މި ގެނެސްދެނީ އާންމުގޮތެއްގައި ދުނިޔޭގެ ހުރިހާގައުމެއްގައި ކަހަލަ ގޮތަކަށް އަދުލު އިންސާފު ގާއިމު ކުރުމުގެ މަރުޙަލާތަކުގައި ކަންތައް ކުރެވިފައި ހުންނަގޮތުން އިންސާފު ލިބުމަށް ނުވަތަ އިންސާފު ހޯދާދިނުމަށް ހުރަސް އެޅެން މެދުވެރިވެދާނެ ބައެއް ހާލަތެވެ.
ފަނޑިޔާރުންނަށް ކުޑައިމީސްބަސް ބުނުމުގެކުރިން ތަޙުގީގުގެ މަރުޙަލާތަކުގައިވެސް ފުރިހަމަ ނުކުރެވި ހުންނަ ކަންތައްތަކެއްގެ ސަބަބުންވެސް ޢަދުލު އިންސާފު ގާއިމު ކުރުމަށާއި އިންސާފު ހޯދާދިނުމަށް ހުރަސް އެޅޭގޮތް މެދުވެރި ވަމުންދާތީ އެކަންކަމާމެދު ވިސްނާ ފިކުރުކުރުމަށެވެ.
މިލިއުން އެއްވެސް ފަރާތަކަށް އަމާޒުކޮށް ކުޑައިމީސް ބަހެއް ބުނުމަކީ ސަންދާނުގެ މަގްސަދެއް ނޫނެވެ. މިލިއުން ބިނާކޮށްފައިވާނީ މި ހިނގާ ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހު ބީބީސީ ގައި ގީތާ ޕާންޑޭ ގެނެސް ދީފައިވާ ޚަބަރުގެ މައްޗަށެވެ.
މީގެ ދިހަ އަހަރުކުރިން އަނިޔާވެރި ގޮތަކަށް ހަރިޔާނާގެ ދަނޑުބިމެއްގައި ރޭޕްކޮށް މަރާލެވިފާ 19 އަހަރުގެ އަންހެންކުއްޖާ މަރާލުމުގައި ބައިވެރިވި 3 މީހުން މަރަން ފުރަތަމަ މަރުޙަލާ އަދި ދިއްލީގެ ހައިކޯޓުން ކޮށްފައިވާ ޙުކުމްމިދިޔަ ހޯމަދުވަހު އިންޑިއާގެ ސުޕްރީމްކޯޓުން ބާތިލުކޮށް އެ 3 މީހުން މިނިވަންކޮށް ދޫކޮށްލައިފިއެވެ.
ސުޕްރީމްކޯޓުގެ ޙުކުމާއިމެދު ރުޅިވެރިކަން ފާޅުކުރަމުން ގެންދިޔަ މީހުން ދެކޭގޮތުގައި އިންޑިއާގެ ރައްޔިތުންގެ މެދުގައި މިހާވަރުގެ އަނިޔާވެރި މަރެއްގެ ވާހަކަ ދުވަހަކުވެސް އަޑުއަހާފައި ނުވާއިރު މި އަނިޔާވެރި ޙާދިސާހިންގި މީހުން ކުށްވެރި ނުވާކަމަށް ސުޕްރީމް ކޯޓުން ނިންމުމަކީ އިންޑިއާގައި އެއްވެސް އަންހެން ކުއްޖަކަށް ރައްކާތެރިކަން ލިބިފައި ނެތްކަމުގެ ވަރަށް ސާފު ހެއްކެކެވެ.
ރޭޕްކުރެވޭ އަންހެނުންގެ މަޢުލޫމާތު ހާމަކުރުން އިންޑިއާގެ ގާނޫނު މަނާކުރުމުގެ ސަބަބުން މި މައްސަލާގައި މަރާލެވިފައިވާ އަންހެންމީހާގެ ނަމަކަށް ބަލާފައިވަނީ އަނާމިކާއެވެ. މި ރޭޕްކުރުމުގެ ކުށް ސާބިތުވުމާއި ގުޅިގެން އިއްވާފައިވާ މަރުގެ ޙުކުމް ބާތިލުކުރަންޖެހޭ ސަބަބެއް ކަމުގައި ސުޕްރީމްކޯޓުގެ ހުކުމްކުރި ތިން ފަނޑިޔާރުން އިއްތިފާގު ވެފައިވަނީ ރޭޕްކުރީ އެމީހުންކަން ސާބިތުކުރެވޭ ފަދަ ހެއްކެތް ނެތް ކަމަށާއި 2014 ގައި ދިއްލީ ހައިކޯޓުގެ ފަނޑިޔާރުން އިއްވި ޙުކުމަކީ ޙަގީގަތަކީ ކޮބައިކަން ދެނެގަތުމެއްނެތި އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް އިއްވާފައި ޙުކުމެއް ކަމަށް ބެލެވޭތީއެވެ.
ރޭޕްކޮށް މަރާލެވުނު އަންހެންކުއްޖާގެ ބައްޕަގެ ފޮޓޯއަކާއެކު ޓްވީޓްކުރި މީހަކު ބުނެފައިވަނީ 2022 ވަނައަހަރު އިންޑިއާގައި ޢަދުލު އިންސާފުގެ ޙަގީގަތަކީ މިއީކަމަށެވެ. މީގެ އިތުރުން އިންސާނީ ކަރާމަތަށް ގޮވާ ޖަމާޢަތްތަކާއި އިންޑިއާގެ ގިނަ ގާނޫނީ ވަކީލުން ތަކެއް ގެންދަނީ ކޮންމެ އަހަރަކު އެތައްހާސް އަންހުނުން ރޭޕްގެ ޝިކާރަ އަކަށް ވެގެންދާއިރު އިންޑިއާގެ ސުޕްރީމްކޯޓުގެ މިޙުކުމާދޭތެރޭ ނަފްރަތުގެ ޝުއޫރުތައް ސޯޝަލް މީޑިއާއަށް އޮއްސާލަމުންނެވެ.
އޭގެތެޜޭން ބައެއްމީހުން ބުނަމުން ގެންދަނީ ބަލިވެ އިނދެ ބަނޑުބޮޑުވެފައިވާ މުސްލިމް އަންހެނަކު 2002 ވަނަ އަހަރު ރޭޕްކޮށް އޭނާގެ ތިމާގެ ބައެއް މީހުން މަރާލުމުގެ ކުށުގައި އުމުރަށް ޖަލަށް ލާފައިވާމީހުން ގުޖުރާތު ސަރުކާރުން މިނިވަން ކުރުމަކީވެސް މިކަހަލަ ކަމެކެވެ.
ރޭޕްކުރެވުނު 19 އަހަރުގެ އަންހެންކުއްޖާ ދިރިއުޅެމުން ގެންދިޔައީ މައިންބަފައިންނާ އެކު ހުޅަނގު ދެކުނު ދިއްލީގެ މެދުފަންތީގެ މީހުންދިރިއުޅެމުން ގެންދާ ޗަވްލާ އަވަށުގައެވެ.
ނިއުދިއްލީގެ ރަށްބޭރު އަވަށެއްކަމުގައިވާ ގުރްގާއޯން އިން ކޯލްސެންޓަރެއްގެ ވަޒީފާ އޭނާއަށް ލިބުނީ 2012 ވަނައަހަރު ޖެނުއަރީ މަހުގައެވެ. އާއިލާއިންއާމްދަނީ އެއް ލިބޭގޮތް ހަމަޖެހިފައިވަނީ ހަމައެކަނި އޭނާއަށެވެ. އެ ޢާއިލާއަށް އިންސާފު ހޯދާދިނުމުގެ މަސައްކަތުގައި 8 އަހަރު ދުވަސްވާންދެން ބައިވެރިވަމުން ގެންދާ ޔޯގީތާ ބާވްނާ ބުނި ގޮތުގައި އަނާމިކާއަށް ފުރaތަމަމަހުގެ މުސާރަ ލިބުމުން ވަރަށް އުފަލުން ހުރެ އެކުގައި މަސައްކަތްކުރަމުން ގެންދާ 3 ރައްޓެހިންނާއެކު ގެއަށް ދިޔަމަގުމަތީގައި 2012 ފެބްރުއަރީ 9 ވަނަދުވަހު ރަތްކުލައިގެ ކާރެއްގައި އައި ފިރިހެނުން ތަކެއް އޭނާ އަތުލާގަނެގެން ގެންދިޔައީއެވެ.
އޭގެ ހަތަރު ދުވަސްފަހުން އޭނާގެ ހަށިގަނޑު ފެނުނުއިރު ހަށިގަނޑުގެ ބައެއްވަނީ އަންދާލާފައި ބައެއްގުނަވަންތައް ބުރިކޮށް ޖިންސީ ގުނަވަނުގެ ތެރެއަށް ބިޔަ ލަކުޑިގަނޑެއް ގަންނުވާލައި އަދި މިނޫނަސް އެތައް އަނިޔާތަކެއް ދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ފަލަސުރުޚީއާއެކުރިޕޯރޓު ކޮށްފައިވާ ކަމަށެވެ.
އަނާމިކާގެ ވަކީލުން އެ މައްސަލަ ސާބިތު ކުރުމަށްޓަކައި ގިނަ ހެކިތަކެއް ކޯޓަށް ހުށައެޅިއެވެ. އޭގެ ތެރޭގައި ރޭޕްގެ އަމަލު ހިންގިމީހުންގެ ފައިސާއަޅާކަހަލަ ކުޑަދަބަހަކާއި އަދި އެކަންކުރި ސަރަޙައްދަށް ފުލުހުންގެ ޓީމަކުންއެމީހުން ގެންގޮސް އަނާމިކާގެ ހެދުންތައް އެމީހުންގެ އެހީގައި ހޯދިކަމާއި އަދި އެމީހުންގެ އަމިއްލަ އިއުތިރާފްވެސް ހުށައެޅިއެވެ. އަދި ލޭގައި އުނގުޅިފައިހުރި މަނީގެ ޑީ. އެން. އޭ. އާއި ކާރުތެރޭން ފެނުނު އެމީހުންގެ އިސްތަށީގެ ސާމްޕަލްވެސް ހުށައެޅިއެވެ.
މި ހެކިތަކުގެ މައްޗަށް ބިނާކޮށް ފުރަތަމަ މަރުހަލާ ކޯޓުން ޙުކުމްކުރީ އެމީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭތީ އެމީހުން މެރުމަށެވެ. އޭގެފަހުން ދިއްލީގެ ހައިކޯޓުންވަނީ އެ ޙުކުމް ދަމަހައްޓާފައެވެ. އެހެންނަމަވެސް މިދަޔަ ހޯމަދުވަހު ސުޕްރީމްކޯޓުން އިއްވި 40 ސަފްޙާގެ ޙުކުމްގައި ބުނެފައިވަނީ ހުށައަޅާފައިވާ ހެކިތަކަށް އިތުބާރު ނުކުރެވޭ ކަމަށެވެ. އޭގެ އިތުރުން:
ހ. ރޭޕްކުރެވުނު އަންހެންކުއްޖާ އަކީ ކާކުކަން އޭނާގެ ރައްޓެހިންނަށާއި އަދި އެ ކުއްޖާ ކިޑްނެޕްކުރަން އުޅުމުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރިކަމަށްބުނާ ފިރިހެންމީހާއަށް ވެސް ކޯޓަށް އޮޅުންފިލުވާ ނުދެވުމާއި :
ށ. ޙާދިސާ ހިނގި ސަރަޙައްދުން ހޯދިފައިވާކަމަށް ދިއްލީގެ ފުލުހުން ބުނެފައިވާ ތުޙުމަތު ކުރެވޭ މީހުން ދުއްވިކަމަށްބުނާ ކާރުގެ ބަމްޕަރުގެ އެތިކޮޅަކާއި ތުޙުމަތު ކުރެވޭ މީހުންގެތެރެއިން އެކަކުގެ މަޢުލޫމާތު ފެނިފައިވާ ވޮލެޓް އެންމެ ފުރަތަމަ ނަގާފައިވާ ފޮޓޯ އިން ފެންނަންނެތްކަމާއި :
ނ. އެންމެ ފުރަތަމަ އެ ސަރަޙައްދަށް ދިޔަ ހަރިޔާނާގެ ފުލުހުންގެ ރިޕޯރޓުގައި އެތަކެތީގެ ވާހަކަ ނެތުމާއި:
ރ. ތަހްގީގުކުރި ފުލުހުންގެ އޮފިސަރުގެ ރިޕޯރޓުގައިވެސް އެތަކެތީގެ ވާހަކަ ނެތުމާއި :
ބ. އެސަރަޙައްދުން ފުލުހުން ހޯދިކަމަށްބުނާ ފޯނެއްގެ ވެރިފަރާތް ކަށަވަރު ކުރުމަށްޓަކައި ރޭޕްކުރެވުނު އަންހެންކުއްޖާގެ ބައްޕައަށް ދައްކާފައި ނުވުމާއި:
ޅ. ފުލުހުން އަތުލާގަތް ރަތްކުލައިގެ ކާރަކީ ރޭޕްކުރިކަމަށް ބުނާ ސަރަޙައްދުން ފެނުނު ކާރުކަން ޝައްކެތްނެތްވަރަށް ޔަގީންކޮށް ނުދެވުމާއި :
ކ. ތުޙުމަތު ކުރެވޭ މީހުން ހައްޔަރުކުރި ޙާލަތާމެދުވެސް ސުވާލު އުފެދޭކަމާއި:
އ. ތުޙުމަތު ކުރެވޭ ބައެއްމީހުން ރަނގަޅަށް ބަލާ ފާސްނުކުރުމުން ވެސް ޝައްކުއުފެދޭނެ ޖާގައޮތް ކަމަށެވެ.
ސުޕްރީމްކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވާ ގޮތުން 27 ފެބްރުއަރީގައި ކާރުން ލިބުނު ހެކި ފޮރެންސިކް ތަޙުލީލަށް ފޮނުވާފައިވަނީ އޭގެ ދެ ހަފްތާފަހުން ކަމާއި އެ މުއްދަތުގެ ތެރޭގައި ހެކި ބަދަލު ކުރެވިދާ ފަދަ ގޮތެއް މެދުވެރި ވެދާނެކަމަށެވެ.
ނަމަވެސް މިފަދަ ނުރައްކާތެރި ޢަމަލުތައް ހިންގާފަރާތްތަކަށް ލިބެންޖެހޭ އަދަބު ނުލިބި މިނިވަންވުމުން ހިތާމަ ލިބިފައިވާ ޢާއިލާއަށާއި އަދި މުޅި މުޖުތަމާއަށްވެސް ވަރަށް ބޮޑު ހިތާމައަކާއި ނުރައްކާ މެދުވެރިވެދާނެކަން ފަނޑިޔާރުންވެސް ގަބޫލުކުރާ ކަމަށާއި އެހެންނަމަވެސް މައްސަލަ ޝައްކެތްނެތް މިންވަރަށް ސާބިތުކުރެވިފައި ނުވާތީ މި ނުބައި އަމަލު ހިންގިކަމަށް ތުޙުމަތުކުރެވޭ މީހުން މިނިވަންކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ.
އަނާމިކާގެ ގާނޫނީ ވަކީލު ޗާރުވާލީކަންނާ ބީބީސީގެ ގީތާ ޕާންޑޭ އަށް ކިޔާދިންގޮތުގައި ސުޕްރީމްކޯޓުގެ ޙުކުމުގައި ބުނެފައިވާފަދަ ޓެކްނިކަލް ފާހަގަކުރުންތަކާއި ހެކި ބަދަލުކުރުމުގެ ފުރުސަތު އޮތްކަމަށް ބުނާއިރު އެ ކަންތަކުގައި ފުލުހުންނާ ސުވާލު ނުކުރުމާއި ފައިސަލާކުރަނިވި ހެއްކެއް ހުށައަޅާފައިނެތް ކަމަށްވެސް ބުނެފައި ވާއިރު ހުށައަޅާފައިވާ އެތައް ހެއްކެއް ރިޢާޔަތް ނުކޮށް ދޫކޮށްލާފައި އޮތުމުން އެޙުކުމް އަލުން ބަލަން ހުށައަޅާނެކަމަށެވެ.
އަނާމިކާގެ ބައްޕަ ބީ. ބީ. ސީ. ގެ ގީތާ ޕާންޑޭ އަށް ދިން ބަސްދީގަތުމުގައި ބުނެފައިވަނީ އިންސާފުލިބޭނެ ކަމަށް 10 އަހަރުދުވަސް ވާންދެން ކުރި އުންމީދާއި އެ ތިންމީހުން ދަންޖައްސާ މަރާލެވިގެންދާތަން ދުށުމަށް ކުރި އިންތިޒާރު ފެނަށްވެގެންދިއުން އިޙުސާސްކުރެވުނީ “ މޭރޭ އޫޕަރް ވަޖްރާ ގިރް ގަޔާ “ ( އަހަރެންގެ ބޮލަށް ހޮނު އެޅުންފަދަ އިޙުސާސެއް ) ކަމުގައެވެ.