ޔޫކްރެއިންގެ ހަނގުރާމަ އަތުން ދޫވެގެން ހިނގައިދާނެ ކަމުގެ ބިރުއެބަ އޮތް!

Loading

Facebook
Twitter
WhatsApp

ނިއުސްމީޑިއާ ރިޕޯޓްތައް ބުނަގޮތުގައި މިދިޔަ ހުކުރުދުވަހު ނޭޓޯގެ އާންމުކުރި އިންޓަރވިއު ރިލީޒެއްގައި ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރެވެމުންދާ ހަނގުރާމަ އަތުންދޫވެ އެއީ ނޭޓޯ އާއި ރަޝިޔާއާއި ދެމެދު ކުރެވޭ ހަނގުރާމައަކަށް ބަދަލުވެގެން ހިގައިދާނެކަމުގެ ބިރު ބޮޑުވެއްޖެކަމަށް ބުނެފިއެވެ. 

ނޯވޭޖިއަން ބްރޯޑްކާސްޓަރ އެން.އާރް.ކޭ. އިން ކުރެއވި ސުވާލަކާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާރގް ވިދާޅުވީ މިހާރު ކަންތައް ގޯސްވަމުންމިދާ ގޮތުން ދެން އަނބުރާ ނާދެވޭވަރަށް ޙާލަތު ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ ކަމަށެވެ.                    

ޔޫކްރެއިންގެ ހަނގުރާމަ މިވަނީ ބިރުވެރި ހަނގުރާމައަކަށް ބަދަލުވެ ނިމިފައެވެ. އެ ހަނގުރާމަ ޔޫކްރެއިނުން ނިކުމެ ކޮންމެ ވަގުތެއްގައި ވެސް  ނޭޓޯގެ ތެރެއަށް ފެތުރިގެން ހިނގައިދާނެއެވެ.  މިފަދަ ޙާލަތަކަށް ނުގޮސްވޭތޯ އަހަރެމެން މިގެންދަނީ ބަލަމުންނެވެ. ނޯވޭ ކުރީގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ ސްޓޯލްޓެންބާގް އިތުރަށް ވިދާޅުވީ ހިނގަމުންމިދާ ހަނގުރާމަ ނޭޓޯގެ ގައުމުތަކަށް ފެތުރިގެން ނުދާނެއެކޭ ނުބުނެވޭނެ ކަމަށާއި ކޮންމެ ގޮތެއް ހަދައިގެންވެސް އެޙާލަތުން ދުރުހެލިވާން ޖެހޭ ކަމަށެވެ.

މިހާރުވެސް ރަޝިޔާއާއި ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދީ އަދި ރަޝިޔާގެ ސިފައިންގެ މަގާމުތަކާއި ޙަމަލާދޭން ވީގޮތުގެ ސިއްރު މަޢުލޫމާތު ފޯރުކޮށްދީ އަދި ޔޫކްރެއިންގެ ސިފައިންގެ ލަޝްކަރުތައް ތަމްރީނު ކޮށްދެމުން ގެންދިއުމަކީ ރަޝިޔާއާއި ދެކޮޅަށް ނޭޓޯއިން ހަނގުރާމާގައި ބައިވެރިވުންކަމަށް ރަޝިޔާއިން ގެންދަނީ ބުނަމުންނެވެ.އަދި މި ހަނގުރާމައިގާ ޔޫރަޕްގެ ގައުމުތަކާއި ރަޝިޔާއާއި ދެމެދު  އުފެދެމުންދާ ހަރުކަށި ބަސްމަގުގެ ތެރޭގައި އެމެރިކާއިން ބުނާކަހަލަ ”ދިފާޢުގެ ޙަމަލާއެއް“ ދިނުމަށް ވިސްނަން ޖެހިދާނެކަމަށް ރައީސް ޕޫޓިން ގެންދަވަނީ އިޝާރާތްކުރައްވަމުންނެވެ.

މިފަދަ ޙަމަލާއަކުން އެ ގައުމެއްގެ ކޮމާންޑް ސެންޓަރު ޙަލާކުކޮށް ލެވިދާނެއެވެ. ރައީސް ޕޫޓިންގެ މިއިޝާރާތަކީ ޔޫކްރެއިން ހަނގުރާމަ ފެށުމުގެ މާކުރިން ދުނިޔޭގެ ކޮންމެ ތަނަކަށްވެސް އެއްގަޑިއިރު ތެރޭގައި ޙަމަލާދެވޭނެ ކުޅަދާނަކަން ގާއިމްކުރެވިފައި ހުރިކަން އިސްތިހާރު ކުރުމުގެ ގޮތުން އެމެރިކާއިން ދެއްކި ވާހަކަތައް ތަކުރާރު ކުރުމެކެވެ.                      

ޕޫޓިން ވިދާޅުވީ މިއީ އަދި ހަމައެކަނި އަހަރެމެންގެ ވިސްނުމުގައި އޮތް ކަމެކެވެ. އެކަމަކު ފާޅުގައި އެވާހަކަ ދައްކަން އެމެރިކާ ލަދެއް ނުގަނެއެވެ. ރަޝިޔާގައި ހުރި ކަނޑައެޅޭ އަމާޒަށް ޙަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ކުރޫޒް މިސައިލާ ގާތްކުރެވޭ ވަރުގެ މިސައިލެއް އެމެރިކާގައި ނެތް ކަން އެމީހުންނަށް އެނގޭނެއެވެ. އަދި ރަޝިޔާގައި އުފައްދާފައި ހުރި ހައިޕަރސޯނިކް ހަތިޔާރު މިހާތަނަށް އެމެރިކާގައި އުފެއްދިފައެއްވެސް ނެތެވެ. ރައީސް ޕޫޓިން އިތުރަށް ވިދާޅުވި ކަމަށްވަނީ 2015 ވަނައަހަރު ޖަރުމާއި ފަރަންސޭސިން އިސްނަގައިގެން އިރުމަތީ ޔޫކްރެއިންގައި ސުލްޙަގާއިމްކުރަން އެއްބަސްވުމަކީ 2022 ވަނައަހަރުގެ ހަނގުރާމައަށް ޔޫކްރެއިން ތައްޔާރުވާން ވަގުތު ހޯދުން ކަމަށް ޖަރުމަނުގެ ކުރީގެ ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވުމުން ހިތާމަ ކުރައްވާމަކުގައެވެ.

އަހަރެންހީކުރީ އެމީހުންނަކީ އިޚްލާސްތެރި ނިޔަތެއްގައި އެކަމުގައި އިސްނަގައިގެން އުޅުނު ބައެއް ކަމަށެވެ. އެކަމަކު އެމީހުންގެ މަކަރުވެރިކަމުން ޔޫކްރެއިނަށް ހަތިޔާރާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދޭން ވަގުތުހޯދީކަން ފަޅާއެރީއެވެ. އަދި މާކެލްގެ ވާހަކަފުޅުން ދޭހަވަނީ ޔޫރަޕާއެކު ރަޝިޔާއިން ސުލްޙައިގެ އެއްވެސް ވާހަކައެއް ދެއްކުމުގެ މާނައެއް ނެތްކަމެވެ. 

އެހެންވީމާ ރަޝިޔާއިން ޔޫކްރެއިންގައި “ ޚާއްސަ މިލިޓަރީ އޮޕަރޭޝަން “ ފަށައިގަތުމުގައި ގޯހެއް ނެތެވެ. އަހަރެމެންނަށް ތަންކޮޅެއް ލަސްކުރެވުނީއެވެ.                        

ރަޝިޔާއިން އަބަދުވެސް ބުނަމުން މިގެންދަނީ ސުލްޙާއިގެ ވާހަކަތަކަށް ތައްޔާރު ކަމުގައެވެ. އެކަމަކު މިހާރު ހާމަވެގެން މިދިޔަގޮތުން ސުލްޙައިގެވާހަކަތައް މި ދެއްކެނީ ކޮންބަޔަކާ އެކުގައިކަން ދެފަހަރަށް ވިސްނާލަން ޖެހެއެވެ. އިތުބާރު ގެއްލުނީމައެވެ.

އަދި ކުރީގެ ސޯވިއެޓް ބްލޮކް ގެ ގިނަ ގައުމުތަކެއްގެ ސަލާމަތީ މުޝީރުންނާއެކު ވީޑިއޯކޮށް ވާހަކަދައްކަމުން ޕުޓިން ވިދާޅުވީ ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނަކީ އުކުޅެއްގެ ގޮތުގައި ހުޅަނގުން ބޭނުން ކުރަމުންގެންދާކަމަށެވެ. އެތައްޒަމާނެއް ވަންދެން އެއްވެސް ލަދެއް ޙަޔާތެއްނެތި ހުޅަނގުން ޑޮންބަސް ސަރަޙައްދަށް ހަތިޔާއު އޮއްސަމުންގެންގޮސް ޓެރަރިޒަމް ޙަރަކާތްތަކަށް ހިތްވަރުދީ މިއަދު އެއޮތީ އެ ސަރަޙައްދު ކޮލޮނީ އަކަށް ހަދާފައެވެ. ދެންމިހާރު ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިން ބޭނުންކުރަމުން އެގެންދަނީ ހަމަ އެބީދައިންނެވެ.                                                                 

މިދިޔަ ހުކުރު ދުވަހު ޔޫކުރެއިންގެ ރައީސް ޒެލެންސްކީ އާއި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް އާއި ދެބޭފުޅުން ފޯނުންވާހަކަ ދެއްކެވުމުގައިވެސް އިއްތިފާގުވެ ވަޑައިގަތީ ރަޝިޔާއާއެކު ސުލްޙައިގެ އެއްވެސް ވާހައެއް ދައްކަން ފެށުމުގެ ކުރިން ރަޝިޔާއިން އަތުލާފައި ޔޫކްރެއިންގެ ހުރިހާ ސަރަޙައްދަކުން ރަޝިޔާގެ ސިފައިން ފައިބަން ޖެހޭނެ ކަމުގައެވެ.      

ހަނގުރާމައިގެ މައިދާނުން ލިބޭ ޚަބަރުތަކަށް ބަލާއިރު ޔޫކްރެއިން އިރުމަތީ ހުރިހާ ސަރަޙައްދެއް ގައިވެސް ވަރުގަދައަށް ހަނގުރާމަ ހިނގަމުން އެބަދެއެވެ. އަދި ޔޫކްރެއިނުން ބުނަމުންގެންދަނީ ބައެއް ގެއްލުން ލިބެމުންދިޔަ ނަމަވެސް ފިނިމޫސުން ނިމުމުގެކުރިން މިހާރު ރަޝިޔާގެ ބާރުގެ ދަށުގައިހުރި ހުރިހާބިމެއް ފަތަހަ ކުރުމާއިއެކު މި ހަނގުރާމަ ނިންމާލާނޭ ކަމުގައެވެ. ނަމަވެސް އެކަން އެގޮތަށް ވެދާނެކަމަށް  ގަބޫލުކުރާ އެއްވެސް ގައުމެއް ނެތެވެ.                                                    

Loading

One Response

  1. މީޑިއާތަކުން ބުނަމުންގެންދަނީ ތިޔަ ހަނގުރާމައިގާ ރަޝިޔާ ބަލިވެ އަދި ރައްޔިތުން ބަނޑަށް ޖެހެމުންދާ ވާހަކަ. އެކަމަކު ފޮޓޯ ތަކުން ފެންނަނީ ޔޫކްރެއިން ބިމާހަމަވަމުންދާތަން. ނުބައި ފޮޓޯ ލެވެނީ ކަމަށް ވެދާނެދޯ…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް