ރަޙިމްގެ ގުޅުން ދެމެހުއްޓުމަކީ ވާޖިބެއް 

Loading

Facebook
Twitter
WhatsApp


ރަޙިމްގެ ގުޅުން ދެމެހުއްޓުމުގެ ވާޖިބުކަމާއި، ގުޅުން ކަނޑާލާ މީހާގެ މައްޗަށް އައިސްފައިވާ ވަޢީދުގެ ބަސްތައް އެއީ ނުހަނު ގިނަވެގެންވާ އެންމެންނަށްވެސް އެނގޭ ކަމެކެވެ.

ޙަދީޘްފުޅެއް އަޑުއަހާލާތޯއެވެ! “ މާތްﷲ އާއި އާޚިރަތް ދުވަހަށް އީމާންވެއްޖެ މީހާ ފަހެ ރަޙިމްގެ ގުޅުން ދަމަހައްޓާށެވެ.“

ކޮންމެ މީހެއްވެސް ރެޔާއި ދުވާލު މަސައްކަތް ކުރަނީ މުދަލާއި ރިޒްޤު އިތުރުކޮށް ހޯދާ، ޞިއްޙަތު ސަލާމަތުން ދުނިޔޭގައި ހުރެ ރަނގަޅު މަރަކުން މަރުވުމަށެވެ.

 އެކަމަކު އެ ކަމަށްވާ ސަބަބު ދޫކޮށްލާފައި ކިތަންމެ މަސައްކަތެއް ކުރިޔަސް އޭގެ ފައިދާއެއް ނެތެއްނޫންތޯއެވެ. އެހެނީ ޙަދީޘްގައި ވާރިދުވެގެންވާ ފަދައިން:

”އެމީހެއްގެ ރިޒްޤު އިތުރުކުރެވި، ޢުމުރު ދިގުކުރެވި، އަދި ނުބައި މަރަކުން ސަލާމަތްވާން ބޭނުންވާ މީހާ ފަހެ ރަޙިމްގެ ގުޅުން ދަމަހައްޓާށެވެ. އަދި ރަޙިމްގެ ގުޅުން ކަނޑައިފި މީހާގެ ކިބައިން މާތްﷲ ގެ ރަޙްމަތް ކަނޑުއްވޭނޭ ކަމަށް އެންގެވިފާވެއެވެ.

 އެކަލާނގެ ރަޙްމަތް ކެނޑިގެން ދިޔުމަށް ވުރެ ބިރުވެރި ކަމެއް ކޮބައިތޯއެވެ؟ 

އަދި ރަޙިމްގެ ގުޅުން ކަނޑާ މީހާއަށް ދުނިޔެ މަތީގައިވެސް ޢުޤޫބާތް އަވަސްވެގެން އަންނާނެކަމަށް ރަސޫލާ ވަނީ ވިދާޅުވެ ދެއްވާފައެވެ. އަދި ރަޙިމްގެ ގުޅުން ކަނޑައިގެން ހުންނަ މީހާ ކުރާ އެއްވެސް ހެޔޮ ޢަމަލެއް ﷲ ގެ ޙަޟްރަތަށް ނުއުފުއްލެވޭނެ ކަމަށް އެންގެވިއެވެ. އަދި ރަޙިމްގެ ގުޅުން ކަނޑާ މީހާ ސުވަރުގެވެސް ނުވަންނާނޭ ކަމަށް އަންގަވާފައިވެއެވެ.  

މިނޫންވެސް އެތައް ބައިވަރު އާޔަތްތަކާއި ޙަދީޘްތައް ރަޙިމުގެ ގުޅުންބަދަހިކޮށް އޮތުމަށްޓަކާ އައިސްފާވެއެވެ.

  ގިނަ މީހުންނަށް ރަޙިމްގެ ގުޅުން ދެމެހެއްޓުމުގެ މުހިއްމުކަން އެނގުނަސް އެއީ ކޮބައިކަމެއް ނޭނގޭކަހަލައެވެ. އެގޮތުން ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި ރަޙިމްގެ ގުޅުން ދެމެހެއްޓުމަކީ ބަދަލަށް ބަދަލުދޭ އުޞޫލުން އޮންނަކަމެކެވެ.

އެގޮތުން އެމީހުން ދެކޭގޮތުގައި:

 ތިމާގެ މީހާ ޒިޔާރަތް ކޮށްފިނަމަ މަވެސް އޭނާއަށް ޒިޔާރަތް ކުރާނަމެވެ.

ޒިޔާރަތް ނުކުރަންޔާ މަށެއްވެސް ކޮންމެހެން ޒިޔާރަތެއް ނުކުރެވޭނެއެވެ.

 ތިމާގެ މީހާ ނުގުޅާތީ ދެން މަ ވަކި އޭނާއާއި ގުޅާއި ޙާލު ބަލަންވީ ކީއް ކުރަން ހެއްޔޭ ބުނާ މީހުންވެސް މަދެއްނޫނެވެ.

 ނޫނީ އޭނާ މަށަކީ ތިމާގެ މީހެއްކަމުގައި ނުބަލަންޏާ ދެން މަ މަތިންބައިން ޖެހިގެން އޭނާ ފައިބުޑަށް ވެއްޓެން ޖެހޭހެއްޔޭ ސުވާލު އުފަށްދާ މީހުންވެސް ދިވެހީންގެ ތެރެއިންވެސް މަދެއްނޫނެވެ. ހިތާމައިގެ ބޮޑުކަމާއިއެވެ!

 ނޫނީ ތިމާގެ މީހާ މަ ބަލިވީމަވެސް ޙާލުގައި ޖެހުނު ދުވަހުވެސް އަޅައެއްވެސް ނުލިއެވެ. އެހެންވީމާ ވަކި މަ އޭނާއާއި ގުޅެންވީ ކީއް ކުރަން ހެއްޔޭބުނެ ސަކުވާ ބަންނަމީހުނާއިވެސް ދިމާވެފައި އެބަހުށްޓެވެ.

 އަނެއް ޢާންމު ސަކުވާއެއްގައި ތިމާގެ މީހާ މަށާއިމެދު ކަންތައް ކުރީ ވަރަށް ގޯސްކޮށެވެ. އެހެން ވީމާ މަވެސް އެކަން ދަންނާނަމެވެ! މިފަދަ އެތައް ވާހަކަ ތަކެކެވެ.

 އަޚުންނޭވެ! ރަޙިމްގެ ގުޅުން ދެމެހެއްޓުމަކީ އަޅުކަމެއްކަން ދަންނަން ޖެހޭނެއެވެ. 

 ހަތް އުޑު މަތިން މާތްﷲ އަހަރުމެންނަށް އެގޮތަށް އެންގެވީމާ އެކަލާނގެއަށް ކިޔަމަންތެރިވާން ކުރަން ޖެހޭ އަޅުކަމެއްގެ ގޮތުގައެވެ. އަދި އަހުރެމެންގެ އިސްލާމީ އުންމަތުގެ ކޮމާންޑަރގެ ބަސްފުޅަށްޓަކާ މެއެވެ.

 ނަމާދާއި ރޯދަފަދައިން ކުރަން ޖެހޭ އަޅުކަމެއްގެ ގޮތުގައެވެ. ދަންނައެވެ!

އަނެކާ ނުކުރިޔަސް އެ ވާޖިބު ތިބާގެ ބޮލުންނެއް ކެނޑިގެނެއް ނުދޭމެއެވެ.

 އެކަން ބަޔާން ކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:

”ރަޙިމްގެ ގުޅުން ދަމަހައްޓާ މީހަކީ ބަދަލަށް ބަދަލުދޭ މީހާއެއް ނޫނެވެ. އެހެނެއްކަމަކު ރަޙިމްގެ ގުޅުން ދަމަހައްޓާ މީހަކީ އަނެކާ އެމީހާއާއި ގުޅުން ކަނޑާލިޔަސް އޭނާ އަމިއްލައަށް ގުޅުން ޤާއިމް ކުރާ މީހާއެވެ.“

އަދި އެއްފަހަރަކު މީހަކު އައިސް ރަސޫލާގެ އަރިހުގައި ދެންނެވިއެވެ.

“ އޭ ﷲ ގެ ރަސޫލާއެވެ! އަހަރެންނަށް ތިމާގެ މީހުންތަކެއް ވެއެވެ. އެމީހުންނާ އަހަރެން ގުޅުން ދަމަހައްޓާ އިރުވެސް އެމީހުން ގުޅުން ކަނޑަނީއެވެ. އަދި އަހަރެން އެމީހުންނަށް ހެޔޮކޮށް ކަންތައް ކޮށްދޭއިރުވެސް އެމީހުން އަހަރެންނަށް ކަންތައް ކުރަނީ ނުބައިކޮށެވެ. އަދި އަހަރެން އެމީހުންނަށް ދީލަތިވެ މާތްކޮށް ހިތުމުންވެސް އެމީހުން އަހަރެންނަށް ދުއްތުރާކޮށް ހަދައެވެ.“

އެހިނދު ރަސޫލް صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ”ކަންތައް ހުރީ ތިބާ ތިޔަ ބުނާ ގޮތަށްނަމަ ފަހެ އެމީހުން (ތިބާއަށް ޝުކުރުވެރި ނުވުމުން) އަލިފާން އަޅި ކައިފިފަދައެވެ. އަދި ތިބާ ތިޔަ ގޮތަށް ދެމިހުރިހާ ހިނދަކު ﷲ ގެ ޙަޟްރަތުން އެހީތެރިއެއް އެމީހުންގެ މައްޗަށް ތިބާއަށް ލިބިގެން ވާހުއްޓެވެ.“

އެހެންކަމުން އަޚުންނާއި އުޚުތުންނޭވެ…

ﷲ އަށްޓަކައި ރަޙިމްގެ ގުޅުން ދަމަހައްޓަން ގަދައަޅާ މަސައްކަތް ކުރާށެވެ.

 ދުނިޔެއަށްޓަކައި އެއް ނޫނެވެ. އަދި ކިއެއްތަ ދުނިޔެއާއި އާޚިރަތައްޓަކައެވެ.

ރަޙިމްގެ ގުޅުން ދެމެހުއްޓުމުގެ ތެރޭގައި: ވާހަކަދައްކާ، ޙާލު ބަލާ، ޒިޔާރަތް ކޮށް، އޯގާތެރިވެ ހަދިޔާ ދީ، ޙާޖަތްތައް ވެވުނުވަރަކުން ފުއްދައިދީ، ނުބައިކޮށް ކަމެއް ހުރިއްޔާ ނަޞޭޙަތްތެރިވެ، އުފަލުގައި ބައިވެރިވެ، ހިތާމާގައި ހިތްވަރުދީ ހެދުންފަދަ ކަންކަން ހިމެނެއެވެ.

އޭނާގެ ވާޖިބު އޭނާ އަދާ ނުކުރިޔަސް ތިބާގެ ވާޖިބު ތިބާ އަދާކުރައްވާށެވެ. އޭނާ ތިބާގެ ޙާލު ނުބެލިޔަސް ތިބާ އޭނާގެ ޙާލު ބައްލަވާށެވެ. ދެދުނިޔޭގެ ބާއްޖަވަރި ކަމަށްޓަކައެވެ.

އޭނާ ތިބާއަށް ބަދުބަސްބުނެ ހުތުރު އެއްޗެހި ކިޔަސް ތިބާ އޭނާއާއި ރިވެތި ކޮށް ވާހަކަ ދައްކާށެވެ. އޭނާ ތިބާއަށް ޒިޔާރަތް ނުކުރިޔަސް ތިބާ އޭނާއަށް ޒިޔާރަތް ކުރައްވާށެވެ.

އޭނާއަށް ތިބާއަށް އެއްވެސް އެއްޗެއް ނުދިނަސް ތިބާގެ މުދަލުން އޭނާއަށް ކެރިފޯރިގެންވީ މިންވަރަކުން ދެއްވާށެވެ. އޭނާ ތިބާއަށް މާފު ނުކުރިޔަސް ތިބާ އޭނާ އަށް މާފު ކުރައްވާށެވެ. އަދި ހެޔޮ ނަސޭޙަތް ދީ ހެޔޮދުޢާ ކޮށްދެއްވާށެވެ.

އޭރުން ﷲ އަށްޓަކައި ތިބާގެ ވާޖިބު ތިބާ އަދާ ކުރެވުނީއެވެ. ދުނިޔޭގައި ތިބާއަށް ހެޔޮ ގޮތް ލިބި، ރިޒްޤު ބަރަކާތްލިބި، ރަނގަޅު ހެޔޮ މަރެއް ލިބި، ރަނގަޅު ޢުމުރެއް ލިބި، ﷲ ގެ ރަޙްމަތް ލިބި އަދި އާޚިރަތުގައިވެސް ކާމިޔާބު ލިބޭނީ އޭރުން ލިބޭނެއެެވެ. 

އިންޝާﷲ.

  

Loading

2 Responses

    1. އިތުރަށް ރަނގަޅު ކޮއްލަ ދެއްވިނަމަ. މިއީ ސްޓޯރީއެއް ނޫނެއް ނޫންތޯއެވެ. ވީމާ ތިބާއަށް އެނގި ހުރި މިންވަރަކުން ރަނގަޅު ކޮށްލަދީ އިތުރު ކޮށްލަދެއްވިނަމަ ހާދަ ސަވާބެއް ތިބާއަށް ލިބުނީހެވެ. މިހާރު ތިހެއްދެވީ ސިޔާސީ ފިކުރުގެ ނުބައިމީހުން ކަންކުރައްވާ ގޮތަށެވެ. އަވަހަށް ރަނގަޅުކޮށްލަ ދެއްވާ. އެއީ އަޅުގަނޑަށްވެސް މިނަސޭޙަތުގެ ބަސްކޮޅު ކިޔިއްޖެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް