ޝިމާޒް މަގާމުން ވަކިކޮށްދޭން ނަހުލާ އެދިވަޑައިގަންނަވައިފި

Facebook
Twitter
WhatsApp
Capture

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީ މަގާމުން ވަކިކޮށްދޭން މިނިސްޓަރު އާއިޝަތު ނަހުލާ ރައީސުލް ޖުމްހޫރިއްޔާ އަށް ސިޓީ އެއް ފޮނުއްވައިފިއެވެ.


މިދިޔަ ހަފްތާގައި ރައީސް ސާލިހު އަށް މިނިސްޓަރު ނަހުލާ ފޮނުއްވި ސިޓީގައި ވަނީ ޝިމާޒަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާ، އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ވެސް މިނިސްޓަރު ތުހުމަތު ކުރައްވާފައިވެއެވެ.

އަދި އުމުރު ހަމަވެފައިވާ އުޅަނދުތައް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށް ދޫކުރި ރަޖިސްޓްރީތަކުގައި ޝިމާޒްގެ ސޮއި ހިމެނޭ ކަމަށާއި ވެހިކަލް ރަޖިސްޓްރޭޝަންގައި ވެސް އޮޅުވާލުންތައް ހިންގަނީ ވަރަށް ބޮޑަށް ތަރުތީބުވެގެން ޝިމާޒްއާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް ވެސް ނަހުލާވަނީ ވިދާޅުވެފައެވެ.
އަދި އޭގެ އިތުރުން ރަސްމީ މަސައްކަތަށް ފަރުވާކުޑަކުރުމާއި މިނިސްޓްރީގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަބުރުކަތިލުމުގެ އަމަލުތަކެއް ވެސް ޝިމާޒް ހިންގަމުންދާ ކަމަށް ވެސް ނަހުލާ ތުހުމަތު ކުރައްވާފައިވެއެވެ.

ޝިމާޒް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ރައީސް މައުމޫނުގެ އެމްއާރްއެމްގެ ސްލޮޓެއްގައެވެ.  
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ރައީސް އޮފީހުން މިހާރުވަނީ އެމްއާރުއެމްއާއި ވެސް ހިއްސާ ކޮށްފައެވެ.
މިނިސްޓަރު ނަހުލާ ޝިމާޒަށް ގިނަ ތުހުމަތުތަކެއް ކުރައްވާއިރު ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި  އޭސީސީން ވެސް ވަނީ ޝިމާޒަށް ތުހުމަތުތަކެއް ކޮށްފައިވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް