އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާލާން މަރުދޭނެ - އީރާން 

Loading

Facebook
Twitter
WhatsApp

އީރާނުން ބައިނަލް އަގްވާމީ ނިއުކްލިއަރ ވޮޗްޑޯގަށް ހާމަކޮށްދީފައި ނުވާ ތަންތަނަށް ފާރަލުން ހުއްޓާނުލާނަމަ 2015 ގެ އެއްބަސްވުމަށް ރުޖޫޢުވުމަކީ މާނައެއް އޮތްކަމެއް ނޫނެވެ. ތެހެރާނުގައި ނޫސްވެރިންނަށް ބޭއްވީ ބަސްދީގަތުމެއްގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވިދާޅުވެފައިވެއެވެ.                   

އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ފައިނަގާފައިވާ މިންވަރަށް އެކަން ކުރިއަ ނުދިނުމަށްޓަކައި އެމެރިކާއިންވެސް ދުލެއް ނުދޭނެއެވެ. މި ކަމުގައި އީރާނުން ގެންގުޅޭ އުކުޅުތަކުގެ ހާމަކަން ދަނީ ހައްތާ ބޮޑަށް ފާޅުވަމުންނެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދާނެކަމަށް ހަމައެކަނި ބިރުދައްކަނީކީ ނޫނެވެ. ހަގީގަތުގައިވެސް އެމީހުންގެ ލަޝްކަރުތައް ބާރުވެރި ކުރުމަށްޓަކައި އީރާނުގެ ސިޔާސީ ބޭފުޅުން ތިއްބެވީ އެކަންކުރަން ފިސާރި ވަރުގަދަ އަޒުމެއްގައެވެ.

އީރާނުގެ ވިސްނުމުގައި ބަލައިފިނަމަ އެއީ ގޯހެކޭވެސް ބުނެވޭކަށް ނެތެއެވެ. މެދުއިރުމަތީގައި އޮތް އެމީހުންގެ ނުފޫޒާއި އިގްތިސާދީގޮތުން ބަނޑަށް ޖެހިފައިއޮތް އޮތުމަށް ވުރެންވެސް ބޮޑަށް އެމީހުންގެ ދިރިތިބުން އެކަމާ ގުޅިފައި އޮތްކަމެއް ކަމުގައި ދެކޭތީއެވެ. މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުން ތަކަކީވެސް އީރާނުގެ ވެރިކަން ވައްޓާލުމުގެ ބޭނުމުގައި ބޭރުގެ ފަރާތްތަކުގެ ފުރިހަމަ މަދަދާއެކު ކުރިއަށްގެންދާ ކަންތައްތަކެއްކަން އީރާނުގެ ސިޔާސީ ފަރާތްތަކަށް ގަބޫލުކުރެވެއެވެ.

އެހެންވީމާ ބޭރުގެ އުދަނގޫ ތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ނިއުކްލިއަރ ހަތިޔާރުގެ ގާބިލުކަން ލިބިފައިއޮތުން ކޮންމެހެންވެސް ބޭނުންކަމުގައި އީރާނުން ދެކެއެވެ. އެގޮތުން މެދުއިރުމަތީގައި އޮތް އީރާނާއި އެންމެ ޢަދާވާތްތެރި ގައުމަކީ އިޒްރޭލް ކަމަށްވާއިރު އެގައުމުންވަނީ އެމެރިކާގެ މަދަދުން ނިއުކުލިއަރ ހަތިޔާރު އުފަށްދާފައެވެ. އިޒްރޭލުގެ ޑިކްލިއަރ ނުކޮށް ގެންގުޅޭ ނިއުކުލިއަރ ހަތިޔާރުތަކާހެދި އެމެރިކާއިންވެސް ނުވަތަ  ބައިނަލް އަގްވާމީ ނިއުކްލިއަރ ވޮޗްޑޯގުންވެސް ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ.                                                             

ބައެއް ތަޖްރިބާކާރުންގެ ނަޒަރުގައި ކިރިޔަކިރިޔާ ނިއުކްލިއަރ ހަތިޔާރު އުފައްދަން ނުފަށާވަރަށް ތައްޔާރު ވުމަށްފަހު ދެން ހުޅަނގުގެ ގައުމުތަކަށް ޕްރެޝަރު ކޮށްގެން އީރާނުގެ މަގްސަދު ހާސިލު ކުރެވިދާނެކަމަށް އީރާނުގެ ބައެއް ސިޔާސީ ފަރާތްތަކުން ދެކިފާނެއެވެ. އެކަމަކު އެއީ ރަނގަޅު ވިސްނުމަކަށް ނުވާނެއެވެ. އޭގެ ނުރައްކާތެރިކަން އީރާނަށް މާބޮޑު ވެދާނެއެވެ. ފަހަރެއްގައި އެ ހިސާބުން އީރާނުގެ ދުޝްމިނުން މަޑުންނުތިބެ އީރާނުގެ ނިއުކްލިއަރ ސަރަހައްދުތަކަށް ހަމަލާދިނުމަކީ ވަރަށް ގާތްކަމުގައި ތަޖުރިބާކާރުން ބުނެފައިވެއެވެ. ހަމައެގޮތުން އީރާނަށްވެސް އެކެން އެނގޭކަން އީރާނުގެ ވެރީންގެ ބަސްމަގު ހުންނަގޮތުން އެނގެއެވެ.                                      

ބައެއް އެހެން ތަޖްރިބާކާރުން ދެކޭގޮތުގައި އީރާނުގެ ދުޝްމިނުންނާއިކުރިމަތިލެވޭވަރަށް މިހާރުވެސް އީރާނުގެ ލަޝްކަރުތަކުގެ ގާބިލުކަން އެބަހުއްޓެވެ. އަދި އާންމުކޮށް ހަނގުރާމަތަކުގައި ބޭނުން ކުރާ ހުރިހާ ހަތިޔާރެއްވެސް ހުރުމާއެކު ކޮންމެހެން ނިއުކްލިއަރ ގާބިލުކަން ހޯދަން މަސައްކަތެއް ނުކޮށްވެސް ފާނެއެވެ.

މެދުއިރުމަތީގައި އީރާނާ އެންމެ ދެކޮޅު ސިޔާސަތު ގެންގުޅޭ ގައުމުތައް ކަމުގައި ބެލެވޭ ސަޢޫދީ އެރޭބިޔާއާއި އެމިރޭޓްސްއިންވެސް މިހާރު މަސައްކަތް ކުރަމުން ގެންދާތަން ފެންނަނީ އީރާން އާއި އެކުވެރިކަމުގެ ގުޅުމެއް ގާއިމު ކުރުމަށެވެ. ދެން އޮތީ އެމެރިކާގެ ބާރުވެރި އިސްރާއީލުގެ މައްސަލައެވެ. އިސްރާއީލުން އީރާނާއެކު ދުވަހަކުވެސް އެކުވެރިކަން ގާއިމު ކޮށްފާނެ ކަމަކަށް ނުބެލެވެއެވެ. ދާދި މިދާކަށް ދުވަހުވެސް އިސްރާއީލުގެ މިލިޓްރީގެ ކުރީގެ ވަރަށް އިސްބޭފުޅަކު ހާމަކުރިގޮތުގައި އާންމުކޮށް ހަނގުރާމައިގާ ބޭނުންކުރާ ހަތިޔާރާއެކު އީރާނާއެކު އިސްރާއީލުން ކުރިމަތި ލުމަކަށް ދެވިދާނެއެވެ. 

އެކަމަކު ނިއުކްލިއަރ ހަތިޔާރާއެކު ކުރިމަތި ނުލެވޭނެއެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު ތަރައްގީ ކުރުމުގެ އެންމެ މައިގަނޑު ބޭނުމަކަށްވާނީ އިސްރާއީލުން އެގައުމަށް ޙަމަލާއެއްދިނުން ހުއްޓުވުމެވެ. އީރާނުގެ އަނެއްބޭނުމަކަށްވާނީ އިގްތިސާދީ ދަތިކުރުން ތަކަކުން ރަނގަޅު ނަތީޖާއެއް ނުނެރެވޭނެކަން ހާމަކުރުމެވެ. އެހެންނަމަވެސް އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށްޓަކައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަޅުތައް ދެމެހެއްޓުންވެސް ވަރަށް މުހިންމު ކަމުގައި ބެލެވެއެވެ. އެކަމަކުއޭގެ ސަބަބުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލާފާނެކަމަށް ދުށުމަކީ މޮޔަ ވިސްނުމުގައި މިހާރުވަނީ ގަބޫލުކުރަން ޖެހިފައެވެ.                                         

ކޮންމެއަކަސް މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު 2015 ވަނައަހަރުގެއެބުނާ އެއްބަސްވުން ދެމިއޮވެދާނެ ކަމަކަށް ނުބެލެވެއެވެ. އެހެންވީމާ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުން ނުވާކަމަށް ބެލިޔަސް އެގައުމުގައި މިހާރުހުރި ހަތިޔާރުތަކުން އެމެރިކާގެ ރައްޓެހި ގައުމުތަކަށް މެދުވެރި ކުރެވިދާނެ ނުރައްކަލަކާއި އަދި އީރާނުގެ އެތެރޭގައި އުފެދިގެން އުޅޭ މައްސަލަ ތަކަށްވެސް ރިޢާޔަތްކޮށް އެހެން މަގެއް ކޮށަންހޯދަފާނެ ކަމަށްވެސް ބެލެވެއެވެ.               

2015 ގެ އެއްބަސްވުން އާނުކުރެވިއްޖެނަމަ ދެން އީރާނުން އެކަމައިގެންއުޅޭނެހެން ހިއެއް ނުވެއެވެ. އޭރުން އެމެރިކާއަށް ޖެހޭނީ އެމެރިކާގެ ރައްޓެހިންނާ ވާހަކަދައްކައިގެން އީރާނުގެ ނިއުކްލިއަރ ހަކަތައިގެ މުޅިމަޝްރޫއު އެއްކޮށް ހުއްޓާލަންޖެހޭކަހަލަ ރޭވުމެއް ރާވާށެވެ. އެފަދަ ރޭވުމެއްގައި އީރާނުގެ އިގްތިސާދަށް ފުރުސަތުދީފައި ނިއުކްލިއަރ ހަކަތައިގެ ޕްރޮގްރާމު ކުރިއަށްގެންދިމުންވާނީ ގެއްލުންކަން ރަނގަޅަށް ވިސްނާދޭންޖެހޭނެއެވެ. ސިޔާސީގޮތުން މަސައްކަތްކުރެވެމުންދާއިރު އީރާނުން ގޮތްދޫނުކޮށް ހިފާއްޓާނަމަ ނުރައްކަލާ ކުރިމަތިލާން ޖެހޭނެކަންވެސް ބޮލަށް ވައްދަންޖެހޭނެއެވެ. އަދި އީރާނަށް ދުވަހަކުވެސް ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ގާބިލުކަން ނުލިބޭނެ ކަމަށް ރައީސް ބައިޑަންގެ ވިދާޅުވުމަކީ ހުސް އަނގަތެޅުމެއްނޫންކަންވެސް ސާބިތުކޮށްދޭން ޖެހޭނެއެވެ. އެހެންނޫނީ ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ އަގު ވެއްޓޭނެއެވެ. މިކަހަލަ ރޭވުމެއްގެ ދަށުން އެމެރިކާއާއި އިސްރާއީލު ގުޅިގެން އަހަރަކު އެއްފަހަރު އަސްކަރީ ތަމްރީނުތަކެއްބޭއްވުމާއި އަދި އެ ތަމްރީނުތަކުގައި އެމެރިކާގެ އަސްކަރީ ޖެޓްތައްވެސް ބައިވެރިކުރުވުން ވަރަށް މުހިންމު ވާނެއެވެ. އަދި އީރާނުން ދީފާނެ ޑްރޯނާއި މިސައިލްގެ ހަމަލާތަކުން ރައްޓެހި ގައުމުތައް ދިފާއު ކުރުމާއެކު ދެން އޮންނަ ބަޖެޓެއްގައި އީރާނުގެ މުޅި ހަކަތައިގެ ނިޒާމު ފުޑުފުޑު ކޮށްލެވޭނެ ފައިސާ ހަމަޖައްސަން ޖެހޭނެއެވެ.                                       

އީރާނުން ނިއުކްލިއަރ ހަކަތައިގެ މަޝްރޫއުތައް ކުރިއަށް ގެންދަން އަޒުމު ކަނޑައަޅައިފިނަމަ އެމެރިކާއިން އެކަންހުއްޓުވަން އަޒުމް ކަނޑައަޅަންޖެހޭނެއެވެ.                                        

މި ލިއުމުގައި މިވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫޢާ މެދު ކަންތައް ހިނގާގޮތުގެ މައްޗަށްބަލައި އެ މަޝްރޫޢު ހުއްޓުވުމަށްޓަކައި އެޅިދާނެފިޔަވަޅު ތަކާދޭތެރޭ ތަޖްރިބާކާރުން ބައިނަލް އަގްވާމީ މީޑިއާގައި ހިއްސާކޮށްފައިވާ ބައެއް ވިސްނުންތަކެވެ. މިއީ އެއްވެސް ސަރުކާރެއްގެ ވިސްނުމެއްނޫނެވެ.                         

Loading

One Response

  1. އަހަރެމެން މިކަހަލަ ރޭވުންތަކަށް ކިޔާއުޅެނީ ބުޅަލުގެ ކަރުގައި ރަނގަބީލު އެޅުވުމަށް މީދާ ކުރި ސައްލާ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް