ސިޔާސީ ވާހަކަ 2 / ދުރާލާ ދިވެހީންގެ އަޚުލާގު ހަލާކުކޮށްލުން!

Loading

Facebook
Twitter
WhatsApp

http://sandhaanu.today/25689/ އާއި ގުޅޭ…

ކުރީބައިގައި ބަޔާން ކުރެވުނު ފަދައިން އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނާއި ހަމައަށް މިޤައުމު ގެނެސްދިނީ ވަރަށްވެސް ރިވެތި އުޞޫލު ތަކަކާއި މަތިވެރި އަޚުލާޤެއްގައެވެ. 18 ވަނަ ޤަރުނުގެ މަދުތެރެއިން ފެށިގެން 19 ވަނަ ޤަރުނުގެ މެދުތެރެއަށް ދުނިޔެދުށް ކާރުހާނީ އިންޤިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން) ގެ އަސަރު ދިވެހިރާއްޖެ އަށްވެސް ކުރިއެވެ. އެކަންވީ ގޮތަކީ ދިވެހީންގެ ތެރޭގައި އޭރު ތިބި ޕޯޗުގީޒު ފަރަންސޭސި ހުރަވީންނަކީ އިނގިރޭސި ނޫނީ ވިލާތުގެ ގޮތްފޮތާ މާރުހޭ ބަޔަކަށްވުމެވެ. 

އެހެނަސް އެމީސްތަކުން ކިތަންމެ ބޭނުންވިޔަސް މި ޤައުމު ސެކިއުލަރ ސްޓޭޓް އަކަށް ނުހެދުނެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ އަޅުގަނޑުމެންގެ އަޚު، ތާރީޚީ ގޮތުން ލިޔުއްވާ އަދި ކިޔައިދެއްވާ މުޙައްމަދު ޝާޠިރު ވިދާޅުވެފައިވާ ފަދައިން އެއިރު ހުންނެވި އުއްތަމަ ފަނޑިޔާރު ޤަބޫލުފުޅު ނުވުމުން ދިވެހި ސަންދާނުގައި އަންހެންބޭފުޅަކަށް ޖާގަ ނުލިބުމެވެ. އާދެ ތުއްތު ގޮމާ ނުވަތަ އަންނަބީލާ ފާތިމަތު އިބްރާހީމް ދީދީ އަށް ރާނީ ކަން ލިބިވަޑައިނުގަތީއެވެ. 

އަންޒަމާނުއްސުރެ ދިވެހީންނަކީ އެދުރުގެ އަދި އެދުރުންނަށްވެސް ވަރަށް ޤަދަރު ކުރަމުންއައި ބަޔެކެވެ. ދިވެހި ދަރީންގެ ކިބައިން އަދަބު އަޚުލާޤު ނައްތާލުމުގެ ސިދާ ސިލްސިލާ ފެށުނީ 20 ވަނަ ޤަރުނު ނިމެން އުޅެނިކޮށެވެ. އެގޮތުން ދެކަމެއް ފާހަގަ ކޮށްލާނަމެވެ. (1) ސްކޫލް މަދަރުސާ ތަކުގައި ކިޔަވައިދޭން ފެށުމުގެ ކުރިން ކީރިތި ޤުރުއާން ކިޔަވާފައި ދިވެހިރާއްޖޭގެ ”ޤައުމީ ސަލާމު“ ގެ ބަދަލުގައި ”ޅަފަތުގާ ކިޔަވަމާ ރިވެތި ސިފަތަކުން ޒީނަތްތެރިވަމާ“ މިލަވަ ކިޔާން ފެށިއްޖެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތައް ޚާއްޞަކޮށް ބައެއް ސިޔާސީ ވިޔަފާރި ވެރިންނަށް އެންމެ ކަމުދާ އިންޑީއާގައިވެސް ސްކޫލް މަދަރުސާތަކުގެ ކިޔެވުން ފެށެނީ ޤައުމީ ސަލާމުންނެވެ. 

ދިވެހީންގެ ތެރޭގައި ކުރިން ބުނިހެން ކީރިތި ޤުރުއާން ކިޔަވާފައި ”ޤައުމީ ސަލާމު“ ގެ ބަދަލުގައި ”ޅަފަތުގާ ކިޔަވަމާ ރިވެތި ސިފަތަކުން ޒީނަތްތެރިވަމާ“ މިކަހަލަ ލަވަޔަކުންނޫނެވެ.  (2) ދިވެހިރާއްޖޭގައި އޮތް އިސްލާމްދީނާއި އަދި ދިވެހީންގެ ދިރިއުޅުމުގެ ވެއްޓާ ބީރައްޓެހިކޮށް 02 ޑިސެމްބަރ 1991 ގައި ”ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު“ އުފަން ކުރުވިއެވެ. 

މީގެ ސަބަބުން އެތަކެއްކުދިންނެއް އަދަބު އަޚުލާޤު ނެތިގެން ދިޔަކަން ފާހަގަ ކުރެވުނެވެ. ނަންނުޖެހުމަށް ޝަރުޠުކޮށްފައި ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ވިދާޅުވީ ބުނެވުނު ޤާނޫނުގެ ވާހަކަ އޭރުގެ ރައީސްމީހާ ކައިރީ ދެންނެވެވުމުން ވިދާޅުވިޔޯލައީ ތިމަންނާއަށްވެސް އެޤާނޫނުގައި ކަންކަން ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހިސާބުން އެކަން އެނިމުނީއެވެ. ދިވެހިރާއްޖޭގެ ހެދިބޮޑުވަމުން އަންނަ ކުދީން ރަނގަޅު މަގުގައި ބޭތިއްބުމަށް ނަންގަނެވުނު ޤާނޫނު އިޞްލާޙު ކުރެވެން ޖެހެއެވެ. 

ހަމަ އެހެންމެ ދިވެހި ސިފައިންގެ ޚިދުމަތް ބޭނުންކޮށްގެން ރަށްރަށުގެ މަދަރުސާތަކުގެ ކުދީންނަށް 20 ވަނަ ޤަރުނުގެ ފަހުކޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ގޮތާ އެހުންނާނެ ގޮތުގެ މަޢުލޫމާތު ވަރަށް މޮޅަށް ދިންކަން އެނގޭ އިސްރަށްވެހިންވެސް އަދިވެސް ދުނިޔޭގައި ތިބޭނޭކަން ކަށަވަރެވެ. 

މީލާދީން 1978 އިން ފެށިގެން ރާވަމުން އައި ކޮންމެ 05 އަހަރުގެ

ޕްލޭންގެ ދޯހަޅިކަން މިބަޔާން ކުރެވުނު ކަންކަމުން ފެންނާން ހުންނާނެއެވެ. އެދުވަހާއި ހަމައަށް ދިވެހީން، ޚާއްޞަކޮށް މަގުމަތީގައި އުޅޭ މީސްތަކުން ބަންގިއަށްދިން އިހުތިރާމްވެސް އޮޔާ ދުއްވާލީއެވެ. ކުރިން ދެންނެވުނު ޤާނޫނުގެ ބާގަނޑުތަކުގެ ތެރެއިން އިސްރަށްވެހިންނަށް ޒުވާނުން އަދި ކުޑަކުދިންދެމުން އައި އިހުތިރާމް ގެއްލުވާލެވުނީއެވެ.

(Credit to the owner of the picture)

ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމު ކަމުގައިވާ ޖަޕާންގައި މިހާރުވެސް ސްކޫލް ކުދީން ޢަމަލު ކުރަނީ އިހުޒަމާނުއްސުރެ ޢަމަލު ކުރަމުން އައި ޤަވާޢިދު ތަކަށެވެ. ޖަޕާނުގައި މޭކަޕްކޮށްގެން ސްކޫލް އަކަށް ނުދެވެއެވެ. ސްކޫލް ކުދިންގެ އިސްތަށިގަނޑަށް ބޭނުންހާ ގޮތެއް ޖަޕާނުގައި ނުހެދެއެވެ. 

ކޮންމެ ކުއްޖަކުވެސް ގަޑިއަށް އަބަދުމެ ފަރުވާތެރިކަން ބެހެއްޓުމަކީ މިއަދުވެސް ޖަޕާނުގެ ސްކޫލްތަކުގައި މަޖުބޫރު ކަމެކެވެ. ރޭގަނޑު 10ގެ ފަހުން މިހާރުވެސް ޖަޕާނުގައި ސްކޫލް ކުދިންނަށް ބޭރުތެރޭގައި އުޅުމުގެ ހުއްދައެއް ނޯވެއެވެ. މިއަދު އަޅުގަނޑުމެން ދިވެހީން ސައްތައިން ސައްތަ މުސްލިމުން ކިޔައިގެން ކީއްތޯ މިކުރީ؟ މިދެވުނީ ކޮން ހިސާބަކަށްތޯ ނުވަތަ އަޅުގަނޑުމެން ދިވެހީން މިގެންދިޔައީ ކޮން ހިސާބަކަށްތޯ ސުވާލުކޮށްލުން ރަނގަޅެވެ. އަމިއްލަ ނަފްސަށްވެސް މެއެވެ. ސިޔާސީ މީހުން ދިވެހީން ނިކަމެތިކޮށްލިއިރު ދިވެހީންނަށް ނުވިސްނުނީތޯއެވެ؟

ކަޓު ގޮތްތަކަކަށް ހަދައި ރަށްފުށުގައި ދެވެމުން އައި އެދުރުގެ ތަޢުލީމު ފުނޑާލެވުނީއެވެ. ތަރައްޤީގެ ނަމުގައެވެ. ވޮށިފިލާވެސް ގެއްލުވާލާ ކުއްޖާ ތަންމަތިން ތެދުވެ ފިރުކެން ފަށާއިރަށް ޓެބްލެޓެއްދީ ރުއްސަން ފެށުމުގެ ޘަޤާފަތެއް އުފެއްދީއެވެ. ދެގެދޭތެރޭގައި ނުހިނގާ ސައިކަލެއްގައިނޫނީ ނުދެވޭނެކަން ހާމަކޮށްދީ ކަންނެތް ކޮށްލުވީއެވެ. މިއަދު މިހުރިހާކަމެއް ބީވުމުން އެންމެން މިކިޔަނީ މިރާއްޖޭގައި އަދަބު އަޚުލާޤު ނެތްވާހަކައެވެ. ދިވެހީންނަށް އަސްލުވެސް ހަމަ ކަންކަން އޮޅުނީތޯއެވެ؟  

Loading

2 Responses

  1. ދިވެހީންގެ ހުރިހާ ހެޔޮ އުސޫލްތަކާއި ސުލޫކްތައް އެމްޑީޕީ އިން ފުނޑާލީއެވެ. ގެއްލިއްޖެ އެއްޗެއް ދެން ލިބިގަތުމަކީ ނާ މުމްކިން ކަމެކެވެ.

  2. އަޚްމާގާއި ސުލޫކަކީ ލަދުވެތިކަމާއި ބިރުގަތުން ނުވަތަ ނުރަނގަޅު ކަންކަމަށް ޖެހިލުންވުމާ ގުޅިފައިވާ ކަމެއް. މިކަންކަން ކަފުންކޮށް ވަލުލެވުނީ ޤައުމުގެ ވެރިކަމަށް އަންނަން ބަޔަކުކުރި މަސައްކަތް ކާމިޔާބުކުރުމުގެ ބޭނުމުގައި. އެކަންކުރިމީހުން ފަޚުރުވެރިކަމާއެކު މިހާރުވެސް އެވާހަކަ އެދައްކަނީ ކުރެވުނުކަންތަކުގެ މޮޅުކަން ދައްކަން. އިބިލީހުގެ އެންމެ ކުޑަދަރި ކުރިކަންތަކުގެ މޮޅުވާހަކަ ބައްޕަ އިބިލީސް ފަޚުރުވެރިކަމާއެކު ދައްކާ ބީދައިން. މިހާރުގެ ސިޔާސީ މަސްރަޙް ބައްޓަންވެފައި އޮތީ މިކަން އިތުރަށް ފުޅާކުރާގޮތަށް. ލަދުޙަޔާތްކުޑަ ބަޔަކު ތިމާގެ ޕްރޮޕަގެންޑާ ފަތުރަން ނެތިއްޔާ ރައްޔިތުން ދެކޭނީ ތިމާއަކީ ތާކުންތާކު ނުޖެހޭ މީހެއްކަމަށް ކޮންމެ ސިޔާސީ މީހަކަށް ވެސް ޤަބޫލުކުރެވޭކަހަލަ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް