މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރުކަމަށް އިއްޔެ ( ނޮވެމްބަރ 24 ބުރާސްފަތި ) އައްޔަންކުރެވުނު އަންވަރު އިބްރާހީމް އަކީ މެލޭޝިޔާގެ ފަހުގެ ސިޔާސީ ތާރީޚުގައި އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި އަދި އިއްޔެގެ ކާމިޔާބީއާއި ހަމަޔަށްވެސް ގޮތްދޫނުކުރުމުގެ ވަރުގަދަ އަޒުމެއްގައި ހުންނެވި ބޭފުޅެކެވެ. ބޮޑުވަޒީރުގެ މަގާމަށްޓަކައި ގަދައަޅުއްވައި މަސައްކަތް ކުރެއްވުމުގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެމަގާމު ލިބިވަޑައިގެންފާނެ ކަމަށްވެސް ބެލެވުނެވެ.                 

ސިޔާސީ މައިދާނުގައި އަންވަރު އިބްރާހިމްގެ އުސްތާޒު ކަމުގައި ބެލެވުނު ޑރ. މަހާތީރު މުޙައްމަދު އާއި ދެމެދު ހިނގާދިޔަ ވާދަވެރިކަމުގައި މެލޭޝިޔާގެ ސިޔާސީ ވެށީގައި އަންވަރު އިބްރާހީމްގެ މަގާމު ކަނޑައެޅިގެން ދިޔަހެންވެސް ހީވިއެވެ. އެގޮތުން ޖަލުގައި އެތަކެއް އަހަރު ހޭދަކުރަށްވަން ޖެހިވަޑައިގަތެވެ.                                                          

މިހާރު އުމުރުފުޅުން 75 އަހަރުގެ އަންވަރު އިބްރާހީމް ސިޔާސީ ޙަރަކާތް ފެއްޓެވީ މެލޭޝިޔާގެ އިސްލާމިކް ޔޫތު މޫވްމެންޓުގެ ލީޑަރެއްގެ ގޮތުގައެވެ. އޭގެފަހުން ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަނާ ގުޅިވަޑައިގަތުމުންމެލޭޝިޔާގެ ސިޔާސީ މައިދާނަށް ކުއްލި ހައިރާންކަމެއް ގެނުވިއެވެ. އަދި އެއީ ވަރަށް ވިސްނުންތެރި ކަމާއިއެކު އެޅުއްވި ފިޔަވަޅެއް ކަމުގައި ވެގެންދިޔައެވެ. 

އެތައްވުޒާރާއެއް ހިންގުމާ ޙަވާލުވެ ވަޑައިގަތުމަށް ފުރުސަތު ހުޅުވިގެންދިޔައެވެ. އެންމެ ފަހުން 1993 ގައި އޭރުގެ ބޮޑުވަޒީރު މަހާތީރު ނައިބަކަށް ވެވަޑައިގަތެވެ. ނައިބުގެ ގޮތުގައި ހުންނަވައިގެން ފައިނޭންސް މިނިސްޓަރުކަންވެސް ކުރެއްވިއެވެ. މިގޮތުގައި އަންވަރު އިބްރާހިމް ގެ ސިޔާސީ އުދަރެސް ވަރަށްއުޖާލާ ވެފައިވަނިކޮށް 1997 ގައި އޭޝިޔާއަށް މެދުވެރިވި މާލީގޮންޖެހުން ތަކުގައި ދެބޭފުޅުން ކަނޑިއާ ކަނޑި ވެ އަންވަރުގެ މަގާމު ގެއްލުނީއެވެ. ގިނަ މީހުން ގަބޫލުކުރިގޮތުގައި މަހާތީރު އަންވަރާ ދޭތެރޭގައި ދެން ޢަމަލުކުރެއްވީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. 

ދެން ފެނިގެންދިޔައީ އަންވަރުގެ އިސްލާޙީ ޙަރަކާތަތައް ފެށިގެންދިޔަތަނެވެ. އެ ޙަރަކާތުގައި މެލޭޝިޔާގެ ޑިމޮކްރެސީ އާއި ހަމަހަމަ ކަމަށް ތާއީދުކުރާ ގިނަ ފަރާތްތަކުގެ ބައިވެރިވުން ލިބިގެންދިޔައެވެ.                                  

ސިޔާސީ ދާއިރާގައި އިދިކޮޅަށް ވަކާލާތުކުރާ މީހުން މަޝްހޫރުވުމަކީ އޭޝިޔާގެ ބައްރުގެ ގިނަ ގައުމުތަކެއްގައި ބަލާގަނެވޭ ކަމަކަށް ނުވެއެވެ. އަންވަރު އިބްރާހީމް އަށްވެސް ކުރިމަތިލާން ޖެހިވަޑައިގަތީ އެފަދަ ޙާލަތެކެވެ. އެންމެފަހުން ކޮރަޕްޝަނާއި އަދި އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުޙުމަތުގައި ޝަރީއަތްހިންގި ކޮރަޕްޝަންގެ މައްސަލާގައި 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލެވުނީއެވެ. އެއްޖިންސުން ގުޅުން ހިންގި ކަމުގެ މައްސަލާގައި  އޭގެ އެއް އަހަރު ދުވަސްފަހުން 9 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރެވުނެވެ. 

ފުރަތަމަ ދުވަހުންފެށިގެން އަންވަރު ގެންދެވީ އެ އިލްޒާމްތައް ދޮގުކުރައްވަމުންނެވެ. އަދި އެއީ އޭނާގެ ސިޔާސީ ޙަޔާތް ކަތިލުމަށްޓަކައި މަހާތީރު ރާވައިގެން ހިންގަމުންގެންދިޔަ ޙަގީގަތެއް ނެތް އިލްޒާމްތަކެއްކަމުގައި ބުނަމުން ގެންދެވިއެވެ.  ބައިނަލް އަގްވާމީ ގޮތުން ކިތަންމެ ފާޑު ކިއުމެއް އޭރު މަހާތީރުގެ ސަރުކާރަށް އަމާޒުވަމުން ދިޔަނަމަވެސް ޝަރީއަތް ހިނގާދިޔަ ގޮތަކަށް ގޮސް އެކަން ނިންމާލިއެވެ. 

އެކަމަކު އޭގެ ސަބަބުން އަންވަރު އިބްރާހިމް އަށް ކުރަމުންގެންދިޔަ ތާއީދު ކުޑައެއް ނުވިއެވެ. އަދި އޭނާއަށް ތާއީދުކުރަމުން ގެންދިޔަ ފަރާތަތަކުން ހަމައެގޮތުގައި ދެމިތިބިތަންވެސް ފެނިގެންދިޔައެވެ. އަދި ބޮޑެތި ކުރިމަތިލުން ތަކެއް ގައުމުގައި ހިނގުމަށް މަގުފަހިވެގެން ދިޔަތަންވެސް ފެނުނެވެ.              

2004 ވަނައަހަރު މަހާތީރު ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިއެވެ. ހަމައެ އަހަރު މެލޭޝިޔާގެ ސުޕްރީމްކޯޓުން އެއްޖިންސުން ގުޅުން ހިންގި މައްސަލަ އަންވަރުގެ މައްޗަށް ސާބިތު ނުވާކަމަށް ޙުކުމްކޮށް އަންވަރު މިނިވަންކުރިއެވެ. ނަމަވެސް މަހާތީރު އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު މެލޭޝިޔާގެ ޝަރުޢީ ނިޒާމަށް އަތެއް ނުބާންނަވާ ކަމަށެވެ.                                              

އަންވަރު މިނިވަން ވުމުން ވަރުގަދަ އިދިކޮޅު ލީޑަރަކަށްވެ 2008 ގެ އިންތިޚާބުގައި ވާދަކުރިއެވެ. އެކަމަކު އަނެއްކާވެސް އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަންވަރު އެކަހެރި ކުރުމުގެ ޙަރަކާތްތަކާ ކުރިމަތިލާން ޖެހުނެވެ. އެންމެފަހުން 2012 ވަނައަހަރު މެލާޝިޔާގެ ހައިކޯޓުންވެސް އެ މައްސަލަ ސާބިތު ނުކުރެވޭ ކަމަށް ނިންމިއެވެ. 

ޖެހިގެން އައި އަހަރުގެ އިންތިޚާބުގައި މަހާތީރުގެ ބަރިސާން ނޭސަނަލްއަށް އޭގެ ކުރިން ދުވަހަކުވެސް އިންތިޚާބެއްގައި ކުރިމަތިލާން ނުޖެހޭވަރުގެ ނާކާމިޔާބީއެއް ކުރިމަތި ކުރުވިއެވެ. އެހެންނަމަވެސް 2014 ގައި ބޭއްވުނު ސްޓޭޓް އިންތިޚާބުގައި ވާދަކުރައވަން ތައްޔާރު ވަމުން ގެންދަވަނިކޮށް އަނެއްކާވެސް ކުރީގެ މައްސަލަތަކުގައި ޖަލަށް ދާން އަންވަރަށް ޖެހިއްޖެއެވެ.                                            

2016 ވަނައަހަރުގެ އާންމު އިންތިޚާބުގައި އެންމެ ބޮޑު ހައިރާން ކަމެއް ލިބިގެންދިޔައީ މަހާތީރު އަލުން އެ އިންތިޚާބުގައި ވާދަކުރަންވަންނިންމެވި ނިންމުމެވެ. ރައްޔިތުންނަށް ވިއްކަވަމުން ގެންދެވި ވިސްނުމަކީ އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ބިޔަ ކޮރަޕްޝަން ހިންގާތަންބައްލަވަން ނުހުންނެވޭނޭ ކަމެވެ.

އޭގެ އިތުރުން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތަސް އަންވަރުގެ ތާއީދު ދިޔައީ އިހުނަށް ވުރެންވެސް ބޮޑު ވަމުންކަމަށްވާތީ އަންވަރާއެކު މަހާތީރު އަތާ އަތްޖޯޑު ކުރަން ބޭނުންކަމަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ބަރިޝާން ނޭސަނަލްގެ 61 އަހަރުވީ ވެރިކަން އަންވަރާއި ގުޅިގެން ނިމުމަކަށް ގެނެސް މަހާތީރު އިސްވެ ހުންނެވި އަންވަރުގެ ޕަކަތާން ހަރަޕާން ކޯލިޝަން އިން 2018 ވަނަ އަހަރުގެ ޢާންމު އިންތިޚާބު ކާމިޔާބު ކުރުމެވެ.އަލަށް އުފެދުނު ޕަކަތާން ހަރަޕާން ކޯލިޝަން އަކީ މެލޭޝިޔާގައި ފުރަމަފަހަރަށް ތަފާތު ނަސްލުތައް ތަމްސީލު ކުރެވޭގޮތަށް އުފެދުނު ސިޔާސީ ޕާރޓީތަކުގެ ގަދަ ކޯލިޝަންއެއް ކަމުގައިވެސް ވެގެން ހިނގައްޖެއެވެ.                                           

މަހާތީރުގެ އިންތިޚާބީ ވަޢުދުގައި ބުނެފައިވާފަދައިން އަންވަރު އިބްރާހީމް އަށް އެފަހަރު ކޯލިޝަންއަށް އަންވަރު އެއްބާރު ލައްވާ ފުރިހަމަ ސަޕޯޓް ދެއްވުމުން ދާއިމީ އަފޫ ޢާންމެއް އަންވަރުގެ ކޭސް އަށް ހޯދާދިނެވެ. އެހެންނަމަވެސް 2 އަހަރު ފަހުން ބޮޑުވަޒީރުކަން އަންވަރު އިބްރާހިމަށް ޙަވާލުކުރަން ވެވުނު ވަޢުދު ނުފުއްދަވައެވެ. އަދިކިއެއްތަ! ވިދާޅުވަމުންގެންދެވީ ވަގުރު ފައްކާވުމުން އެ ވަޢުދުވެސް ފުއްދަވާނެކަމަށެވެ. ނަމަވެސް ދެންކަންތައް ދިޔައީ ތަފާތު ބަހަނާތައް ދައްކަވަމުން މަޑުމަޑުން އެ ވެވުނު ވަޢުދު ތަކަށް ހިރަފުސް އެޅޭތަން ފެނިގެން ދިޔައެވެ.

ދެންފެނުނީ އަންވަރުގެ ޕާޓީ ކެދިލާންގެ ހައިރޭންކިންގެ ބައެއް ބޭފުޅުން މާއަރިސްކުރައްވާ އަންވަރުގެ ބަސްނުހިނގާވަރަށް މަތީމަގާމުތައް ދެއްވައި އެމީހުން އަންވަރާއި ޕާޓީގެ އަސާސްތަކާ ދެކޮޅަށް ތެދުވެ ހަމަނުޖެހުން އުފެއްދަން މަސައްކަތް ފެއްޓިތެނެވެ. އަދި މާލަސްތަކެއް ނުވެ އެމީހުންތައް މަހާތީރު ގެ ޕާޓީއަށް ސޮއިކުރުވީއެވެ. އާޚިރު ނަތީޖާއަކަށްވީ އަންވަރުގެ ބޭނުން ކުރައްވައިގެން މަހާތީރު ހެއްދެވި ކޯލިޝަންގައި ރެނދުލައި ބަލިކަށިވުމެވެ. އަދި ސަރުކާރު ހިންގުމަށް ބޮޑެތިގޮންޖެހުން ތަކެއް ކުރިމަތިވެގެން ދިޔައެވެ.         

2020 ވަނައަހަރު ޑރ. މަހާތީރު ބޮޑުވަޒީރުކަމުން ކުއްލިއަކަށް އިސްތިޢުފާ ދެއްވުމާއެކު ޕަކަތާން ހަރަޕާންގެ ކޯލިޝަން ބައިބައިވެ އަނެއްކާވެސް ސިޔާސީ ކޯޅުންގަޑެއްގެ ތެރެއަށް މެލޭޝިޔާ ގެނބިގެން ދިޔައީއެވެ. އަދި އަންވަރު އިބްރާހީމް އަނެއްކާވެސް ސިޔާސީ ގޮތުން އެކަނިވެރި ކޮށްލެވުވިގެން ދިޔައެވެ.                                       

މިހާލަތުން މަހާތީރުގެ ޕާޓީ ނެގެހެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ދެން ހުންނެވި މުހުޔިއްދީން ޔާސީން އެވެ. އަދި އޭނާ ބޮޑުވަޒީރަކަށް އައްޔަން ކުރެވިގެން ދިޔައީއެވެ. ދެން ފެނިގެންދިޔައީ ކޯވިޑް 19 ގެ ބަލިމަޑުކަން ފެތުރިގެން ދިޔަތަނެވެ. އެންމެފަހުން މުޙުޔިއްދީން ޔާސީނަށް ޕަރލަމެންޓުގެ އަޣްލަބިއްޔަތު ގެއްލި ބޮޑުވަޒީރުކަންވެސް ގެއްލުނީއެވެ. އެއަށްފަހު ދެން އަމްނޯގެ ކޯލިޝަންއެއްގެ ސަރުކާރެއް އެކުލަވާލެވިއިސްމާޢީލް ސަބްރީއަށް ބޮޑު ވަޒީރުކަން ލިބުނީއެވެ.                                               

ސިޔާސީ މޫސުމަށް ބައްލަވައި 2022 އޮކްޓޯބަރުގައި އާންމު އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމާއެކު އަމްނޯގެ ފަރާތުން ބޮޑުވަޒީރު އިސްމާޢީލް ސަބްރީ ކުއްލިއަކަށް ޢާންމު އިންތިޚާބު ބާއްވަން ނިންމަވައި ދެހަފްތާއެއްގެ ކުރު ތާރީޚް ވެސް އިޢުލާން ކުރައްވައިފިއެވެ.                                                       

އިންސާނުން ކިތަންމެ މޮޅަށް ތަދުބީރު ކުރަމުން ގެންދިޔަކަމު ގައިވިޔަސް ކޮންމެ ކަމެއްވެސް ނިމިގެން ދާނީ ތަގްދީރުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިންނޭ ބުނާ އުސޫލުން މެލޭޝިޔާގެ ޢާންމު އިންތިޚާބުގައި އެންމެ ގިނަގޮނޑި ކާމިޔާބު ކުރެއްވުނީ ސިޔާސީ ގިނަ ބޮޑުން ބައިވެރިވެގެން، ބާކީ ކޮށްލަން އަތުގުޅާލައިގެން މަސައްކަތް ކުރި  ދަތޯ ސްރީ އަންވަރު އިބްރާހިމްގެ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވީއެވެ. އަދި މޮޅު ތަދުބީރުތަކެއް ކުރި އިސްމާއީލް ސަބްރީ އާއި އެހްނިހެން ބޮޑުންނިސްބަތްކުރެވޭ އަމްނޯ ދިޔައީ ތިންވަނައަށެވެ. މަހާތީރު އަލަށް އުފެއްދެވި ޕާޓީއަށް ލިބިލެއްވީ ފަހަތުން އެއްވަނައެވެ. އެންމެފާހަގަކޮށް ލެވެނީ ޑރ. މަހާތީރުގެ ސްޓްރޯންގް ހޯލްޑް ލަންކާވީ ދާއިރާއިން ޚޮދު އެމަނިކުފާނުވެސް ނުހޮވި ފޭލް ކަމެވެ.                                     

އަންވަރު އިބްރާހީމްގެ ބައިވެރިންނަށް ކާމިޔާބު ކުރެވުނު 83 ގޮޑިއަކީ ސަރުކާރެއް އުފެއްދުމަށް ބޭނުންވާ 112 ގޮޑި އަށްވުރެން މަދު އަދަދަކަށް ވީތީ އިތުރަށް ބޭނުންވާ ގޮނޑިތައް ކާމިޔާބުކުރުން ފަސޭހަކަމަކަށް ނުވެ ދިޔައެވެ. އެންމެފަހުން 10 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި މެލޭޝިޔާގެ ރަސްގެފާނުގެ ކުރިފުޅުމަތީގައި މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރު ކަމުގެ ހުވާ އަންވަރު އިބްރާހިމް އެވަނީ ކުރައްވައިފިއެވެ.

https://www.google.com/search?q=Anwar+swearing+ceremoney&rlz=1C1CHFX_enMV911MV911&oq=Anwar+swearing+ceremoney&aqs=chrome..69i57j33i10i160.12450j0j15&sourceid=chrome&ie=UTF-8#fpstate=ive&vld=cid:c2704bb3,vid:9-KXwuufy6s

އަންވަރު އިބްރާހިމްގެ ބޮޑުވަޒީރު ކަމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލައްވަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މެލޭޝިޔާއަށް ހުރިހާގޮތަކުންވެސް ފާގަތި ދުވަސްތަކެއް މާތް ﷲ މިންވަރު ކުރެއްވުމެވެ. އާމީން! 

Loading

One Response

  1. 10 އަހަރުފަހުން 10 ވަނަ ބޮޑުވަޒީރަކަށް….ވަރަށް ގިނަ އިންސާނުން ގަބޫލުކުރާގޮތުގައި ބަރަކާތްތެރި ނަންބަރެކެވެ. ގައުމެއްގެ ރައްޔިތުން ބޭނުންވާގޮތަށް ވެރިކަންކުރަން އެދޭނަމަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. ގޮންޖެހުން ކުރިމަތި ކުރަނީ ވެސް ރައްޔިތުންކަން ދަންނަން ޖެހޭނެއެވެ. ދޫ ދޭން ޖެހޭ ވަގުތުވެސް އަންނާނެއެވެ. އަދި ހަމައެފައިން އަޒުމުގައި ސާބިތުވެ ހުރުމުގެވަގުތުވެސް މެދުވެރިވާނެއެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް