ތިނަދޫގެ ބިން ޢިލްމީ ނޫރުން ދިއްލާލަ ދެއްވި މަޝްހޫރު ތަރި އަލްމަރުޙޫމް އަލަގޭ ބެއްޔާގެ ޒިކުރާ-2

Loading

Facebook
Twitter
WhatsApp

http://sandhaanu.today/24553/  އާއި ގުޅޭ…

 އަލްމަރުޙޫމް މުޙައްމަދު ޢާލީ ތަކުރުފާނު (އަލަގޭ ބެއްޔާ) އަކީ ތަޖްވީދުގެ ޢިލްމު ކިޔާވައި ދެއްވުމުގައިވެސް ފުންނާބު އުސް ބޭކަލެކެވެ. އެގޮތުން މުޙައްމަދު ޢަލީ ލިއުއްވަަފައިވާ ބައެއް ތަޖުވީދު ޢިލްމުގެ ފޮތްތަކެއް ވެސް ފެންނާން އެބަހުށްޓެވެ.

ނަމަވެސް އެފޮތްތަށް ޗާޕް ކުރަން ތައްޔާރު ކޮށްފައި ވަނިކޮށް އެކަން ނުކުރެވި އެމަނިކުފާނަށް ޖެހިވަޑައި ގަތީ ދާއިމަށް ދެމިތިބެނިވި މަންޒިލަށް ދަތުރު ކުރަށްވާށެވެ. މަރުޙޫމް އަލަގޭ މުޙައްމަދު ޢަލީގެ ފުރާނައަށް ސުވަރުގޭގެ ދާއިލީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

     މަރުޙޫމު އަލަގޭ މުޙައްމަދު ޢަލީގެ ފިރިހެން ދަރިފުޅެއް ކަމުގައިވާ މުޖުތަބާ މުޙައްމަދު ވިދާޅުވީ ބައްޕަގެ މިދެންނެވި ފޮތްތަށް ޗާޕްކުރައްވާ ނެރެދެއްވާނެ ކަމުގައެވެ.

      މަޝްހޫރު އަލަގޭ މުޙައަމަދު ޢަލީގެ އަރިހުން ކިޔާވިދާޅުވި ބައެއް ދަރިވަރުން މިހާރުވެސް ތިނަދޫގެ ބައެއް ސްކޫލްތަކަށް ޓީޗަރުންގެ ގޮތުގައި ކިޔަވައި ދެއްވަމުން އެބަގެންދަވައެވެ. އެބޭފުޅުންގެ އަޚުލާގަށް ބަލާލުމުން އަލަގޭ ބެއްޔާގެ ހަނދާންތައް އާވެއާވެ ހުރެއެވެ.

     އޭގެ ތެރޭގައި ހިމެނި ވަޑައިގަންވާ ޓީޗަރަކާއި ފޯނުން ވާހަކަ ދައްކާލީމެވެ. މި ޓީޗަރަކީ ތިނަދޫގެ މަޝަހޫރު މަހުޖަނު އަލްމަރުޙޫމް ހިރިހަމައިދި ކަލޭފާނަށް ކާފަ ވިދާޅުވާ ރަޝީދާ އިބްރާހީމް (ހިރިހަމައިދިގޭ ރަޝީދާ) އެވެ. ރަޝީދާއަކީ އެކި ރޮނގު ރޮގުން ގިނަގުނަ ޅެމާއި ބަންޖާއި ލަވަތަށް ހައްދަވާފައިވާ ޝާއިރާއެކެވެ. 

އެކަމަނާއަކީ ގައުމީ ލަވަޔާ ލޯބީގެ ޅެންވެރިކަމުގެ ގުލްޒާރުގައި ފިޔަ ޖަހަމުން އަންނަ ފަނޑުވުމެއް ނެތް ޝާއިރާއެއްވެސް މެއެވެ. ޓީޗަރ ރަޝީދާ ވިދާޅުވި ގޮތުގައި އެކަމަނާ މުޙައްމަދު ޢަލީގެ އަރިހުން ދަސްވެނިވީ އެކަމަނާ ވަރަށް ތުއްޕުޅު އިރު ގާތްގަޑަކަށް ޢުމުރުން ހަ އަހަރު ނުވަތަ 7 އަހަރުގެ ތެރޭއެވެ


      އަލަގޭ މުޙައްމަދު ޢަލީ ޢިލްމު ފެތުރުއްވުމުގައި ގެންގުޅުއްވި ތަޢުލީމީ ފަލްސާފާ އަކީ ރާއްޖޭގެ ސްކޫލްތަކުގައި މިހާރު ކިޔަވާދެއް ވަމުން ގެންދަވާ މުދައްރިސުންނަށް ނުހަނު ބޭނުންތެރި އަގުހުރި ފަލްސަފާއެއްކަން ހާމަކުރައްވަމުން ރަޝީދާ ވިދާޅުވީ ދަރިވަރުން ސްކޫލުން ނިމިގެން ގެއަށް ދާވަގުތު ތަކުގައި މަގުމަތީ ގައި ކުދިން އުޅޭނޫޅޭގޮތް ޕްރިންސިޕަލް މުޙަމަދު ޢަލީ ބައްލަވާހައްދަވާ ކަމުގައެވެ. 

އަދި ދަރިވަރުންނާއި އެކު ސްކޫލްގައި ހުންނަވާއިރު ގެންގުޅުއްވަނީ ބައްޕައަކު ދަރިންނާމެދު ބަހައްޓަވާފަދަ ގާތް ގުޅުމެއް ކަމަށާއި އެހެން ކަމުން އަލަގޭ މުޙައްމަދު ޢަލީތަކުރުފާނުގެ އަރިހުން ޢިލްމު ހޯއްދެވި ކޮންމެ ދަރިވަރަކުވެސް ބައްޕައަކު ދެކެ ލޯބިވާފަދައިން މުޙައްމަދު ޢަލީ ދެކެ ލޯބިވާކަމުގައި ރަޝީދާ ވިދާޅުވިއެވެ.

ސްކޫލްގައި ކުއްޖަކަށް ގޯސްކަމެއް ކުރެވުނަސް އަދަބު ދެއްވުމުގެ ބަދަލުގައި ދަސްކޮށް ދެއްވަނީ އެކަކު އަނެކަކަށް ލޯތްބާއެކު މުޢާމަލާތު ކުރާނޭ ރިވެތި ގޮތްތަކާއި ރުޅިއަތުވެއްޖެނަމަ ޢަމަލު ކުރަންވީ ގޮތާއި، އެކަކު އަނެކަކަށް އިޙުތިރާމް ކުރާނޭ ރިވެތި އަޚުލާގު ކަމުގައިވެސް ރަޝީދާ ފާހަގަ ކުރެއްވިއެވެ.

       ހުވަދޫބަހުން ބެއްޔާއޭކިޔަނީ ގާތް ކޮށްލުމުގެ ގޮތުންނެވެ. ބެއްޔާއޭ ކިޔަނީ ބޭބެ ކިއުމުގެ ބަދަލުގައި ގާތްގުޅުމެއް އުފެދިފައިވާ ކަމުގެ ރަމްޒެއްގެ ގޮތުގައެވެ. މުޙައްމަދު ޢަލީގެ ޢާއިލާއަކީ ވެސް ތިނަދޫ ރައްޔިތުންގެ ލޯތްބާ އިޙުތިރާމް ލިބިފައިވާ ޢިލްމުވެރި ޢާއިލާއެކެވެ. މަރުޙޫމް މުޙައްދު ޢަލީގެ މަރޫހޫމާ ލޮބުވެތި މަންމާ ފުޅަކީ ކީރިތިގުރުއާން ހިތުދަސް ކަނބަލެކެވެ.

     މަރުޙޫމް މުޙައްމަދު އަލީ އަކީ ފަންޑިތަ ހެއްވުމުގެ ސަނަދު ލިބިވަޑައިގެންފައިވާ ބޭކަލަކެވެ. މަރުޙޫމް މުޙައްމަދު ޢަލީގެ މުންނާ (ބައްޕަގެ މަންމަ) އަކީ އައްޑޫ އަތޮޅު ހިތަދޫ މޭނާކަލޭފާނު( ދޮންކޮއްޔެގެ އަލިމަނިކު) ގެދަލޭކާފާނެވެ. ދަލޭކާފާނަކީ ދެކުނުގެ 4 އަތޮޅަށް ބޭސްވެރިކަމުގެ ރޮގުން މަޝްހޫރު ކަނބަލެކެވެ. އެހެންކަމާއެކު މުޅި ތިނަދޫ އާއި އެ އަތޮޅުގެ ރަށްރަށްރަށުގެ ރައްޔިތުން މުޙައްމަދު ޢަލީ އަށް ނުހަނު އިޙުތިރާމް ކުރައްވަތެވެ.

     އަލްމަރުޙޫމު މުޙައްމަދު ޢަލީ ތަކުރުފުނަކީ ޢަރަބިބަހާއި އޮރުދޫބަހަށްވެސް ކުޅަދާނަ ބޭކަލެކެވެ. ޓީޗަރ ރަޝީދާ ވިދާޅުވިގޮތުގައި ރަޝީދާ ކިޔަވާ ވިދާޅުވި ތިނަދޫ ދެކުނު އަވަށުގެ މަދުރަސާ ކަމުގައި ވާ މަދުރަތުއް ސައާދާގެ ނާޒިރަކީ މުޙައްމަދު ޢަލީއެވެ. ރަޝީދާ ވިދާޅުވި ގޮތުގައި ހަނދާން ބަލިކަމުގައި ނުވާނަމަ 1958 ވަނައަރު މުޅި އަތޮޅުން އެއްވަނަހޯދި މަދުރަސާއަކީ ތިނަދޫ ދެކުނު އަވަށުގެ މަދުރަސާ އަލް މަދުރަސަތުއްސަޢާދާއެވެ.

މި މަދުރަސާގެ ނާޒިރަކީ މަރުޙޫމް މުޙައްމަދު ޢަލީ ތަކުރުފާނެވެ. ތަޢްލީމީ ދާއިރާގެ ބޮޑުން މާލެއިން ވަޑައިގެން ތިނަދޫގައި ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މަދުރަސަތުއްސަޢާދާ މުޅިއަތޮޅުން އެވަނައަށް ހޮވިގެން މަދުރާސާއަށް ސަރުކާރުން ދެއްވި ޚާއްޞަ އިނާމާއި މުޙައްމަދު ޢަލީ ހަވާލުވެލެއްވި މަންޒަރު މިހާރުވެސް ހިތަށް ސިފަވެގެން ދާކަމުގައި ރަޝީދާ އިބްރާހީމް ވިދާޅުވިއެވެ.

       ޕްރިންސިޕަލް މުޙަމަދު ޢަލީއަކީ ތިނަދޫގެ އުދަރެހުން ފާއްދާލި ޢިލްމީ ތަރިއެކެވެ. މިފަދަ ބޭފުޅުންގެ ޒިކުރާ ދެމެހެއްޓުމަކީ ސަރުކާރު ތަކުން ރާއްޖޭގެ ތާރީޚަށްޓަކާ ކުރަމުން އަންނަ ކުރަންޖެހޭ ކަމެކެވެ. 

އެގޮތުން މިފަދަ ޢިލްމީ ބޭފުޅުންގެ ޒިކުރާ ދެމެހެއްޓުމުގެ ގޮތުން މިސްކިތް ތަކަށާއި ސްކޫލްތަކުގެ އިތުރުން މަގުތަކަށް ވެސް މިފަދަ ބޭފުޅުން ނަންފުޅު ކިޔާފައި އެބަހުއްޓެވެ. އެހެންކަމާއި އެކު އަލަގޭ އަލްމަރުޙޫމް މުޙައްމަދު ޢަލީ ތަކުރުފާނުގެ ހަނދާންތައް ތިނަދޫގެ ބިމުން ފޮހެވިގެން ނުދާނޭހެން އެމަނިކުފާނުގެ ނަންފުޅު ތިނަދޫގެ ބިމުން ފެންނާން ޖެހޭނޭ ކަމަށް ދެކެމެވެ. 

އަދި ޢިލްމީގޮތުން މުޅިހުވަދޫ އަތޮޅަށް ތަޢްލީމު ފަތުރުއްވުމަށް މުޙައްމަދު ޢަލީ ވަނީ ތަޢްލީމީ ރޮނގުން އަގުހުރި ގިނަގުނަ މަސައްކަތް ތަކެއް ކުރަވާފައިކަން ޔަގީނެވެ.

   –   ނުނިމޭ….

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް