ޖަރުމަނުގެ ރޭލުދަތުރުގެ ނިޒާމް ސަބޯޓާޖް ކޮށްފި 

Loading

Facebook
Twitter
WhatsApp

ޖަރުމަނުގެ ރޭލު ދަތުރުފަތުރާބެހޭ ވަސީލަތް ތަކަށް ގޮތްނޭންގޭ ޙަމަލާތަކެއް ދިނުމުގެ ސަބަބުން ދަތުރުތައް މެދުކަނޑާލަން ޖެހުނު މައްސަލައަކީ ނޯޑް ސްޓްރީމްގެ ޕައިޕްލައިން ގޮއްވާލުމާ ގުޅިގެން ރަޝިޔާއިން ކުރި ކަމެއްކަމުގައި ޖަރުމަނުގެ ސިޔާސީ ބައެއް ފަރާތްތަކުން ތުޙުމަތު ކުރަމުން އެބަގެންދެއެވެ. 

މި ޙަމަލާގައި ދެ ސަރަޙައްދެއްގެ މުހިންމު މުވާސަލާތީ ކޭބަލްތަކެއް ބުރިވެފައިވާ ކަމަށާއި އޭގެ ސަބަބުން ޖަރުމަނުގެ އުތުރުގެ ބައެއް ސަރަޙައްދުތަކުން ރޭލު ދަތުރުތައް ހުއްޓިފާވެއެވެ. އެއާއެކު އެތައް ހާސް ދަތުރުވެރިންގެ ނުރުހުމާ ކުރިމަތިލާން ޖެހުނެވެ. ރޭލު ދަތުރުގެ ޚިދުމަތްދޭ ކުންފުނި ޑޯޝޭ ބާން އިންވެސް ބުނަނީ މިއީ ބަޔަކު ގަސްދުގައި ދިން ޙަމަލާއެއް ކަމުގައެވެ. 

ޖަރުމަނުގައި އެންމެ ބާރަށް ހިނގާ ނޫހަކުން ފެޑެރަލް ފުލުހުންނާ ޙަވާލާ ދީ ބުނާގޮތުގައި މިއީ ކޮންމެވެސް ސަރުކާރަކުން ރާވައިގެން ހިންގި ޙަމަލާއެއް ކަމަށް ބެލެވެއެވެ. މުވާސަލާތީ ކޭބަލްތައް ބުރިކޮށްލާފައިވާ ދެ ސަރަޙައްދަކީ ހުޅަނގުގެ ސްޓޭޓޭއްކަމުގައިވާ ނޯތު ރައިން އަދި އިރުމަތީ ބަރލިންއެވެ. 

މި ދެ ސަރަހައްދުގެ ދުރުމިނަކީ ގާތްގަނޑަކަށް  350 މޭލެވެ. ފުލުހުންގެ މަޢުލޫމާތަށް ބަލާއިރު މި ޙަމަލާ ދީފައިވަނީ ޖަރުމަނާއި ރަޝިޔާއާއި ދެމެދުގައިވާ ނޯޑް ސްޓްރީމް 1 އަދި 2 ގެ ޕައިޕްލައިން ގޮއްވާލީތާ މާގިނަ އިރުތަކެއް ނުވަނީހެވެ. ޕައިޕްލައިންތައް ގޮއްވާލި މައްސަލާގައި ރަޝިޔާއާއި ހުޅަނގުގެ ގައުމުތަކާ ދޭތެރޭ އުފެދިފައިވާ ކޯޅުންގަނޑު އުޑާހަމަޔަށް އުފުލިފައިވާނަމަވެސް މިއިން އެއްވެސް ކަމެއްގައި ރަޝިޔާގެ ބައިވެރިވުން ނޯންނާނެކަމަށް އެގައުމުންދަނީ ބުނަމުންނެވެ.                                           

ޖަރުމަން ޕާރލަމެންޓުގައި ޔޫރަޕާ ބެހޭ ކޮމެޓީގެ ޗެއަރޕާރސަން ހޮފްރެއިޓަރ ވިދާޅުވަނީ މިބާވަތުގެ ކަމެއް ރާވައި ހިންގޭނީ ޖަރުމަނުގެ ރެއިލްވޭގެ މުވާސަލާތީ ނިޒާމު ހަމަޖެހިފައިވ ާގޮތް ވަރަށް ރަނގަޅަށް އެނގޭ ބަޔަކަށެވެ. އެހެންވީމާ އަހަރެމެންނަށް ކުރިމަތިލާން ޖެހިފައި މިވަނީ ބޭރުގައުމަކުން ހިންގި އުދުވާނެއް ކަމަށާއި މިކަމުގައި ރަޝިޔާގެ އަތެއް ނެތޭ ބުނަން އުދަގުލެވެ. 

ހަމައެފަދައިން ނޯޑްސްޓްރީމް ޕައިޕްލައިންތައް ގޮއްވާލުމަކީވެސް ރަޝިޔާއިން ނުކުރާނެ ކަމެކޭ ބުނަން އުނދަގުލެވެ. މި ދެ ހާދިސާއަކީވެސް އަހަރެމެން ޔޫކްރެއިނަށް ތާއީދުކުރާތީވެ ދިން އިންޒާރެއް ކަމުގައި ބެލެވިދާނެއެވެ. އެހެންނަމަވެސް ފުލުހުންގެ ޑިޕާރޓްމެންޓުން ބުނަމުން ގެންދަނީ ފުޅާދާއިރާއެއްގައި މައްސަލަ ތަޙްގީގު ކުރެވެމުންދާ ކަމަށާއި އަދި މިހާތަނަށް ލިބިފައިހުރި މަޢުލޫމާތުން ވަކި ދިމާއަކަށް އިނގިލި ދިއްކުރެވެން ނެތްކަމުގައެވެ. އަދި ފާރ-ލެފްޓް އަށް ނިސްބަތްކުރެވޭ ނިރުބަވެރިންނާ ގުޅުމެއް އޮވެދާނެތޯވެސް ބަލަމުންގެންދާ ކަމަށެވެ.

ހޮފްރެއިޓަރ އިތުރަށް  ވިދާޅުވަނީ ޖަރުމަނުގެ މުހިންމު ވަސީލަތްތަކެއް ހުރީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ނޫންކަމަށާއި އެ ވަސީލަތްތައް ހަމަޔަކަށް އަޅުވަން ވިއްސަކަށް ބިލިއަން އެމެރިކާ ޑޮލަރ ހޭދަކުރަން ޖެހޭނެ ކަމުގައެވެ.                                          

ޖަރުމަނުގެ ސީނިއަރ މިލިޓަރީ އޮފިސަރަކު ވިދާޅުވަނީ އަދިވެސް މިބާވަތުގެ ޙަމަލާތައް ކުރިއަށްއޮތްތަނުގައި މެދުވެރިވުމަކީ ނުވާނެ ކަމަކަށް ބަލައިގެން ތިބެވެން ނެތްކަމަށެވެ. ޖަރުމަނުގެ ކޮންމެ ޕަވަރ ސްޓޭޝަނަކާއި ހަކަތަ ފޯރުކޮށްދޭ ޕައިޕްލައިން ތަކަށް ދިމާވެފައިވާ ހައިބްރިޑްގެ ނުރައްކާތެރިކަމުގެ ވާހަކަ އެބަ ދައްކަންޖެހެއެވެ. އަދި މިޒަމާނުގެ ހައިބްރިޑް ހަނގުރާމައިގެ މައިދާނަށް އަހަރެމެންވެސް އަހުލުވެރި ވާން އެބަޖެހޭކަމަށެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް