންސާނުންގެ އުޅުމާއި ގުޅުންވެސް ބަދަލު ވެގެން ދާން ޖެހޭނެއެވެ. ބައެއް އަންހެނުން ތިބީ މި އަންނަ ބަދަލާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. 

ލޫޖިއާން ކިޔާ އަންހެނަކު އޭނާގެ ޝުޢޫރުތައް ފާޅުކުރަމުން ބުނީ މިހާރު މީހަކަ އިދެގެން އުޅުންވެސް ފަސޭހަ ވެއްޖެއެވެ. ހިތްހަމަނުޖެހޭނަމަ ވަރިވުމުގެ މަގުތައްވެސް އެއޮތީ ހުޅުވިފައެވެ. އެހެން ތިން އަންހެނަކު ނަން ހާމަނުކޮށް އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން ބުނެފައިވަނީ މިހާރު އަހަރެމެންގެ ހަށިގަނޑަކީ ފިރިމީހާ ބޭނުންގޮތަކަށް ގެންގުޅޭ ކުޅޭކުޅޭ އެއްޗެއް ނޫނެވެ. 

އަހަރެމެންގެ ރުހުން އޭނާއަށް ބޭނުންވާނެއެވެ. ގިނަ ފިރިހެނުން ތިބެނީ މިހާރު މިފެންނަ ކަންކަމުގައި ބޯގޮވާފައެވެ. ވަލީއަޙުދުގެ އިސްނެންގެވުން ނުލިބުނުނަމަ އަދިވެސް މި ދުވަސް އޮންނާނީ ވަރަށް ދުރުގައެވެ. އަހަރެމެން ހެދުން އެޅުންވެސް މިއޮތީ އަހަރެމެންގެ އިޚްތިޔާކަށް ލިބިފައެވެ. 

ގެއިންބޭރަށް ދާނަމަ ތިމާގެ މީހަކާއެކު ދިއުން މާޒީވެގެން ދިޔައީއެވެ. ފުލުހުންވެސް މިއިން ކަމެއްގައި މިހާރު އަޅައެއް ނުލާނެއެވެ. ބަލަދު ބީސްޓް ފެސްޓިވަލުން ހާމަވެގެންދާ ކަންކަމަށް އިޝާރާތް ކުރާއިރު “ ހަމަޖެހިލައިގެން ތިބެ މިތަން ބަލާށެވެ. ވައްކަޅިން ބެލުމުގެ ބޭނުމެއް ނެތެވެ“. މިހެން ބުނާކަހަލައެވެ. 

ފާރަވެރިންގެ ގޮތުގައި ވެސް އަންހެނުންނާއި ފިރިހެނުން ޙަރަކާތްތެރި ވަމުންގެންދަނީ އެކުގައެވެ. ބަނގުރާ އަދި ލިބޭކަށް ނުހުރެއެވެ. އެހެންނަމަވެސް މިއަންނަ އަހަރުގެ ތެރޭގައި ބައެއް ޙާލަތް ތަކުގައި ބަނގުރާވެސް ހުއްދަ ކުރެވޭނެކަމަށް ބެލެވެއެވެ. ބުލްވާރޑް ރިޔާޒު ފެސްޓިވަލްގައި ވެސް ކަޅުކުލައިގެ ނިގާބުގައި އަންހެނުން ބައިވެރިތަން ފެނުނީ ވަރަށް ތަފާތު ގޮތްގޮތަށް ރީތިވެގެންނެވެ. މީގެ ކުރިން މިއީ ހިތަށްވެސް ނުގެނެވޭނެ މަންޒަރެކެވެ. މޭކަޕް ކޮށްގެން ބޭރަށް ނިކުތުމަކީ ދީނީ ފުލުހުންގެ ލޮލުން ރެކެވޭނެ ކަމެއްނޫނެވެ.                                 

ބަލަދު ބީސްޓް ގެ އުފެއްދުން ތެރިޔާ ޢައްމާރީ ބުނިގޮތުގައި ސަރުކާރުން މިހާރު ވަނީ އެންޓަރޓެއިންމެންޓް ތަކަށް ޙާއްސަ ޑިޕާރޓްމެންޓެއް އުފައްދަވައި ރިޔާޒުގެ ރިޒް ކާރލްޓަން ހޮޓެލްގެ އެތައް ފަންގިފިލާއެއްގައި އެ ޙަރަކާތްތައް ކުރިއެރުވުމަށްޓަކައި ޚާއްސަ ކުރެވިފާ ވެއެވެ. އަދި އެތައްމިލިއަން ޑޮލަރެއް ގެންދަނީ ޚަރަދު ކުރަމުން ނެވެ. ސަޢޫދީ އެރޭބިޔާގައި މިކަހަލަ ޙަފްލާތަކަށް ބޭނުންވާ ތިރީހަކަށް މިލިއަން ރައްޔިތުން އެބަ ތިއްބެވެ. އަހަރެމެން މިކުރާ ކަމަކީ ސަރުކާރުގެ ސިޔާސަތަށް އިންވެސްޓްކުރުމެވެ.                                      

އަދި އެއްވެސް ވަޒީފާއެއް އަދާނުކުރާ 19 އަހަރުގެ މަޝާރީ ސުލްތާން ހުރީ ހުދުކުލައިގެ ފަޓްލޫނަކާއި ލެދަރ ޖެކެޓެއް ލައިގެންނެވެ. އޭނާ ބުނެފައިވަނީ މުޅިއުމުރުގައިވެސް މިއީ ފުރަތަމަ ފަހަރު އޭނާ ބޭނުންވާ ގޮތަށް ހެދުން އެޅުނު ފަހަރެވެ. އޭނާވެސް ހުރީ ބަލަދް ބީސްޓް ބަލަންގޮހެވެ. 

އެކަމަކު އޭނާގެ މައިން ބަފައިން ނަށް އެކަން ނޭގޭނެ ކަމަށާއި އެމީހުންނަށް މިކަން ހަޖަމް ކުރަންވެސް އުދަނގޫ ވާނެ ކަމަށް އޭނާ ބުންޏެވެ. އެމީހުން އެއީ އެހެން ޒަމާނެކެވެ. އަހަރެމެން މިއީ އެހެން ޖެނެރޭޝަނެކެވެ. ކޮންމެ މީހަކަށްވެސް އެމީހެއް ގެ އަމިއްލަ އިޚްތިޔާރުން މިހާރު ކަންތައް ކުރެވޭނެއެވެ.                                            

މަދަނީ މިނިވަންކަން ފުޅާވެގެން ދާއިރު ސިޔާސަތު އޭގެތެރެއަށް ވައްދައިގެން ނުވާނެއޭ ބުނާކަހަލައެވެ. ސަރުކާރުގެ ވިސްނުމަށް ފާޑުކިއުމަކީ އިޖްތިމާޢީމިނިވަން ކަމެއްވެސް ނޫނެ ބުނާކަހަލައެވެ. އެއްއިރެއްގައި ސަޢޫދީ ޚާންދާނަށް ވަފާތެރިން ކަމުގައި ބެލެވުނު އިލްމުވެރިންނާއި އިމާމުން މިހާރު ފުޅާކުރެވެމުން މިދާ މިނިވަންކަމާއި ދޭތެރޭ ތަފާތު ވިސްނުމެއް ގެންގުޅުމުގެ ނަތީއަކަށް ވެގެން މިދަނީ ހުރަގެއެވެ. 

ކުރީގެ ދީނީ ފުލުހުން މިއުޒިކް ކުޅޭ ތަންތަނަށްވަދެ އެއްޗެހިތައް ސުންނާފަތިކުރަމުން ގެންދިޔަ ގެންދިއުން މިހާރު ތަރުޖަމާ ކުރެވެނީ އެމީހުންގެ އިމުން ބޭރުވަނީ ކަމުގައެވެ. އެހެންވެގެން އެމީހުންވެސް އެތިބީ މިހާރު ސައިޒަށް ފައްތާފައެވެ.

މީގެ ކުރިން ސަޢޫދީންގެ ވިސްނުން ހުރީ އިސްލާމްދީނާއި ޙައްޖާއި ޢުމްރާއާއި މައްކާ އަދި މަދީނާގެ އިމުގެތެރެއަށް ސައިޒްވެފާ ކަމަށްބުނެ ފާޅުގައި ފާޑު ކިޔާމީހުންވެސް މިހާރު މަދެއް ނޫނެވެ.                                                

Loading

2 Responses

  1. މުޙައްމަދު ކިޔެވީ އެމެރިކާއިން. އެތަނުގެ ނެށުމައި އާދަކާދަ މުޙައްމަދަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ހެޕީ އަވާރސް އެއީ ކޯއްޗެއްކަން ވެސް ވަރަށް އެނގޭނެއެވެ. އެހެންވީމާ އަމުދުން ބާރުލިބުމުން އެ އުފާހޯދަން އެމެރިކާއަށް ދިއުމުގެ ބަދަލުގައި ހަމަ ސަޢޫދީ އެރެބިޔާގައި އެ ޖެއްސީމާ މާ މަޖާވެފާ މީހުންގެ ތާއިދު ހޯދޭނެކަމަށް ރަނގަޅު ހިސާބެއް ޖައްސަވައިގެން ކުރަށްވާ ކަމެއްކަމަށް ފެނެއެވެ. އިބިލީސް ހުންނަނެ ވަރަށް އަރުވާ ޖަހާފަ ނަށަން އެމީހުންނާއި އެކު. ނޫންތަ؟ އަަދި ހުރިހާ ދީނަކަށްވެސް ސަޢޫދީ ހުޅުވާލާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް