ޕާކިސްތާނު ވެސް ބަނގުރޫޓް ވެދާނެކަމުގެ އިންޒާރު. ދެން ރާއްޖެ؟

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގެ އިނދަޖެހެމުންދާ އިގްތިސާދު ސަލާމަތްކުރެވޭނެ މަގު ހޯދުމަށްޓަކައި ދެން އެހެންގޮތެއް ނެތުމުން އަޅަންޖެހޭ ފިޔަވަޅުތައް ތަޢާރުފް ކުރަން ފަށައިފިއެވެ. އެފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުން ފާސްކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެ ގައުމުގެ ދިފާއީ ވަޒީރު ޚުވާޖާ އާސިފް ފާހަގަކުރެއްވި އެއްކަމަކީ ހަކަތަ ބޭނުންކުރާ މިންވަރެވެ. އެމަނިކުފާނު ވިދާޅުވީ ޕާކިސްތާނުގައި މިހާރު ހަކަތަ ބޭނުންކުރާ މިންވަރު ދެމެހެއްޓޭނެ އެއްވެސް ގޮތެއް ފެންނާން ނެތް ކަމަށެވެ. 

އެހެންވީމާ ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ވިޔަފާރިކުރާ ހުރިހާތަނެއް ޝޮޕިން ސެންޓަރުތައްވެސް ހިމެނޭ ގޮތުގައި އިއްޔެ ( ބުރާސްފަތި ) ފެށިގެން ރޭގަނޑު 8 ޖަހާއިރު ބަންދުކުރުމަށާއި ރެސްޓްރާން ތަކާއި ކައިވެނީގެ ހަފްލާތައް ރޭގނޑު 10 ޖަހާއިރު ބަންދު ކުރުމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ 20 އިން ސައްތައާއި ހަމަޔަށް މުއައްޒިފުން ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ. މިހެންހަމަޖެހުމުން ދުވާލަކު 9000 މެގަވޯޓުގެ ކަރަންޓު އިސްރާފުވެގެން ދިއުން ހުއްޓުވޭނެއެވެ.  އެހެންނަމަވެސް ޕާކިސްތާނުގައި ހިނގަމުންދާ ސިޔާސީ ދެކޮޅުވެރިކަން އިތުރުވަމުން ދިއުމުގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ދަނީ އިތުރު ވަމުންނެވެ.

ކުރީގެ ބޮޑު ވަޒީރު އިމްރާނު ޚާން އިންޒާރު ދެއްވާފައިވަނީ އާންމު އިންތިޚާބު އަވަސް ކުރުމަށްޓަކައި އެބޭފުޅާ ނިސްބަތްކުރެވޭ ސިޔާސީ ހަރަކާތުން ކޮންޓްރޯލް ކުރަމުންގެންދާ ދެ ސަރަޙައްދުގެ އެސެމްބްލީ މިއަދު އުވާލާނެކަމަށެވެ. ޕާކިސްތާނުގެ 4 ސަރަޙައްދުގެ ތެރެއިން ދެ ސަރަހައްދުގެ އެސެމްބްލީ ކޮންޓްރޯލް ކުރަނީ އިމްރާން ޚާންގެ ތަޙްރީކޭ އިންސާފް ޕާރޓީގެ ފަރާތުންނެވެ. އިމްރާން ޚާނުގެ މި އިންޒާރު ސަރުކާރުން އަޑުއަހާހެން ހިއެއް ނުވެއެވެ.                                                                

ޕާކިސްތާނުގައި މިހާރު ބޭރުފައިސާގެ ރިޒާވް ހުރީ ހަމައެކަނި އެއްމަސްދުވަހުގެ އިމްޕޯރޓަށް ފުދޭމިންވަރަށެވެ.   

އިސްތިއުމާރުންގެ ވެރިކަމުގައިވެސް އަދި މިއަދުގެ ޑިމޮކްރެސީގައިވެސް ގުރުބާން ކުރެވެމުންދާ ކަންބަޅިތަކަކީ އާންމުރައްޔިތުން ކަމުގައި ހަދައިފިއެވެ. ރައްޔިތުންގެ ނަމުގައި ރައްޔިތުންނަށް ކަންތައް ކޮށްދިނުމުގެ ބަހަނާގައި ދަރަނިނަގަމުން ވެރިކަމުގައިތިބޭ ބައެއްގެ ތިޖޫރީތައް ފުރަމުންގެންދަނީ “ ޚާލިގުލް ކައުނައިނި “ ބައްލަވަމުން ގެންދަވާކަން ވެސްހިތަށް ނާރާތީއެވެ. އިއްޔެ ފެނިގެން ދިޔައީ އެންމެ އަވަށްޓެރި ގައުމު ބަނގުރޫޓުވެ ރައްޔިތުންނަށް ކާންބޯން ނުލިބި މަގުތަކަށް ނިކުމެ ތިބި މަންޒަރެވެ. ދެން ފެނުނީ ބަންގްލާދޭޝްގެ އިގްތިސާދީ ރުނބާ ހުސްވެގެން ރައްޔިތުން މަގުތަކަށް ނިކުންނަން ޖެހޭހިސާބަށްދިޔަތަނެވެ. ސަބަބަކީ އެކައްޗެކެވެ. 

ވެރިކަމުގެ ފަރާތުން ރައްޔިތުންނާމެދު އިންތިހާއަށް އިހްމާލުވުމެވެ. މިއަދު އަވަށްޓެރި ޕާކިސްތާނުގެ ވާހަކައެވެ. މާދަމާ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް މެދުވެރިވެދާނެ ޙާލަތަކާމެދު އަތްއުރާލައިގެން އަދިވެސް ތިބެންވީ ހެއްޔެވެ؟ ދަވްލަތަކީ ދިވެހި ރައްޔިތުންގެ މިލްކެކެވެ. 

ސަރުކާރަކީ އެ ރައްޔިތުންގެ ޚާދިމުންނެވެ. މިއީ ކެމްޕޭން ދުވަސްވަރު ވޯޓްހޯދަން ކިޔާ ބަންޖެއްވެސް މެއެވެ. ރަނގަޅަށް ޚިދުމަތް ކޮށް ނުދޭނަމަ އެހެން ބަޔަކު އިޚްތިޔާރު ކުރުމަކީ ރައްޔިތުން ޒިންމާއެކެވެ. އަދި އެފުރުސަތު ރައްޔަތުންނަށް ނުދީ ޗައްކަރު ޖައްސާ ހުރިހާ ނުފޫޒަކާއި ކަރަޕްޝަނަކާއި ފަސާދައެއް ބޭނުން ކޮށްގެން ވޯޓް ގަނެގެން ކޮންމެގޮތަކުންވެސް ވެރިކަމުގައި ތިބުމަކީ ޙަރާމް ފާސިގު ޢަމަލެކެވެ. 

މިފަހުގެ ތާރީޚުގައި ރާއްޖޭގެ ޝިޕިންލައިނާއި އެއަރމޯލްޑިވްސް އައި މިފްކޯބަނގުރޫޓް ވެގެންދިއައިރު ވެރިކަމުގެ ފަރާތަށް ގަންނާކުރައްވާ ބިރަކުން އެވާހަކަ ދައްކަންވެސް ނުކެރުނުކަހަލައެވެ. މިހާރު މިދަނީ ރައްޖެ ބަގުރޫޓްވާށެވެ. އާދެ! ސްރީލަންކާ ފަދައިންނެވެ.

ދެން ފެނިގެން ދިޔަ އެމް. ޕީ. އާރް. ސީ. އާއި ކުރީގެ މިފްކޯއާއި ވެލްޓިލޭޓަރުތަކާއި މިބާވަތުގެ އެތައް ބޮޑެތި ޚިޔާނާތް ތުހުމަތުކުރެވޭ ބޭފުޅުން ޢިއްޒަތުގައި ތިއްބެވިއިރު މިހާރުވެސް ބިލިއަނުން ގެއްލުމުގައި ހިންގަވާ ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިންނަށް ބޮޑެތި ވައްކަން ކުރަމުން ގެންދާއިރުވެސް ބިޔަ މުސާރަދީގެން ގެންގުޅުން ރައްޔިތުންނަށް މަޖުބޫރު ވަނީ ކޮން އުސޫލަކުން ހެއްޔެވެ؟ އެފަދަ އުސޫލުތަކަކީ ކޯލިޝަނުގެ ބައިވެރިޔަކު ރުއްސުމަށްޓަކައި ނުވަތަ އެހެން ސަބަބަކާހުރެ ކުރަން ޖެހިފައި އޮތް ކަމަކަށްވިޔަސް އެއުސޫލު ގާދޫކަނޑުން ބޭރުކޮށްލަން ނުޖެހޭތޯއެވެ. 


ދިވެހި ގައުމު ލަދުގަންނަން ޖެހޭނީ ދިވެހި ރައްޔިތުންގެ ވާޖިބާއި ޙައްގުތަކަށް ޙުރުމަތްތެރިކޮށް ނުހިތޭނަމައެވެ. ވަކި މީހަކު ނުވަތަ ވަކި ބަޔަކު ރުއްސާކަށް ދިވެހި ގައުމު ނުކުޅެދިފައި އޮވެގެން ނުވާނެއެވެ. އެކަން ތާރީޚުގެ ސަފްހާތަކުން އެނގެން އެބައޮތެވެ. މިއަދު ޕާކިސްތާނުގެ ވާހަކަ މިލިޔުނީ އަޅުގަނޑުމެން އިބްރަތް ލިބގަތުމަށެވެ. އެގައުމާމެދު ބައިނަލް އަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު ދިވެހިރާއްޖެއަށް ހަމަ އެފަދަ ހުރިހާ އިންޒާރުތަކެއް އަންނަނީ ލިބެމުންނެއެވެ. 

ނަސީބު ރަނގަޅުކަމުން ރާއްޖެއަކީ ލަންކާގެ ކިޕިޓަލް ސިޓީ ކޮޅުނބު އަށްވުރެ މީސްކޮޅު މަދު ގައުމެކެވެ. އަޅުގަނޑުމެންގެ ގައުމާއި ރައްޔަތުންނަށްއެފަދަ ނިކަމެތި ގޮތެއް މެދުވެރިވިޔަ ނުދިނުމަށް ރައްޔިތުންގެ ޒިންމާ ވަރަށް ބޮޑެވެ. ވެރިކަން ފެށިގެން އަންނަނި ރައްޔަތުންގެ ކިބައިންނެވެ.

Loading

2 Responses

  1. ގައުމު ބަނގުރޫޓު ނުވެދާނެ. އެކަމަކު ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު ތިބީ ބަނގުރޫޓު ވެފާ. ކަރަންޓާ ފެން ފަދަ އަސާސީ ޚިދުމަތްތަކުގެ ބިލް ދެއްކޭނެގޮތެއް ނެތް ކިތައްމީހުން އެބަ ތިބި. އާސަންދަ ލިބުމާއެކުވެސް ބަލިވީމާ ބޭސްކުރެވޭނެގޮތެއް ނެތިގެން ސަލާންޖަހަނީ ކިތައްމީހުން. އޭޓީއެމް ތަކުގެ ކައިރީގައިތިބެގެން އެހީއަކަށް އެދި އާދޭސްކުރަނީ ކިތައްމީހުން. ހަމައެކަނި ގަރުދިޔައާއި ގެރިކާ ހަނޑުލުގެ ބަތް ކޭ ޒަމާނުގައިވެސް މި މަންޒަރެއް ނުފެނޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް