ޔޫކްރެއިންގެ ސުލްހައަށް ވާހަކަ ދައްކައިގެން ގޮތެއް ނިންމަން ވީ ވަގުތު - ހެންރީ ކީސިންޖަރ

Loading

Facebook
Twitter
WhatsApp

މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ނުރައްކާތެރި ބޮޑު ހަނގުރާމައަކަށް މަގު ބަންދު ކުރުމަށްޓަކައި ޔޫކްރެއިންގެ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް ވާހަކަދައްކަންވީ ވަގުތު އަތުވެއްޖެއެވެ. އަދި ރަޝިޔާއަށް ނުރައްކާ މެދުވެރިކުރުމުގެ ހުޅަނގުންދެކޭ ހުވަފެނަކީ މުޅިދުނިޔެއަށް ނިއުކްލިއަރގެ ބިރުވެރިކަން ފެތުރިގެން ދިއުން ކަމުގައި އެމެރިކާގެ ސިޔާސީ ތަޖްރިބާކާރު ހެންރީ ކީސިންޖަރ ވިދާޅުވެއްޖެއެވެ. 

ކިސިންޖަރ ވިދާޅުވީ ރަޝިޔާގެ ބާރު ކަނޑުވާލެވިދާނެ ކަމަށް ހީކުރުމަކީ ޔޫކްރެއިނުންނާއި ހުޅަނގުން ގެންގުޅުން ގޯސް ނުރައްކާތެރި ވިސްނުމެއް ކަމަށެވެ. ފިނިހަނގުރާމަ ފިނިކޮށް ނިމުމަކަށް ގެނައުމުގެ ސިޔާސަތު ރޭވުމުގެ މޭސްތިރި ކަމުގައިބެލެވުނު ހެންރީ ކީސިންޖަރަކީ އެމެރިކާގެ ރައީސް ރިޗަރޑް ނިކްސަން އާއި  ޖެރާލްޑް ފޯރޑްގެ ޚާރިޖީ ވަޒީރެވެ.  2000 ވަނައަހަރު ފުރަތަމަ ފަހަރަށް ރަޝިޔާގެ ރައީސް ލާޑިމީރް ޕޫޓިން އަށް ރައީސްކަން ލިބިވަޑައިގަތް ފަހުން އެތައްފަހަރެއްގެ މަތީން ހެންރީ ކީސިންޖަރ ވަނީ  ޕޫޓިންއާ ބައްދަލު ކުރައްވާފައެވެ.                                

މިހާރު ކުރެވެމުންދާ ހަނގުރާމައަށް ނިމުމެއް ގެނެވޭނެ ދުވަހެއް ލަފާކުރާކަށް ނޭގެއެވެ. މިހާރުވެސް އެތައްބަޔަކު މަރާލެވިފައިވާއިރު އެތައް މިލިއަން މީހުންގެ ގެދޮރު މިވަނީ ނެތިކޮށްލާފައެވެ. މިހާރުވެސް ޔޫކްރެއިންގެ ފަސްބައިކުޅަ އެއްބައި އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.  

މިޙާލަތުގައި ރަޝިޔާއިން ބުނަމުން ގެންދަނީ ރަޝިޔާއިން ހިފާފައިވާ ދެކުނު ޔޫކްރެއިންގެ ސަރަޙައްދު ތަކަކީ ރަޝިޔާގެ ބައެއްކަމުގައި ޔޫކްރެއިން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. ޔޫކްރެއިނުން ބުނަނީ 2014 ގައި ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކްރީމިއާވެސް ހިމެނޭގޮތުގައި ޔޫކްރެއިނުންގެ ހުރިހާ ބިމަކުން ރަޝިޔާގެ ސިފައިން ފައިބަން ޖެހޭނެ ކަމަށެވެ. މިއީ ވުމަށްވުރެން ނުވުން ގާތް އަރަތެކެވެ. މިދިޔަ ސްޕްޓެމްބަރު މަހުގެ ތެރޭގައި ޔޫކްރެއިނުން މިވަނީ ނޭޓޯގެ މެމްބަރަކަށް ވުމަށް ހުށައަޅާފައެވެ.  ޔޫކުރޭންއަށް އީޔޫއިންނާއި އެމެރިކާއިން ނޭޓޯ މެމްބަރަހެދުމަށް ކުރަމުން ގެންދިޔަ ޙީލަތްތެރި މަސައްކަތަކީ މިހަނގުރާމައިގެ ފެށެން ދިމާވި އަސްލު ކަމުގައި ރަޝިޔާއިން ވަނީ ބުނެފައެވެ. 

ދަ ސްޕެކްޓޭޓަރަށް ދެއްވި ލިއުމެއްގައި ހެންރީ ކީސިންޖަރ ވިދާޅުވެފައިވަނީ ޔޫކްރެއިނުން ރަސްމީގޮތުން ނޭޓޯއާއިއެކު ގުޅުން ދެމެހެއްޓުމާއި ފެބްރުއަރީ އިން ފެށިގެން ރަޝިޔާއިން ހިފައިފައިވާ ޔޫކްރެއިންގެ ބިންތަކުން ފޭބުމާއި މިފަހަރުގެ ހަނގރާމައިގެ ކުރިން ރަޝިޔާއިން ހިފައިފައިވާ ސަރަޙައްދު ތަކާއިމެދު އާންމު ވޯޓަކުން ގޮތެއް ނިންމުމާއި ޔޫރަޕްގެ އެއްބައިވަންތަކަމުން މި ހަނގުރާމާގައި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ އަހަރެންވެސް ތާއީދު ކުރާގޮތެކެވެ. 

އެކަމަކު މިހާރު މިއޮތީ ސިޔާސީ މަސްރަހަށް ބަދަލުތަކެއް އައިސް ވާހަކަ ދައްކައިގެން  އެއްބަސްވެވޭ ސުލްޙަވެރި ގޮތަކަށް މި ދެކޮޅުވެރިކަން ނިންމަން ޖެހިފައެވެ. ސުލްޙައިގެ ވާހަކަތައް ދައްކަންޖެހޭނީ ޔޫކްރެއިން ނޭޓޯއާއި ގުޅުވައިގެންނެވެ. 

ވަކި ފަރާތަކަށް ނުޖެހި އޮތުމުގެ ވާހަކަ މިހާރު ދައްކައިގެން ނުވާނެއެވެ. ދެއްކޭކަށްވެސް ނެތެވެ. މިދިޔަ މޭމަހުގެ ތެރޭގައިވެސް މި މޭރުމުން އަހަރެންވާނީ ޚިޔާލު ފާޅުކޮށްފައެވެ. ކިސިންޖަރ ވިދާޅުވިއެވެ.     

މި މައުޝޫއުގައި ވާހަކަ ދައްކަމުން ސީ. އައި. އޭ. ގެ ޑިރެކްޓަރ ވިލިއަން ބާރންސް ވިދާޅުވީ ހުރިހާ ދެކޮޅުވެރި ކަމެއްވެސް ވާހަކަ ދައްކައިގެން ސުލްޙަވެރި ނިމުމަކަށް ގެނެވޭ ކަމަށް ގަބޫލު ކުރެވުނަސް ސީ. އައި. އޭ. އިން ދެކޭގޮތުގައި އެފަދަ ވާހަކަ ދެއްކުމަކަށް ރަޝިޔާއިން ބޭނުމެއް ނުވެއެވެ.                       

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޔޫކްރެއިނުންވެސް ރަޝިޔާއިން ހިފާފައިވާ ބައެއް ބިންތައް ދޫކުރުމުގެ ވިސްނުން ގެންގުޅުމަށާއި އެހެން ސަރަޙައްދު ތަކުގައި އާންމު އިންތިޚާބެއް ބާއްވައިގެން މައްސަލަ ޙައްލުކުރުމަށް ބިލިއަނަރ އިލޯން މަސްކް ދިން މަޝްވަރާއަށް ޔޫކްރެއިންގެ ޑިޕްލޯމެޓުން ދިނީ ފާފަކާއި އަލިފެކެވެ. އެހެންވުމުން ހަނގުރާމައަށް ޙައްލެއްހޯދުން ފަސޭހައެއް ނުވާނެކަމަށް ބެލެވެއެވެ.             

Loading

One Response

  1. ފާފަކާ އަލިފެއް ދިނީމާ ދެން ދައްކާނނެވާހަކައެއް ނޯންނާނެތާ. މިހާރުވެސް ދެފަރާތުގެ ބަސްމަގު ތިޔަހުރީ ސުލްހައެއް ލިބޭގޮތަކަށް ނޫން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް