އަތްތިލަ އައްސިވާ ބަލި ޖެހޭ ސަބަބުތައް

Loading

Facebook
Twitter
WhatsApp


އަތްތިލަ އައްސިވާ ބަލި ނުވަތަ ކާޕަލް ޓަނެލް ސިންޑްރޯމް އަކީ އަތުކުރީގައިވާ ފަތިނާރަކަށް ފިތުމުން ކުރިމަތިވާ ޙާލަތެކެވެ. އާންމު ގޮތެއްގައި ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވަނީ އަތުކުރީގައިވާ ”މީޑިއަން ނާރވް“ އަށް ފިތިގެންނެވެ. ނޫނީ އެފަތިނާރަށް ބާރުވެ، ފިތޭތީ އެވެ. ކާޕަލް ޓަނެލް ސިންޑްރޯމް އަށް ބައެއް ފަހަރު ”މީޑިއަން ނާރވް ކޮމްޕްރެޝަން“ މިހެން ކިޔައި އުޅެއެވެ.

ކާޕަލް ޓަނެލް އަކީ އަތްތިލައިގެ ބަނޑުފުށުގައި އިންނަ، އޭގެ ތެރެއިން ފަތިނާރުތައް އަތުގެ އިގިލިތަކަށް ގޮސްފައިވާ ހަނި މަގެކެވެ. ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވަނީ އަތްތިލައިގައި ކާޕަލް ޓަނެލްގެ ތެރޭގައި ހުންނަ ޓެންޑަންތަކުގެ ވަށައިގެން ހުންނަ ސެލޯށި ތައް ނުވަތަ ޓިޝޫތައް ދުޅަވެ، މީޑިއަން ނާރވް އަށް ފިތޭގޮތްވުމުންނެވެ. ނުވަތަ މީޑިއަން ނާރވް ފިތި ބާރުވުމުންނެވެ. މިސެލޯށި ތަކަށް ކިޔަނީ ”ސައިނޯވިއަމް“ އެވެ..

ސައިނޯވިއަމް އަކީ ބަޔާންކުރެވުނު ޓެންޑަންތައް ”ތެޔޮކަންމަތީ ބަހައްޓައިދީ އިގިލިތައް ފަސޭހައިން ޙަރަކާތްތެރި ކުރުމަށް އެހީވެދޭ އެއްޗެކެވެ. ސައިނޯވިއަމް ދުޅަވުމުން ކާޕަލް ޓަނެލްގެ ތެރޭގައި މީޑިއަން ނާވް އަށް އިންނަ ޖާގަ ކުޑަވެ، މީޑިއަން ނާވް އަށް ފިތޭގޮތް ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަތްތިލައިގައި ރިހުން، އައްސިވުން، ކަށިހަރާހެންހީވުން، އަދި ބާރުދެރަވުން ކުރިމަތިކުރުވައެވެ.

ކާޕަލް ޓަނެލް ސިންޑްރޯމް ޖެހުމަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި މާބޮޑަށް ފަލަވުމާއި ބައެއް ކަހަލަގެ ބޭސްތައް ބޭނުންކުރުމާއި އަތުގެ އިނގިލިތައް ތަކުރާރުކޮށް ބޭނުންކުރަން ޖެހުމާއި ވާރުތަވުމާއި މާބަނޑުވުމާއި ފަތިނާރުތަކަށް ގެއްލުން ލިބުން ހިމެނެއެވެ.

ކާޕަލް ޓަނެލް ސިންޑްރޯމްގެ އަލާމާތްތައް ފެންނަމުން އަންނަނީ މަޑުމަޑުން ލަސްލަހުންނެވެ. އެގޮތުން އަތްތިލައާއި އިގިލިތައް އައްސިވުން، ކަށިހަރާހެންހީވުން، ދިލަނެގުން އަދި ރިހުން މިއީ އެންމެ ފުރަތަމަ ފެންނަށް ފަށާނެ ޢަލާމާތްތަކެވެ. މިއުދަނގޫތައް ކުޑަވައި އިގިލި ފިޔަވައި އެހެން ހުރިހާ އިގިލިތަކަކުން ފާހަގަ ކުރެވިދާނެ އެވެ. މިކަންކަން ބައެއް ފަހަރު އަތްދަނޑިން ވެސް ފާހަގަ ކުރެވިދާނެއެވެ. ކާޕަލް ޓަނެލް ސިންޑްރޯމްގެ ޢަލާމާތްތައް ފުރަތަމަ ފާހަގަވާން ފަށަނީ ރޭގަނޑުގައެވެ.

ކާޕަލް ޓަނެލް ސިންޑްރޯމް ގެ އުދަނގޫތައް ފެންނަށް ފެށުމާއެކު ފަރުވާކުރަން ފެށުމަކީ މުހިއްމު ކަމެކެވެ. ޢަލާމާތްތައް ފެންނަށް ފަށާތާ ކުރީކޮޅު ވަރަށް ކުދިކުދި ކަންތައްތައް ކޮށްލައިގެން ބަލީގެ އުދަނގޫތަކަށް ލުއިކަން ހޯދިދާނެއެވެ. ނަމަވެސް ޙާލަތު ގޯސްނަމަ ސާޖަރީ ކޮށްގެންނާއި ބޭސް ކައިގެން މިކަން ރަނގަޅު ކުރެވޭނެއެވެ.

Loading

One Response

  1. ލާހޫރޭ ޚަބަރުތަކަށްވުރެ މިފަދަ ފައިދާކުރަނެވި ލިޔުންތައް ވަރަށް މުހިންމެވެ. ޝުކުރިއްޔާ ސަންދާނު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް