މިނިވަން ކަމުން އަޅުވެތިކަމަށް ދާނަންހޭ؟ ނުދާނަމޭ!

821

ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 60ހަކަށް އަހަރު ވާން ކައިރިވެފައިވާއިރު، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު މިއަދާއި ހަމަޔަށް ދެމި މިއޮތީ، އަޅުގަނޑުމެންގެ ކާބަފައިންގެ ބުރަ މަސައްކަތުންނެވެ. މި ކުޑަ ކުޑަ ރާއްޖޭގެ އިޤްތިސާދު ނަގާ ކޮޅަށްޖެހީ ލޯބޯ ފިއްސައިގެން ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. ހައިހޫނުކަމާއި، ދަތި އުނދަގޫ ދުވަސްތަށް ތަޙައްމަލްކޮށް އެކަމުންވެސް އަރައިގަތީ ކެތްތެރިކަމާއި އެކުއެވެ. މިޤައުމަށް އައި ބޭރުގެ ޢަދުއްވުންގެ ކޮންމެ ބަޔަކު ވެސް ޤައުމުން ފައްސާލީ ޙިކްމަތާއި، ޤައުމީ ލޯތްބާއި، ލޭގެ ޤުރުބާނީ އިސްކޮށްގެންނެވެ.

މިއަދު ޤައުމަށް މި ދިމާވެފައިވާ ދަތި ޙާލަތުގައި ވެސް، ބަލިމަޑުކަމުގެ ވާހަކަތަކަށް ވުރެން އެހެން ވާހަކަތަކެއްގެ އަޑު މިވަނީ ގަދަވެފައެވެ. އިންޑިޔާގެ އަސްކަރިއްޔާއާއި ދިވެހި ރާއްޖެއާއި ދެމެދު ގޮތްނޭނގޭ އެއްބަސްވުންތަކެއްވެ، ރައްޔިތުންނަށް އެކަން ފޮރުވަމުން ދާކަމަށް ގިނަ ބަޔަކު މިދަނީ ތުޙުމަތު ކުރަމުންނެވެ. އަނެއް ކޮޅުން މިވާހަކަތައް އޮއްބާލައި، މަތި އެޅުމަށްޓަކާ، އިންޑިޔާ އިން ދިން އެހީތަކާއި، އިންޓެރެސްޓް ބޮޑު ލޯނުތަކުގެ ވާހަކަ ކެނޑިނޭޅި ދައްކާ، ރައްޔިތުންނަށް އެމަންޒަރުތައް ފޮރުވުމަށް ސަރުކާރުގެ އިސްވެރިންނާއި، ތާއީދު ކުރާ ރައްޔިތުންތަކެއް ދަނީ ތަޢުރީފުގެ ބަސްތަކެއް އަމުނަމުންނެވެ.

އިންޑިޔާގެ އަސްކަރިއްޔާއާއި، ދިވެހިރާއްޖެއާއި ދެމެދު އުފެދިގެން މިއުޅޭ ގުޅުން ފެށިގެން އައި ގޮތަށް ބަލާލަމާ ތޯއެވެ. އެއީ މީގެ 10 އަހަރު ކުރިން 2010 ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އިންޑިޔާ ސަރުކާރުން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ދިން “ހަދިޔާ” އެއް ގެ ގޮތުގައި ރާއްޖެއަށް އަސްކަރީ ދެ ހެލިކަޕްޓަރު ފޮނުވިއެވެ. ނަމަވެސް އެއިރު ރާއްޖޭގައި އެ ހެލިކަޕްޓަރުތައް އޮޕަރޭޓް ކުރެވޭނެ ބަޔަކު ނެތް ކަމަށް ބުނެ، އެކަމަށް ބަޔަކު “ތަމްރީނު ވަންދެން” ކޮންމެ ހެލިކަޕްޓަރެއް އޮޕަރޭޓްކުރަން އިންޑިޔާގެ 20 ސިފައިން ރާއްޖޭގައި މަޑުކުރިއެވެ. ނަމަވެސް ރައީސް ނަޝީދާއި ރައީސް ވަހީދުގެ، ވެރިކަން ނިމުން އިރުވެސް އެބުނާ ބަޔަކު ތަމްރީނެއް ނުވިއެވެ. އެހެން ގޮސް 2017 ވަނަ އަހަރު، ރައީސް ޔާމީންގެ ވެރިކަމުގައި، އެއަހަރުތެރޭ އެކަމަަށް ތަމްރީނުވާ ބޭފުޅުން ތަމްރީނުވެ ނިމޭނެ ކަމުގެ ޚަބަރުތަކެއް ފެތުރުނެވެ. ނަމަވެސް އެޔަށް ފަހުގައިވެސް ހެލިކަޕްޓަރުތައް އޮޕަރޭޓްކުރުން، އިންޑިޔާ ސިފައިން ހުއްޓައެއް ނުލިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި، 2018 ވަނަ އަހަރު އެ އެއްބަސްވުން އާނުކުރަން ނިންމެވިއެވެ. ނަމަވެސް އެއަށް ފަހު ވެސް އިންޑިޔާ ސިފައިން ރާއްޖެ ދޫކޮށް ނުގޮސް ތިއްބާ ރައީސް ޞާލިޙުގެ ވެރިކަމުގައި ވަނީ އެ އެއްބަސްވުންތައް އަލުން އާކޮށްފައެވެ.

މިހެން މިކަންވެފައި އޮއްވައި، 2019 އަހަރު އިންޑިޔާގެ ކޯސްޓްގާޑުން، ރާއްޖޭގައި ހެލިކަޕްޓަރ އޮޕެރޭޓްކުރާކަމަށް ބުނެ ޓްވީޓެެއް ކުރިއެވެ. ގިނަ ބައެއްގެ ސަމާލުކަމަށް ކަން ހިނގި ގޮތް އައީ އެހާ ހިސާބުންނެވެ. ރައްޔިތުންގެ ގިނަ ބަޔަކު މިކަމާއި ދެކޮޅަށް ތެދުވަން ފެށިއެވެ. އިދިކޮޅު ކޯލިޝަނުން މިކަމުގައި ހިފާ ސަރުކާރަށް ޕްރެޝަރ ކުރަން ފެށިއެވެ.

ރައްޔިތުންގެ އަޑުތަކަށް ބީރު ކަންފަތެއްދީ، ދެން ސަރުކާރުން އަނެއްކާވެސް މިކަން އިތުރު ހަރުފަތަކަށް އުފުލައިލިއެވެ. މިއަހަރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ ގިނަ ބަޔަކާއިއެކު ޑޯނިޔާ-228 ނަމަކަށް ކިޔާ އަސްކަރީ މަތިންދާބޯޓެއް ގެނެސް ހދ.ހަނިމާދޫގައި ބާއްވައިފިއެވެ. އަދި އެރަށުގައި އިންޑިޔާ ސިފައިން ތިބުމަށް ކުއްޔަށް ދޭނެ ގެތަކެއް ހޯދަން ފަށައިފިއެވެ. އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ސަބަބަކީ ކުރިޔާއި ޚިލާފަށް މިހާރު އެތަކެތި އޮޕަރޭޓްކުރަން ދިވެހި ސިފައިން ތަމްރީނުކުރާ ވާހަކައެއްވެސް، އެތަކެތި ދިވެހި ސިފައިންނާއި ހަވާލުކުރާ ވާހަކައެއްވެސް ނުދައްކައެވެ. މާނައަކީ ދުވަހެއް ދުވަހަކަށް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ މިންވަރު ދެންވާނީ އިތުރެެވެ.

މިއުޅެނީ އެއްވެސް ވަރަކަށް އިންޑިޔާއިން ރާއްޖެއަށް އެހީ ވާތީ ކަންބޮޑުވެގެނެއް ނޫނެވެ. އެހީ ތަކުގެ ބަދަލެއްގެ ގޮތުން ދިވެހިންގެ މިނިވަންކަމަށް އަސަރުކުރާފަދަ މަންޒަރުތަކެއް ދައްކަމުން ދާތީ އެކަމާއި ކަންބޮަޑުވާތީއެވެ. މަގޫ ފަތުން ހިތި ފިލުވައިގެން ކައިގެން ދިވެހިންނަށް އުޅެވިދާނެއެވެ. ނަމަވެސް ބައެއްގެ އަޅުވެތިކަމާއި އަނިޔާގެ ދަަށުގައި އުޅޭކަށް އެއްވެސް ދިވެއްސަކު ނޭދޭނެއެވެ. މިޤައުމުގައި އިސްލާމް ދީން ނޫން ދީނެއް އޮތުމަށް ޙަޤީޤީ ދިވެހި ލޭހިނގާ އެއްވެސް ދަރިއަކު ނޭދޭނެއެވެ.

ކުޑަ ކުޑަ މިސާލެއް ދަންނަވާލާނަމެެވެ. ކަޝްމީރުގެ މުސްލިމުންނަށް އިންޑިޔާ ސިފައިން ދޭ އަނިޔާ ފެނޭތޯއެވެ. ކިރިޔާވެސް މުސްލިމް އުއްމަތަށް ލޯތްބެއް ހުރި ދިވެއްސެއް ނަމަ އެމަންޒަރުތަކުން އަސަރު ކުރާނެއެވެ. ލޮލުން ކަރުނަ ހިލޭނެއެވެ. ޢަބުރުވެރި އަންހެނުންގެ ޢިއްފަތްތެރިކަން މަގުތައް މަތީގައި ނަގާލަނީއެވެ. ކުޑަ ކުދިންތައް އިހާނެތި ކޮން އަނިޔާދީ މަރަމުން ގެންދަނީއެވެ. ދިރިތިއްބާ މުސްލިމުން އަންދަމުން ގެންދަނީއެވެ. އެތައް ބަޔެއްގެ ގެދޮރު ބިމާހަމަކޮށް އެތައް ބަޔަކު ހާލުގައި ޖައްސައިފިއެވެ. އެތައް ބަޔަކު ސާފު ފެންފޮދަކަށް ގޮވަ ގޮވާ އޮއްވާ ޝަހީދުވެގެން ގޮއްސިއެވެ. ކަޝްމީރަކީ އިންޑިޔާގެ ތަނަކަށް ހަދާލައިފިއެވެ.

އާދޭހެވެ. މިދައްކަނީ އިންޑިޔާގެ ސިފައިންގެ ޢަމަލުތަކުގެ ވާހަކައެވެ. އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތެވެ. އެޤައުމުގައި ވެސް އިންޑިޔާ ސިފައިން އާބާދު ކުރީ ކަޝްމީރުގެ ވެރިން އަމިއްލަ އަށެވެ. ފޭހުނު އިލޮށި ހެރުނީ އަމިއްލަ ލޮލަށެވެ. މިޤައުމު މިހާލަތަށް ދާން ދިވެހިން ދުވަހަކުވެސް ނޭދޭނެއެވެ. މިމަންޒަރުތައް ބަލަން ދުވަހަކުވެސް ދިވެހިންނަށް ކެތެެއް ނުވާނެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ:

(۞لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةٗ لِّلَّذِينَ ءَامَنُواْ ٱلۡيَهُودَ وَٱلَّذِينَ أَشۡرَكُواْۖ) سورة المائدة:82

“އީމާންވީ މީސްތަކުންގެ މައްޗަށް އެންމެ ޢަދާވަތްތެރިކަން ބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝިރުކުކުޅަ މީހުން (އެބަހީ ބުދަށް އަޅުކަން ކޮށް އުޅޭ މުޝްރިކުން) ކަމުގައި ވާތީ ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ.”

ސޯޝަލް މީޑިޔާގައި ޒުވާނަކު މިކަމާއި ތާޢީދުކުރާ މީހުންނަށް ދިން ރައްދެއްގައި ލިޔެފައި އޮތެވެ.

“މި އަރަތަކަށް ވާނީ، ބުއްދީގައި ތެތްކަމެއް ނެތް ވިސްނުންކޮށި، ދުނިޔެވީ ދަހިވެތިކަމަށްޓަކައި ކޮންމެ ގޮތެއް ވަރިހަމަ، މިތަނުގައި އިންޑިއާގެ މިލިޓަރީ ބޭސްތައް އަޅައި އެމީހުން ޤާއިމްވެ ތިބެ މިތަން އަޅުވެތިކަމުގެ ދަށަށް ދާން ރުހޭ މީހުންނަށް.

އިންޑިއާގެ ޑޮކްޓަރުންނާ ނަރުުުހުންނާ ޓީޗަރުންނާ އެނޫންވެސް މީހުން މިރާއްޖޭގައި ވަޒީފާ އަދާކުރަނީ ހިލޭ ސާބަހަކަށް ނޫން. އެމީހުން މިތަނުގައި ވަޒީފާ އަދާކުރާތީ ދިވެހިން ރުޅިއައިސްގެން ނުވަތަ ބިރަކުން ނޫޅޭ.

އިންޑިއާއިން ބޭހާ ކާބޯތަކެއްޗާ އެނޫން ތަކެތި ގެންނަނީ ހިލޭއެއް ނޫން. ބޮޑު އަގުދީފައި ގަނެެގެން.

އިންޑިއާއަށް ގޮސް ބޭސް ފަރުވާ ކުރަނީވެސް ހިލޭ ސާބަހަކަށް ނޫން.

އިންޑިއާއިން ދޭ ބޮޑެތި ރިބަވީ އިންޓަރެސްޓް ރޭޓްތަކުގެ ލޯނުތަކަކީވެސް ހިލޭ ދޭ އެހީއެއް ނޫން.

މިއިން ކޮންމެ ކަމެއްގައިވެސް ބޮޑަށް ފައިދާ އޮތީ އިންޑިއާ އަށާއި އިންޑިއާ ރައްޔިތުންނަށް.

މިހުރިހާ ކަމެއް ހިލޭކޮށްދިންނަމަވެސް އެއީ މިރާއްޖޭގައި އެމީހުންގެ މިލިޓަރީ ބޭސް ހަދައިގެން ބަނޑަހަ ޖަހައިގެން ތިބުމަށް ދެއްކެން އޮތް އެކްސްކިއުޒެއް ނޫން”.

ދިވެހި ރައްޔިތުންނޭވެ! ވަޤުތު ފާއިތުވުމުގެ ކުރިން ހޭލާށެވެ. އެހެންނޫންނަމަ ރާއްޖެއަކީ ދެވަނަ ކަޝްމީރަށް ވުން އޮތި ދުރުގައެއް ނޫނެވެ. އަމިއްލަ އެދުން އިސްކުރި މަދުބައެއްގެ ސަބަބުންނެވެ.

4 ހިޔާލުތައް

  1. އިންޑިއާ އިންޑިއާ އިންޑިއާ. ކުރީގައި ޗައިނާ ޗައިނާ ޗައިނާ! މިގައުމުގައި ސޯލިޙު ވެރިއަކު ހަމަ ނުލިބުނުދޯ. މިފަހަރު ގައިމުވެސް ވެރިމީހާ ނަމުން ސޯލިޙު ދޯ؟ ބުނާތީ އަޑުއިވެނީ މަޖިލިސްގެ ރައީސް ސޯލިޙު ރައީސަށް އެނގުމަކާ ނުލައި ބޭރުމީހުނަށް އޮންނަނީ އޯކޭ ދީފަޔޯ. އޭގެތެރޭގައި އޭނާ ވެރިކަމަށް އައުމަށް 2018 ގައި “އޭނާ ބުނާގޮތުން” އިންޑިއާގެ ޑިޕޮލޮމެޓުން ވެދެއްވި އެނހީތެރިކަމަށް ޝުކުރުއަދާކުރަމެވެ. ވީމާ ދެން އިންޑިއާ އިންޑިއާ ރާމްޖީ ނުވާންވީ ކީއްވެތޯއެވެ.

  2. ވަރަށް ދެރަވަރު. ވާނިވެސް އެހެންނޫންތޯއެވެ. މިގައުގައި ވެރިކަން ކުރަން ވާނީ މޮޔަ ކުއްޖެއް ނޫނީ ބޮޑު ވަގެއް ނޫނީ ބުރޯއެއް ކަމުގައި ރައްޔަތުންގެ މެޖޯރިޓީ ގަބޫލުކުރަންޏާ އޯކޭ ނޫންތޯއެވެ. ދެންތިބި ބޮޑުން ހިނހޫތަނުން ކާލައިގެން އޯކޭ ނޫންތޯއެވެ.

  3. މިހާރު ދެން އިންޑިއާގެ އެނހީ، އެހެޔޮ މިލިޓަރީގޮތުންނަމަވެސް ހޯދައިގެން ވެރިކަންކުރުން ނޫންގޮތެއް އެމްޑީޕީ އަކަށް ނޯންނާނެކަމަށް ފެނެއެވެ. އެހެނީ މިހާރުގެ ސިޔާސީ ކުޅިއަކީ އިންޑިއާގެ ފިލްމުތަކުންދައްކާ އަންޑަގުރައުންޑް ގޭންގް ކުޅިގަނޑެއްވައްތަރަށް ކުޅޭ ކުޅިގަނޑަކަށް ވެއްޖެނޫންހެއްޔެވެ. ގޭންގު ލީޑަރު ނުވަތަ ކާންދޭމީހާ އަތުގައި ދަތް އަޅައިފިނަމަ އެދެން ނިމުނީއެވެ. ޖާނުވެސް ސަލާމަތެއްނުވެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ