ސިޔާސީޕާޓީތަކުން ގޭންގްތައް އޮޕަރޭޓް ކުރާނަމަ ގޭންގް މާރާމާރީތައް ހުއްޓުވަން ދަތިވާނެ - ޕޮލިސް

Loading

Facebook
Twitter
WhatsApp


   ސިޔާސީޕާޓީތަކުން ގޭންގްތައް އޮޕަރޭޓް ކުރާނަމަ  ގޭންގް މާރާމާރީތައް ހުއްޓުވަން ދަތިވާނޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވާތީ ވަރަށް ކަންބޮޑުވާން ޖެހެއެވެ.

    ރާއްޖޭގެ ތަންފީޒީ ބާރަކީ މޯލްޑިވްސް ޕޮލިސް ސާރވިސް އެވެ. ރާއްޖޭގައިހަދާފައިވާ ގާނޫނު ތައް ތަންފީޒު ކުރާ ފަރާތުން އެކަން ކަން ކުރަން ނުކެރޭ ހިސާބަށް ދިއުމަކީ ރާއްޖެ އަމަން އަމާންކަން ގެއްލި ގައުމުގެ އިސްތިގްލާލާ ކަރާމާތް ގެއްލިގެން ހިނގައިދާނޭ ސަބަބެކެވެ.

     ރާއްޖޭގައި އުފެދިފައި ގޭންގްތަކާއި އެ ގޭންގްތައް އޮޕަރޭޓް ކުރާ ފަރާތްތަކާއި ގޭންގް ތަކުގެ ޢަދަދާއި ގޭންގުތަކުގެ ބައިވެރިންނާއި އެމީހުން އުޅޭ ތަންތަނަށް ދާންދެން މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެނގޭކަމަށް ބުނެފައިވެއެވެ.

     ރާއްޖެއަކީ ވަރަށް ކުޑަ ކުޑަ އާބާދީއެއްގެ މައްޗަށް ބިނާވެގެންވާ ޖަޒީރާ ގައުމެކެވެ.ގައުމުގެ އާބާދީގެ ތެރޭގައި ނުރައްކާތެރި އެތަކެއް ގޭންގް އުފެދި ގަތުލު ޢާންމުތަކާއި ނުރައްކާތެރި ޖަރީމާތައް އިތުރުވާން ފަށާފައިވާ މި ދަނޑި ވަޅުގައި ގައުމުގެ ދާޚިލީ ކަންކަން ބެލެހެއްޓުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތަކަށް އެކަންކަން ކުރުމަށް ނުކުޅެދިއްޖެ ނަމަ ގައުމުގެ ޙާލަތާ މެދު ވިސްނާންވީ ރައްޔިތުން ބާވައެވެ.

ގާނޫނުގެ ދިގުއަތް ނުފޯރާ ހިސާބުގައި އެއްވެސް ރައްޔިތަކަށް ހުރެވިގެން ނުވާނެއެވެ. ގާނޫނާ ގަވާޢިދު ތަންފީޒުކުރުމުގައި މޫނެއް ކަނދުރާއަކަށް ބެލުމެއް އޮވެގެނެއް ނުވާނެއެވެ. މިއީ ވެރިކަމަށް އައުމަށް ރައްޔަތުންނަށް ވެފައިވާ ބޮޑު ވަޢުދެކެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ގޭންގްތަށް ނުހުއްޓުވިއްޖެނަމަ ރައްޔިތުންގެ ތެރޭގައި ލޭއޮހުރުވުންތަށް ހިނގަންފަށާނެއެވެ. ގޭންގްތަކުން ހިންގަނީ ހަމައެކަނި މާރާ މާރީއެއްވެސް ނޫނެވެ. އަދިހަމައެހެންމެ އިންސާނުން ގަތުލު ކުރުމެއްވެސް ނޫނެވެ.ރާއްޖެއަށް ނުރައްކާތެރި މަސްތުވާ ބާވަތްތައް އެތެރެކޮށް އޭގެ ވިޔަފާރި ފުޅާކޮށް ބޮޑެތި ވައްކަން ކުރަމުން ދަނީވެސް ގޭންގް ތަކުން ސަމީލުވެގެ ކަމުގައިވެސް ބުނެފާވެއެވެ.

ފުލުހުންނާ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ޢަމަލްތައްވެސް ގޭންގްތަކުން އެބަކުރެއެވެ. ސިޔާސީ ޕާޓީތަކުން ގޭންގްތައް ލީޑުކުރާނަމަ އޭގެ ސަބަބުން އިންތިޚާބު ތަކަށްވެސް ނުފޫޒު ފޯރުވާނެތާއެވެ. އެހެންކަމަށް ވާނަމަ ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށްވެސް ގޭންގްތަކުގެ ނުފޫޒުގެ ވަނުމުގެ ބިރު އެބައޮތެވެ. މިސާލަކަށް ވެރިކަން ހިންގާ ޕާޓީއަކުން ގޭންގެއް އޮޕަރޭޓް ކުރާނަމަ އެގޭންގަކުން ހިންގާ އެއްވެސް ޖަރީމާއަކަށް އިންޞާފެއް ނުލިބޭނެއެވެ.

ގައުމު ގޭންގް ތަކުގެ ނުރައްކަލުގެ ތެރެއަށް ވެއްޓި ގައުމުގެ ސުލްޙަވެރިކަމާއި އަމާންކަމާއިމަސްލަޙަތު ޙިމާޔަތް ކުރާން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ނުކުޅެދިއްޖެނަމަ ނުވަތަ ގޭންގް ކުށްތަށް ނުހުއްޓުވިއްޖެނަމަ، ރާއްޖޭގެ ވެރިކަމުގެ ބާރުތައް ކޮންޓްރޯލް ކުރާނީ ގޭންގްތަކުންކަމީ ޝައްކެތް ނެތް ކަމެކެވެ. މިހާރުވެސް ގޭންގަކުން ހިންގާ ޖަރީމާތަށް ތަޙުގީގު ކުރުމުގެ ހުރަސްތަށް ކުރިމަތި ވަމުންދާ ކަމުގެ މަޢުލޫމާތު ދަނީ ލިބެމުންނެވެ.


     ގޭންގް ތަކުން އެތައް ބައެއްގެ ކުރިމަތީގައި މީހަކު މަރާފައި ދިޔަޔަސް އެވާހަކަ ދައްކަން ކެރޭ މީހުން ނުހަނު މަދުވެއްޖެއެވެ. މިހިސާބަށް މިކަން ކަން މިދިޔައީ ފުލުހުންގެ އިހުމާލުންތާއެވެ. ނުވަތަ ގޭންގް ތަކުގެ ނުފޫޒް ފުލުހުންގެ މައްޗަށް ހިނގާތީ ކަން ފެންނަމުންދާ މަންޒަރު ތަކުން ހާމަވާން ފަށައިފިއެވެ.

     މިރާއްޖޭގައި ދުނިޔޭގެ ބޮޑެތި މަޝްހޫރު ޓެރަރިސްޓް ޖަމާޢަތްތަކާއި ގުޅިފައިވާ މީހުނާއި އެޖަމާއަތްތަކުގެ މެންބަރުންނާ އަދި އެފަރާތްތަކުން ފައިސާލިބިގެން އެޖަމާތްތަކުގެ އަނިޔާވެރި ޢަމަލުތައް ރާއްޖޭގައި ފުޅާކުރަމުންދާ އެންމެހައި ފަރާތްތައްވެސް ވަކި ވަކިން ދިވެހި ފުލުހުންނަށް އެނގޭނެއެވެ.

 ސަރުކާރުތަކުން ގޭންގްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ އެތަކެއް ޖަރީމާ ހިންގުވާފައި ވާކަމަށް ޕޮލިސްކަމިޝަނަރ ވިދާޅުވުމަކީ ބިރުވެރިކަމެކެވެ. ފުރަތަމަ ގޭންގް މާރާމާރީތައް ޢާންމުވެ ފާޅުގައި ކަނޑި ހިފައިގެން މަގުތަކަށް ނުކުމެ އިންސާނުން ކަތިލާން ފެށި ފައިވަނީ ސުނާމީ އަށްފަހުގައެވެ. މުޒާހަރާތަކުގެ ތެރެއަށް ވަޅިއާ ކަޓަރު ހިފައިގެންވަދެ ގޭންގް ތަކުން ނިރުބަވެރި ޢަމަލުތައްވެސް ހިންގާފައިވެއެވެ.

      ގޭންގް މާރާރީ އޭ ބުމުން ހިތަށް ސިފަވަނީ ހިންދީ ފިލްތަކުގައި ކުޅޭ ނުބާބައިގެ ރޯލެވެ. ރާއްޖޭގައި 2013 ވަނައަހަރު ބޭއްވި ރިޔާސީ އިންތިޚާބު ވޯޓްލާން ހަމަޖެހިފައި އޮތް ދުވަހު އެންމެ ފުލުހަކުގޮސް އިލެކްޝަންސް ކޮމިޝަން ޚިޞާރުކޮށް ވޯޓްފޮށިތައް ހިފެހެއްޓި މަންޒަރަކީވެސް މިފަދަ މިސާލެކެވެ.

އަދި ސިޔާސީ ފަރާތް ތަކުގެ މައްޗަށް ނުހައްގުން ޖަލަށް ލާން ހުކުމް ކުރުމުމަށް ބާރު އެޅުމަށްޓަކާއި ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ގޮތުން ގޭންގް ތަކުން މީހުން ފޮނުވާ ފަނޑިޔާރުން ޚިޞާރު ކުރަމުން ދިޔަ ދުވަސް ތައް އަދިވެސް ފެނިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. 

މިހާރުވެސް ރާއްޖޭގެ ޢަދުލު އިންޞާފުގެ ދާއިރާއަށް ގޭންގް ތަކުގެ ނުފޫޒު ނުފޯރުވާކަމަށް ބެލެވޭކަށް ނެތެވެ. ކަމިޝަނަރގެ މިބަޔާނުން ފުލުހުންވެސް މިހާރު ތިބީ ގޭންގްތައްދެކެ ބިރުންކަމަށް ފެނެއެވެ. ރައްޔިތުންރުޅި ގަދަވެ ގޭންތަށް މައިތިރި ކުރާންނުކުމެއްޖެ ނަމަ އެކަން ކާމިޔާބު ވެދާނެއެވެ.

އެހެނަސް އެތަކެއް ލޭ އޮހުރުން ތައް ހިނގުމަށްފަހު ނޫނީ އެކަމެއް ނުވާނެއެވެ. ކަމިޝަނަރު އެވިދާޅުވާގޮތުން ނަމަ މިހާރު ރާއްޖޭގައި އުފެދިފައިވާ ގޭންގް ތަށް މައިތިރި ކުރުމަށް އެމް.އެން.ޑީ.އެފް ގެ އެނހީއާއިއެކު ހަތިޔާރުހިފައިގެން ނުކުންނަން ޖެހެއެވެ. މިއީ ގައުމުގ ެމުސްތަގްބަލަށްޓަކާ ދައުލަތުގެ މައްޗަށް އޮތް އެންމެ މުހިންމު އެއް ވާޖިބު ކަމަށް ގިނަބަޔަކު މިހާރު ދެކެއެވެ. 

ޕޮލިސްކަމިޝަނަރުގެ މި ސްޓޭޓްމަންޓްއަކީ ބިރުވެރި ސިގުނަލެކެވެ. ޢަމަލީގޮތުން ފިޔަވަޅުއަޅައި ރައްޔަތުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމަށް ޙައްލުހޯދަދޭން ޖެހޭނެއެވެ.

   ނިމުނީ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް