އިންޑިއާގައި ތަކެތީގެ އަގު އުފުލެމުންދިއުން

Loading

Facebook
Twitter
WhatsApp


އަވަށްޓެރި އިންޑިއާގެ އާންމު ދިރިއުޅުމުގެ ޚަރަދުތަކަށް އަންނަ ކޮންމެ ބަދަލަކީ އޭގެ އަސަރު އެ ގައުމުގެ ރައްޔިތުންނެކޭ އެއްފަދައިން ކޮންމެވެސް ސިފައެއްގައި ދިވެހިރާއްޖެވެސް ޙިއްސާކުރަން ޖެހިފައިވާ ކަމެކެވެ. އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ އެއްޗެހި ގެންނަން ޖެހިފައިމިވަނީ އިންޑިއާއިންނެވެ. މިއީ ދެބަސްނުވެވޭނެ ޙަގީގަތެކެވެ. އެހެން ކަމުން އިންޑިއާގެ އިގްތިސާދަށް މެދުވެރިވާ ބަދަލުތަކާމެދު ދިވެހީންވެސްހޭލުންތެރިވާން ޖެހޭނެއެވެ.   

އަވަށްޓެރި އިންޑިއާގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުއަވަސް އަވަހަށް އުފުލިގެން ދިއުމުން މެދުފަންތީގެ ޢާއިލާތަކަށް ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދޭނެ ގޮތެއްނެތި ބަނޑަށް ޖެހުމުގެ ބިރާކުރިމަތިލާން ވަނީ ޖެހިފައެވެ. މުސާރައަށް ބަދަލެއް ނައުމާއި ތަކެތީ އަގު އުފުލެމުން ދިއުމާއި ކުލީ ތަންތަނުގެ ކުލިވެސް އުފުލެމުން ދިއުން އެއީ ކޮންމެ ޢާއިލާއެއްގެ ޝަކުވާއަކަށް ވެއްޖެއެވެ.                                   

އުމުރުން 32 އަހަރުގެ ސަންތާ ބީ. ބީ. ސީ. ގެ ބިޒްނަސް މުރާސިލަށް މަޢުލޫމާތު ދެމުން ހާމަކުރިގޮތުގައި އޭނާއަކީ އިޖްތިމާއީ މަސައްކަތުގައި ޙަރާކާތްތެރި ވުމުގެ އިތުރުން ބެންގަލޫރުގައި މުދައްރިސެއްގެ ވަޒީފާއަދާ ކުރާމީހެކެވެ. އޭނާގެ ފިރިމީހާ މަސައްކަތް ކުރަނީ ބެންގަލޫރުގެ ޓެކްސިޓީގައެވެ. ދެމީހުންނަށް ލިބޭ މުސާރައިން އާއިލާގެ 5 މެމްބަރުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅޭ ތަނުގެ ކުލި ދައްކާފައި އެއްވެސް އެއްޗެއްމިހާރު ބާކީ ނުކުރެވެއެވެ. 

މިޙާލަތުގައި އުޅެނިކޮށް ދިރިއުޅެން ކުއްޔަށް ހިފާފައިހުރި އިމާރާތުގެވެރިފަރާތުން ކޯވިޑް ބަލިމަޑުކަމުގެ ދުވަސްވަރު އާންމުދަނީއެއް ނުލިބުމުގެ ބަހަނާގައި ކުރިން -/7000 ރުޕީސްއަށް ކުއްޔަށް ދީފައިހުރި އިމާރާތުގެ ކުލި -/11500 ރުޕީސްއަށް ބޮޑުކޮށްފިއެވެ. ކާބޯތަކެއްޗާއި ފިއުލްގެ އަގުތައްވެސް މިވަނީ ދެގުނައަށް މިހާރު ބޮޑުވެފައެވެ. މެދުފަންތީގެ ގިނަ ޢާއިލާތަކަށް ލިބޭ އާމްދަނީ އުޅޭނީ ގިނަވެގެން ވިއްސަކަށް ތިރީހަކަށް ހާސް ރުޕީސްގެ ތެރޭގައެވެ. އެވަރުގެ އާމްދަނީއެއް ލިބޭ ޢާއިލާއަކަށް އެއިން ދެކޮޅުޖެއްސުން މިވަނީ ނުކުރެވޭވަރުގެ ކަމަކަށްވެފައެވެ. 

އަހަރެންގެ މަންމައާއި ބައްޕައަކީ ކިރުސައި ބުއިމަށް ލޯބިކުރާ ބައެކެވެ. އެކަމަކު ފާއިތުވެ ދިޔަ އަހަރެއްހާ ދުވަހު އެ ދެމަފިރިންނަށް ކިރުސައިތައްޓެއް ދެވުނު ދުވަހެއް ހަނދާނެއް ނެތެވެ. އިޖްތިމާޢީ ޙަރަކާތުގައި އުޅެންޖެހޭތީ ބެންގަލޫރު ޝަހަރުގެ ތެރޭގައި ސާންތާ ދަތުރުކުރަން ޖެހެއެވެ. 

ކުރީގައި ބަސް ފެއަރ -/30 ރުޕީސް މިހާރު މިއޮތީ -/90 ރުޕީސް އަށް އުފުލިފައެވެ. ކޯވިޑްގެ ބަލިމަޑު ކަމުގެ ތެރޭގައި ބައްޕަ ބަލިވެގެން ބޭސްފަރުވާ ދިނުމަށްޓަކައި އަތުގައި ހުރި ރަން ގަހަނާވެސް ހުރީ ދަރަންޏަށް ފައިސާނަގަން މޯގޭޖް ކުރެވިފައެވެ. 

ކޯވިޑު ބަލިމަޑުކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް ޔޫކްރެއިން ރަޝިޔާގެ ހަނގުރާމަ ފެށި އެއްޗެތީގެ އަގުތައް އިހުނަށްވުރެން ބޮޑަށް އުފުލިއްޖެއެވެ. އަގުތައް ދަނީވެސް އުފުލެމުންނެވެ. މިކަމަށް ރަނގަޅު ޙައްލެއް ލިބިދާނެކަމުގެ އުންމީދެއްވެސް މިހާރަކު ނުކުރެވެއެވެ.                                            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް