ޑިމޮކްރެޓިކް ކޮންގްރެޝަނަލް ކެމްޕެއިނަށް ފައިސާހޯދަން ލޮސް އެންޖަލްސްގައި ބޭއްވުނު އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޕާކިސްތާނަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއްގައުމުކަމުގައި އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވުމުން ޕާކިސްތާނުން އެކަމަށް ރައްދު ދީފިއެވެ.
ބައިޑަން އެހެން ވިދާޅުވީ އެ ބައްދަލުވުމުގައި ރަޝިޔާ- ޔޫކްރެއިން ހަނގުރާމައާއި ގުޅޭގޮތުން ޗައިނާއާއި އެގައުމުގެ ރައީސް ޒީ ޖިންޕިންގ އާއިދޭތެރޭ އެމެރިކާއިން ގެންގުޅޭ ސިޔާސަތު ހާމަކުރުމުގައި ޗައިނާއާއި ރަޝިޔާ އިންޑިއާ އަދި ޕާކިސްތާނުގެ ގުޅުމާބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.

ރަޝިޔާގައި ހިނގަމުންގެންދާ ކަންތަކާއި އަދި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގައި އެއްވެސް ޙަމައެއް ލަމައެއް ނެތް ކަމަށް ބެލެވޭ އަދި ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމުކަމުގައިވާ ޕާކިސްތާނާއި މެދު އަހަރެމެން ކަންތައްކުރަންވީ ކިހެނަކުންހެއްޔޭ ވުދާޅުވެ ސުވާލު އުފެއްެދެވިއެވެ. އެގޮތަށް ރައީސް ބައިޑަން ވިދާޅުވިކަމަށް ވައިޓްހައުސްގެ ވެބް ޕޭޖުގައި ޝާއިއުކޮށްފައި އޮތެވެ.
ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރާއި ކުރީގެ ދެ ބޮޑުވަޒީރުން ވެސް،އަސްލެއްނެތި ބައިޑަން މިހެން ވިދާޅުވުން ކުށްވެރިކުރައްވައި ޕާކިސްތާނުގައި ހުންނަ އެމެރިކާގެ ސަފީރު ޚާރިޖިއްޔާއަށް ޙާޒިރުކޮށް ބައިޑަން އެވިދާޅުވާ އެއްޗެއްގެ މާނައަކީ ކޮބައިތޯ އޮޅުންފިލުވާ ދިނުމަށް އެންގިއެވެ.
އެހެންނަމަވެސް ޕާކިސްތާނުގެ ޚާރިޖީވަޒީރު ބިލްވާލް ބުއްޓޫ ޒަރްދާރީ ކަރާޗީގައި ހުންނަވާފައި ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމެރިކާއިން އެހެންބުނެފައި އެވަނީ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި ޕާކިސްތާނާއެކު ބައިނަލް އަގްވާމީ ގުޅުންތައް ކުޑަވެފައި އޮތުމުގެ ސަބަބުންނެވެ. އަދި އެއީ އެއްވެސް ރަސްމީ ބަސްދީގަތުމެއްގައި ރައީސް ބައޑަން ވިދާޅުވެފައިވާ ވާހަކަފުޅެއް ނޫންކަންމަށް ބުނެ އެކަން ފިނިކުރުމަށް މަސައްކަތް ކުރެއްވިއެވެ. އަދި އަހަރެމެން އަތުގައި ނިއުކްލިއަރ ހަތިޔާރު ހުރުމުން އެ ރައްކާތެރިކަމާއެކު ބަލަހައްޓާނެގޮތް އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޒަރުދާރީ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވެފައިވަނީ ރައީސް ބައިޑަންގެ ވާހަކަފުޅަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށްގެން ވިދާޅުވި ވިދާޅުވުމެއް ނޫންކަމަށާއި ޕާކިސްތާނަކީ ނިއުކްލިއަރ ހަތިޔާރުތައް ބައިނަލް އަގްވާމީ އަދި ބައިނަލް އަގްވާމީ އެޓޮމިކް އޭޖެންސީގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ބަލަހައްޓަން އެނގޭ ގައުމެއްކަން މާޒީން އެނގި ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި ޕާކިސްތާނާއި އެމެރިކާއަކީ އެކުވެރިކަމާއި އެއްބާރުލުން ދިނުމުގައި ދެމިތިބުމުގެ ދިގު ތާރީޚެއްވެސް އޮތް ދެ ގައުމުކަމަށެވެ.
މިހާރުވެސް ޕާކިސްތާނު ބޭނުންވަނީ އެމެރިކާއާއި ގުޅިގެން ސަރަޙައްދީސަލާމަތާއި އެކުވެރިކަން ގާއިމުކުރުމަށެވެ. ޝާހްބާޒު އިތުރަށް ވިދާޅުވީ ނިއުކްލިއަރ ހަތިޔާރުގެ ނުރައްކާތެރި ކަމާއިމެދު ޝައްކު އުފެދޭނަމަ އެވާހަކަ ބުނަންވީ އިންޑިއާ އާދިމާލަށެވެ. މިދާކަށްދުވަހުވެސް އިންޑިއާއިން އުދުއްސާލި މިސައިލެއް އަމާޒުވީ ޕާކިސްތާނުގެ ބިމަށެވެ. ކުރީގެ ޕްރައިމިނިސްޓަރ އިމްރާން ޚާންގެ އަތްޕުޅުން ޝާހްބާޒްގެ އަށް ވެރިކަން ފުރޮޅުމުގައި އެމެރިކާގެ މަދަދު ލިބިފައިވާކަމަށް ޕާކިސްތާނުގެ ގިނަ ރައްޔަތުން ގަބޫލުކުރެެއެވެ.
ޕާކިސްތާނަކީ ނިއުކްލިއަރ ބާރެއްކަމުގައި ވެގެންދިޔައީ 1998 ވަނައަހަރުގައެވެ. އޭރު ޕާކިސްތާނުގެ ބޮޑު ވަޒީރަކީ މިހާރުގެ ބޮޑުވަޒީރުގެ ބޭބެ ނަވާޒް ޝަރީފެވެ. ރައީސް ބައިޑަންގެ މިވާހަކަފުޅަށް ރައްދު ދެއްވަމުން ނަވާޒު ޝަރީފު ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ނިއުކްލިއަރ ގާބިލު ކަމަކީ ބައިނަލް އަގްވާމީ ގާނުނުތަކާއި ގަވައިދުތަކަށް ފުރިހަމައަށް އިޙުތިރާމް ކުރުމާއިއެކު އެހެން މިނިވަން ގައުމުތަކެކޭވެސް އެއްފަދައިން ހަމައެކަނި މިގައުމުގެ އިސްގްލާލާއި ކަރާމާތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ބޭނުން ކުރެވޭނެ ވަސީލަތެއް ކަމަށާއި އެއްވެސް މިންވަރަކަށް އެހެން އެއްވެސް ގައުމަކަށް އެކަމުގެ ނުރައްކަލެއް ނޯންނާނެކަމަށެވެ.
ޕާކިސްތާނުގެ އެންމެ ފަހުގެ ބޮޑުވަޒީރު އިމްރާން ޚާން ދެއްވި ރައްދުގައި ވިދާޅުވެފައިވަނީ ރައީސް ބައިޑަން އެ ވިދާޅުވީ ދޮގެއްކަން ޚުދު އޭނާއަށްވެސް އެނގިވަޑައި ގަންނަވާނެ ކަމުގައެވެ. ޕާކިސްތާނަށް ނިއުކްލިއަރ ހަތިޔާރު ލިބުނު ފަހުން އެއްވެސް ގައުމަކާއިދެކޮޅަށް އުދުވާނެއް ހިންގާފައެއް ނުވާނެއެވެ. އެކަމަކު އެމެރިކާއިން އަބަދާއަބަދު އެގެންދަނީ ކޮންމެވެސް ގައުމަކާދެކޮޅަށް އުދުވާން ހިންގަމުން ނޫނީ އެކަމަށް އެހީތެރިވެ މަދަދު ފޯރުވަމުންނެވެ.
One Response
ބަލިކަށި ޕޮލިޓިޝަނުންނާއި ހަރުދަނާ ޕޮލިޓިޝަނުން ވަރަށް ރީތިކޮށް އޮޅުންފިލާ ރައްދު ދިނުމެއް….