އިނގިރޭސި ވިލާތާއި ވޭލްސްގައި ނަސާރާ ދީނުގެއަޣްލަބިއްޔަތު ގެއްލިއްޖެ

Loading

Facebook
Twitter
WhatsApp


އިނގިރޭސި ވިލާތާއި ވޭލްސްގައި ފުރަތަމަފަހަރަށް ނަސާރާ ދީނުގެ އަޣްލަބިއްޔްތު ގެއްލިއްޖެއެވެ. ސަރުކާރުން  އަންގާރަދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިނގިރޭސިވިލާތާއި ވޭލްސްގައި ނަސާރާ ދީނަށް ތަބާވާ މީހުންގެ އަދަދު މިހާރު އުޅެނީ 50 އިންސައްތައަށް ވުރެން ދަށުގައެވެ. 

ޑެއިލީ ޓެލެގްރާފުން ހާމަކުރިގޮތުގައި 2021 ވަނައަހަރު އިނގިރޭސި ވިލާތާއި ވޭލްސްގެ އާބާދީގެ 46.2 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 28 މިލިއަން މީހުން ގަބޫލުކުރަނީ ނަސާރާ ދީނެވެ. އެއީ 2011 ވަނަ އަހަރާ އަޅާކިޔާއިރު ގާތްގަނޑަކަށް 13 އިން ސައްތައިގެ މަދުވުމެކެވެ. އެ އަހަރުގެ ތަފާސްހިސާބުން އެނގުނީ ގާތްގަނޑަކަށް އާބާދީގެ 60 އިންސައްތަ ގަބޫލުކުރަނީ ނަސާރާ ދީންކަމުގައެވެ. 2001 ވަނަ އަހަރު އެ ނިސްބަތް އުޅުނީ 72 އިންސައްތައިގައެވެ.           

އާބާދީގެ ނިސްބަތުން ގިނަ ރައްޔިތުން އަދިވެސް ގަބޫލުކުރަނީ ނަސާރާ ދީން ކަމުގައި ބެލެވުނަސް އެއްވެސް ދީނެއް ގަބޫލުނުކުރާ މީހުންގެ ނިސްބަތަކީ މިހާރު 37 އިންސައްތަ ނުވަތަ 22 މިލިއަން މީހުންނެވެ. އަދި އެއީ 2011 ވަނަ އަހަރާ އަޅާބަލާއިރު 25 އިންސައްތައ ނުވަތަ 14 މިލިއަންމީހުންގެ އިތުރު ވުމެކެވެ. 2001 ވަނަ އަހަރު އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުންގެ ނިސްބަތަކީ ހަމައެކަނި 15 އިންސައްތައެވެ.           

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2011 ވަނަ އަހަރާއި 2021 ވަނައަހަރު އަޅާބަލާއިރު މުސްލިމުންގެ އަދަދު ވަނީ 4.9 އަކުން 6.5 އިން ސައްތައަށް އިތުރު ވެފައެވެ. އަދި ހިންދީންގެ އަދަދު  އެ މުއްދަތުގައި 0.2 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.                                              

ޑެއިލީ ޓެލެގްރާފުން ޔޯކުގެ އާރޗް ބިޝަޕް ސްޓެފަން ކޮޓްރެލް އާ ޙަވާލާދެމުން ބުނެފައިވަނީ ނަސާރާ ދީނަށް ތަބާވާ މީހުންގެ އަދަދު މަދުވުމަކީ ޙައިރާން ވާން ޖެހޭ ކަމެއް ނޫންކަމަށާއި އަދި މިހާރުވެސް ދުނިޔޭގައި އެންމެ ގިނަ ބަޔަކު ގަބޫލުކުރަނީ ނަސާރާދީން ކަމުގައެވެ. 

އެކަމަކު ނަސާރާ ދީން މީހުންނަށް އޮޅުންފިލުވާ ދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެންނަމަވެސް ހިއުމަނިސްޓް ޔޫ. ކޭ. ގެ ޗީފް އެގްޒެކެޓިވް އެންޑްރޫ ކޮޕްސަން ދެކޭގޮތުގައި ނަސާރާ ދީނަށް ތަބާވާ މީހުންގެ އަދަދު ދަށްވުކުން ދޭހަކޮށްދެނީ ދުނިޔޭގައި އޮތް އެންމެ ލާދީނީ ގައުމަކީ އިނގިރޭސި ވިލާތަށް ވެއްޖެ ކަމުގައެވެ.

ޔޫރަޕްގެ އެއްވެސް ގައުމެއްގައި އަހަރެމެންނާއި އެއްފެންވަރަކަށް ދީނާބެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދި އަދި އިންތިޒާމްތައް ކުރެވިފައި ނުހުންނާނެއެވެ. އެހެންވީމާ ދީނެއް ގަބޫލުނުކުރާ މިހާބޮޑު އާބާދީއެއް އޮތުމަކީ ކަންބޮޑުވާން ޖެހޭކަމެއް ކަމަށެވެ.                            

އިނގިރޭސި ވިލާތުގައި ދީނީ ޝިޢާރު ކަނޑައެޅުމަކީ ޗާރޗް އޮފް އިންގްލޭންޑްގެ ބާރުގެ ދަށުގައި އޮންނަކަމެކެވެ. އެ ފައްޅިގެ ބައެއް ފާދިރީންނަކީ ގާނޫނު ހަދާ މަތީގެ ހައުސް އޮފް ލޯޑްސްގެ މެމްމަރުންނެވެ. އިނގިރޭސި ވިލާތުގެ ރަސްގެފާނު ނުވަތަ ރާނީ ތަޚްތަށް އިސްކުރެވުމާއި އެކު ނަސާރާއިންގެ ޕްރޮޓެސްޓުންގެ ދީން ޙިމާޔަތްކޮށް ދަމަހައްޓަން ހުވާ ކުރަންޖެހެއެވެ.                                                             

ފަހުގެ ހޯދުންތަކުން އެނގޭގޮތުގައި އިނގިރޭސި ވިލާތެކޭ އެއްފަދައިން އެމެރިކާގައިވެސް ނަސާރާ ދީން ދޫކޮށް އެއްވެސް ދީނެއް ގަބޫލު ނުކުރުން އިޚްތިޔާރު ކުރަމުން ގެންދާ ރައްޔިތުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. 

އަދި އުމުރުން 30 އަހަރަށްވުރެން ދަށުގެ ޒުވާނުން ނަސާރާ ދީން ދޫކުރަމުން ގެންދާ ނިސްބަތަށް ބަލާއިރު 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު އެމެރިކާގައިވެސް ނަސާރާދީން ގަބޫލުކުރާމީހުންގެ އާބާދީ 50 އިން ސައްތައަށްވުރެން މަދުވާނެކަމަށް ބެލެވެއެވެ.                                                                

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް