"އިސްލާޙް"ކުރި ފްލެޓް ލިސްޓް- އެކެނިވެރި މައެއްގެ އުދާސްތައް!

Loading

Facebook
Twitter
WhatsApp

އެއީ ފިސާރި ދިވެހި ލޭހިނގާ ދިވެހި ކަނބަލެކެވެ. ނަސީބު އަތުގައި ނުހިފުމުން ޙަޔާތުގައި މިހާތަނަށް މާބޮޑެތި އުފާތަކެއް ނުލިބުނަަސް، ދެދަރިންނާއި، އަމިއްލަ ނަފްސަށްޓަކާ ފޮނި އުއްމީދުތަކެއް ކުރަމުންދާ މައެކެވެ.

ކަންދިމާ ކުރި ގޮތުން މާލޭ މީހަކަށް ވީކަމުގައި ވީނަމަވެސް، ދިރިއުޅެން ޖެހުނީ ދޮންބައްޕަގެ ގޭގައެވެ. އުޅެ ބޮޑުވީ އެތަނުގައެވެ. އަމިއްލަ ބައްޕަ، އަދި މަންމަގެ ވެސް ގެދޮރެއް ނެތެވެ. މާލެ ނޫން ދިރިއުޅޭނެ އިތުރު ރަށެއްވެސް ނެތެވެ.

ފޮނި އުއްމީދުތަކަކާއި އެކު ފެށި ޒަވާޖީ ހަޔާތްވެސް ފެނަށް ދިޔަ ފަހުން 4 އަހަރުވީއެވެ. ގާތުގައި ލޯބި ލޯބި ދެދަރިން އެބަތިއްބެވެ. ނަމަވެސް ކުރީގެ ފިރިމީހާގެ ގޭ ނޫން، އިތުރު ތަނެއް ދިރިއުޅޭކަށް ނެތެވެ.

އުޅެންޖެހިފައިވަނީ 8 ފޫޓު 7 ފޫޓް ކޮޓަރިއެއްގައެވެ. އެތަނުގައި ދެކުދިންނާއި އެކު ދިރި އުޅޭ އިރު، ތަންކޮޅު ކުޑަކަމުން ފާހާނައިގައި ދޮރެއް ހަރުކުރެވޭކަށް ނެތެވެ. އެކަކު ފާހާނަޔަށް ވަދެއްޖެނަމަ ދެން ތިބި މީހުން ތިބެން ޖެހެނީ ކޮޓަރިން ބޭރުގައެވެ. މިހާލުގައި 4 އަހަރު ވީއިރު، ނަފްސާނީ ގޮތުން ކުރާނެ އަސަރު ވިސްނާލާށެވެ.

ފްލެޓަށް އެދި ވޭތުވެދިޔަ 25 އަހަރުގައި އެތައް ފޯމެއް ލީނަމަވެސް ފްލެޓެއް ނުލިބި ހުރެފައި، 2018 ވަނަ އަހަރު މާލެ ރަށްވެހިންގެ ކެޓެގަރީއިން ފްލެޓް ލިބުން މީހުންގެ ލިސްޓުގެ އެންމެ މަތީގައި ނަން އޮތެވެ. އެންމެ މަތިން ޕޮއިންޓް ވެސް ލިބިގެންނެވެ. އުއްމީދުގެ އަލިކަމެއް ލިބުނީ ސަރުކާރުން ދިން ފްލެޓް ލިބުނު ކަމުގެ ލިޔުމާއި އެކުއެވެ.

ނަމަވެސް ކަންވީ އަނެއްކާވެސް އިތުރު ވޭނެއް ލިބޭނެ ހެންނެވެ. އަތުގައި ހިފި ނަސީބު ގަދަ ކަމުން ޖަހައިގަނެފިއެވެ. މިސަރުކާރުން ނެރުނު ”އިސްލާޙު“ ކޮށްފައިވާ ލިސްޓުގައި ނަމެއް ނެތެވެ.

ދިރިއުޅުމުގެ ހާލަތުން 18 ޕޮއިންޓް ކަނޑާލައި، ލިސްޓްގެ 2000 ވަނައަށް ވުރެން ދަށަށް ވައްޓާލައި، ފްލެޓް އަތުލައިފިއެވެ. ހާލަތަށް އައީ ކޮން ބަދަލެއްތޯއެވެ؟ ހާލަތު ވަނީ ދުވަހުން ދުވަހަށް ގޯހެވެ. ކުރީގެ ފިރިމީހާގެ ގޭގެ ކަނެއްގައި، މިފަދަ ނަފްސާނީ ގޮތުން އުނދަގޫ ކޮށްޓެއްގައި އިނދެ ދިރިއުޅުން ވޭތުކުރަން ބޭނުންވާނީ ކާކުތޯއެވެ؟ ދިރިއުޅުމުގެ ހާލަތުން މާކްސް ކެނޑި ސަބަބެއް ބުނެދެއްވާށެވެ؟ ”އިންސާފުގެ ދަތުރޭ“ ކިޔައި ވެރިކަމަށް އައިސް، ނިކަމެތިންނަށް އަނިޔާކުރާ ސަބަބެއް ބުނެދެއްވާށެވެ؟ އަޅުގަނޑުގެ ކުށެއް ބުނެދެއްވާށެވެ؟

(ވަޒީފާގެ ގޮތުންނާއި، ދިރިއުޅުމުގެ ހާލަތުގެ ގޮތުން ނަން ސިއްރުކޮށްފައި)

ރިފަރެންސް: (ކޮތަރުކޮށި)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް