އީރާނުގެ ނިއުކްލިއަރ އެއްބަސްވުން ދެން ކުރިއަކަށް ނުދާނެ - އެމެރިކާ 

Loading

Facebook
Twitter
WhatsApp

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން ޕިއާރ ދެއްވި ބަސްދީގަތުމެއްގައި އީރާނުން ނިއުކްލިއަރ ހަކަތަ އުފެއްދުން ކޮންޓްރޯލް ކުރުމާއި ބެހޭގޮތުން 2015 ވަނައަހަރު އެއްބަސްވެވުނު  ޖޭ. ސީ. ޕީ. އޯ. އޭ ގެ އެއްބަސްވުމުން ޓްރަމްޕުގެ ރިޔާސަތުގައި އެމެރިކާ އެކަހެރި ވުމާގުޅިގެން އަލުން އެ އެއްބަސްވުމުގައި އެމެރިކާއާއި އީރާން އެއްގަލަކަށް އެރުވުމަށް ކުރެވެމުންދާ މަސައްކަތްތައް މިއިން ޒަމާނަކުވެސް ދެން ކުރިއަށް ނުދާނެކަމަށާއި އެހެންނަމަވެސް ޑިޕްލޯމެސީގެ ދޮރު ހުންނާނީ އަބަދުވެސް ހުޅުވިފައިކަމަށް ވިދާޅުވެއްޖެއެވެ. 

އެބުނެފައިވާ އެއްބަސަވުމުގައި ރަޝިޔާއާއި ޗައިނާ ޖަރުމަނާއި ފަރަންސޭސި ވިލާތާއި އަދި ޔުނައިޓެޑް ކިންގްޑަމް ވެސް ބައިވެރިވެއެވެ. އަދި މި އެއްބަސްވުމުގައި އީރާނުން ފަނާކުރަނިވި ހަތިޔާރު ނު އުފައްދާނެ ކަމަށާއި އަދި އީރާނުގެ ނިއުކްލިއަރ ވަސީލަތްތައް ކުރިއަށް ގެންދާގޮތް ބައިނަލް އަގްވާމީ ހަކަތައާއި ބެހޭ އޭޖެންސީއަށް ހާމަކުރަމުން ގެންދާނެ ކަމަށްވެސް ވަނީ އެއްބަސްވެފައެވެ.

އޭގެ ބަދަލުގައި އީރާނާދޭތެރޭ ހުޅަނގުން އަޅާފައިވާ އިގްތިސާދީ ދަތިކުރުންތައް އުވާލަން ޖެހޭނެ ކަމަށްވެސް ވަނީ އެއްބަސް ވެފައެވެ.                              

ރައީސް ޓްރަމްޕުގެ ރިއާސަތުގައި އެ އެއްބަސްވުމުން އެމެރިކާ އެކަހެރިވުމުން އެއެއްބަސްވުމާއި މެދު ނުރުހިފައިތިބި ހުޅަނގުގެ ގިނަބަޔަކު އުފާކޮށް އެއީ މިހާތަނަށް އެމެރިކާއިން އެއްބަސްވި އެންމެ ކަމުނުދާ އެއްބަސްމުން ކަން ހާމަކުރަމުން ގެންދިޔައެވެ.                                                      

އެމެރިކާގެ ރިޔާސަތަށް އޭނާ ހޮވިއްޖެނަމަ އެމެރިކާގެ ޚާރިޖީ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެމެރިކާއިން އަލުން އެ އެއްބަސްވުމަށް ރުޖޫއަވާނެކަމަށް އިންތިޚާބުގެ ކެމްޕެއިނުގައި ބައިޑަން ގެންދެވީ ވައުދު ވަމުންނެވެ. އަދި ރިޔާސަތާއިޙަވާލުވުމާއިއެކު އެ ވައުދާއި އެއްގޮތަށް އެއްބަސްވުމާ ބެހޭ ވާހަކަތައް ކުރިއަށް ގެންދިއުމަށް  ހުނަރުވެރި ސިޔާސީ ތަޖްރިބާކާރަކު ހަމަޖެއްސެވިއެވެ. 

ނަމަވެސް އީރާނުން އޭނާއާއިއެކު ސިދާ ވާހަކަ ދައްކަން އިންކާރުކުރުމުން ވާހަކަތަކުގެ ދުވެލި ވަރަށް ލަސް ވެގެން ދިޔައެވެ. އެއްބަސްވުމާބެހޭ ވާހަތައް ކުރިއަށް ގެންދިއުމުގައި އީރާނަށްވެސް ފައިދާތަކެއް އޮތްކަމަށް ބެލެވޭތީ ރަނގަޅު އުންމީދުތަކެއްވެސް ކުރެވެމުން ދިޔައެވެ.                                                                  

ފަހަކަށް އައިސް ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައިގާ އީރާނުން ރަޝިޔާއަށް ހަނގުރާމައިގެ ހަތިޔާރު ފޯރުކޮށްދެމުން ގެންދާތީ އެއްބަސްވުމުގެ ވާހަކަތައް އޮތީ ވަޅުޖަހާފައެވެ. މިދިޔަ ހޯމަދުވަހު ރަޝިޔާއިން ކީވްއަށް ޙަމަލާ ދިނުމުގައި އީރާނުގެ ޝާހިދު 136 ’ ކަމިކާޒޭ “ މަރުކާގެ ޑްރޯން ވަނީ ބޭނުން ކޮށްފައެވެ. އެހެންކަމުން އެ ހަނގުރާމައިގާ ރަޝިޔާއަށް މަދަދު ކުރާފަރާތަކާއި އެކު ބައިޑަންގެ އެޑްމިނިސްޓްރޭޝަނުން ވާހަކަ ދެއްކުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ބުނެފާވެއެވެ.

ހަމައެފަދައިން އީރާނުގެ ފުލުހުންގެ ބެލުމުގެ ދާށުގައި ހުއްޓާ މަރުވި މަހްސާ އަމީނީ ގެ މައްސަލަވެސް އެއްބަސްވުމުގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ހިޔަނި އަޅާކަމަށް ބެލެވެއެވެ.      

ބައިޑަންގެ ރިޔާސަތުގައި ދެ އަހަރުދުވަސް ވަންދެން މި ކުރެވުނު މަސައްކަތުން ރަނގަޅު ނަތީޖާއަކާ ހަމަޔަށް ނުދެވުނުކަން ފާޅުކުރުމަކީ ޙައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެމެރިކާގެ ކައުންސިލް އޮން ފޮރިން ރިލޭޝަންންގެ ރައީސް ރިޗާރޑް އެން ހާސް ވިދާޅުވި ގޮތުގައި އީރާނުން ރަޝިޔާއަށް މަދަދު ކުރުމާއި މަހްސާ އަމީނީ ގެ މަރާގުޅިގެން އުފެދިފައިވާ ހަމަނުޖެހުން ތަކުގައި އީރާނު ސަރުކާރުގެ އަމަލުތައް ހުރިގޮތުން ޖޭ. ސީ. ޕީ. އޯ. ގެ އެއްވުމުގައި ހިފަން އީރާނަށް ދީފައިވާ ވާގަނޑު މެދުން ބުރިވެއްޖެއެވެ. 

އަދި ހަމަމިމޭރުމުން އެމެރިކާގެ ޚާރިޖިއްޔާގެ ސްޕޯކްސް ޕަރސަން ނެޑް ޕްރައިސްވެސް ވަނީ އެމެރިކާގެ ސިޔާސަތު އޮތްގޮތް ހާމަކުރައްވައި އީރާނުގައި މުޒާހަރާ ކުރިއަށް ގެންދާ ފަރާތްތަކަށް ހިތްވަރުދީ ތައުރީފް ކޮށްފައެވެ.                                          

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް