ރަޝިޔާއިން އީރާނުގެ ޑްރޯން ބޭނުންކުރާތީ އިސްރާއީލް ރުޅިގަދަވަނީ! 

Loading

Facebook
Twitter
WhatsApp

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމާގައި މެދުއިރުމަތީގެ ހަތިޔާރު ބޭނުންކުރަން ފެށުމުން އެ ހަނގުރާމައިގެ ތެރެއަށް ޔޫކްރެއިންގެ އެންމެ ގާތް އެކުވެރިން ކަމުގައިވާ  އިސްރާއިލުން ވަދެފާނެކަމަށް ބެލެވެން ފަށައިފިއެވެ.

ޑްރޯން ޙަމަލާތައް ގިނަވަމުން ދިއުމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއިއެކު އިސްރާއީލުންވެސް ޔޫކްރެއިނަށް ހަނގުރާމައިގެ މަދަދާއި ޓެކްނޯލޮޖީ ފޯރުކޮށްދިނުމަށް އިސްރާއީލުގެ އެތެރޭންނާއި ބޭރުން ބާރު އަޅަމުން އެބަގެންދެއެވެ.

އިސްރާއީލުގެ ބައެއް ވަޒީރުން ވެސް މިކަން އަވަސްކުރަން ގޮވާލަމުން އެބަ ގެންދެއެވެ.އެހެންނަމަވެސް ފާޅުގައި ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނަށް އެހީ ފޯރުކޮށްދޭނަމަ އެގައުމުގެ އާބާދީގައި ހިމެނޭ މިލިއަނަކަށްވުރެން ގިނަ ރަޝިޔާގެ ދަރިކޮޅަށް ނިސްބަތްކުރެވޭ ޔަހޫދީންނާއި އަދި ޔޫކްރެއިނަށް ނިސްބަތް ކުރެވޭ ބައި މިލިއަނެއްހާ ޔަހޫދީންގެ ސަބަބުން ގައުމުގެ އަމާންކަމަށް ބުރޫ އަރާފާނެ ކަމަށްވެސް ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަށްވަމުން އެބަދެއެވެ.                                                 

އެހެންނަމަވެސް މެދުއިރުމަތީގައި އިސްރާއީލަށް ރަޝިޔާގެ ބޭނުން ބޮޑުކަމާއި އަދި މިހާރުވެސް ސީރިއާގައި އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޙަރަކާތްތަކުގައި ރަޝިޔާއިން ދެލޯ މަރާލައިގެން އޮތުމުގެ ސަބަބުން ރަޝިޔާއާއި އެކު އޮންނަ ގުޅުންމިއަށްވުރެން އިތުރަށް ނިކަމެތިކުރާކަށް އިސްރާއީލުން ބޭނުމެއް ނުވެއެވެ. އަދި ހަމައެއާކު ރަޝިޔާގައިތިބި ޔަހޫދީން އެނބުރި އިސްރާއީލަށް ފޮނުވުމުގެ ޙަރަކާތްތައް ހިންގަމުން ގެންދާ އޭޖެންސީ ގެ މަސައްކަތްތައް ހުއްޓުވާނެކަމަށް މިހާރުވެސް ރަޝިޔާއިން އިސްރާއީލަށް ދަނީ އިންޒާރު ދެމުންނެވެ. މިއީވެސް އިސްރާއީލުގެ ކަންބޮޑުވުން އިތުރުވެދާނެ މައްސަލައެކެވެ.                                   

އީރާނުގެ ނުރައްކާތެރި ޑްރޯންތައް ރަޝިޔާއަށް ފޯރުކޮށްދިނުމުން ބަދަލެއްގެ ގޮތުގައި އީރާނުން ބާރު ދުވެއްޔެއްގައި މިހާރު ކުރިއަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމަށް ރަޝިޔާއިން އެހީ ފޯރުކޮށް ދީފަނެކަމަށް ބެލެވޭ ވާހަކަތަކެއްވެސް އެބަ ދައުރުވަމުން ދެއެވެ. އަދި އީރާން ނިއުކްލިއަރ ޕަވަރަކަށް ވުމަކީ އިސްރާއީލުން އެންމެ ބިރުގަންނަ އަދި ކަންބޮޑުވާ މައްސަލައެވެ.                                                        

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ ގޮތުން ހުޅަނގަށް ތާއީދުކުރާ ޔޫ. އޭ. އީ. ފަދަ ގަލްފުގެ ގައުމު ތަކަށްވެސް ވަނީ އީރާނުގެ ޑްރޯން ޙަމަލާތަކާއި ކުރިމަތިލާންޖެހިފައެވެ. އީރާނުގެ މަދަދު ލިބޭ ހޫތީން ފޮނުވާލި ޑްރޯނެއް އަބޫދާބީއަށް އަރައި އާންމުންގެ 3 މީހަކު މަރުވުމާއި އޮމާނުގެ ސަރަޙައްދުން މަރސަރ ސްޓްރީޓް ކިޔާބޯޓަކަށް ދިން މަލާގައި އެބޯޓުގެ ފަޅުވެރިޔަކާއި ކެޕްޓަން މަރުވުން ފާހަގަކުރެވެއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލާގައި ސަޢޫދީ އެރޭބިޔާއިން ރަޝިޔާގެ ކޮޅަށް ބުރަވުމާއިއެކު އަދި އީރާނާއި ގުޅުން ބަދަހިކުރަމުން ދާތީ ގަލްފުގެ އެހެން ގައުމުތަކުން ކިހާވަރަކަށް  ހުޅަނގަށް ތާއީދު ކޮށްފާނެ ކަމާމެދުވެސް މިހާރު ވަރަށް ބޮޑަށް ވަނީ ސުވާލު އުފެދިފައެވެ.                                         

އިސްރާއީލުގެ އަގުބޮޑު އަޔަންޑޯމް މިހާރު ބޭނުން ކުރެވެމުން ދަނީ ހަމާސްއިންނާއި ފަލަސްތީނުގެ މުޖާހިދުންގެ ޙަމަލާތަކުން ދިފާއު ވުމަށެވެ. އިސްރާއީލުގެ މިލިޓަރީގެ މަޢުލޫމާތު އެނގޭ ފަރާތަކުން ހާމަކުރާ ގޮތުގައި އިސްރާއީލުގެ އަޔަން ޑޯމް އަކީޑްރޯނުން ރައްކާތެރިކަން ފޯރުކޮށްދޭނެ ކިތަންމެ މޮޅު ނިޒާމެއް ކަމަކު އޭގެ ބޭނުންކުރެވޭނީ އިސްރާއީލު ކަހަލަ ކުޑަ ސަރަޙައްދެއް ހިމާޔަތް ކުރުމަށެވެ. 

ޔޫކްރެއިން ކަހަލަ ބޮޑު ސަރަޙައްދެއް ހިމާޔަތް ކުރުމުގައި އޭގެ މާބޮޑު ބޭނުމެއް ނުހިފޭނެއެވެ. އެހެންނަމަވެސް އިސްރާއީލުގެ ތަޖްރިބާއާއި ހުނަރުން ޔޫކްރެއިންގެ ސިފައިންނަށް ގިނަ މަޢުލޫމާތުތަކެއް ލިބިގަނެވިދާނެއެވެ. ނިއުޔޯރކް ޓައިމްސް އިން ހާމަކޮށްފައިވާ ގޮތުގައި މިހާރުވެސް ފަރުދާގެ އަނެއްފަރާތުން އިސްރާއީލުން ގެންދަނީ އެމީހުންގެ ތަޖްރިބާ ޔޫކްރެއިނާއެކު ހިއްސާ ކުރަމުންނެވެ.                                                               

މިފާއިތުވެދިޔަ ދެދުވަހެއްގައިވެސް ޑްރޯންގެ އައިނެއް އައިސް ކީވް އާއި ޔުކްރެއިންގެ އެހެން ސިޓީތަކަށް ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އޭގެތެރެއިން އެއް ޑްރޯން އައިސް ވެއްޓިގަތީ މީހުން ދިރިއުޅޭ އިމާރާތެއްގެ މައްޗަށެވެ.  އެހެން ޑްރޯންތައް އަމާޒުކުރީ ކަރަންޓް ފޯރުކޮށްދޭ ތަންތަނަށެވެ. 

މިއީ ހަނގުރާމާގައި އީރާނުގެ ނުރައްކާތެރި ޑްރޯން ބޭނުންކޮށްގެން މިހާތަނަށް ޔޫކްރެއިނަށް ދިން އެންމެ ވަރުގަދަ ޙަމަލާއެވެ. ޔޫކްރެއިންގެ އެއަރފޯސްއިން މަޢުލޫމާތު ހާމަކުރާގޮތުގައި ރަޝިޔާއިން 43 ޑްރޯން ޙަމަލާ ދިނެވެ. އަދި އޭގެތެރެއިން 6 ޑްރޯން ފިޔަވްއި އެހެން ހުރިހާއެއްޗެއް ވައްޓާލެވުނު ކަމުގައި ބުނެއެވެ.

ރަޝިޔާއިން މިހާރުވެސް އީރާނުގެ އެތައްސަތޭކަ ހަނގުރާމަ މަތީ ޑްރޯނަށް ވަނީ އޯޑަރު ދީފައެވެ. އެތަން ފޫބެއްދުމަށްޓަކައި ޔޫކްރެއިނުންވެސް ގެންދަނީ ޑްރޯން އާއި ދިގު ރާސްތާ މިސައިލް ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

ޔޫކްރެއިނުން ބުނާގޮތުގައި ރަޝިޔާއިން ބޭނުން ކުރަމުން ގެންދަނީ އީރާނުގެ ޝާހިދު 136 މަރުކާގެ ޑްރޯނެވެ. ރަޝިޔާއިން އެ ޑްރޯންތައް ބޭނުންކުރަނީ ދުވެލިމަޑު ކުދި ކްރޫޒް މިސައިލްގެ ގޮތުގައެވެ. އީރާނުން ރަޝިޔާއަށް ޑްރޯން ފޯރުކޮށްދޭކަމުގެ ލިއުންތަކެއް ފަޅާ އަރާފައި ހުރިނަމަވެސް އީރާނުން ރަޝިޔާއަށް ޑްރޯން ފޯރުކޮށްދޭކަމަށް ގެންދަނީ އިންކާރު ކުރަމުންނެވެ. 

އެހެންނަމަވެސް ޔޫކްރެއިނުން ގެންދަނީ އެއީ އީރާނުގެ ޑްރޯންތަކެއްކަން ސާބިތުކޮށް ދިނުމަށްޓަކައި ހަލާކު ކޮށްލެވޭ ޑްރޯންތަކުގެ ފޮޓޯ މީޑިއާގައި ޝާއިއު ކުރަމުންނެވެ.ރަޝިޔާގެ ސިފައިން އެ ޑްރޯނަށް ދީފައިވާ ވަނަމަކީ ’ މޯޕެޑްސް ’ އެވެ.                           

ރަޝިޔާގެ ކުރިއަރާފައިވާ ކްރޫޒް މިސައިލަށް ވުރެން ދުވެލި މަޑު ނަމަވެސް ޝާހިދު މަރުކާގެ ޑްރޯންތަކަކީ ޔޫކްރެއިންގެ ހުރިހާ ކަންކޮޅު ތަކަކަށް އުދުހުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި ދުވެލި މަޑުކަމާއި އުދުހޭލެއް ތިރިކަމުން އާންމުކޮށް ބޭނުންކުރާ އެއަރ ޑިފެންސް ސިސްޓަމްތަކުން އޭތި ދެނެގަތުން އޮންނަނީ އުދަނގޫ ކަމަކަށް ވެފައެވެ.

     ތަޖިކިސްތާނުގައި ހުންން އީރަނުގެ ޑްރޯން އުފަށްދާ ފެކްޓަރީ

އެ ޑްރޯންތަކުގެ ޕޭލޯޑަކީ ގާތްގަނޑަކަށް 50 ކިލޯގޮރާމް ކަމަށްވިޔަސް މިދިޔަ ހޯމަދުވަހު ދިން ޙަމަލާތަކުންވެސް އޭގެ ނުރައްކާތެރިކަން ވަޒަންކުރެވިގެން ދިޔަކަމަށް ޔޫކުރެއިން ބުނެފައިވެއެވެ. ތަޖްރިބާކާރުން ވިދާޅުވަނީ މި ޑްރޯންތަކުގެ އެންމެ ބޮޑު ފައިދާއަކީ އާންމުކޮށް ހަނގުރާމަތަކުގައި ބޭނުންކުރާ މިސައިލަށް ވުރެން އަގު ހެޔޮ ވުމެވެ. ޝާހިދު މަރުކާގެ ޑްރޯންތަކުގައި ފާހަގަކުރެވޭ އަނެއްކަމަކީ އެއްފަހަރާ އެތައްބައިވަރު އުޅަނދެއް ހަތިޔާރާއެކު އުދުއްސާލުމުން ޔޫކްރެއިންގެ އެއަރޑިފެންސަށް ކުރިމަތިވެގެންދާ ކަންބޮޑުވުމާއި ހާސްކަމެވެ.

އޭގެ ހުރިހާ އުޅަނދެއް އަމާޒަށް ވާސިލު ނުވެވިދާނެއެވެ. އެކަމަކު ގިނަ އެއްއެއްޗެހި އަމާޒަށް ވާސިލުވެސް ވެއެވެ. ޙަގީގަތުގައި ރަޝިޔާއިން ޝާހިދު މަރުކާގެ ޑްރޯން ބޭނުންކުރުމުގެ މައިގަނޑު މަގްސަދަކީ ޔޫކްރެއިނުންނަށް ބިރުދެއްކުމާއި ވާނުވާ އޮޅުވާލުމަށެވެ. އަދި ހަމައެއާއެކު ޔޫކްރެއިންގެ މުހިންމު ހަކަތައިގެ އަމާޒުތައް ހަލާކު ކޮށްލުމަށެވެ. އެންމެފަހުން ދިން ހަމަލާގައިވެސް އެފަދަ އެތައް ތަނެއް ހަލާކުކޮށްލެވިގެން ދިޔައެވެ.

އޭގެތެޜޭގައި ކަރަންޓް ފޯރުކޮށްދޭ ތަންތަންވެސް ހިމެނޭ ކަމަށް ޔޫކްރެއިންގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ހުޅަނގުގެ ތަޖްރިބާކާރުން ދެކޭގޮތުގައި ރަޝިޔާގެ ސިފައިންނަށް ބޭނުންވާވަރަށް މިސައިލް އުފެއްދުމަކީ ރަޝިޔާއަށް މިވަގުތު ކުޅަދާނަ ކަމަކަށް ނުވާނެއެވެ. އެކަމަކު އީރާނުގެ ޑްރޯން ތަކުން އެކަން ފޫބައްދާ ދޭނެއެވެ. 

އަދި ޔޫކްރެއިނުގެ މުހިންމު ވަސީލަތްތައް ހަލާކު ކޮށްލުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އެ ޑްރޯންތަކުން އަދާކުރާނެއެވެ. ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވާގޮތުގައި މިހާރުން މިހާރަށްވެސް އީރާނުން 2400 ޑްރޯން ހޯދަން ރަޝިޔާއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އަދި އީރާނުން އިތުރު ޑްރޯން ރަޝިޔާއަށް ފޮނުވާދޭން އެއްބަސް ވެފައިވާކަމަށް އެމެރިކާގެ އޮފިޝަލުންގެ ފަރާތުންވެސް އެނގިފައިވެއެވެ. ރައީސް ޒެލެންސްކީގެ ޚާއްސަ މުޝީރު މިޚައލޯ ޕޮޑޯލިއަކް ވިދާޅުވަނީ ޔޫކްރެއިންގެ ރައްޔިތުން މެރުމުގެ އިލްޒާމް އީރާނުން އުފުލަން ޖެހޭނެ ކަމުގައެވެ. 50 ކިލޯގްރާމުގެ ހަތިޔާރާއެކު އެހާބާރު ދުވެއްޔެއްގައި ގޮސް މުހިންމު ވަސީލަތްތަކުގެ ތެރެއަށް ވެއްޓިގަތީމާ ލިބޭ ގެއްލުން ކުޑައެއް ނުވާނެކަން އެނގެންވަނެ ކަމުގައެވެ. 

އެކަމަކު  އެ ޙަމަލާތަކުން ކިތަންމެ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައިވިޔަސް އަހަރެމެން ހަނގުރާމަ ހުއްޓާލާފައި އަމާންދޭނެ ކަމަށް ހީނުކުރާށެވެ. 

ވޯޝިންގްޓަން ޕޯސްޓުން ބުނެފާވާގޮތުގައި އީރާނުން ރަޝިޔާއަށް ޑްރޯން ފޮނުވާދިނުމަކީ އިސްރާއީލަށް ދެލޯމަރާލައިގެން އޮވެވޭނެކަމެއް ނޫނެވެ. އެހެނީ ރައީސް ޒެލެންސްކީ އަކީ ޔަހޫދީ ޒައިނިސްޓެކެވެ. 

އެހެންވީމާ އިސްރާއީލުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދޭންވީ ވަގުތު ޖެހިއްޖެކަމަށް އިސްރާއީލްގެ ބައެއް ވަޒީރުން ވިދާޅުވާން ފަށައިފިއެވެ. އިސްރާއީލުގެ ކުރިއަރާފައިވާ އަޔަން ޑޯމް ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ ވާހަކަތަކެއް ފެށުމުން އެހިސާބުން ރަޝިޔާއާއި އިސްރާއީލުގެ ހުރިހާގުޅުމެއް ނިމުނީކަމަށް ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް ވަނީ މިހާރު ވިދާޅުވެފައެވެ.                                      

Loading

2 Responses

  1. އަބަދުވެސް އިޒްރޭލް ހިންގާ ޖަރީމާތައް ދުނިޔޭގެ ގައުމުތަކަށް އޯކޭވާނެ. އީރާން އަށް ފޮޑިއެއް ޖެހުނަސް އޯކޭ އެއް ނުވާނެއެވެ.

  2. ދިވެހިންގެ ތެރޭގައި ބުނެއުޅޭ… ތިމާގެ ދަރި ތިމާއަށް ދޮންފުތު ވާނެއޭ. ….. މިދައްކަނީ ދޮންދަރީގެ ވާހަކަ…އެވެސް އަންހެންމީހާގެ ނަހަލާލުދަރި. …އޭނާ ރައްކާތެރިކުރަން ކިހާވަރަކަށް ފިރިމީހަޢަށް ޕްރެޝަރ ކުޜާނެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް