ހުރިހާ ކުށަކަށް ޖަލު ނޫން އެހެންގޮތެއް ހޯދަންޖެހޭ

Loading

Facebook
Twitter
WhatsApp


 މާޒީވެދިޔަ ޒަމާން ތަކުގައި ރާއްޖޭގައި ކުށްކުރާމީހުން ނަށް ދެވޭ އަދަބަކީ އަރުވާލުމެވެ. ކުށްކުރާމީހުން ޖަލުތަކަށް ލައިގެން ހުރިހާ ކުށެއްގެ މީހުން އެކުގައި ގެންގުޅިގެން ކުށްވެރީންނަށާއި ދައުލަތަށް ލިބެނީ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެކަން މިހާރު އެނގެން ވެއެްޖެއެވެ. 

ޖަލުތަކަށް އަހަރަކު އެހިންގާ ޚަރަދާއި ޖަލުތަކުގައި ޙުކުމްތަންފީޒް ކުރަމުންދާ

ފަރާތްތަކުން ޖަލުތަކުގައި ތިބެގެން އެކުރާބޮޑެތި ކުށްތަކަކީ ހުއްޓުވަން ޖެހޭ ކަންކަމަށްގަބޫލުކުރަމެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް ޖަލުތަކުގައި ހިންގާ އެފަދަ ޖަރީމާތަށް ހުއްޓުވިފައެއް ނެތެވެ. އަދި ކުށްކުރާމީހުން ޖަލުތަކަށް ލައިގެން އެފަރާތްތަށް އިސްލާހުކޮށްގެން މުޖުތަމަޢަށް ނެރުމުގެ ހުނަރާއި ގާބިލްކަން ސަރުކާރު ތަކުގައި ނެތުމަކީ ކުށްކުރާ އައްޑާތަކަކަށް ޖަލުތައް ބަދަލުވެގެން ދާންޖެހުނު އެންމެބޮޑު އެނގެން އަހަޖެހެއެވެ.

     ރާއްޖޭގައި ކުށްކުރާމީހުން އިސްލާޙުކޮށް އެމީހުންނަކީ މުޖުތަމަޢަށް އަހުލުވެރި ކުރުވަން ޖެހޭބަޔަކަށް ވީނަމަވެސް ސަރުކާރުތަކުން އިޚުލާސްތެރި ކަމާއެކު އެމަސައްކަތް ކޮށްފައެއް ނުވެއެވެ. އެފަދަ ހުނަރާއި ގާބިލްކަން ސަރުކާރު ތަކުގައި ނެތުމުގެ ސަބަބުންނާއި ކުށްކުރާ މީހުނަށް ދައުލަތުން ކަނޑައަޅާ ޙުކުމްތަކުގެ މުއްދަތު ދިގުވުމާއި ޖަލުތަކަށްލެވޭ މީހުން މުޖުތަމަޢަށް ނުކުތުމުގެ ފުރުޞަތު ލިބޭ އިރު ޖަލުގައި ދިގުޒާމާން ތަކެއް ވަންދެން އެކުއްވެރީން ދުނިޔެއަށް ގެއްލުވާލެވިގެން ހުންނަން ޖެހުމުން މުޖުތަމަޢު އޭނާ ބަލައެއް ނުގަނެއެވެ. 

އެއީ ޓެކްނޯލޮޖީ ގެ ރޮގުން ދުނިޔެ ހޯދާފައިވާ ކުރިއެރުން ތަކުގެ ޢިލްމަށް އަހުލުވެރި ވުމުގެ ފުރުޞަތު ރައްޔިތުމީހާ އަށް ނުލިބި ޖަލުގައި އޭނާ ކަޑައްތު ކުރި ދިގު ރާސްތާ ގައި ސަރުކާރުތަކުން މުޖުތަމަޢު އޭނާ ބަލައިގަންނަ ފަދަ ދަރަޖައަކަށް ތަމްރީނު ދީ އިސްލާޙު ކޮށްފައި ނުވާތީއެވެ. 

ކުށްކުރާ މީހާ މުޖުތަމަޢުން އެކަހެރި ކުރަންވާނީ އޭނާ މުޖުތަމަޢުން ބޭރުކުރި އިރު ޓެކްނޯލޮޖީގެ ގޮތުން އޭނާހުރި ހިސާބު ނުގެއްލޭނެ ގޮތަށް އެއަށްވުރެ ހަރުދަނާ މީހަކަށް އޭނާ ބަދަލުކުރެވޭ ގޮތަށެވެ. ނޫންނަމަ މުޖުތަމަޢު އޭނާބަލައެއް ނުގަންނާނެއެވެ. ދެން ވާނެގޮތް ވިސްނާށެވެ. އޭގެ ބަދަލުގައި ކޮންމެވެސް ރަށަކަށް އަރުވާލެވޭ މީހުން އެނބުރި ވަޒަނަށް ރުޖޫޢަވާއިރު އޭނާ ހުންނާނީ ދިރިއުޅުމަށް ބޭނުންވާ އިތުރު ހުނަރާއި ތަޖުރިބާ ލިބި މުޖުތަމަޢު ގަބޫލު ކުރާ ފެންވަރުގައެވެ.

     އަނެއް ކޮޅުން ދައުލަތުން ކޮންމެއަހަރަކު ޖަލުތަކަށް މިލިއަނުން މިލިއަނުންކުރަމުންދާ އެ ބޭކާރު ޚަރަދު ތަކަށްވެސް ކޮންމެސްވަރެއްގެ ލުޔެއް ލިބޭނެއެވެ.

    މިހާރު ރާއްޖޭގެ ޖަލުތަކުގައި ގައިދީން ގެންގުޅެމުން އަންނަނީ ޖަލުތަކުގެ ޖާގައާ ނުބައްދަލު މިންވަރަކަށެވެ. އެހެންކަމުން ކުށްކުރާމީހުން ކެޓަގަރައިޒް ނުކުރެވި ހުރިހާބާވަތެއްގެ ކުށްކުރާ ކުށްވެރިން އެތިބެނީ މަސްހުނިކޮށްފައެވެ. އެހެންކަމުން  ރާއްޖޭގެ ޖަލުތަކަކީ ކުށް ކުރާމީހުން އުފައްދާ ޔުނިވަރ ސިޓީއެކެކޭ ބުނުމަކުން މާބޮޑު ދޮގަކަށް ނުވާނެއެވެ.

ނަތީޖާއަކީ މަޢާފުލިބިގެން ނޫނީ މުއްދަތު ހަމަވެގެން މުޖުތަމަޢަށް ނުކުންނަ މީހާ މުޖުތަމަޢުގައި އެއްދުވަސް ވެސް ހޭދަނުކުރެވި އެނބުރި ޖަލަށް ވަންނަން ޖެހޭގޮތްދިމާވެފާހުރި މަދަކުން ނޫނެވެ.

މިއީ ސަރުކާރުން ވިސްނާނޭ ކަމެއް ކަމަށް ގަބޫލު ކުރަމެވެ. އެހެނަސް މިކަންކަން ރަނގަޅު ކުރުމުގެ ހުނަރާއި ތަޖްރިބާ ހުރެގެން ޖަލުތަކުގެ މަގާމުތަކާއި ޙަވާލުވާފަރާތްތަކަށް ކުރެވޭނޭ މާބޮޑު ކަމެއް ނުއޮވެއެވެ. އެހެނީ އަބަދުވެސް ރާއްޖޭގައި އޯޑަރު އަންނާނީ ”މަތިން“ ނެވެ. މަތީގައި ހުރިމީހާ ގަމާރަކަށްވިޔަސް އެ ހެޔޮވާނެއެވެ! އަދި އެންމެ ނުރައްކާ ކަމަކީ ކޮންމެ ސަރުކާރަކުންވެސް ވެރިކަމަށް ވޮޑިގެންފާ ބޮޑެތި ޑްރަގް ޑީލަރުންނާއި ބޮޑެތި ކުށްވެރީން އެ ޢާއިލާތަކުގެ ރުހުމާއި ވޯޓް ހޯދުމަށް ހަމަ އެއްވެސް ހެޔޮލަފާ ތަމްރީނެއް ނުދީ އަބަ ދޫކޮށްލައެވެ. 

ރައީސްގެ ހެޔޮފުޅުކަމުން މަޢާފު ދެއްވިއްޔޯއެވެ. އެގޮތުން މިސަރުކާރުންވެސް 280 ކުށްވެރީން މިވީ 4 އަހަރު ދުވަހުގެ ތެރޭގައި ދޫކޮށްލާފައިވެއެވެ.

     އެހެންކަމުން ކުށްކުރާ މީހުން ޖަލަށް ލުމުގެ ބަދަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކަށް އެމީހެއްގެ ކުށުގެ ބާވަރުންނާއި މުއްދަތަށް ބަލައި، އަރުވާލުމުން އެމީހާ އިސްލާޙު ކުރުމަށް މުޖުތަޢުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދާނެކަމަށް ދެކެމެވެ.ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުން ރައްރަށުގައި ކުރާ އެކިބާތްތަކުގެ މަސައްކަތްތަކަށް އަރުވާލެވޭ މީހުން އަހުލުވެރި ކުރުވިދާނެއެވެ. 

އަދި މަސްވެރިކަމާއި ދަނޑުވެރުކަމުގެ ދާއިރާއަށް ހޭލުންތެރި ކޮށް ކުށްވެރިން އިސްލާޙުކުރެވި ދާނެކަމަށްވެސް ދެކެމެވެ.

އަދި ޖަލަށް ލުމުން ކުރަންޖެހޭ ހިތާމަތަކާއި ވިސްނަން ޖެހިފައިވާ ހިތްދަތި އިޙުސާސް މިނިވަން ބައެއްގެ ތެރޭގައި ހުރުމުން ޙައްލުވެގެން ދާނެއެވެ. ޒަމާން ބަދަކުވެ ރަށްރަށުގައި ކުރާ މަސައްކަތުގެ މާޙައުލުވެސް މިއަދު އެވަނީ ބަދަލު ވެފައެވެ. 

އެހެން ކަމާއިއެކު ކުށް ކުރާމީހުންނަކީ އެފަދަ ކުށްތަކުން ބަރީއަ ވެގެންވާ މުސްތަގްބަލެއް ބިނާ ކުރެވިދާނޭ ބަޔަކަށް ވާއިރު ޖަލުތަކަށް ލައިގެން އިންސާނާގެ ސިކުނޑި ގޮއްވާނުލާ އޭނާއަކީ މުޖުތަޢުގެ ތެރޭގައި ގަދަރުވެރި މީހެއްގޮތުގައި އިސްލާޙު ކުރެވޭނީ ރާއްޖޭގައި ކުށްކުރާމީހުން އަރުވާލައިގެން ކަން އެކިދިރާސާ ތަކުން އެދަނީ ހާމަވަމުންނެވެ. 

އެހެންކަމުން ދައުލަތް ހިންގަން ޙަވާލުވެތިބޭ ސަރުކާރުގެ ކަމާއިބެހޭފަރާތް ތަކުން އިޚުލާޞްތެރި ކަމާއެކު އެމީހުންގެ ވާޖިބު އަދާ ކުރައްވައި ކުށް ކުރާމީހުންގެ ސަބަބުން މުޖުތަމަޢު އެކުރާ ހިތާމަތަކަށް ޙައްލު ހޯދާދިނުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. ޖަލު ބޮޑުކޮށް ގިނަބަޔަކު ޖަލުގައި ގެންގުޅި އެއީ ބަޔަކަށް ބޮޑު ވިޔާފާރިއަކަށް ހަދައިދިނުމުގެ ވިސްނުން ދޫކުރަން ޖެހިއްޖެއެވެ. ހެޔޮލަފާވެރިކަމަކީ ރައްޔަތުން ހެޔޮލަފާ ގޮތެއްގައި ބެލެހެއްޓުމެވެ. ރައްޔަތުމީހާ އަށް ޚިދުމަތް ކޮށްދިނުމެވެ.

     ޖަލުތަކުގައި ގައިދީން ގެންގުޅުމަކީ ސަރުކާރުގެ ބޮޑުންނާއި ޖަލުބަލަހައްޓާ ބައެއްވެރީންގެ މުއްސަނދި ވަމުންދާ ކަމަކަށް ވެފައިވާއިރު މި ނުރައްކާތެރި ޢަމަލުތަކަށް ވެސް ނިމުން އަންނާން ޖެހޭކަމަށް ދެކެމެވެ.

  

Loading

2 Responses

  1. ހަމަ ވަރަށް ބެސް ލިޔުމެއް ތިއީ. ރާއްޖޭގައި ”ބޮޑުން“ ކުރާވައްކަން ބަލާ އަދަބުދެވޭނަމަ ތިބުނެފާވާގޮތް އަވަސް ވީސް. އެހެނީ އެވެރިން މިހާރު ބަންދެއްކުރިޔަސް ދޫނިދޫގައިވެސް ތިބޭނި އެތަނުގެ ގަނޑުވަރޭ އެކިޔާ ތަނުގައި. ރައްޔަތުމީހާ ކުޑަގޮޅީ. #ކެހިވެރިފަތިސް އަށް ވާނީ ހަމަ މިވަރު.

  2. މުޖުތަމާއެއްގައި އުޅޭ ކުށްވެރިންގެ ތެރެއިން އިސްލާހުވެގެން މަގުތަކަކަށް ނިކުންނާނީ 10 އިން ސައްތައަށްވުރެންވެސް މަދު އަދަދެކެވެ. މިއީ ދުނިޔޭގެ ތާރީޚުން ހެކިލިބެންހުރި ކަމެކެވެ. މި ރާއްޖޭގެ މާހައުލުން ހަމައެކަނި މަސްތުވާ ތަކެތީގެ މައްސަލާގައި އިސްލާހުކުރަން ފަރުވާދިން ކިތައް މީހުންގެ ބޭނުން މުޖުތަމާއަށް ހިފޭހެއްޔެވެ ؟ ޖަވާބު އެންމެނަށްވެސް އެނގެއެވެ. ކުށްވެރިންނަށް އަދަބު ލިބެންޖެހޭނެއެވެ. އެކަމަކު އެކުރި ކުށެއްގެ ނިސްބަތުންނެވެ. ހުރިހާ ކުށްވެރިން އެއްތަނެއްގައި ބަންދުކުރީމާ ދެންބުނަންޖެހޭނީ އަހިވަކާޖެހި އަހިވައް ފާވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް