ގެސްޓްހައުސްތަކަށް އުފާވެރި ޚަބަރެއް!

Loading

Facebook
Twitter
WhatsApp
     ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި މީގެ 12 ވަރަކަށް އަހަރު ކުރިން ފެށުނީއްސުރެން، މިސިނާޔަތް ދުވަހެއް ދުވަހަކަށް ދަނީ ކުރިލާ ފޯދެމުންނެވެ. މިއަދު މިއީ ރަށްފުށުގެ ގިނައަދަދެއްގެ ހީވާގި ޒުވާނުންގެ އާމްދަނީ ލިބުމުގެ މައިގަނޑު މަގެވެ. ލޯކަލް ޓޫރިޒަމް ތަޢާރަފްވެގެން އައި ފަހުން އެކި ފެންވަރުގެ ގިނަ ގެސްޓްހައުސްތަކާއި، ޑައިވް ސްކޫލްތަކާއި، މޫދު ކުޅިވަރުގެ ވިޔަފާރިތައްވެސް ރަށްތަށުގައި ކުރި އަރައިގެން ދިޔައެވެ.
    ކޯވިޑް19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް މާލީގޮތުން ލިބުނު އެއްބަޔަކީ ގެސްޓްހައުސް ވިޔަފާރިވެރިންނެވެ. ސަބަބަކީ ރާއްޖެއާއި ބޭރު ޤައުމުތަކުގެ ބޯޑަރތައް ބަންދުވެ، އިންޓަރނޭޝަނަލް އެއަރލައިންތައް ހުއްޓި، ގެސްޓުން އަންނާނެ މަގެއް ނެތި ރާއްޖެ ލޮކްޑައުން ވުމެވެ. ލޮކް ޑައުންއަށް ފަހު ރިސޯރޓްތައް ހުޅުވަން ހުއްދަ ދިނީ ޖުލައި 15 ވަނަ ދުވަހުއެވެ. އެއަށްފަހު އޯގަސްޓް 15 ގައި ގެސްޓްހައުސްތައް ހުޅުވަން ނިންމި ނަމަވެސް، ކޭސްތައް ގިނަވެ އެކަން އެގޮތަކަށް ނުވިއެވެ. އެއަށް ފަހު މިއަދާއި ހަމަޔަށް ވެސް ލޯކަލް ޓޫރިޒަމްގެ ވިޔަފާރިވެރިން ތިބީ ވާނުވާއެއް ނޭނގި ގޮތް ހުސްވެފައެވެ.
     ނަމަވެސް މިނިސްޓްރީ އޮފް ޓޫރިޒަމުން އިއްޔެ މިވަނީ މި އިންތިޒާރަށް ނިމުމެއް އަންނަ ކަމުގެ ފެހި ސިގްނަލް ދީފައެވެ. އެމިނިސްޓްރީއިން ކުރި ޓްވީޓެއްގައި ވަނީ އޮކްޓޯބަރ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭނެ ކަމަށެވެ. އަދި މި ހުއްދަ ދިނުމުގައި އެރަށެއްގެ ރަށު ކައުންސިލުގެ ލަފަޔާއި، އެހްޕީއޭއާއި، އެހްއީއޯސީގެ ގައިޑްލައިންތަކަށް ރިޢާއަތް ކުރެވޭނެ ކަމަށްވެސް އެޓްވީޓުގައި ވެއެވެ. އަދި މިއަދުގެ ވަގުތެއްގައި މިކަމާއި ގުޅޭ ޚާއްސަ ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ބުނި ނަމަވެސް، އަދި ޕްރެސް އޮންނާނެ ވަކި ގަޑިއެއް އަންގާފައެއް ނުވެއެވެ.
    ގެސްޓްހައުސްތައް އަލުން ހުޅުވި ނަމަވެސް، މާލީގޮތުން މިވެއްޓުނު އަނދަވަޅުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނަގާނޭ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

Loading

One Response

  1. ކޮވިޑް މިވަރަށް ރާއްޖޭގައި ކޮންޓުރޯލް ނުވާކަން އެނގުނީމާ ތަންތަން ހުޅުވިޔަސް މީހަކު އަންނާނެބާ؟ ލޮކްޑައުން ކުރީ 20 ކޭސް ހިސާނުގެ ޢަދަދެއްގައި ކޮންޓުރޯލްވެފާ އޮއްވާ. އެހެނަސް އިއްޔެ ތިވަނީ މިހާރު 199 ގައި. ދެން ސިއްރެއްނޫނެއްނު، އެންމެނަށްވެސް އެނގޭ 1 ލައްކަމީހުން އުޅޭތަނެއްގައި % ގޮތުން ކިހާވަރެއްކަންދޯ. ވަރަށް ދެރަވަރު. އެހެނަސް ކީއްތޯކުރާނީ. 20 ގަ ޢަދަދުން ގުނިއިރުގެ ލޮކްޑައުންގައި ގިނަމީހުންގެ ސޯޓު މިވަނީ ބޭލިފައި. ވަޒީފާ ދިޔައީ. ލޮކްޑައުންގައި ތިބެ އަތްމަތިވެސް ހުސްވެ ދަރާވިކުނީ. މާލެ ދޫކޮށް އެތަށްބަޔަކު ރަށަށް ހިޖުރަކުރަން މަޖުބޫރުވީ. ރަށްރަށަށް ކޮވިޑް ފެތުރުނީ. ވަރަށް ވަރަށް ދެރައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް