ސަޢޫދީ އެރޭބިޔާއިން ހިންގަވާ ބިޔަ މަޝްރޫއުތަކަށް ބަލާލުމެއް.

Facebook
Twitter
WhatsApp
8C4AF2C8-74E8-4A08-93B2-65D790563E3A


ސަޢޫދީ އެރޭބިޔާއަކީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް ބިން ކަމުގައި ގަބޫލު ކުރުމުގެ އިތުރުން  ދިވެހިންގެ ހިތްތަކުގައިވެސްވަނީ އެގައުމަށް ވަރަށް ޚާއްސަ މަގާމެއް ދެވިފައެވެ. ސަޢޫދީ އެރޭބިޔާގެ ތަރައްގީއާއި ކުރިއެރުން ދިވެހިން ގުޅިފައިވާކަހަލަ އިޙުސާސެއް ގެނެސްދެއޭވެސް ބުނެވިދާނެއެވެ.                           

ސަޢޫދީ އެރޭބިޔާގައި 2 ކިލޯމީޓަރުގެ ( 6560 ފޫޓް) އުސް އިމާރާތެއް އެޅުމުގެ މަޝްރޫޢު އެއް   ޢިއުލާނު ކޮށްފިއެވެ. އެ މަޝްރޫއުގެ ބަޖެޓަކީ 5 ބިލިއަން އެމެރިކާ ޑޮލަރެވެ. މި ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ރިޔާޒުގައެވެ. މި ޢިމާރާތަކީ ރިޔާޒުގައި ތަރައްގީ ކުރެވެމުންދާ 18 އަކަ ކިލޯމީޓަރުގެ މަޝްރޫއުގެ ބައެކެވެ. 

މި އުސް ބިޔަ ޢިމާރާތް ކުރެވޭނީ ސައޫދީ އެރޭބިޔާގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯރޓް ސަރަޙައްދުގައެވެ. އެކަމަށްޓަކައި މިހާރު ވަނީ ބިން ކަނޑައަޅާފައެވެ. އަދި ފީސިބިލިޓީ ސްޓަޑީޒްވެސް ނިންމާފައެވެ. އާރކިޓެކްޓުންނާއި ޢިމާރާތް ކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކާއި ޑިވެލޮޕަރުންނާއި ތަޖްރިބާކާރުންނާއި އަދި ޕްރޮޖެކް މެނޭޖްކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ މި ޢިމާރާތް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. 

ބައިވެރި ވުމުގެ އަގަކީ ހަމައެކަނި އެއް މިލިއަން ޑޮލަރެވެ. މިހާތަނަށް އިމާރާތުގެ ކުރެހުން ހުށައެޅުމަށް 8 ކުންފުންޏަކަށް ވަނީ ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ސްކިޑްމޯރ އާއި އޯވިންގްސް އެންޑް މެރިލް އެސް. އޯ. އެމް. އާއި އެޑްރިއަން ސްމިތު އެންޑް ގޯރޑަން ގިލް ފަދަ ނަންމަޝްހޫރު ކުންފުނިތައް ހިމެނެއެވެ.                                                              

މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތަކީ ދުބާއި ގައި ހުންނަ ބުރުޖް ޚަލީފާއެވެ. އެ އިމާރާތުގެ އުސްމިނަކީ 828 މީޓަރެވެ. އެއީ 2716 ފޫޓްއެވެ. ބުރުޖް ޚަލީފާގެ ސަބަބުން ދުބާއި އަށްވެސް ވަރަށްގިނަ ތަރައްގީގެ މަޝްރޫއުތައް އޮހެން ފެށިއެވެ. އަދި އެތަނަކީ ޓޫރިސްޓުން ބެލުމަށް ވަރަށް ޝައުގުވެރިކަން ލިބިފައިވާ ތަނަކަށް ވެއެވެ.

ސަޢޫދީ އެރޭބިޔާގައި މިނޫނަސް ވަރަށް ގިނަ ބޮޑެތި މަޝްރޫއުތައް ހިންގަމުން އެބަގެންދެއެވެ. އޭގެ ތެރޭގައި އަލަށް ޢިމާރާތް ކުރެވޭ ކިންގް ސަލްމާން އިންޓަރނޭޝަނަލް އެއަރޕޯރޓް ފާހަގަކުރެވެއެވެ.

އެ އެއަރޕޯރޓް ނިމުމުން ދުނިޔޭގެ އެންމެ ބިޔަ އެއަރޕޯރޓް ތަކުގެ ލިސްޓަށް އެވައިގެ ބަނދަރު ވެގެން ދާނެއެވެ. ލަފާކުރެވޭ ގޮތައި އެ އެއަރޕޯރޓް 57 އަކަ ކިލޯމީޓަރަށް ފެތުރިގެން ދާނެއެވެ. މި ވަގުތު ދުނިޔޭގައި އޮތް އެންމެ ބިޔަ އެއަރޕޯރޓަކީވެސް ސަޢޫދީ އެރޭބިޔާގެ ކިންގް ފަހުދު އިންޓަރނޭޝަނަލް އެއަރޕޯރޓެވެ.

މީގެ އިތުރުން ދަ ލައިންގެ ނަމުގައި ޢިމާރާތްކުރެވޭ 170 ކިލޯމީޓަރުގެ ދިގު ނިއޯމް ސިޓީ އަކީ ވަރަށް ޚާއްސަ މަޝްރޫއެކެވެ.  ބުނެވޭގޮތުގައި އަލަށް ޢިމާރާތް ކުރެވޭ މި ޝަހަރުގައި އެއްވެސް މަގެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި ބޭނުންކުރެވޭނީ އާރޓިފިޝަލް އިންޓެލިޖެންސްގެ ވަސީލަތްތަކެވެ. ދަތުރުފަތުރުގެ ވަސީލަތް ހިނަގަމުންދާނީ ބިމުން މަތީގައެވެ. 

މީގެ މިސާލެއް ގެނެސްދިނުމުގެ ގޮތުން އެކަންތައް ރޭވުމުގެ ތަޖްރިބާކާރު ޖޯސެފް ބްރެޑްލީ ވިދާޅުވަނީ: ނިއޯމްގައި މަތިންދާބޯޓުން ފޭބުމަށްފަހު ބައިއޯ މެޓްރިކްގެ ވަސީލަތުން އެމީހަކު ދެނެގަނެވޭނެއެވެ. އެއަށްފަހު ޗެކްކުރުމުގެ ކަންތައް ނިމުމާއެކު އެމީހާގެ އަމިއްލަ އިޚްތިޔާރަށް ބޭނުންކުރެވޭ ޑްރޯން ޓެކްސީއެއް ލިބޭނެއެވެ. އެވެހިކަލްވެސް ތިބާ ދެނެގަންނާނެއެވެ. އަދި ތިބާ ބޭނުންވާ ވަގުތަށް އެތަނަކަށް އަންނާނެއެވެ. އިންތިޒާރު ކޮށްގެން ހުންނާކަށް ނުޖެހޭނެއެވެ.                      

ކޮންމެއަކަސް ނިއޯމްސިޓީ ގެ މަޝްރޫޢު އޮޅުންފިލުވާދޭން މަސައްކަތް ކުރުމަކީ މިވަގުތައް އިމުން ބޭރު ވުމެވެ. މަޝްރޫޢު ހިންގުމާއި ޙަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ ނަޒްމީ އަލް ނާސިރުވެސް ވިދާޅުވަނީ ނިއޯމް ސިޓީގެ މަޢޫލޫމާތު އެއްކޮށް ހާމަކުރަން ރޭވިފައި ނެތްކަމަށާއި ބޭނުން މަޢުލޫމާތަކާބެހޭ ގޮތުން ސުވާލު ކުރުމަށެވެ. 

މިހާރު ފެންނަން ހުރި މަޢޫލޫމާތު ކިޔާލުމުންވެސް ތަސައްވުރުކުރެވެނީ ހުވަފެނީ ޢާލަމަކަށް ވަދެވިގެން އުޅޭކަމަށެވެ.                                                       

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް