ދިހައެއް މުޙައްރަމް ފާހަގަކުރަނީ ރަސޫލު ސައްލައްﷲ ޢަލައިހި ވަސައްލަމްގެ ކާފަފުޅު ދަރިކަލުނާއި އިދިކޮޅަށް މީލާދީން 680 ވަނަ އަހަރުގައި ކަރުބަލާގައި ހިނގި ހަނގުރާމައިގައި އެ ދަރިކަލުން ޝަހީދުވި ހާދިސާއިންނެވެ.
ހިޖުރީ ކަލަންޑަރުގެ ފުރަތަމަ މަސް ކަމަށްވާ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހުގައި ހުރިހާ މުސްލިމުން އާޝޫރާ ދުވަސް ފާހަގަ ކުރެއެވެ.
މިދުވަސް ފާހަގަ ކުރަނީ ނޫޙުގެފާން ނަވުން ފައިބައިވަޑައިގަތް ދުވަހަށް ވުމުންނާއި، ﷲ ތަޢާލާ މޫސާގެފާނުން ފިރުއައުންގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހުގެ ގޮތުގައިވެސްމެއެވެ.
ރަސޫލް ޒަމާނުގައި ދިރިއުޅުނު މުސްލިމުން ޢާންމުގޮތެއްގައި އާޝޫރާ ދުވަހު ރޯދަހިފަން ފެއްޓެވީ ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް އެކަން އެހެން ކުރައްވަން ފެއްޓުމުންނެވެ. މިއަހަރު ގިނަ ތަންތަނުގައި އާޝޫރާ ދުވަސް ފާހަގަ ކުރީ 29 އޮގަސްޓްގައެވެ.
އެހެންނަމަވެސް ޝިއައީ މުސްލިމުންނަށް އެދުވަސް ވެފައިވަނީ ރަސޫލުﷲ ގެ ކާފަދަރިކަލުން ޙުސައިން އިބުނު ޢަލީ އަލް ޙުސައިން ކަރުބަލާ ހަނގުރާމައިގައި ޝަހީދުވެ ވަޑައިގަތް ދުވަސް ފާހަގަ ކުރާ ވަރަށް މުހިންމު ދީނީ ޙަރަކާތެކެވެ. ޙުސައިން އިބުނު އަލީ އާދެ، ޙުސެއިންގެފާންކީ ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ލޮބުވެތި ކާފަ ދަރިކަލެކެވެ. ޢަލީގެފާނަކީ ޝިއާއިންގެ ލޯތްބާއި ގަދަރު އެމީހުންގެ ނަފުސު ގުރުބާންކޮށްލަން ފަސްނުޖެހޭވަރަށް ލޯބިވާ ޚަލީފާއެކެވެ.
ޙުސެއިންގެފާނު އަވަހާރަ ކޮށްލިފަހުން ކޮންމެ އަހަރަކުވެސް ޝިއައީން އާޝޫރާ ފާހަގަ ކުރަނީ ކަރުބަލާގައި ހުންނަ އިމާމް އަލް ޙުސެއިންގެ މަހާނަފުޅަށް ހައްޖުވުމާއިއެކުއެވެ.
ސުންނީ މުސްލިމުން އާޝޫރާ ދުވަސް ފާހަގަ ކުރަނީ އެދުވަހު ސުންނަތް ރޯދަ ހިފައިގެންނެވެ.
ކަރުބަލާގެ ވެނީ ހިތާމަވެރި ހަނގުރާމަ މިއަދާހަމައަށްވެސް ސުންނީ ޝިއާއިން ދެބައިވުން:
ޝިއައީންގެ ތާއީދު ބިނާވެފައި އޮތީ ރަސޫލާ މުޙައްމަދު (ސައްލަﷲ ޢަލައިހި ވަސައްލަމް)ގެ ދަރިކޮޅު ތެރޭގައި އިސްލާމީ ޚިލާފާތް ބާއްވަން ބޭނުންވެފައި އޮތް އޮތުމުގެ މައްޗަށްބުރަވެއެވެ.
އެމީހންނަށް ’ ޝިއައީން‘ ގެ ނަމުން ނަން ދެވުނެވެ. ޢަރަބި ބަހުގައި ޝިއައީ މި ބަހުގެ މާނައަކީ ’ތާއީދު ކުރާ މީހުން‘ ނެވެ.
އަލީގެފާނު ގަތުލުކޮށްލެވިފައިވަނީ މީލާދީ ގޮތުން 661ގައި އެވެ. އަދި އެގަތުލު އާންމުގެ ފަހުން އެކަލޭގެފާނުގެ އެންމެ އިސް ސިޔާސީ ވާދަވެރިޔާ މުޢާވިޔާ ބިން އަލީ ސުފިޔާން ޚަލީފާ ކަމަށް އިސްވެވަޑައިގަތެވެ.
ޚުދުމުހުތާރު ކަމާއި އަނިޔާވެރި ކަމާއިއެކު ވެރިކަންކުރެއްވި މުޢާވިޔާއަށް ފަހު ވެރިކަމަށް އައީ އޭނާގެ ދަރިކަލުން ޔަޒީދެވެ. މީނާ މި ވެރިކަމަށް އައިސްވެ ވަޑައިގަންފައިވަނީ ރައްޔިތުންގެ ތާއީދާއިވެސް ނެރިކަމަށް ބުނެވެއެވެ. ޔަޒީދު އޭނާގެ ވެރިކަމާއި ސިޔާސަތަށް ދެކޮޅުހެދުމުގެ ފުރުސަތެއް އެއްގޮތަކަށްވެސް ނުދެއެވެ. މިދެބަފައިންނަކީވެސް ސުންނީންގެ ގޮތުގައި ބަޔާންކުރެވި ޝިއާއި ސުންނީ ދެބައިވުން ފެށުނު ތާރީޚިކީ މިއީކަމުގައި ލިޔެވިފައިވެއެވެ. ޒިޔާދަކީ އޭނާގެ ސަރުކާރާއި ދެކުޅުހަދާ އެންމެންގެ އަނގަ ބަންދު ކޮއްލައްވާ ބޭފުޅެކެވެ.
ޔަޒީދުގެ ވެރިކަމުގެ ސައްޙަކަން ގަބޫލުކުރަން ދެކޮޅުހަދައި އޭނާގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔަކަށްވީ އަލީގެ ފާނުގެ ދަރިކަލުން، އަލް ހުސައިންއެވެ.
ހުސައިންގެފާނުގެ އާއިލާއާއި އަދި މަދު މީސްކޮޅަކާއި އެކު އެކަލޭގެފާނު ކުރިމަތި ލައްވަން ޖެހިވަޑައިގަތީ ޚުދުމުހުތާރު ވެރިޔާ ޔާޒިދުގެ އެއްހާހެއްހާ ހަނގުރާމަވެރިންގެ ލަޝްކަރާއެވެ. އެކަލޭގެފާނުގެ މީސްކޮޅު މަދުކަން އެނގިވަޑައިގެންނެވި ކަމުގައި ވީނަމަވެސް ހިއްވަރުފުޅުގެ ގަދަކަމާއި ސާބިތުކަންމަތީ ހުންނަވައި އަނިޔާވެރިއަކަށް އަމާންދޭން ދެކޮޅުހެއްދެވީއެވެ.
މިއަދުގެ އަރަބިކަރަތަކުގެ އަނިޔާވެރި ވެރިން އެމީހުންގެ ސިޔާސި ވާދަވެރިން މަރާލުމަށް އެމީހުންގެ ލަޝްކަރުތަށް ފޮނުވާ ފަދައިން، ޔަޒީދުގެ ލަޝްކަރުން ކީރިތި ރަސޫލާ މުޙައްމަދު (ސއވ)ގެ ކާފަ ދަރިކަލުން ޙުސައިންގެފާނާއި އެކަލޭގެފާނުގެ އާއިލާ އަނިޔާވެރި ގޮތެއްގައި ޝަހީދުކޮށްލިކޮށްލުމަކީ މިއަދާހަމައަށްވެސް ޝިއާއީންނާއި މިޒަމާނުގައި މިކިޔޭ ސުންނީގެ ދެބަސްވުންކަމުގައި ވަނީބެލެވިފައެވެ. މިހާރުމިވަނީ ދެބައިވުންތައް އިންތިހާއަށް ބޮޑުވެ ދެބިލިއަން މުސްލިމުންގެ ވެރިއަކުނެތި ބައިބައިވެފައެވެ. ހިތާމައިގެކޮޅެއްވެސް ނެތެވެ.
One Response
އަސްލުވަރަށް ދެރަކަމެއް. އިސްލާމުން މިގޮތަށް ބައިބައިވުމުގެ ނަތީޖާ ހުރިހާދިމާލަކުން ފެންނަމުން މިދަނީ. ހުރިހާ މުސްލިމް ގައުމުތަކެއް ސުންނާފަތިވެ ގަބީލާތަކުގެ ކޯޅުމާއިހެދި މުޅިން ހަލާކުވެ ނިމިއްޖެއެވެ. މޮޅުވާހަކަދައްކާ ބައިސާ ކެނޑުން މިހާރު މުސްލިމުންގެ ތެރޭގައި ޢާންމުވެ ހެޔޮލަފާ ވެރިން މުޅިންހެން ނެތި ހިގައްޖެއެވެ. ކޮންމެ ވެރިއެއްވެސް އެމީހެއްގެ ޢާއިލާ ނުނީ އޭނެއަށް ސަނާކިޔާމީހުން ގޮވައިގެން ޢުމުރުދުވަހު ވެރިކަމުގައި ހުރުން އެއި އޭނާގެ ފުރަތަމަ ރުކުނަށް ހޭދީމާ ލިބޭނޭ ދެރައާއި ލަނޑެއް މުސްލިމުންނަށް ލިބި މިއަވަދިވީއެވެ. ވީމާ ރޮހިންގާ، ފަލަސްތީނު، ޔަމަން، ލީބިޔާ، އިރާގު، އަފުގާނިސްތާނު ދެން މިހެންގޮސް އެންމެން ހަލާވީނޫންތޯއެވެ. ދެން ވެސް ބާރުގަދަ ވެރިއަކަށް އާނ ބަސް ނުބެފިއްޔާ އޭނާގެ ހަންމުށި އަޅާ އެތަނެއްވެސް ސުންނާފަތި ކޮށްލަނިއެވެ. އަސްތަޢުފިރުއްﷲ، ހާދަ ހިތާމައެކެވެ!