ވަގުތު ކުޑަތަންވެއްޖެހެން ހީވާންފަށައިފި                                     

Loading

Facebook
Twitter
WhatsApp

ސުރުޚީއަކީ އަޅުގަނޑުގެ ބަހެއް ނޫނެވެ. އެއީ ސައިންސުވެރިންގެ ކަންބޮޑުވުމެކެވެ. ވަކިންޚާއްސަކޮށް ބިންހެލުންތަކާބެހޭ ތަޖްރިބާކާރު އިންޖިނޭރު ކީތު ޕޯރޓަރގެ ކަންބޮޑުވުމެކެވެ. އޭނާގެ ތަޖްރިބާގައި މުށިކުލައިގެ ޕެލިކަން ސެންފްރާނސިސްކޯ ކަނޑުއޮޅީގެ ތެރޭގައި މާގިނައިން އުދުހެންފަށައިފިނަމަ އެއީ އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ވަރަށް ނުރައްކާތެރި ބިންހެލުމެއްގެ ކައިރިވެއްޖެކަމުގެ އިންޒާރެކެވެ. އެއީ މިއަދު ނުވަތަ މާދަމާކަމަށްވެސް ވެދާނެއެވެ. އެހާ ކައިރި ވެއްޖެކަމަށް ބަލާށެވެ. 

ސައިންސްވެރިންގެ އިންޒާރުގައި ބުނެފައިވަނީ އެ ބިންހެލުން އެތައްސަތޭކަ އެޓޮމިކްބޮން ގޮއްވާލުމާ އެއްފަދަވާނެ ކަމަށެވެ. ބިންހެލުމުގައި އެންމެފުރަތަމަ ކުރިމަތިލާން ޖެހޭނެ ނުރައްކަލަކީ ކަރަންޓު ކެނޑެންދިއުމުން އެތައްބަޔަކު ލިފްޓުތަކުގައްޔާއި އަދިރިކަމުގެ ތެރޭގައި ތާށިވުމެވެ.

ލިފްޓުތަކުގައި ތާށިވާ އެންމެންގެ ގަބުރުސްތާނަކީ އެއީ ކަމުގައި ވެގެންދާނެއެވެ. އެފަދަ ޙާލަތަކާއި ކުރިމަތިލާން ޖެހިދާނެ މީހުންގެ އަދަދު އަންދާޒާވެސް ނުކުރެވޭނެއެވެ. އެމީހުން ސަލާމަތް ކުރުމުގެ މަސްޢޫލިއްޔަތު އެޅިފައި އޮތީ އިމަރޖެންސީ ޓީމުތަކާއި އަލިފާންނިވާޓީމުތަކުގެ ކޮނޑުގައެވެ. އެކަމަކު އެމީހުންނަކަށް ނާދެވޭނެއެވެ. 

އެމީހުންގެ އެންމެ އިސް ވާޖިބަކަށް ވާނީ އެކި ހިސާބުގައި ރޯވެފައިވާ އަލިފާން ނިއްވާލުމެވެ. އެއީ އެމީހުންގެ ވަސީލަތްތަކާއި ނުބައްދަލު ކުރިމަތި ލުމަކަށް ވެގެންދާނެއެވެ. އެއްވެސް ވަރަކަށް ކަރަންޓު ލިބެންނެތި އެތައްދުވަހެއް ފާއިތުވެގެން ދާނެއެވެ. ފެންފޯރުކޮށްދެވޭނެ ވަސީލަތެއް ގއިމްކުރެވޭކަށް ނޯންނާނެއެވެ. މޯބައިލްފޯން ޓަވަރުތައް ކޮޅަކަށް ނުހުންނާނެއެވެ. މިއީ ކުރިމަތިލާން ޖެހޭނެ ހަމައެކަނި ކުޑަކުޑަ މިންވަރެކެވެ.                   

މިހާރު މި ވާހަކައަކީ ހަމައެކަނި ތިއަރީއެއްގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކަ ތަކެކޭވެސް ބުނެވިދާނެއެވެ. އެހެންނަމަވެސް އެމެރިކާގެ ޖިއޯލޮޖިކަލް ސަރވޭއިން ދައްކާގޮތުގައި ގިނަވެގެން ކުރިއަށް އޮތް ތިރީހަކަށް އަހަރުގެ ތެރޭގައި މި އިންޒާރު ދެވުނު ފަދަ ބިންހެލުމެއް އައުމުގެ ފުރުސަތު ފަންސާސް އިންސައްތަ ހުރަސްކޮށްފިއެވެ. ބިންހެލުން އައުމެއް ނުހުއްޓޭނެއެވެ. އަދި ތިރީސް އަހަރު ދުވަހުގެ މުއްދަތެއް އޮތްކަމަކަށްވެސް ނުބެލޭނެއެވެ. އެހެންވީމާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރުން މިހާރަށް ހަރުދާނާކުރުން ނޫން އެހެން ގޮތެއް ނެތެވެ.                   

ސިސްމޯލޮޖިސްޓް ލޫސީ ޖޯންސް ބުނާގޮތުގައި މި އިންޒާރުގައި ފާހަގަ ކޮށްފައިވާފަދަ ބިރުވެރި ބިންހެލުމެއް މެދުވެރި ވެދާނެކަމަށް ޝައްކު ކުރާނެ ޖާގައެއް ނެތެވެ. އެކަން ހިނގުމަށް މެދުވެރިވަނީ ވަރަށް ކުޑަ ވަގުތު ކޮޅެއްކަމުން އެ ވަގުތު ދެނެގަތުމުގެ ކުޅަދާނަކަން އަދި މިހާތަނަށް ސައިންސުގެ އިލްމުން ހޯދިފައެއް ނެތެވެ. ސައިންސުގެ ހޯދުންތަކުގެ މަގްސަދަކީ ބިންގަނޑު ތެޅިގަތުމުގެ މިންވަރު ދެނެގަތުމާއި އެކަމުގެ ސަބަބުން ލިބިގެންދާނެ ގެއްލުން އަންދާޒާކުރުމެވެ.                                             

މިލިއުމުގައި އިންޒާރު ދީފައިވާފަދަ ބާރުގަދަ ބިންހެލުން އެމެރިކާގެ ހުޅަނގުފަރާތު އައްސޭރިފަށަށް ކޮންމެ 100-200 އަހަރާ ދެމެދު އެއްފަހަރު ތަޖްރިބާކުރަންޖެހޭ ކަމަށް މާޒީގެ ތާރީޚުން ހެކި ލިބެން އެބަހުއްޓެވެ. މިފަދަ ބިންހެލުމެއް އައިފަހުން މިހާރު 153 އަހަރު ވެއްޖެއެވެ. އެހެންވީމާ ދެން އެ ވަރުގެ ބިރުވެރި ބިންހެލުމެއް ތަޖްރިބާ ކުރަން ޖެހޭނީ ކޮން އިރަކުން ކަން ބުނާކަށް ނޭގެއެވެ.

ފަހަރެއްގައި އެއީ މާދަމާކަމަށްވެސް ވެދާނެއެވެ. މިލިއުން ލިޔަމުންދަނިކޮށް މިއަދުގެ ވަގުތެއްގައި އެސްރަހައްދަށް 6.5 މެގްނެޓިއުޑްގެ ބިންހެލުމެއް ވަނީ ތަޖްރިބާކުރަން ޖެހިފައެވެ.                                                         

ކެލިފޯރނިޔާ ސެންފްރާންސިސްކޯ ސަރަޙައްދުގެ ބިންހެލުންތައް ދިރާސާ ކުރާ ފަރާތްތަކުން މި އިންޒާރުތައް ދެމުންގެންދާއިރު އެއްކަމެއް ޔަގީން ވެފައިވާކަމަށް ހާމަކުރެއެވެ. އެއީ އެ ސަރަޙައްދުގައި އެ ފަދަ ބިރުވެރި ކަމަކުން ސަލާމަތްވެ ރައްކާތެރިވުމުގެ ފިޔަވަޅުތައް އޮތީ އެޅިފައެއްނޫނެވެ. ސަރުކާރުންނާއި އަމިއްލަ ފަރުދުންވެސް މިކަމުގައި ފަހަތުފައި އޮތީ ވަޅުޖަހާފައޭ ބުނަންޖެހެއެވެ.                                     

ތަޖްރިބާކާރުން ބުނަމުން ގެންދާގޮތުގައި ތިމަތިމާމެންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ އަދި އަދާކުރަން ޖެހޭނީވެސް ތިމަތިމާ މެންނެވެ. އަދި ހަމަ އެފަދައިން އެހެންމީހަކު ސަލާމަތްކުރަން އުޅެން ޖެހޭނީވެސް ތިމާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުގައެވެ. މިކަމުގައި އެބޭފުޅުންގެބައެއް އިރްޝާދު ޙިއްސާ ކޮށްލުން ބޭނުން ކަމުގައި އަޅުގަނޑު ދެކެމެވެ. 

މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން އަޅުގަނޑުމެންނަށް އެވަރުގެ ބޮޑު ބިރުވެރިކަމެއް ކުރިމަތި ނުކުރައްވާށިއެވެ.. އާމީން. މި ހިނދުގައި އަޅުގަނޑުމެންގެ ހަރުބަހެއް ހަނދާނަށް އާދެއެވެ. “ ރައްކާވެ ތިބިއްޔާ ދަތުރެވެ ”.                   

ނުރައްކާތެރި ހާދިސާ ތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ބެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ އަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައި އެކަކުވެސް ދެބަސް ނުވާނެއެވެ. ސިޓީ ޕްލޭންކުރުމާއި އިމަރޖެންސީއަށް ބޭނުންކުރަންޖެހޭ ވަސީލަތްތައް ގާއިމް ކޮށްފައި ބެހެއްޓުމާއި، ބެލެހެއްޓުމާއި ދައުލަތުގެ ޢިމާރާތްތަކާއި ސްކޫލް ކޮލެޖް އަދި ޔުނިވަރސިޓީ ތަކާއި އަޅުކަންކުރާ ތަންތަނުގައި އެސެމްބްލީއަށް ޚާއްސަކޮށްފައި ހުސްބިން ބޭއްވުމާއި ތަމްރީނު ދިނުމާއި ރައްކާތެރި ކަމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް އާންމުކޮށް ފެންނާނެހެން މަގުތަކުގެ އެއްފަރާތުގައި ބެހެއްޓުން ކަހަލަ ކަންތައްތައް ހިމެނިދާނެއެވެ. 

އަމުދުން ސެންފްރާންސިސްކޯ ސަރަޙައްދުގައި ކަނޑުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން އެތެރޭގެ ހިސާބުތަކަށް ގެންދިއުމަކީ ބުއްދިވެރި ގޮތެކެވެ. ފަރުދުންގެ ޙައިސިއްޔަތުން އެޅިދާނެކަމަށް ފާހަގަކޮށްފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައިއިލެކްޓްރިސިޓީއާއި ފެން ނުލިބި ދުވަސްތަކެއް ފާއިތުވެގެން ހިނގައިދާނެ ކަމަށް ބަލާށެވެ. ބޭނުން ކުރެވޭގޮތަށް އޮތް ޓޯޗްލައިޓެއް ގޭގައި އޮތުން ބޭނުމެވެ. އަބަދުވެސް ގޭގައި ބޯނެފެން އިތުރަށް ބަހައްޓާށެވެ. 

މޯބައިލް ފޯނު ރިޗާރޖް ކުރެވޭނެ މަގެއް ހޯދާފައި ބާއްވަން ޖެހޭނެއެވެ. ފޯނު ކުރުމުގެ ބަދަލުގައި މެސެޖް ފޮނުވުން ބެޓެރީ ހުސްވުން ލަސްކުރެވޭނެއެވެ. ކޮންމެވެސް ވަރަކަށް އަތުގައި ނަގުދު ފައިސާ ބަހައްޓަން ޖެހޭނެއެވެ. ދިރިހުރެވޭގޮތް މެދުވެރި ކުރައްވައިފިނަމަ މިފަދަ ކަންތައްތަކުން އެހީތެރިކަން ލިބޭނެއެވެ. ސެންފްރާންސިސްކޯއާއި ކެލިފޯނިޔާ ހިމެނޭ ސަރަޙައްދަކީ ބޯހިޔާވެހިކަން ނެތުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ސަރަޙައްދެކެވެ.                                

ވޯޝިންގްޓަނާއި އޯރެގޯން ހިމެނޭ ސަރަޙައްދުގައިވެސް ބިންހެލުމެއް އަތުވެއްޖެނަމަ ވަރަށް ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ދިރާސާތަކުން އެނގިފައިވެއެވެ. އަދި އެއީ ބާރުގަދަ ބިންހެލުންތަކަށް މަގުހުޅުވި ފައިވާ ސަރަޙައްދެކެވެ. ދިރާސާ ތަކުން ހާމަވެފައިވާ ގޮތުގައި އެ ސަރަޙައްދަށް އަންނަ ބިންހެލުމެއްގެ ސަބަބުން ބިންގަނޑު ހައެއްކަފޫޓަށް ގެނބިގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަވަށްޓެރިންނާއެކު ގިނަގިނައިން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާބެހޭ މަޢޫލޫމާތު ޙިއްސާކުރާށެވެ. ކުރިމަތި ވެދާނެ ބޮޑު މުސީބާތަކުން ރައްކާތެރިވެ ތިބުމަށްޓަކައި މަޢޫލޫމާތު ޙިއްސާކުރުމާއި ހޭލުންތެރިކަން އިތުރުކުރުވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.                                                          

Loading

One Response

  1. އަޅުގަނޑުމެންގެ ރާއްޖޭގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގައިވެސް ފެނިގެންދަނީ ތިޔަ ލިއުއްވިގޮތަށް ފަހަތުފައި ވަޅުޖަހާފައި އޮންނަތަނެވެ. ސަރުކާރުން ގަވައިދުތަކެއް ހެދިޔަސް އެ ގައިވައިދުތައް ތަންފީޒުކުރޭތޯ އާއި ތަންފީޒުކުރަނީ ކިހާވަރަކަށްތޯ އޮންނަނީ ނުބެލިފައެވެ. މޫސުމް ނުބައި ވުމުން ދަތުރުކުރަން ސަމާލު ވާން ގޮވުމަކުން ނުފުދެއެވެ. ބިންހެލުމެއް އަންނާނެ ވަގުތު ނޭންގޭ ފަދައިން ނުރައްކާތެރި ކަމެއް މެދުވެރިވާނެ ވަގުތެއްވެސް ނޭންގެއެވެ. އެންމެ ސިކުންތެއްގެ ތެރޭގައިވެސް ހަށިގަނޑާ ފުރާނަ ވަކިވެގެންދާ ވަރުގެ ނުރައްކަލެއްވެސް މެދުވެރި ވެދާނެއެވެ. މައުލޫމާތު ހިއްސާކުރުމާއި މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް