އެމެރިކާ ޑޮލަރު ރަސްކަމުގެ ތަޚުތުން އަޒުލު ކުރަނީ

Loading

Facebook
Twitter
WhatsApp

ކޮންމެ ކަމަކަށްވެސް  ނިމުމެއް އަންނާނެއެވެ. އެގޮތުން ކޮންމެ ކަމަކަށް އެމެރިކާ ޑޮލަރު  ބޭނުން ކޮށްގެން ނޫންގޮތަކަށް ގަނެވިއްކާ ވިޔާފާރީގެ މުޢާމަލާތަށް ޕޭމަންޓްތައްހެދުމަށް އެމެރިކާ ޑޮލަރު ނޫންގޮތެއް ނެތްކަމަށް ބުނާ އަޑު އިވިއިވި ފޫހިވެއްޖެކަމަށް ބުނެ ދުނިޔޭގެ ބައެއް ބޮޑެތީ އިގްތިސާދުން އެހެން ފައިސާއެއް ހޯދުމުގެ މަސައްކަތް ފަށައިގެންފިއެވެ. 

އޭގެ ތެރޭގައި ހަމައެކަނި އޭޝިޔާގެ ބައެއް ކުދި ގައުމުތައްވެސް ހިމެނޭގޮތުން ބާރަވަރަކަށް ގައުމުން ޑޮލަރުގެ ނުފޫޒަ ކުޑަކުރުން ތަޖްރިބާ ކުރަން ފަށައިފިއެވެ.

ކުއްލިއަކަށް ޑޮލަރުގެ ރަސްކަން ނިމުމަކަށް ގެނެސް އޭގެ ބާރުގަދަ ތަޚުތުން އަޒުލް ކުރާ ވާހަކަ އެއްވެސް ގައުމަކުން ނުބުނެއެވެ. 

އަދި އެއީ ނުކުރެވޭނެ ކަމެއް ކަންވެސް އެނގެއެވެ. ވަގުތު ނަގާފާނެއެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިޔަށް ބަލާލިއަސް ޑޮލަރުގެ ރަސްކަން ނިމުމަކަށް ގެނައުމުގެ ވިސްނުމަކީ އެއްވެސް ގައުމަކުން ކުރަން ހިތަށްވެސް އަރާނެ ކަމެއް ނޫނެވެ. 

އެމެރިކާގެ ސްވިފްޓް ސިސްޓަމަށް ނުވަދެ ފައިސާގެ މުޢާމަލާތު ބައިނަލް އަގްވާމީ ސިފައެއްގައި ކުރެވިދާނެއޭ އެއްވެސް ގައުމަކުން ނުވިސްނައެވެ. އެކަމަކު މިހާރު އެކަން އެކުރިއަށް ގެންދެއެވެ. އަދި އެކަމަށް މަގުފަހި ވެގެންވެސް އެބަ އެދެއެވެ.                               

ޑޮލަރުގެ ރަސްކަން ނިމުމަކަށް ގެނައުމުގެ ޙަރަކާތްތަކުގެ ދުވެލި ބާރުވެގެންދިއައީ ޔޫކްރެއިންގެ ހަނގުރާމައާއި ގުޅިގެން އެމެރިކާއިން ރަޝިޔާއާއި ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަޅުތައް އަޅަން ފެށުމާއެކު ޑޮލަރުގެ ރަސްކަން އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވިސްނުން ގެންގުޅުނު ޗައިނާއާއި އިންޑިއާ ފަދަ ގައުމުތަކަށް ލަފާކުރެވެން ފެށުމުންނެވެ. 

ކުރިން ސިއްރުން ކުރަމުންގެންދިޔަ ހަރަކާތްތައް ފާޅުގައި ކުރާ ހަރަކާތަކަށް ބަދަލުވެގެން ދިޔަތަން ފެނުނީ އެހިސާބުންނެވެ. ދުނިޔޭގައި ކުރެވޭ ފައިސާގެ ކޮންމެ މުއާމަލާތަކުން އެމެރިކާއަށް ކަމިޝަން ލިބުމާއި އެ ކަމިޝަންގެ އަދަދު އަހަރަކު އެތައް ބިލައަނަކަށް އަރައިގެންދާއިރުވެސް ދެން އެގޮތުގައި ތެމިތިބެން ބޭނުންނުވާ ގައުމުތަކެއް ފާޅުވެގެން ހިނގައްޖެއެވެ. 

ފަރަންސޭސި ވިލާތުން ބުނެފައިވަނީ އެމެރިކާގެ ސްވިފްޓް ސިސްޓަމުން ރަޝިޔާގެ ބޭންކުތައް ބޭރުކޮށްލުމަކީ ރަޝިޔާއަށް މާލީގޮތުން ދިން ނިއުކްލިއަރ ހަމަލާއެއް ކަމަށެވެ. 

އިންޑިއާމީހުންގެ ހަރުބަހެއްގައި ބުނާފަދައިން ޒަޚްމީ ޝޭރުވެސް އެސޮރުގެ ދިފާއުގައި ކުރެވުނު ކަމެއް ކުރާނެއެވެ. ކަންދިމާވީވެސް އެގޮތަށެވެ. ރަޝިޔާއާއި ޗައިނާ އަދި އިންޑިއާއިން ފާޅުގައި އެގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރި ކުރެވޭނެ ގޮތްތަކެއް ތައާރުފް ކުރުމުގެ ހިތްވަރު ލިބިގަތީއެވެ. އަދި މަޑުމަޑުންނަމަވެސް މިކަމުގައި ފިޔަވަޅުތައް ކުރިއަށް އަޅަމުން ގެންދާން ފެށިތަން ފެނިގެން ހިނގައްޖެއެވެ. 

ޗައިނާއާއި ރަޝިޔާއިން ބައިނަލް އަގްވާމީ ވިޔަފާރިތަކުން އެ ދެގައުމަށް ދައްކަން ޖެހޭ ފައިސާ ބަލައި ގަންނާނީ ހަމައެކަނި އެ ގައުމުތަކުގެ ފައިސާއިން ކަމުގައި ކަނޑައަޅައިފިއެވެ. ކަޒަކިސްތާނާއީ ބަންގްލާދޭޝް އަދި ލާއޯސް އިން ޗައިނާއާއި އެކު ކުރާ ވިފާރިތަކަށް ޔުއާނުން ފައިސާ ދެއްކުމުގެ އިންތިޒާމްތަކާއި ގުޅޭ ވާހަކަތައް ފަށައިފިއެވެ. އިންޑިއާއިން އެމިރެޓްސް އާއެކު ކުރާ ވިޔަފާރިތަކުގައި ރުޕީސް އިން އަގު އަދާ ކުރުމުގެ އެއްބަސް ވުމަކަށް ވަރަށް އަވަހަށް އާދެވިދާނެ ކަމަށް ބެލެވެން ބުނެއެވެ.

ބޭންކް އޮފް އިންގްލޭންޑުގެ ކުރީގެ ގަވަރނަރ ވިދާޅުވެފައިވަނީ އިރުމަތީ ގައުމުތަކުގައި ޑޮލަރުގެ ބޭނުން ކުޑަކުރުމަށް ރަޝިޔާއާއި ޗައިނާއިން ކުރަން ގަސްދުކުރާ މަސައްކަތް ކާމިޔާބު ކުރުމަށް މިކަމުން ހިތްވަރު ލިބިގެން ދާނެއެވެ. އެހެން ތަޖްރިބާކާރަކު ވިދާޅުވެފައި ވަނީ އެމެރިކާ ޑޮލަރަކީ ހަނގުރާމައިގެ ނުރައްކާތެރި ހަތިޔާރަކަށް ހަދަން ރައީސް ބައިޑްން ހީފުޅުކުރެއްވުން ވެގެން މިދިޔައީ މޮޔަ ވިސްނުންފުޅަ ކަށެވެ.  

އެމެރިކާ ޑޮލަރު ނޫން އެހެން ގޮތެއް ހޯދުމުގެ ވިސްނުމަށް ބާރު ލިބިގެން ދާންފެށީ ރަޝިޔާއާއި ދޭތެރޭ އެމެރިކާއިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެކަނި ކަމުގައިވެސް ބުނެވޭކަށް ނެތެއެވެ. އެމެރިކާގެ ޑޮލަރު ބޭނުން ކުރުން ނޫން އެހެން ގޮތެއް ނޯންނާނެކަން ދައްކަން އެމެރިކާއިން ކުރަމުން ގެންދާ މަސައްކަތް އެއީ މައިގަނަޑު ސަބަބު ކަމުގައި ބެލެވެއެވެ. 

މިކަމާހުރެ ގައުމުތަކުން އެބައިމީހުންގެ މުޢާމަލާތު ތަކުގައި ދެވަނަ ވިސްނުމަކަށް ދާން ފުރުސަތުވެސް މަޖުބޫރީ ޚާލަތަކަށް ދިޔައީއެވެ.           

އޭޝިޔާގެ ގައުމުތަކަށް އެމީހުންނަށް ކޮންމެހެން ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ތަކެތި ގަތުމަށާއި ދަރަނި އަދާކުރަން ބޭނުންވާ އެމެރިކާ ޑޮލަރު ހޯދުން އޮތީ ހަގީގަތުގައިވެސް ބޮލުރިހުމަކަށް ވެފައެވެ. އަދި އެމެރިކާއިން ބާރުއަޅަންފެށި މާލީ ސިޔާސަތުގެ ސަބަބުން އޭޝިޔާގެ ގައުމުތަކަށް ކުރިމަތިލާން ޖެހުނީ އެގައުމު ތަކުގެ އިގްތިސާދަށް ޓަކައި އެމެރިކާއިން ބުނި ގޮތެއް ހަދައިގެން އުޅުން ނުވަތަ އެހެން ބައިވެރިޔަކު ހޯދުމެވެ. 

އެމެރިކާއިން އެޅި މި ފިޔަވަޅުގެ ސަބަބުންވެސް ވިޔަފާރީގެ ބައިވެރިން ތަކެއް ގެއްލުމުގެ ފުރުސަތު މެދުވެރި ވެގެން ދިޔައީއެވެ. ސިންގަޕޯރުގެ ޑީ. ބީ. އެސް. ގްރޫޕް ރިސާރޗްގެ މެނޭޖިން ޑިރެކްޓަރ ތައިމޫރު ބެއިގް ދެކިވަޑައި ގަންނަވާ ގޮތުގައި އޭޝިޔާގެ ލީޑަރުން މި އަޅުއްވާ ފިޔަވަޅުތަކާ ދޭތެރޭ ޙައިރާން ވާކަށް ނުޖެހެއެވެ. ޙަގީގަތުގައި އޭޝިޔާގެ ގައުމުތަކުން ޗައިނާއާއި އެމެރިކާއާއި ދޭތެރޭ ފިތިބާރުވާކަށް ބޭނުމެއް ނުވާނެއެވެ. 

އެކަމަކު އެމެރިކާއިން ރަޝިޔާއަށް އިގްތިސާދީ ދަތިކުރުން ކުރިމަތި ކުރުމުގެ ނަތީޖާއަކަށް ވެގެން މިދިޔައީ އޭޝިޔާގެ ގައުމުތަކުންވެސް ތިމަ ތިމާމެންނަށް އެންމެރަނގަޅުގޮތަކާ ދޭތެރޭ ފުންކޮށް ވިސްނަން ޖެހުމެވެ.                                       

އިންޑިއާ އިން ޑޮލަރު ނޫން އެހެން ފައިސާއެއް  ބޭނުން ކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރީގެ ދަނޑަށް ނިކުތުމަށް ވިސްނާދޭން ރަޝިޔާއިން ކުރިމަސައް ކަތުން އިންޑިއާ ރުޕީސް އަށް މާރކެޓް ހުޅުވިގެން ދާތަން އެބަފެނެއެވެ. 

މިޔަންމާރުން ދެކޭގޮތުގައި އެމެރިކާ ޑޮލަރަކީ ގައުމުތައް ބުލީ ކުރަން ބޭނުންކުރާ ވަސީލަތެކެވެ. ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ޝިކާރައަކަށް ވެގެންދިޔައީ ހަމައެކަނި ރަޝިޔާގެ ރައްޔިތުންނެއް ނޫނެވެ. ރަޝިޔާއާއިއެކު ވިޔަފާރި ކުރަމުންގެންދާ އެތައްގައުމެއްގެ އެތައް ކުންފުންޏަކަށް އެ ދަތިކުރުމުގެ އަސަރު ފޯރަމުން ދެއެވެ. އެހެން ކަމުން އެކުންފުނި ތަކުންވެސް ދަތިކުރުމުގެ ފިޔަވަޅުތައް މާނަކުރަނީ ސިޔަސީގޮތުން ކަންތައްތަކެއް ޙާސިލުކުރަން އެމެރިކާއިން ކުރަމުންގެންދާ ކަމެއްގެ ގޮތުގައެވެ.

ޓެކްނޯލޮޖިކަލް ޕްރޮގްރެސް އަކީ ވެސް އެމެރިކާ ޑޮލަރާދުރަށް ޖެހުމަށް ބޭނުންވާ އިންޑަސްޓްރީ އެކެވެ. ޖަޕާނުގެ ގިނަ ކުންފުނިތަކުން ގެންދަނީ ޑޮލަރާދުރު އެހެން ވަސީލަތްތައް ހޯދަން މަސައްކަތް ކުރަމުންނެވެ.  

މެލޭޝިޔާއާއި ސިންގަޕޯރާއި އިންޑޮނޭޝިޔާއާއި އަދި ތައިލޭންޑުން އެގައުމު ތަކުން ކުރާ ވިޔަފާރީގެ އަގު އެ ގައުމުތަކުގެ ފައިސާއިން އަދާކުރެވޭނެ ނިޒާމެއް މިހާރު އޮތީ ތަޢާރުފް ކޮށްފައެވެ. ހަމަ އެފައިން ތައިވާނުން ޖަޕާނާއެކުވެސް އެފަދަ އިންތިޒާމެއް މިހާރު ވަނީ ހަމަޖައްސާ ފައެވެ.

ފްރާންސްގެ ކުރީގެ މާލީ ވަޒީރަކު ވިދާޅުވެފައިވާ ފަދައިން 1960 ގެ އަހަރު ތަކުން ފެށިގެން އެމެރިކާއިން ކޮންޓްރޯލް ކުރަމުން އަންނަ ދުނިޔޭގެ މާލީ އެކްސް ޗޭންޖް ރޭޓާއި އެކަމުގެ ސަބަބުން އެމެރިކާގެ ވިޔަފާރިއަށް ލިބިފައިއޮތް ބާރުގަދަ ރައްކާތެރި ކަމަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމަށް މިކަންތައް ވެގެން ދާނެއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމުމާގުޅިގެން ނިއު ހެމިސްފެޔަރގެ މާބޮޑު ހަލަބޮލިކަމެއް ނެތް ހޮޓަލެއްގައި ތިބެގެން ދުނިޔޭގެ ހުރިހާ ވިޔަފާރިއެއްގައި ބޭނުންކުރާނެ މައިގަނޑު ފައިސާއަކީ އެމެރިކާ ޑޮލަރު ކަމަށް ނިންމި ބްރެޓްން ވޫޑްގެ މޮޑެލްއަށް ވަރުގަދަ އިމްތިޙާނެއްވެސް ކުރިމަތި ކުރުވާނެއެވެ.                                       

ހޮންކޮންގު ގައި 66 ބިލިއަން އެމެރިކާޑ ޮލަރުގެ މުޢާމަލާތު ބަލަހައްޓަމުން ގެންދާ ލޮމްބާރޑް އޯޑަޔަރ ގެ ހޯމިން ލީ ދެކޭގޮތުގައި މި ފެންނަނީ އެތައްގަރުނެއް ވަންދެން ދުނިޔޭގެ ވިޔަފާރީގެ ސެޓްލްމެންޓް ނިންމަމުން ގެންދިޔަ ނިޒާމުގައި ބޮޑެތި ރެނދުތަކެއްލާން ފެށިތަނެވެ.                                          

މިހާރު ދުނިޔޭގެ ބާޒާރުގައި ކޮންމެ މީހަކުވެސް ދުވަނީ އެމެރިކާޑޮލަރ ނޫން އެހެން ފައިސާއެއް ހޯދުމަށެވެ. ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓަން ގޮވި ޒަމާން ފާއިތުވެގެން ދިއުމުގެ ކޮޅުމަތި ފެންނަނީއެވެ.         

Loading

3 Responses

  1. ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ވެރިންނަށް ފެނިގެން ދާނީ އޭސިއާގެ މާކެޓަށް ޑޮލަރު މާމުހިއްމު ނޫން އެއްޗަކަށް ވެފައިވާތަން. އަދި އެމެރިކާގެ ޑޮލަރަށް ހޭބަލިވި ދުވަސް ނިމިގެން ދާނެ.
    إن شاء الله

  2. ކޮްނެމެ ކަމަކަށްވެސް ފެށުމަކާ ނިމުމެއް އަންނާނެއެވެ. އޭޝިޔާ ބައްރުގެ ލީޑަރުންގެ މި ވިސްނުންފުޅު ދަމަހައްޓައިފިނަމަ ދުނިޔޭގެ އިގްތިސާދަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ތަޖްރިބާއެއްވެސް މިކަމުގައި ރަނގަޅު ހެއްކަކަށް ފުދެއެވެ. ދިރާގާއި އުރީދޫ އެވެ. މިއީ މިހާރުވެސް ދިވެހިން ތަޖްރިބާ ކުރަމުން ގެންދާ ހަގީގަތެކެވެ.

  3. އެންމެ ޑަލަރެއްގެ ފޮޓޯއެއް ލާފައި އިނީމާ ސަންދާނުންވެސް ބޭނުންވަނީ ޑޮލަރުގެ ރަސްކަން ނިމި ޑިމޮކްރެސީއަކަށް މަގުފަހިވެގެންދާތަން ދެކެންހެން ވަރަށް ހީވެއެވެ. އަޅުގަނޑުމެންގެ އެހެން އޮންލައިން ނޫސްތަކުން ދުނިޔެއަށް އަންނަ މިކަހަލަ މުހިންމު ބަދަލުތަކުގެ ވާހަކަތައް ވަރަށް ނުފެނެއެވެ. އެކަމަކު މިއީ ވަރަށް ބޭނުންކަމެކެވެ. އަޅުގަނޑުމެންގެ އަމިއްލަ އިގްތިސާދުވެސް މިއޮންނަނީ އެތައް ގައުމެއްގެ މައްޗަށް ބަރޯސާ ވެފައެވެ. އެމެރިކާއަށް ދޭންޖެހޭ ކަމިޝަން ނުދައްކާ މުއާމަލާތުކުރެވޭނަމަ ތަކެތީގެ އަގަށްވެސް ކޮންމެވެސް ރަނގަޅު ބަދަލެއް އަންނާނެތާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް