ޒިންމާ ނަގަންޖެހެނީ އަދި ޒިންމާނަގާނީ ކާކުތަ؟ 

Loading

Facebook
Twitter
WhatsApp


މަތީގައިއެވާ ސުރުޚީއަކީ ވަރަށް ގިނައިން އަބަދުމެ ކުރެވެމުންދާ ސުވާލެކެވެ. ކޮންމެ ނުރައްކާތެރި ޙާދިސާއެއް ހިނގިޔަސް ނުވަތަ ކޮންމެ ނުރަނގަޅުކަމެއް މެދުވެރިވިޔަސް އެންމެ ފުރަތަމަ އިނގިލި ދިއްކުރަނީ ގާނޫނާ ގަވައިދަށެވެ. ގާނޫނާއި ގަވައިދު ހެދިފައިހުރި ގޮތަށެވެ. 

ތަންފީޒުކުރަން ޙަވާލުކުރެވިފައިވާ އިދާރާތަކުގެ ދޯހަޅި ކަމާމެދުގައެވެ. އެކަމަކު ދިވެހިންގެ ހަރު ބަހެއްގައި އޮންނަފަދައިން ހަކުރު ރުނބައިގާވެސް ދެކޮޅު އޮންނާނެއެވެ. ވަރަށްބޮޑު ތެދެކެވެ. އިނގިލި ދިމާކުރުމުގެ ކުރިން ދެކޮޅު ބަލާލުން ހަމަ ރަނގަޅެވެ. އޭރުން މެދަށްވެސް އެ އިނގިލި ދިމާކުރަން ޖެހިދާނެއެވެ.                                                            

މީގެ ދެތިންދުވަސް ކުރިން މާލޭގައި ހިނގި އަލިފާނުގެ ޙާދިސާއަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މީގެކުރިން ހިނގާފައި ނުވާފަދަ ނުރައްކާތެރި ޙާދިސާއެކެވެ. އެތައް ބަޔަކު އަނދާ ހުލިވެ ހިތްދަތިގޮތަކަށް މަރުވެދިޔަ ހިތާމަވެރި ޙާދިސާއެކެވެ. އެންމެ ފުރަތަމަވެސް އެ ޙާދިސާގައި ނިޔާވި އެންމެންނަށް ހެޔޮ ރަޙުމަތް ލެއްވުންއެދި ދުޢާކުރަމުން އެ މީހުންގެ ޢާއިލާތަކަށް އިޚްލާސްތެރި ކަމާއެކު އަޅުގަނޑުމެން ތައުޒިޔާ ދަންނަވަމެވެ.                            

މިފަދަ ކޮންމެ ޙާދިސާއަކާއި ގުޅިގެން ނޫސްތަކުގައި އަމާޒުކުރެވެމުންދާ ފާޑުކިއުންތަކާއި ޢާންމުންގެ ޝުރުޢޫތައް އެންމެ ފުރަތަމަވެސް ރައްދުވަމުންދަނީ ގާނޫނާއި ގަވައިދުތައް ތަންފީޒުކުރުން ކަށަވަރު ކުރަން ނުވަތަ އެ ގާނޫނުތަކާއި ގަވައިދުތައ ތަންފީޒުކުރޭތޯ ބަލަން ޙަވާލުކުރެވިފައިވާ އިދާރާތަކަށެވެ. އެ އިދާރާތަކުގެ އިޙުމާލާއި ފަރުވާކުޑަކަމެވެ. ރަނގަޅު ފާޑުކިއުމެކެވެ. 

ޢާންމުންގެ އިޙުސާސްތައް ބަންޑުން ކޮށްލެވޭނީވެސް އެކަހަލގޮތަކަށޭ ބުނެވިދާނެއެވެ. އަބަދުވެސް ވަކާލާތު ކުރެވޭނީ އަނިޔާ ލިބުނު ފަރާތުގެ ދިފާއުގައެވެ. އަނިޔާލިބުނު ސަބަބާ މެދު ވިސްނާނީ ފަހުންނެވެ.                                                        

ނުރައްކާތެރި މިކަހަލަ ޙާދިސާތަކުން ރައްކާތެރިވެ ތިބުމަށް ދިވެހިރާއްޖޭގައިވެސް ރަނގަޅު ގާނޫނުތަކަކާއި ގަވަޢިދުތަކެއް ހަދާފައި އެބަހުއްޓެވެ. އާއެކެވެ! ތަންފީޒުކުރުމުގައި އިޙުމާލާއި ފަރުވާކުޑަކުރުން އިންތިހާއެވެ. އެކަމަކު ހަކުރު ރުނބާގެ ފަލްސަފާގައި ވިސްނާލަމާހެއްޔެވެ؟ އިޙުމާލުވެ ފަރުވާކުޑަކުރީ ކާކުތޯ ދެނެގަތުމަށެވެ. ވިސްނާ ފިކުރުކުރުން ފަސޭހަކުރުމުގެ ބޭނުމުގައި ދެތިން މިސާލެއް ބޭނުން ކޮށްލާނަމެވެ.                                   

ޖޯރޑްން އާއި އިސްރާއީލުން ޑެޑްސީގެ އައްސޭރީގައި އެ ކަނޑަށް މޫދަށް ނޭރެން އިންޒާރުގެ ބޯޑުތައް ބަހައްޓާފައި ހުރެވެ. އެއީ އެ ގައުމުތަކުގެ ގާނޫނާއި ގަވައިދެވެ. ހަމަގައިމުވެސް އެކަނޑަށް މީހުން މޫދަށް އެރޭތޯ ބަލަން ކޮންމެ ސަތޭކަފޫޓަކުން ފުލުހަކު ނުހުރެއެވެ. ގާނޫނާއި ގަވައިދު ތަންފީޒުކުރެވެމުން ދާކަން ކަށަވަރު ކުރުމަށްޓަކައި ޗެޓްޕޯސްޓުތަކެއް ހުރެއެވެ. ގާނޫނާއި ގަވައިދު ތަންފީޒު ކުރަންޖެހޭނީ ކާކުހެއްޔެވެ؟ ހަމަކަށަވަރުންވެސް އެންމެ ބޮޑު ޒިންމާއެއް އެކަމުގައި އުފުލަންޖެހެނީ އެތަނަށް ޒިޔާރަތްކުރާ ޓްއަރިސްޓުންނެވެ. ގާނޫނާއި ގަވައިދު ތަންފީޒު ކުރުމަށްޓަކައި އެކަނޑަށް މޫދަށް އެރިގެން ނުވާނެއެވެ.                                

ދެން އަޅުގަނޑުމެންގެ ވެށިން މިސާލެއް ނަގަމާހެއްޔެވެ؟ ރާއްޖޭގެ ސަރަޙައްދުގައި ކަނޑުދަތުރު ކުރާއިރު ލައިފް ޖެކެޓް އަޅަންޖެހެއެވެ. އެއީ ގާނޫނާއި ގަވައިދު އޮތްގޮތެވެ. މޫސުން ގޯސްވެއްޖެނަމަ ކޯސްޓުގާރޑުން އިންޒާރު ދެމުން ގެންދެއެވެ. އެކަމަކު މިހާތަނަށް މެދުވެރި ކަނޑުމަތީ ނުރައްކާތެރި ހާދިސާތަކުގައި އިންސާނުންގެ ފުރާނަ ގެއްލިގެން ދިޔައިރު އޭގެތެރޭން ކިތައްމީހުން މި ގާނޫނު ތަންފީޒުކުރުމުގައި އެމީހުންގެ ޙިއްސާ ރަނގަޅަށް އަދާކޮށްފައިވޭ ހެއްޔެވެ؟  ގިނަފަހަރަށް ގޮތްދޫނުކުރުމުގައި ނުވަތަ ބޮޑުވަރިހަމައިގާ ތިއްބާ ހިތާމަތަކާ ކުރިމަތިލާން ޖެހެނީއެވެ.         

މާލެ ތޮއްޖެހުމާއި ބިދޭސީންގެ އާބާދީ އިތުރުވުން މިއީ ބޮޑު މައްސަލައެކެވެ. ބިދޭސީން ގެނައުމާއި ވަޒީފާދިނުމާބެހޭ ގޮތުންވެސް ރަނގަޅު ގާނޫނުތަކަކާއި ގަވައިދުތަކެއް ހުރީ ހަދާފައެވެ. އެ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ކުރުމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެން ބޮޑަށް ވަޒީފާދޭ ފަރާތާއި ވަޒިފާ ލިބޭ ފަރާތުގެ ޙިއްސާ އޮތްކަމުގައި ގަބޫލުކުރަން ޖެހެއެވެ. ވަރަށް ގިނަފަހަރު ބިދޭސީ މީހާގެ ކެއުމާއި ހުރުމަށް ވަޒީފާދޭ ފަރާތުން ދެމުންގެންދަނީ ފައިސާއެވެ. ދެ ސަބަބަކަށް ޓަކައެވެ. ވަޒީފާދޭފަރާތުގެ ބޮލަށް ފަސޭހައަކަށް ޓަކައެވެ. ވަޒީފާލިބުނު ފަރާތުން ބޭނުންވަނީ އެއިންވެސް ބާކީ ކުރާށެވެ. 

މިކަމުގައި އެންމެ ނުބައި ރޯލެއް ކުޅެމުން ގެންދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންގެންދާ ބިދޭސީ ކަމިޝަން އޭޖެންޓުންނެވެ. އެ ކަމިޝަން އެޖެންޓުން ވަނީ ސަރުކާރުގެ ބައެއް ވެރީންނާއި ކަރަޕްޓް ގުޅުން އުފައްދާފައެވެ. އަދި ހަމަ އެގޮތުން ބައެއް އެޖެންސިތައްވެސް މެއެވެ.  ހެދިފައިވާ ގާނޫނުގެ ތަންފީޒީބާރު މިމީހުން ގުޅިގެން ކަނޑުވާލުމަކީވެސް ނުރައްކާތެރި ކަމެކެވެ.

ވަޒީފާއަށް އަންނަ މީހުންގެ ބޮލަށް ވަދެގެން މިވެނި ހޮޓަލަކުން ކެއީމާ ޚަރަދު ކުޑަކުރެވޭނެއޭ މިވެނިތަނެއްގައި އަގުހެޔޮކޮށް ތިބެވޭނެއޭ ކިޔައިގެންބޯކާލައެވެ. ވަޒީފާއަށް އަންނަމީހުންވެސް މި ގައުމުގައި ގާނޫނުތަކަކާއި ގަވައިދުތަކެއް އެބަހުރިކަމާއި އެއަށް އިޙުތިރާމް ކުރަން ޖެހޭނެކަން އެނގެންވާނެއެވެ. 

ގާނޫނާއި ގަވައިދު ނޭގުމަކީ ބަހަނާއެއް ނޫނެވެ. އަދި ނިދާއެނދު ދަށުގައި ކައްކާގޭސްފުޅިއަކާއި އުނދުނެއް ބެހެއްޓުން ހުއްދަނުކުރާނެ ކަންވެސް އެނގޭނެއެވެ. ކުރުކޮށް ދަންނަވާނަމަ ގާނޫނާއި ގަވައިދު ތަންފީޒުކުރުމުގެ އެންމެބޮޑު މަސްޢޫލިއްޔަތެއް އުފުލަންޖެހޭނީ އެ ގާނޫނު ނުވަތަ ގަވައިދު ރައްދު ކުރެވޭ ފަރާތްކަމުގައި ދެކެމެވެ. ގާނޫނާއި ގަވައިދާ ޚިލާފްވުމުން އަދަބު އެފަރާތްތަކަށް ލިބެންޖެހެއެވެ. ނުރައްކާތރި ހާދިސާތަކުގައި އެންމެ ބޮޑު ހިތާމައެއް އުފުލަން ޖެހޭނީވެސް އެފަދަ ފަރާތަތްތަކުންނެވެ. ހަމަ އެހެންމެ ގާނޫނު ތަންފީޒް ކުރަންވަން ސަރުކާރަށް ކެރެންވާނެއެވެ. ކުޑަމީހާ އަށް ކުޑަކޮށް ބޮޑުން ބޮޑުކޮށެއް ނޫނެވެ.             

” ރައްކާތރިވެ ތިބިއްޔާ ދަތުރޭ ” ދިވެހިން ބުނެ އުޅެނީ އެހެންވެގެންނެވެ.

Loading

One Response

  1. ވަރަށް ރަނގަޅު ވާހަކައެކެވެ. ގާނޫނާއި ގަވައިދު ތަންފީޒުކުރުން ކަށަވަރު ކުރުމާއި އެގާނޫނާއި ގަވައިދުތައް ތަންފީޒުކުރުމަކީ ދެކަމެކެވެ. ގާނޫނާ ގަވައިދު ތަންފީޒުކުރުމަކީ އެއަށް އަމަލުކުރުމެވެ. އެކަން އެގޮތަށް ކުރޭތޯ ބަލައި ނުކުރާފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަކީ ގާނޫނު ތަންފީޒުކުރުން ކަށަވަރުކުރަން ދަވްލަތުން ހަވާލުކޮށްފައިވާ އިދާރާތަކުގެ މަސްއޫލިއްޔަތެވެ. ގާނޫނާ ގަވައިދާ އެއްގޮތަށް އުޅުމަކީ އެމީހަކު ހިތަށް އެރިހާގޮތަކަށް އުޅުން މަނާކުރުމެވެ. ތިމާއާއި އަނެކުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައެވެ. އެއީ މިނިވަންކަމަށް އަރާގަތުމެއްނޫނެވެ. ގާނޫނާއި ގަވައިދު ތަންފީޒުނުކުރުމަށް ދެއްކޭނެ ބަހަނާއެއްވެސް އޮވެގެން ނުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް