ދާދި ފަހުން ސޯޝަލް މީޑިޔާގައި ދައުރުވި ޕޯސްޓަކުން ވަނީ ޗައިނާއިން އުފައްދާފައިވާ ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރާތަން ފުރަތަމަ ފަހަރަށް ފޮޓޯއަކުން ފެނިފައެވެ. މި ނުރައްކާތެރި ހަތިޔާރުގެ ނަމަކީ ޓޭންޖިއޯއެން ޓީބީ 001 ޑްރޯންއެވެ. މި ޑްރޯން ދުއްވަން ޕައިލެޓުން ބޭނުމެއް ނުވެއެވެ. އަދި މި ޑްރޯން ގައި ތިން އިންޖީނާއި އެތައް ސަތޭކަ ބޮމަކާއި މިސައިލް ހަރުކުރެވޭނެ ޖާގަ ހުރެއެވެ.
އެންމެ ފުރަތަމަ މި ޑްރޯން ޗައިނާއިން އުފައްދާފައި ވަނީ 2017 ވަނަ އަހަރުއެވެ. އަދި މިދިޔަ އަހަރުން ފެށިގެން މި ޑްރޯން ވަނީ ޕީޕަލްސްލިބެރޭޝަން އާރމީގެ އަސްކަރީ ބާރުތަކުން ބޭނުން ކުރަން ފަށާފައިކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް މި ޑްރޯން ފުލީ އިކުއިޕްކޮށް ދުއްވަނިކޮށް ފޮޓޯނެގިފައިވާ މިއީ ފުރަތަމަ ފަހަރެވެ.
ޗައިނާ ފާހަގަކޮށްލެވެނީ ޑްރޯން އަދި އެ ނޫންވެސް ވައިގެ އަސްކަރީ ހަތިޔާރު އުފެއްދުމުގައި އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައެވެ. މިދުވަސްކޮޅު ޗައިނާއިން ދަނީ އަސްކަރީ ބާރުތައް ވަރުގަދަ ކުރަމުންނެވެ. އަވަށްޓެރި ޓައިވާނުން އެ ގައުމަށް ހަމަލާއެއް އަތުވެދާނެކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި މިފަދަ ހަމަލާއެއް އަތުވެއްޖެނަމަ އެމެރިކާއިން ފުރުސަތުގެ ބޭނުން ހިފައި އިތުރު ހަމަލާއެއް ދީފާނެ ކަމަށް ވެސް ޗައިނާއިން ދެކެއެވެ. އެހެން ކަމުން އެ ގައުމުން ދަނީ މިފަދަ ހަމަލާއެއް އަތުވެދާނެ ކަމަށް ދުރާލާ ތައްޔާރުވަމުންނެވެ. މި ޑްރޯންގައި ހަތިޔާރު އަޅައި އުދުއްސަން ޖެހުނީ ވެސް މި ސަބަބަށް ޓަކައި ކަމަށް ޓްވިޓާގައި ވައިރަލްވެފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.