ޔާމީންގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމުނީ: ދެން އޮންނާނީ ޙުކުމްކުރުން 

Facebook
Twitter
WhatsApp
D32E5753-E51E-4B07-9C18-399599AA3165

ކުރިމިނަލް ކޯޓްގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ދަޢުވާތަކުގެ އަޑުއެހުންތައްމިއަދު ނިންމާލައިފިއެވެ.

ދައުލަތުން އެދުނީ ޔާމީންގެ އަތުން 3.4 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.

އަޑުއެހުންތައް ނިންމާލުމަށް ފަހު ޝަރީޢަތުން ވިދާޅުވީ ދައުލަތުން ރައީސް ޔާމީންއާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ދައުލަތަށާއި ދިފާޢަށް މައްސަލައިގައި ވާހަކަ ދެއްކުމަށް 60 ގަޑިއިރު ހެދަވެފައިވާ ކަމަށެވެ. 

އިސްގާޒީ ވިދާޅުވީ މައްސަލައިގައި އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ޚުސާލާ ބަޔާން އިއްވުމަށް ފަހު ދައުލަތުގެ އެޓޯނީ ވަކީލު އެދުނީ  ޔާމީން ލޯންޑާރކުރި ކަމަށް ތުޙުމަތުކުރެވޭ އެއްމިލިއަން އެމެރިކާ ޑޮލަރާއި އެ ފައިސާއަށް އެއްކޮށްފައިވާ ފައިސާއާއި އެކު ޖުމްލަ 3.413230 އެމެރިކާ ޑޮލަރު ޔާމީން ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައ، އާރަށް ކުއްޔަށް ދިނުމުގައި ހިފާފފައިވުމާއި އެ ފައިސާ ލޯންޑާކުރި ކަމަށުގެ ތުޙުމަތުގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު ޔޫސުފް ނައީމްގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާ އެވެ.

ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވިކަމުގެ ތުޙުމަތުތަކެއް ކުރާއިރު، ދައުލަތުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ގިނަ ހެކިތަކެއް ދެފަހަރެއްގެ މަތީން ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ވައްކަން ސާބިތުވެ ބޮޑު ޖަލުޙުކުމެއް ތަންފީޒް ކުރަމުންދާ ކުރީގެ ޓްއަރޒަމް މިނިސްޓަރ އަޙުމަދު އަދީބާއި އަނެއް ވަގު ޒިޔަތު ހިމެނޭއިރު، އެހެން ބައެއް އެމްއެމްޕީއާރުސީ މައްސަލަތަކުގައި ވެސް ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބާއި ޒިޔަތު ހެކިބަސް ދީފައިވެއެވެ.

ޚާއްސަކޮށް މިދެވަގުންގެ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުޙަލާގައި، މީގެ ކުރިން ވެސް ފާހަގަކުރައްވާފައިވާ ވާހަކަތައް ތަކުރާރުކޮށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ. އެގޮތުން އަދީބާއި ޒިޔަތަކީ ފާސިގުންކަމަށާއި އެކަން ސުޕްރީމް ކޯޓުގެ ޙުކުމަކުން ވެސް އެނގެން އެބައޮތް ކަމަށެވެ. 

ޚިޔާނާތުގެ މައްސަލައިގައި އަދީބާއި، ޒިޔަތު ކުށަށް އެއްބަސްވުމާއި އެކު އެ މީހުންނަކީ ވައްކަމުގެ ބޮޑު ހުކުމް ތަކެއް ތަންފީޒު ކުރަމުންދާ މީހުން ކަމެވެ. ސަރުކާރާއި ހެދުނު ޑީލްއެއްގެ ދަށުން މިބޮޑު ދެވަގުވެސް މިހާރު ޙުކުމް ތަންފީޒްކުރަމުން ގެންދަނީ ގޭބަންދުގައި ތިބެގެން ޙުކުމް ތަންފީޒު ކުރަމުން ގެންދާތީ ވެސް ރައީސް ޔާމީންގެ ވަކީލުން އެކަމާއި މެދު ސުވާލު އުފެއްދި އެވެ. 

އިސްލާމީ ޝަރީއަތުން ފާސިގުންގެ ހެކި ބަސް ނެގުން ހުއްދަ ނުވާނެކަމަށް ވަކީލުން ތަކުރާރުކޮށް ވިދާޅުވިއެވެ. ޚާއްސަކޮށް އަދީބާއި ޒިޔަތު ދެއްކެވި ވާހަކަތަކަށް ބާރު ލިބޭ އިތުރު ހެކިތަކެއް ހުށަހަޅާފައި ނުވާކަމަށް ރައީސް ޔާމީންގެ ފަރާތުން ހެއްކާއި ބެހޭ ގޮތުން ދެއްކެވި ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ވަގު އަދީބާއި ވަގު ޒިޔަތުގެ މައްޗަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅީ ރައީސް ޔާމީނުގެ ވެރިކަމުގައިކަމުން އެމަނިކުފާނާއި މެދު އެ ދެމީހުންގެ ހިތުގައި ވެސް ނަފްރަތާއި ރުޅިވެރިކަން އޮންނާނެކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ބަދަލު ހިފުމުގެ ރޫޙެއްގައި، ރައީސް ޔާމީނާއި ދެކޮޅަށް އެ މީހުން ހެކި ބަސް ދިނުމުގެ ފުރުސަތު، އިންސާނީ ހަމަބުއްދިން ވިސްނާލުމުން އެކަން އެގޮތަށް އެބައޮތްކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މީގެކުރިން ގއ. ވޮޑަމުލާގެ މައްސަލަ ކުރިޔަށް ގެންދިޔައިރު އަދީބާއި ޒިޔަތުގެ ހެކި ބަސް ނެގުމުން އެކަމަށް ވެސް ވަކީލުން ވަރަށް ބޮޑަށް ދެކޮޅު ހެއްދެއެވެ. އޭގެ ފަހުން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ އިއްވި ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި އެޝަރިޢަތުގައި އަދީބާއި ޒިޔަތަކީ މި މައްސަލައިގައި ބޮޑު ޙުކުމެއް ތަންފީޒު ކުރަމުން ދެފާސިގުން ކަމުގައި ފާހަގަކުރެވިފައި ވެއެވެ.

ވަގު އަދީބާއި ވަގު ޒިޔަތުގެ ހެކިބަސްތަކުގެ ޢަދުލުވެރިކަމާއި މެދު ސުވާލު އުފައްދައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ހެކި ބަސް ނެގުމުގެ މަރުޙަލާގައި މައުޟޫއިން ބޭރުން ބައެއް ވާހަކަތައް ދެކެވިފައިވާ ކަމަށެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ބައެއް އަމަލުތައް ހުންނަ ގޮތްކަމަށް ބުނެ އާއި، މިޒާޖާއި ގުޅޭގޮތުން އަދި އަމިއްލަ ދިރިއުޅުމާއި ބެހޭ ގޮތުން އަދީބު ދެއްކި ވާހަކަތައް ވަކީލުން ނުކުތާއެއްގެ ގޮތުގައި ނަންގަވާފައި ވެއެވެ.

މީގެއިތުރުން ޔޫސުފް ނައީމާއި އެކު ކުރެވުނު މުޢާމަލާތެއްގައި ފުރަތަމަ ހުށަހެޅި އަގު ތިރި ކުރުމަށް ރައީސް ޔާމީން އެންގެވިކަމަށް ބުނެ އަދީބު ވާހަކަ ދެއްކެވިކަމަށާއި އަދި ބައެއް މެސެޖުތަކާއި ދެކެވުނު ވާހަތައް ފޯނުގެ ފޮރިންސިކް ރިޕޯޓުގައި ހުންނާނެކަމަށް އަދީބު ވާހަކަ ދެއްކެވިކަން ވަކީލުން ފާހަގަކުރި އެވެ.

މިދަޢުވާ ޔާމީނުގެ މައްޗަށް އުފުލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

3 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް