މެލޭޝިޔާއިން ތުރުކީގައި އުފައްދާ ތިން ވައްތަރެއްގެ ޑްރޯން ގަންނަން ނިންމައިފިއެވެ. މެލޭޝިޔާއިން ތުރުކީގެ ޑްރޯން ގަތުމަށް ނިންމަވައިފި ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރ ޙިޝާމުއްދީން ހުސައިން ހާމަ ކުރައްވައިފިއެވެ.
އެގޮތުން ގަންނަން އެއްބަސްވެފައިވާ މޮޑެލް އެމްއޭއެލްއީ- ޔޫއޭއެސް ވައްތަރަކީ އިންސާނަކާ ނުލައި ބޭނުންކުރެވޭ ޑްރޯނެކެވެ. މި ޑްރޯންތަކަށް އަގު އަދާކުރުން ރޭވިފައިވަނީ މެލޭޝިޔާގެ ދިފާޢީ ބަޖެޓްގެ ތެރެއިންނޫންއެހެން ގޮތަކަށް 5 އަހަރުދުވަހުގެ މުއްދަތަކަށް ބަހާލައިގެންކަމަށް ބުނެއެވެ.
ޓާރކިސް އެއަރޯސްޕޭސް އިންޑަސްޓްރީސް ( ޓީ. އޭ. އައި ) އިންހާމަކުރާގޮތުގައި އެކުންފުނީގެ އުފެއްދުމެއް ކަމުގައިވާ އަންކާ މަރުކާގެ ޑްރޯން އެކްސްޕޯރޓް ކުރުމާއި ބެހޭގޮތުން މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުމަށް 2019 އިން ފެށިގެން ގެންދިޔައީ މަސައްކަތްކުރަމުންނެވެ.
އެހެންނަމަވެސް މެލޭޝިޔާގެ ރަސްގެފާނު އައްސުލްތާނު ޢަބްދުއްލާ ޓީ. ޢޭ. އައި ގެ ފެސިލިޓީއަށް ޒިޔާރަތް ކުރެއްވެވޭގޮތް ހަމަޖެހިގެން ދިއައީ 2022 އޫގަސްޓް 8 ގައެވެ. އޭގެފަހުން މެލޭޝިޔާގެ ރިސާރޗް އެންޑް ޑިވެލޮޕްމެންޓް ސެންޓަރާއިއެކު 2022 އޮކްޓޮބަރ 7 ގައި އެމް. އޯ. ޔޫ. އެއް ގައި ސޮއިކުރެވުނެވެ. އެހެންނަމަވެސް ޓީ. އޭ. އައި. އިން އެކަމާބެހޭ ގޮތުން ރަސްމީ ސިފައެއްގައި އެއްވެސް މަޢުލޫމާތެއް ދީފައެެއް ނުވެއެވެ.
އަންކާ މޮޑެލްގެ ޑްރޯންތަކަކީ ފާރަލުމާއި އަމާޒުތައް ދެނެގަތުމާއި މަޢުލޫމާތު ހޯދައި އެއްކުރުމުގެ ވަސީލަތްތައްވެސް ގާއިމު ކުރެވިފައިވާ ޑްރޯނެކެވެ. އަމިއްލައަށް އުދުއްސައިގަތުމާއި ލޭންޑިންގެ ގާބިލުކަން ލިބިފައިވާ މި އުޅަނދު ގައި އިލެކްޓްރޯ-އޮޕްޓިކަލް އަދި ސިންތެޓިކް އެޕާރޗަރ ރާޑަރ ޓެކްނޯލޮޖީވެސް ހުންނަނީ ގާއިމް ކުރެވިފައެވެ.
މި ވައްތަރުގެ ޑްރޯންގެ ފިޔަގަނޑުގައި 17.5 މީޓަރުގެ ދިގުމިން ހުންނައިރު އުޅަނދުގެ ދިގުމިނަކީ 8.6 މީޓަރެވެ. އާންމުގޮތެއްގައި 18000 އާއި 23000 މީޓަރުގެ އުސްމިނުގައި 30 ގަޑިއިރު ވަންދެން އުދުހުމުގެ ގާބިލުކަން ލިބިފައިމިވާ މިއުޅަނދު 30000 މީޓަރުގެ އުސްމިނަށް އުދުހެވޭނެކަމަށް ވެއެވެ.
މެލޭޝިޔާއިން އަންކާ ( އެސް ) މަރުކާގެ ޑްރޯން އިޚްތިޔާރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި މޮޑެލްގެ އުޅަނދުފަހަރު ލީބިޔާއާއި ޓިއުނީޝިޔާ އަދި ސީރިޔާއާއި ނެގޯރޯ ކަރަބާހް އަދި ޔޫކްރެއިން ގައިވެސް ވަނީ ކާމިޔާބު ކަމާއިއެކު ބޭނުން ކުރެވިފައެވެ.
މެލޭޝިޔާއިން ޑްރޯންގެ ވަސީލަތް ބޭނުންކުރާނީ މަލަކާ ސްޓްރެއިޓުން ފެށިގެން ދެ ސަރަޙައްދަކަށް ފެތުރިފައިވާ އެގައުމުގެ ދިގު ބޯޑަރ ބެލެހެއްޓުމަށާއި ޚާއްސަކޮށް އިރުމަތީ މެލޭޝިޔާގެ ސުލޫ ކަނޑުގައި ހިންގަމުންގެންދާ ޓެރަރިޒަމާއި ކަނޑުފޭރުމުގެ ޙަރަކާތްތަކަށް ފާރަލުމަށްކަމަށް ބުނެފައިވެއެވެ.