ޒުވާނުންގެ މައްސަލަތަކަށް ހެޔޮ ނަތީޖާ ފެންނަންފަށައިފި: ރައީސް

Loading

Facebook
Twitter
WhatsApp

ޒުވާނުންގެ މެދުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާއީކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކްފާނު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ރޭ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށްޓަވައިފައި ކަމަށާ އަދި ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ދެ މައްސަލައަށް މަގުފަހިކުރާ ކަންކަމުގެ ތެރޭގައި މަތީ ތައުލީމުގެ ފުރުސަތުތައް މަދުވުމާއި، ވަޒީފާގެ ފުރުސަތުތައް މަދުވުން ހިމެނޭ ކަމަށެވެ. އެހެންވެ، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދެއްވުމާއި، ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ވަޒީފާގެ ފުރުސަަތުތައް ފަހިކޮށްދެއްވުމަކީ، ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށާއި، އެފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާނުންނަކީ، ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ވަނީ، މިޖަލްސާގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން ހުށައެޅުއްވި، ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، އެދިރާސާގައި ޒުވާނުންނާ ބެހޭ ގޮތުން ޙައްލު ހޯދަންޖެހިފައިވާ ވަރަށް ގިނަ ކަންތައް ފާހަގަކުރައްވާފައިވާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، އެދިރާސާގައި ފާހަގަކޮށްފައިވާ މުހިއްމު ދެމައްސަލައިގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާޢީކުށްތަކަށް ޒުވާނުން އަރައިގަންނަ މައްސަލައަކީ، އިޖްތިމާޢީ އެތައް ކަމަކާ ގުޅިފައިވާ، ވަށައިޖެހޭ ހައްލަކަށް ބޭނުންވާ ދެ މައްސަލަކަމަށެވެ.

އެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ މިއަހަރު ޒުވާނުންގެ އެވޯޑް ހާސިލްކުރި ޒުވާނުންނަށް، އެވޯޑް ހަވާލުކޮށްދެއްވާފައެވެ.  މިއަހަރުގެ ޒުވާނުންގެ އެވޯޑް ލިބިފައި ވަނީ 10 ޒުވާނުންނަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ، ރާއްޖޭގެ ޒުވާނުންނާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ހެދި ދިރާސާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހްކޮށްދެއްވާފައެވެ. މިޖަލްސާގައި މި ދިރާސާ ރިޕޯޓް ހުށައަޅުއްވައި ދެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި 2020 ވަނަ އަހަރުންފެށިގެން ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހުގެ 22 ވަނަ ދުވަހެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ވަޒީރުންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް