ގަދަކަމުން ލޯވި ނުވެވޭނެ ކަމަށާއި މިއީ ހުޅަނގުގެ ގައުމުތަކަށް އެންމެފަހުގެ ދޮންދިނުމުގެ ވަގުތުކަމުގައި ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ބަނޑުބޮޑުވެނުވަމަސް ދުވަސް ހަމަވާން ކައިރިވެފައި ވަނިކޮށް ހުޅަނގުގެ ގައުމުތަކުގައި ސިޔާސީގޮތުން ގާއިމްވެ ތިބުމަކީ އެއްވެސް ބޭނުމެއް އޮތްކަމެއް ނޫން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރޖީ ލަވްރޯވް ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރުގެ މި ބަޔާނުން ހާމަވެގެންދާ ގޮތުގައި މިއީ ހުޅަނގުގެ ގައުމުތަކާއެކު ރަޝިޔާއިން އޮންނަ ސިޔާސީ ގުޅުން ކަނޑާލާފާނެ ކަމުގެ ނިޝާނެކެވެ. އަހަރެމެންގެ ރައްޔިތުންނާއި ދޭތެރޭ ހުޅަނގުގެ ގައުމުތަކުން ދެކެނީ ވަރަށް ދަށު ދަރަޖައެއްގައެވެ. އަހަރެމެންގެ މަސައްކަތް ތެރީންނާއިމެދު އެއްވެސް ވަރަކަށް އިންސާނިއްޔަތު ކަމެއް ނުގެންގުޅެއެވެ. އަބަދުމެ އޮންނަނީ ޖިސްމާނީ ނުރައްކަލާއި ބިރުވެރިކަން ކުރިމަތި ކޮށްފައެވެ. ދެން އެހެންވީއިރު އަހަރެމެން އެމީހުންގެ ތެރޭގައި އޮފީސް ހުޅުވައިގެން ބޮދު ޚަރަދެއް ކޮށްގެން ތިބުމުގެ ބޭނުމެއް ނުވިސްނެއެވެ. އަދި އެކަމުގެ އެދުމެއްވެސް ނެތެވެ. ޚާރިޖީ ވަޒީރު ލަަވްރޯވްގެ މި ވިދާޅުވުމުން ރަޝިޔާއިން ހުޅަނގުގެ ގައުމުތަކާއެކު އޮތް ސިޔާސީ ގުޅުން ކައިރި މުސްތަގްބަލެއްގައި ކަނޑާލާނެ ކަން ނުވަތަ ނޫންކަން ރަނގަޅަކަށް އަދި ޔަގީނެއް ނޫނެވެ.
ރަޝިޔާގެ ސިޔާސީ ދާއިރާއަށް މީހުން ވެއްދުމަށްޓަކައި ބޭއްވުނު އެއްވުމެއްގައި އަހަރެމެންނަށް އެހެން ގައުމުތަކުގައި މާގިނަ ވަޒީފާގެ ފުރުސަތު ތަކެއްވެސް ނެތްކަން ހާމަ ކުރައްވައި ވަރަށް ދެރަވެފާ ހުންނަވައިގެން ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ. އަދި އަމުދުން ހުޅަނގުގެ ގައުމުތަކުގެ އިގްތިސާދުން އަހަރެމެން ބޭރުކުރަން އެމީހުން މަސައްކަތްކުރާ ދުވަސްވަރެއްގައި އަހަރެމެން އެމީހުންދެކެ ގަދަކަމުން ލޯބި ވާނީ ކިހެނެއް ހެއްނެއްތޯވެސް ސުވާލުކުރެއްވިއެވެ؟
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރައީސް ބައިޑަން ދެއްކެވި ވާހަކައަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއާއި އެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލަން ޖެހިދާނެކަމަށް ބަޔާންކޮށް ރަޝިޔާއިންފޮނުވި އިހްތިޖާޖީ ލިއުމާއިއެކު ހުޅަނގުގެ އެހެން ގައުމުތަކާއިއެކު އޮންނަ ސިޔާސީ ގުޅުންވެސް ކަނޑާލަން ޖެހިދާނެކަމަށް ވެސް މިދިޔަ މާރޗްމަހު ރަޝިޔާއިންވަނީ ބުނެފައެވެ. ހުޅަނގުގެ ގައުމުތަކާއިއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލާފާނެ ކަމުގެ އެއްވެސް އިޝާރާތެއް މީގެކުރިން ދުވަހަކުވެސް ރަޝިޔާއިން ދީފައެއް ނުވެއެވެ.
އެހެންނަމަވެސް އެގައުމުތަކުން ރަޝިޔާގެ 70 ވަރަކަށް ޑިޕްލޯމެޓުން ފޮނުވާލާފައިވާތީ މިއަންން ހޫނުމޫސުމުގައި ބަލްގޭރިޔާއާއި އެކު އޮންނަ ސިޔާސީގުޅުން ކަނޑާލާނެކަމަށް ރަޝިޔާއިން ވަނީ އިންޒާރު ދީފައެވެ.އަދި މިދިޔަ އޯގަސްޓް މަހު ރަޝިޔާގެ ޚާރިޖިއްޔާގެ ފަރާތުން ވާހަކަ ދައްކަވަމުން މާރިޔާ ޒަޚަރޯވް ވިދާޅުވީ އެމެރިކާއިން ރަޝިޔާއާއެކު އޮންނަ ސިޔާސީގުޅުން ކަނޑާލިޔަސް ފަރުވާލެއް ނެތް ކަމުގައެވެ.
އަހަރެމެން މިތިބީ އެހުރިހާ ޙާލަތަކަށް ތައްޔާރަށް ކަން އެމީހުންނަށްވެސް އެނގޭނެއެވެ. ރަޝިޔާއިން މިހާރު ބޭނުންވަނީ ސިޔާސީ ގޮތުން ލެޓިން އެމެރިކާއާއި އެފްރިކާ އަދި އޭޝިއާގެ ގައުމުތަކާއެކު ގުޅުން ބަދަހި ކުރާށެވެ. މާނައަކީ އަހަރެމެން މިހާރު ބޭނުންވަނީ އަހަރެމެންނާއި އެކު ކުރިއަށްދާން ބޭނުންވާ ބަޔަކާއެކު ގުޅުން ބަދަހި ކުރާށެވެ. މިހާރުވެސް ވިޔަފާރިއާއި ތަޢުލީމާއި ކުޅިވަރާއި އާދަކާދައާއި އަދި އިންސާނިއްޔަތާ ބެހޭ ވަރަށްގިނަ މަޝްރޫއުތަކެއް އެ ގައުމުތަކާއި އެކު ވަނީ ރޭވިފައެވެ. ލަވްރޯވް ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ލަވްރޯވްގެ މި ސްޓޭޓްމެންޓް އައިސްފައިމިވަނީ ޔުކްރެއިނަށް ޙަމަލާދިނުމަށްޓަކައި އީރާނުން ރަޝިޔާއަށް ޑްރޯން ފޯރުކޮށްދޭތީ ޔޫކްރެއިނުން އިރާނާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލަން ރައީސް ޒެލެންސްކީ ނިންމެވިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
One Response
އެންމެފަހުގެ ދޮން ދޭށޭ ކިޔާފައި ދަތް ނާލާތި..