ތާރީޚުގެ ތެރެއިން:އެމެރިކާ އުފަންވީ ނަސާރާދީން ގަބޫލުކުރާ ގައުމެއްގެ ގޮތުގައިތަ؟

Loading

Facebook
Twitter
WhatsApp

ކޮންމެ ބައެއްގެ މެދުގައިވެސް އެމީހުން ގަބޫލުކުރާ އާދަކާދަތަކަކާއި އުސޫލުތަކެއް ހުރެއެވެ. އެއީ އެބަޔަކު ގަބޫލުކުރާ ދީނޭވެސް ބުނެވިދާނެއެވެ. ހަމަ އެފަދައިން ބަޔަކުމީހުންގެ ނަސްލު ދެނެގަތުމުގައި އެބަޔަކުގެ އިއްޔެއާއި މިއަދުގެ ޙަގީގަތް ދެނެގަތުންވެސް ބޭނުމެވެ.

ހަމައެފަދައިން ބާރުގަދަ ގައުމުތަކާއި ބާރުގަދަ މީހުން އެމީހުންގެ އާރާއި ބާރު އެހެން ގައުމުތަކާއި މީހުންގެ މައްޗަށް ހިންގުމުގެ ތަފާތު އުކުޅުތައްވެސް ބޭނުން ކުރެއެވެ. އެއްޒަމާނެއްގައި ކޮލޯނިއަލިޒަމްގެ ނަމުގައި ގައުމުތައް އިސްތިޢުމާރުކޮށް އަޅުވެތި ކުރަމުން ގެންދިޔައެވެ.  

އެގޮތަށް އެކަންތައް ކުރަމުން ގެންދިއުން އުނދަގޫކަމަށް ވުމުން ދެން ތައާރުފް ކުރެވިގެން މިދަނީ އަމިއްލަ ގައުމުގެ ރައްޔިތުން އިސްތިއުމާރު ކުރުމުގެ ފަލްސަފާއެވެ. ޑިމޮކްރެސީއެވެ. ޑިމޮކްރެސީގެ އެންމެ މުހިންމު އަސާސަކީ ޕާރޓީ ނިޒާމެވެ. ރީތި އިނގިރޭސި ބަހަކުން ނަން ދިފާއޮތަސް މަގްސަދަކީ ރައްޔިތުން ބައިބައިކޮށްލުމެވެ. ބާރުގަދަ ބަޔަކު ވެރިކަންކުރުމަށްޓަކައި ރައްޔިތުން ބާރުވެރިކުރަނީ ކަމަށްބުނެ ރައްޔިތުންގެ ބާރު ކަނޑުވާލަނީއެވެ.

ބާރުގަދަ މީހުން ވެރިކަމުގައި ބޭތިއްބުމަށްޓަކައި ކުރަންޖެހޭ އެންމެހާ ހަޑިހުތުރު މުޑުދާރު ކަންތައް ނިކަމެތި ރައްޔިތުން ލައްވާ ކުރުވައިގެންނެވެ. ވިސްނާ ދީފައި މިއޮންނަނީ ޕާރޓީއަށްޓަކައި މަރުދިނުމަކީ ޝަރަފްވެރި ޖިހާދެއް ކަމަށެވެ. އެހެން ބަޔަކާއިދޭތެރޭ ވިސްނަން ބޭނުން ނުވިޔަސް އަޅުގަނޑުމެންގެ އަމިއްލަ ކުޑަކުޑަ ރާއްޖޭގައި ކަންތައް ހިނގަމުން ދާގޮތް ބަލާ ފިލާވަޅު ލިބިގަންނަން ޖެހެއެވެ. 

އެމެރިކާއޮތީ ދުނިޔޭގައި އިންސާނީ ޙައްގުތައް ކަށަވަރުކުރުމުގެ އެންމެ އިސްސަފުގައި ކަމަށް ގެންދަނީ ދައުވާކުރަމުންނެވެ. އަދި ދުނިޔޭގެ ގިނަ ބަޔަކު އެއީ ތެދެއްކަމަށް ދެކެ އެމެރިކާއިން މިސާލު ޖަހަތެވެ! އެހެންވެގެން އެގައުމުގެ ވާހަކަ ލިޔަން ގަސްދުކުރީއެވެ.    

މިތާގައި ދިވެހިންގެ ތެރޭގައި މަޝްހޫރު ބަސްކޮޅެއް ލިޔެލާނަމެވެ. މަންމަގެ ހުއްދައާއެކު ދީނީ ދަރުސެއް އަޑުއަހަން ދަރިޔަކު ދިޔައެވެ. ދަރުސް ނިމިގެން ދަރިފުޅު ގެއަށް އައުމުން އެ ދަރުސް އިން ދަސްވި ފިލާވަޅަކީ ކޮބައިތޯ މަންމަ ސުވާލު ކުރިއެވެ. ޖަވާބުގައި ދަރިފުޅު ބުންޏެވެ. “ ދަނޑިބުރިއެކޭ އަދި ދަރުބޮނޑިއެކޭވެސް ބުންޏެވެ. “ މިއަދުގެ ޙާލަތަށް ވަރަށް މުނާސަބު ޖަވާބެކެވެ.                                         

އެމެރިކާއަކީ ނަސާރާ ދީނުގެ މައްޗަށް އުފަންކުރުވި ގައުމެއް ހެއްޔެވެ؟ މިހާރަކަށް އައިސް ތިމަތިމާމެންގެ ދީނީ، މަޒްހަބީ އަދި އަގީދާގެ މިނިވަންކަމަށް ވަކާލާތު ކުރަމުންދާއިރު ގިނަ ގައުމުތަކެއްގައި އެބަޔަކު ޢަމަލު ކުރަންޖެހޭ ގައުމުގެ ގާނޫނު އަސާސީގައި ރަސްމީގޮތުން އެ ބައެއްގެ ދީނަކީ ކޮބައިކަން ކަނޑައަޅާފައި އޮވެއެވެ. ގާނޫނު އަސާސީއަކީ އެންމެންވެސް އެއަށް އަމަލުކުރަން ޖެހޭއެއްޗެކެވެ. އެމެރިކާގެ ގާނޫނު އަސާސީ ބުނަނީ ކީކޭތޯ ބަލާލަމާހިނގާށެވެ.                                                           

އެމެރިކާ އުފަންވެގެން އައި އިރު އެ ގައުމުގެ ހުރިހާ ރައްޔިތުން ނަކީވެސް ކޮންމެވެސް ދީނަކަށް ނިސްބަތް ކުރެވޭ ބައެކެވެ. އަދި ދުނިޔޭގައި ހުރި ނަސާރާ ދީނުގެ ތަފާތު މަޒްހަބު ތަކަށް ނިސްބަތް ނުކުރެވޭ އެހެން ގައުމުތަކާއި އެހެންމީހުން ނުވަތަ އެހެން މުޖުތަމާ ތަކާދޭތެރޭ ފާޑުކިޔުމާއި އެމެރިކާއިން ބޭނުންވާ ކަންތައްތަކާއި ތަންތަން އަތުލައިގަތުމުގައި ނަސާރާދީނަކީ އަސާސެއް ކަމުގައިވެސް ބެލެވިގެން ދެއެވެ.

އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ އެހެން ދީންތަކާއި މަޒްހަބުތަކުގެ މީހުން ދީން ނުވަތަ މަޒްހަބަށް އީމާންވާންޖެހޭ ގޮތާއި މިންވަރުވެސް ތަރުޖަމާކުރުމަކީ އެމެރިކާއިން ކުރަންޖެހޭ ކަމަކަށް ވެގެން ހިނގައްޖެވެ.                           

1776 ޖުލައި 4 ން ފެށިގެން އެމެރިކާގެ ސިޔާސަތުގައި ކުރިމަގު ދައްކަމުންގެންދަނީ ނަސާރާ ދީނުންނެވެ.  އެއްބަޔަކުގެ އަނިޔާވެރި ކަމާއި ނާއިންސާފަކީ ކަންކުރަންވީ ގޮތް ކަމަށް ވަކާލާތު ކުރަމުން އަނެއްބަޔަކީ އަޅުންކަމުގައި ހަދަމުން ގެންދިޔައީ ނަސާރާދީނުން ކުރަހާދެމުން ގެންދިޔަ މަގުޗާޓުގެ ތެރޭން ހުއްދަ ކުރެވިފައިވާ ކަންތަކެއްގެ ގޮތުގައެވެ.

ކޮމިޔުނިސްޓުންނާއި އަދި ނާޒީންނާއެކު ހަނގުރާމަކުރީ އެއީ އެ މަގުޗާޓުގެތެރޭން ނަސާރާއިންގެ ގޮތުގައި ތިބެގެން ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށް ވީމައެވެ.                      

އެމެރިކާގައި އިސްތިއުމާރީން ވެރިވެގެން ތިބިއިރު ކޮންމެ ދީނަކަށް ނުވަތަ މަޒުހަބަކަށް ނިސްބަތްކުރެވޭ ބަޔަކު ވަޒަންވެރިވީކަމުގައި ވިޔަސް އެބައެއްގެ ދީނުގައި ތިބުމަށާއި މަޒްހަބާއި އާދަކާދަތަކަށް ދިރިއުޅުން ބައްޓަން ކުރުމުގައި ވެރިންގެ ފަރާތުން ސީދާގޮތެއްގައި އެއްވެސް ނުރައްކަލެއް ނޯވެއެވެ. އެހެންނަމަވެސް މިގޮތަށް ވަޒަންވެރި ވެފައިތިބި ގުރޫޕްތަކުގެ މެދުގައި ދެކޮޅުވެރިކަމާއި ކުރިމަތިލުންތައް އިތުރުވެގެން ދިއުމުގައި އެމީހުންގެ އަތެއް ނެތޭ ބުނަން އުނދަގުލެވެ.                                                 

އެހާހިސާބުން ގާނޫނު އަސާސީއެއް ލިޔެވިގެން ދިޔައިރު އަސާސަކަށް ބަލާފާއޮތީ ނަސާރާދީނެވެ. އެހެންނަމަވެސް އެހެން ދީންތަކަށް އުޅެންބޭނުންވާ ބަޔަކަށް އެކަން އޮތީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފައެވެ.އަދި ގާނޫނު އަސާސީއަށް ގެނެވުނު ފުރަތަމަ އިސްލާހުގައި އެމީހަކު އުޅެން ބޭނުންވާ ދީނަކީ އެމީހަކުގެ އިޚްތިޔާރެއް ކަމުގައި މާބޮޑަށް ބާރު އަޅާފައިވެއެވެ.                                                    

އެމެރިކާ އުފަންކުރުވި ތަފާތު ދީންތަކާއި މަޒްހަބުތަކުގެ ބޭފުޅުންގެ ވިސްނުންފުޅު ހުރީ ދީނާއި ސަރުކާރު މުޅިން ވަކިން ބޭއްވުމަށެވެ. ގާނޫނު އަސާސީއަށް ގެނެވުނު ފުރަތަމަ އިސްލާޙުގައި ދީނީ މިނިވަން ކަމަށް އެހާބޮޑަށް ބާރު އަޅާފައިވަނީވެސް އެ ވިސްނުމުގައެވެ. އެހެން ގައުމު ތަކާއި ގަބީލާތަކުގައި އުފެދިގެންދިޔަ ދެކޮޅުވެރި ކަމާއި ތަޅާފޮޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސަރުކާރުގެ ތެރެއަށް ދީން ވެއްދުމުގެ ސަބަބުންކަން އެބޭފުޅުންނަށް އެނގެއެވެ.                                                               

ގާނުނު އަސާސީއަށް ގެނެވުނު ދެވަނަ އިސްލާހުވެސް ފާހަގަކޮށްލަން ޖެހެއެވެ.  ފުރަތަމަ އިސްލާޙްގައި ސަރުކާރުގެ ފަރާތުން އެއްވެސް ދީނެއް ޕްރޮމޯޓް ކުރުމަށް އެހީވެދީ ބާރު އެޅުން އޮތީ މަނާކޮށްފައެވެ. އެ ސަބަބަށްޓަކައި ނަސާރާ ދީނަކީ އެމެރިކާގެ ރަސްމީ ދީނެއް ނޫނެވެ. އަދި ވަކިދީނެއް ކިޔަވާދޭ ސްކޫލަކަށް  ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދިނުމަކީވެސް މަނާކަމެކެވެ. ދެވަނަ އިސްލާހުގައިވާ ގޮތުން ވަކިދީނަކަށް އުޅުމަކުން އެމީހާ ކުށްވެރިއެއް ނުވާނެއެވެ.                                                         

އެމެރިކާގައި އޮތް ދީނީ މިނިވަންކަމަށް ޖެހިގެން އައި އަހަރުތަކުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާން     ޖެހުނެވެ.  1801 ވަނައަހަރު އިންތިޚާބީ ރައީސް ތޯމަސް ޖެފަރްސަންއާއި ކޮންގްރެސްގެ އަޣްލަބިއްޔަތަށް ކެމްޕޭންކުރުމުން ބެޕްޓިސްޓުންގެ ޖަމާޢަތަކުން ޝަކުވާ ހުށައެޅިއެވެ.

އެ ޖަމާއަތުން ތަރުޖަމާ ކުރިގޮތުގައި ގާނޫނު އަސާސީން ދީނީ މިނިވަންކަން ދީފައި އޮތަސް އެމީހުން ކުރަންޖެހުނީ ދީނީ މިނިވަންކަން ކަށަވަރު ކުރުމުގެ މަސައްކަތެކެވެ. އެމީހުންގެ ޒުވާބަކީ ދީނީ މިނިވަން ކަމަކީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުން ގޮތަކަށް މާނަކުރެވޭ އެއްޗަކަށް ވެގެން ނުވާނެއެވެ. އެންމެފަހުން  ތޯމަސް ޖެފަރސަން އަށް ޖެހިވަޑައިގަތީ “ ދީނާއި ސަރުކާރާއި ދެމެދު އިންފާރެއް ކަނޑައެޅުމަށްޓަކައި“  މަޝްހޫރު ފުރަތަމަ އިސްލާހް ހުށައަޅުއްވާށެވެ. 

ޖެފަރސަން ވިދާޅުވަމުން ގެންދެވީ ދީނީ މިނިވަންކަން ލިބިފައި އޮތުމަކުން އެހަރެންނަށް ވާ ތަދެއް ނެތެވެ. އަވަށްޓެރިޔާ އަކީ ވިއްސަކަށް ކަލާންގެއަށް އަޅުކަން ކުރާމީހަކަށް ވިޔަސް ނޫނީ ކަލަކު ގަބޫލު ނުކުރާ މީހަކަށްވިޔަސް އަހަރެންގެ ޖީބުން ވައްކަން ކުރާކަށް ނޫނީ އަހަރެން ހިނގާފައި ދަނިކޮށް ފައި ބިންދާލާކަށް ނާންނާނެއެވެ. އޭގެ ފަހުން ފާއިތުވެގެން މިދާ 200 އަހަރުގެތެރޭގައި ޖެފަރސަންގެ ބަސްފުޅު ރަނގަޅު ކަމަށް ބަލާގަންނަން އެބަ ޖެހެއެވެ.    

ނަސާރާއިންގެ ތަފާތު މަޒްހަބު ތަކުގައި އަޅުންނާއި ބެހޭގޮތުން އުފެދިގެން އައި ތަފާތު ފިކުރުގެ ސަބަބުން 1800 ގެ އަހަރު ތަކުގެ ތެރޭގައި ދާޚިލީ ހަނގުރާމައެއް ފެށިގެން ދިޔައެވެ. އެމެރިކާ އުފެދުމުގައި އޮތް ދީނީ މިނިވަންކަން އެއްފަރާތް ކުރެވި އެމެރިކާއަކީ ނަސާރާދީނުގެ ގައުމެއް ކަމުގައި ހެދުމުގެ އަމަލީ މަސައްކަތްތައް ފެށިގެން އައީ މި އުފެދުނު ތަފާތު ވިސްނުންތަކުގެ ތެރެއިންނެވެ. 

އެންމެފަހުން 1950 ގެ އަހަރުތަކުގެ ތެރޭގައި ނަސާރާ ދީނުގެ ޚާއްސަކޮށް އިވެންޖަލިސްޓުންގެ އަޑު ގަދަވެއްޖެއެވެ. ދޭތެރެއަކުން މި މައްސަލައިގެ ތެރެއަށް ސުޕްރީމްކޯޓުން ވަދެ މައިގަނޑު ތިން ނުކުތާއެއްގެ މައްޗަށް ބިނާކޮށް ނިޔާ އިއްވަންވެސް ޖެހުނެވެ. އެ ނިޔާގައި ހިމެނޭ ބައިތަކަކީ: ސަރުކާރުން ކަނޑައަޅާ ސިޔާސަތުގައި ދީނީ މަގްސަދެއް އޮވެގެން ނުވާނެއެވެ. 

އެއްވެސް ދީނެއް ޕްރޮމޯޓް ކުރަން މަސައްކަތް ކޮށްގެން ނުވާނެއެވެ. ސަރުކާރުން ދީނީ ކަންތައްތަކުގެ ތެރެއަށް ވަދެގެން ނުވާނެއެވެ. ނަމަވެސް މިއަދު ސުޕްރީމްކޯޓުގެ އެވިސްނުންވެސް 180 ޑިގްރީއަށް ތަފާތު ވެއްޖެއެވެ. އަދި ވަކި ބަޔަކު ގަބޫލުކުރާ ގޮތަކީ ހަމައެކަނި އީމާންކަން ކަމުގައި ވެއްޖެއެވެ. އަނެއްބަޔަކަށް މިޖެހުނީ އަނެއްކާވެސް ގާނޫނުން ލިބި ކަށަވަރުކޮށްދީފައިއޮތް ދީނުގެ މިނިވަންކަމް ހޯދަން މަސައްކަތް ކުރާށެވެ.                            

ރައްޔިތުންގެ ފައިސާގައި ހިންގާ ސްކޫލްތަކުގައި ވަކިދީނެއް ކިޔަވާދެވިގެން ނުވާނެއެވެ. ގާނޫނު އަސާސީގެ ފުރަތަމަ އިސްލާހް އަދި ވެސް އެގޮތުގައި އޮތީމައެވެ. އެ ސްކޫލް ތަކުގައި ވަކި ދީނެއްގެ އުސޫލަށް އަޅުކަމުގެ ކަންތައްތައް ކުރެވިގެންވެސް ނުވާނެއެވެ. މިއީ ގާނޫނު އަސާސީގެ ފުރަތަމަ އިސްލާހުގެ ރޫހެވެ.  

ގާނޫނު އަސާސީ ބަދަލުކޮށްގެން މެނުވީ ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެއްވެސް މިނިވަން ކަމެއް ހަނިކުރެވި ނުވަތަ ނިގުޅައިގަނެވިގެން ނުވާނެއެވެ. އެމެރިކާ އުފެއްދި މީހުން އެހާސާފު އިބާރާތުން އެކަން އެކަށައަޅައި އަދި އެއަށް ބާރު ދިނުމުގެ ގޮތުން 1797 ވަނައަހަރު “ ޓްރިޕޮލީގެ މުޢާހަދާ “ އުފަންކުރުވީ ސަބަބެއް ނެތިއެއް ނޫނެވެ. 

ޓްރިޕޮލީގެ މުޢާހަދާގައި ވަރަށް ސަރީޙަ އިބާރާތުން އެއޮތީ އެމެރިކާ އުފަންކުރުވާފައިވަނީ ނަސާރާދީނުގެ އަގީދާގެ މަތީގައި ނޫންކަން ކަނޑައަޅާފައެވެ.އެ ހުށައެޅުމަކީ ޖޯޖް ވޯޝިންގްޓަންގެ ހުށައެޅުއްވުމެކެވެ. ސޮއި ކުރައްވާފައިވަނީ ޖޯން އެޑަމްސް އެވެ. އަދި ތަސްދީގު ކުރައްވާފައިވަނީ ސެނޭޓުގެ އިއްތިފާގުންނެވެ. އޭގެތެރޭގައި ގާނޫނު އަސާސީގައި ސޮއިކުރެއްވި ގިނަ ބޭފުޅުން ތަކެއްވެސް ހިމެނިވަޑައި ގަންނަވައެވެ.                                        

ދެން މިހާރު ހުރިހާ އެންމެން ނިކުމެދީނުގެ މިނިވަންކަން ހޯދުމުގެ ނަމުގައި މަގުތަކަށް ނިކުމެ އަޑުގަދަ ކޮށް ގަތުމަކީ ހައްލެއް ނޫނެވެ. އަދި އަޑުގަދަ ބަޔަކު ގާނޫނު އަސާސީއާ ޚިލާފަށް އެމެރިކާގެ ދީނަކީ ނަސާރާދީނުގެ އިވެންޖަލިސްޓް މަޒްހަބޭ ބުނުމަކުން އެއީ ޙަގީގަތަކަށް ވެސް ނުވާނެއެވެ.

އެމެރިކާގެ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ކޮންމެ މިނިވަންކަމެއް ހަމަކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ ގޮތެއްގައި ލިބިދޭންޖެހޭނެއެވެ. މިއީ އެމެރިކާގެ ރައްޔިތުންގެ ދަޢުވާއެވެ.

އަޅުގަނޑުމެންގެ ދައުވާއަކީވެސް ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ކޮންމެ މިނިވަންކަމެއް ހަމަކޮންމެ ދިވެހި ހުރިހާ ރައްޔިތަކަށްވެސް ހަމަހަމަ ގޮތެއްގައި ލިބިދޭން ޖެހޭނެއެވެ. އެކަމަކު ލިބިދޭނެ ހެއްޔެވެ ނުވަތަ ލިބުނަ ދޭނެހެއްޔެވެ؟

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް