އެޗް.ޑީ.ސީ އާއި ދޭތެރޭ ބިރުގަންނަނީ މިހެން ވެދާނެތީ: 2

Facebook
Twitter
WhatsApp
CA5B512A-A2AB-41A2-B1AE-4318E7EF70A2

https://sandhaanu.today/24978/ އާއި ގުޅޭ….

ކުޅުދުއްފުށިގައި އަޅާ އިމާރަތްތަކުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި އިސްކަން ދޭންޖެހޭނެއެވެ. ހަމައެފަދައިން ހުޅުމާލޭން ބޯހިޔާވަހިކަން ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަންދޭން ޖެހޭނެއެވެ. އެއީ ގަބޫލުކުރަންޖެހޭ ޙަގީގަތެކެވެ. އެކަމަކު އާދައިގެ ރައްޔިތުމީހާގެ އަތްނުފޯރާވަރަށް އަގުބޮޑުކޮށް ހަމައެކަނި މުއްސަނދިންނަށް އެ އިމާރާތްތައް ވިއްކައިގެން ފައިދާ ހޯދުމަކީ ފުރަތަމަދުވަހު ސަރުކާރުން ހުޅުމާލެ ހިއްކަން ނިންމި ނިންމުގެ ވިސްނުންފުޅާއި ސިޔާސަތު ކަމުގައި ދިވެހިން ގަބޫލެއް ނުކުރެވެއެވެ.                                   

ގެދޮރު ގަނެ ވިއްކުމުގައި އަވަށްޓެރި ގައުމުތަކުން ފެންނަ މަންޒަރުތައް ވަރަށް ތަފާތެވެ. މިސާލަކަށް މެލޭޝިޔާއިން ބިދޭސީއަކު އިމާރާތެއް ގަންނަން ބޭނުންވާނަމަ ގަނެވޭނީ ވަކި އަގަކަށްވުރެން ބޮޑު އަގެއްގެ އިމާރާތެކެވެ. އަވަށްޓެރި އިންޑިއާގައި ބިދޭސީ ފަރުދަކަށް އެގައުމުން އިމާރާތެއް ނުގަނެވޭނެއެވެ. އޭގެ ބަދަލުގައި އިންޑިއާގައި ވިޔަފާރިކުރަމުން ގެންދާ ކުންފުންނިތަކުން އިމާރާތް ގަނެވިދާނެއެވެ. އެކަމަކު އެއީވެސް ގިނަ ޝަރުތުތަކެއް ފުރިހަމަކުރަން ޖެހޭކަމެކެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގައި އެހެންނޭ މިހެންނޭ ބުނެ ރައްދު ދެވިދާނެއެވެ. މިއީ ދިވެހިންގެ ރާއްޖެކަން ދަންނަންއެބަ ޖެހެއެވެ. އަޅުގަނޑުމެން އެ ފެންވަރަށް ދިޔައިމާ އެވާހަކަ ދައްކަމާތޯއެވެ؟  މިހާރު ވާހަކަ ދައްކާނީ އަޅުގަނޑުމެންގެ މިއަދުގެފެންވަރުގައެވެ.                                                              

ދިވެހީންގެ މިއަދުގެ ޙާލަތަށްބަލާއިރު ހުޅުމާލޭން ބިންދިނީމާ އަމިއްލަމީހުން ލަގްޒަރީ ފެންވަރުގައި ޢިމާރާތް ހަދައި ދިވެހިންގެ އަމިއްލަ ބިން ދިވެހިންނަށް ވިއްކާ އަގުގައި ބިދޭސީންނަށްވެސް ގަނެވޭގޮތަށް އޮތީމާ ދެން މިޖެހުނީ ކޮންތާކު ހެއްޔެވެ. އިންސާފުގެ ދަތުރުގެ މާލިމީއަށް ވިސްނޭންވީ މިވަރުތޯއެވެ؟ ދައުލަތުގެ ބިން ސަރުކާރުން އެޗްޑީސީ އަށް ދިނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް އެކަމުންވެސް ދިވެހި ތައްޔަތުމީހާއަށް އެހީވެ ދެވޭނެ ކަމަށް ބަލާފައެވެ. 

އެކަމަކު ޢިމާރާތް ކުރުމަށްފަހު އެތައް ސަތޭކަ އިންސައްތަ ފައިދާއާއިއެކު ވިއްކަން ހުޅުވާލީމާ މާދަމާ އެހުރިހާ އިމާރާތެއްގެ ވެރިންނަކީ ފައިސާވެރިދިވެހިންގެ ބަޔަކާއި ބިދޭސީންނަށް ވީއެވެ. ވީމާ ދިވެހިންނަށް ބޯހިޔާވަހިކަން ހޯދާދިނުމުގެ މަޝްރޫޢު ގެ ނަތީޖާގައި ދިވެހިންނަށް މިލިބުނީ ކޮންއެއްޗެއް ހެއްޔެވެ؟ މިދެވުނީ ދޯކާ ނޫންތޯއެވެ. ބިރުގަންނަނީ އެހެންވަމުންދާތަން ފެންނާތީއެވެ.              

ތަންކޮޅެއް ކުރީގެ މާޒީ އަކަށް ބަލާލާއިރު އަވަށްޓެރި ގައުމެއްގައި ވިޔަފާރި ކުރުމުގެ ނަމުގައި އައި އީސްޓް އިންޑިއާ އޭ ކިއުނު ކުންފުނިން އިންޑިއާގެ ރައްޔިތުނަށް ޖެއްސި ދުއްތުރާލާ މުޅި އިންޑިއާ އެކުންފުނީގެ ބާރުގެ ދަށަށް ގެނެސް ކުރި ކަންތައްތަކުގެ ވާހަކަ އެއޮތީ ތާރީޚުގައި ލިޔެވިފައެވެ. މިއީ ދެބަސް ނުވެވޭނެ ޙަގީގަތް ތަކެކެވެ.   

ދިވެހިރާއްޖެއަށް އެގޮތް ދިމާނުވާނެކަމަށް ހަރު އަޑުން ބުނެވިދާނެއެވެ. މިއަދު ރާއްޖޭގެ ޕޮލިޓިޝަނުންގެ ބަސްމަގުހުންނަގޮތާއި މޫސުމާއިގުޅިގެން ރާގުބަދަލުކޮށްލާގޮތް ރައްޔަތުންގެ މަޖިލީހުންވެސް ފެންނަމުންދެއެވެ. ވަރަށް ސާފެވެ. ދިވެހިރާއްޖެއަކީ އެވަރުގެ ބޮޑެތި ދޮގުވެރީންތަކެއް ގިނަ ގައުމެއްކަން ޝައްކެއްވެސް ނެތެވެ. 

ވީއުރު މި ގައުމުގައި މިއޮތީ ރައްޔިތުންނަށް ޓަކައި ރައްޔިތުން އުފައްދާފައިވާ ސަރުކާރެކޭބުނެ ޔަގީން ކަށަވަރު ކޮށްދޭން މަސައްކަތް ކުރެވިދާނެއެވެ. މިހާރު ތިބި ވެރިންގެ އިޚްލާސްތެރިކަން ޒީރޯ ޓޮލެްންސްގެ ދަށުން އީސްޓްއިންޑިއާ މިދެންނެވި ކުންފުޏަށް ވީގޮތަށް އެޗްޑީސީ އަށް ވުން ވަރަށް ގާތެވެ. މިފްކޯގެ އެޕް.ޕީ.އައި.ޑީ އާއި އެމް. އެމް. ޕީ. އާރ. ސީ  އާއި ވެންޓިލޭޓަރު ގެ ހަނދާންތަކެއް އަދި ހިތަކުން ނުފިލައެވެ. ބިރުގަންނަނީ ހަމައެހެންވެދާނެތީއެވެ.                                                          

މިހުރިހާކަމަކަށްވުރެން ބޮޑަށް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަ އިތުރު ބޮޑެތި ކޮރަޕްޝަނާއި ފަސާދަ އަށް ބަލާއިރު ކުރިއަށް އޮތް މުސްތަގްބަލްގައި ބާރުގަދަ ސިޔާސީ ބަޔަކު ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަކީ އެމީހުންގެ އަމިއްލަ ކުންފުންޏެއް ކަމާއި އެކުންފުނީގެ ނަމުގައި ނަގާފައި ހުރި ދަރަނިތައްވެސް އަދާކުރީ އެމީހުންކަމަށް ބުނެ ހުޅުމާލެއަކީ އެބުނާ ހައެއްކަމީހުންގެ ޝެއަރ އޮންނަ ކުންފުންޏެއްގެ ރަށެކޭ ނުބުނާނެބާވައެވެ. މިއީ އެއްވެސް އަސާސެއްނެތް ޚިޔާލެއްގެ މައްޗަށް ބުނެފައިވާ ބުނުމެކޭ ބުނެ ރައްދު ދެވިދާނެއެވެ.


މިހާރުން މިހާރަށް އެސުވާލު އުފެއްދި ދާނެއެވެ. އެކަމަކު މިއަދު އަސާސެއްނެތް މި ވިސްނުން މުސްތަގްބަލުގައި އަސާސް ތަކަކާއެކު ޙަގީގަތަކަށް ނުވާނެކަމުގެ ކިހާބޮޑު ޔަގީން ކަމެއް ދިވެހިރައްޔިތުންނަށް އެބައޮތް ބާވައެވެ. މަލިކުވެސް ދިވެހިންގެ އަތުން ބީވެގެން ދިޔައީ ވެރިކަމުގެ ފަރާތަށް އެގޮތް ރަނގަޅުކަމަށް ދެކިގެންނެވެ. ފޯޅަވަހީ ކަނޑުގެ މައްސަލާގައިވެސް މިއަދާ ޖެހެންދެން އެއީ ބޮޑުކަމެއް ނޫނެވެ. ވެރިކަމުގަ ހުންނަ މީހާ ކޫކީސް ބަހައިގެންނަމަވެސް މަޖިލީހުގެ އަޣްލަބިއްޔަތު ބޭނުންކޮށްގެ ގާނޫނުތަކަށް ސަރުކާރުން ބޭނުންވާ ކޮންމެ ބަދަލެއް އެ ގެންދަނީ ގެންނަމުންނެވެ.  ބިރުގަންނަނީ ހަމަ އެހެންވެދާނެތީއެވެ.                         

ދިވެހިންގެ އެންމެ ބޮޑު ރައުސުލްމާލަކީ ދިވެހިންގެ ރަށްތަކާއި ކަނޑުތަކާއިފަޅުތަކެވެ. ދަރަނި މައްޗަށް ދަރަނި ނަގައިގެން މާލޭ ސަރަހޙައްދުގައި ބުރިބުރިއަށް ޢިމާރާތްތައް ހަދައި މުޅިރާއްޖޭގެ ރައްޔިތުން ކުލިދީގެން ނުވަތަ ލިބޭ އާމްދަނީގެ ބޮޑުބައެއް ފްލެޓުގެއަގަށް ދައްކަމުން ދިރިއުޅުން ހޭދަކުރަންޖެހޭ ގޮތަށް މަޝްރޫއުތައް ރާވައި ހިންގަމުން މިގެންދަނީ ބާކީ ހުރި ރަށްތަކާމެދު ކޮންކަހަލަ ވިސްނުމެއް ސަރުކާރުން ގެންގުޅޭތީ ހެއްޔެވެ. ބިރު ގަންނަނީ މިކަންތައް ރާވާފައި އޮތްގޮތެއް އަހަރެމެނަށް (ރައްޔަތުމީހާއަށް) ނޭންގޭތީއެވެ. 

ދެންފަހެ 2023 ލިބިއްޖެނަމަ ގަރާރަކުން މާލޭސިޓީ އެބައިމީހުންގެ ކުންފުނި އެޗް.ޑީ.ސީ އާއި ޙަވާލު ނުކުރާނެތޯއެވެ. ބިރުހީވަނީ މިހެންގެނެވެ.

– ނިމުނި -–

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ އަޕްޑޭޓް