ހިޖާބު އެޅުމުގެ މައްސަލައަށް ގޮތެއް ނުނިންމުނު

Loading

Facebook
Twitter
WhatsApp

ކަރުނާޓަކާގެ ކޮލެޖްތަކުގައި މުސްލިމު ދަރިވަރުން ހިޖާބު އެޅުން މަނާކުރުމާއި ގުޅިގެން މުޅި އިންޑިއާގައި ކަހަލަ ގޮތަކަށް އުފެދުނު ދެބަސްވުން ތަކަށް ކަރުނާޓަކާގެ ހައިކޯޓުން ކުރި ޙުކުމް އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އަޑުއެހުންތައް ނިންމައި މިދިޔަ އަންގާރަ ދުވަހު ޙުކުމަކާއި ހަމަޔަށް ދެވުމުން ފަނޑިޔާރުންގެ ރައުޔުތައް ދެކަފި ވެއްޖެއެވެ.

އެއްފަނޑިޔާރެއްގެ ރައުޔު ކަރުނާޓަކާގެ ހައިކޯޓަށް ތާއީދު ކުރިނަމަވެސް ދެވަނަ ފަނޑިޔާރުގެ ރައުޔު އޮތީ ތަފާތުވެފައެވެ. ކަރުނާޓަކާގެ ކޯޓުން ނިންމާފައިވަނީ ހިޖާބު އެޅުމަކީ ދީނީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ހިޖާބު އެޅުމަކީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާން އޮތްކަމެއް ނޫން ކަމަށާއި ހިޖާބު ނޭޅިޔަސް ފާފަވެރި ނުވާނެކަމަށެވެ. 

އަނެއް ފަނޑިޔާރުގެ ރައުޔުގައި ހިޖާބު އެޅުމަކީ އިޚްތިޔާރީ ކަމެއްގެގޮތުގައި ކަރުނާޓަކާގެ ކޯޓުގެ ނިންމުން ރަނގަޅެއްނޫނެވެ. މި މައްސަލާގައި ފަނޑިޔާރުންނަށް އެއްބަސް ވުމަކަށް ނާދެވުމުން އިންޑިއާގެ ސުޕްރީމް ކޯޓުން މިހާރު ވަނީ ފަނޑިޔާރުންގެ ބެންޗް އިތުރުކޮށް ދިނުމަށް އެދި އުއްތަމަ ފަނޑިޔާރަށް ދަންނަވާފައެވެ. އަދި ދިހަ މަސްދުވަސް ވާންދެން ދެކޮޅަށްވާހަކަ ދެކެވެމުންދިޔަ މައްސަލައަށް ސުޕްރީމް ކޯޓުން ޙައްލެއް ލިބޭނެކަމަށް ކޮށްގެންތިބި އުންމީދު ފެނަށްވެގެން ދިޔައީއެވެ. އެހެންކަމުން ހިޖާބުގެ މައްސަލައަށް ގޮތެއް ނުނިމި އަނެއްކާވެސް ގޮތް ނޭގޭ މުއްދަތަކަށް ދެމިގެން ދާގޮތް ވީއެވެ.                                                             

ސުޕްރީމްކޯޓުގައި މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންގެ ބެންޗުގެ ރިއާސަތު ބެލެހެއްޓެވި ފަނޑިޔާރު ހެމަންތު ގުޕްތާގެ ރައުޔުގައި ކަރުނާޓަކާ ހައިކޯޓުގެ ޙުކުމް ދަމަހައްޓަވާނެ ކަމަށް ވަރަށްބޮޑަށް ބެލެވުނެވެ. ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދިޔައިރުވެސް ހިޖާބު އެޅުމަށް ތާއީދުކުރެއްވި ލޯޔަރުގެ ވާހަކައަށް ފާޑުވިދާޅުވެ އެމީހަކު ބޭނުންވާ ހެދުމެއް އެޅުމުގެ ޙައްގު ލިބިދިނުމުގެ މާނައިގެ ތެރޭގައި އެމީހަކު ބޭނުންނަމަ ހެދުމެއް ނާޅާ އުޅުންވެސް ހިމެނޭތޯ ސުވާލުކުރުން ފަދަ ކަންތައް ފާހަގަކުރެވިގެން ދިޔައެވެ. 

އެހެންނަމަވެސް އަނެއް ފަނޑިޔާރު ސުދަންޝޫ ދުލިއާގެ ރައުޔުގައި ހިޖާބަކީ ދީނީގޮތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވިސްނިފައިވާ ވިސްނުން ރަނގަޅުނޫންކަމަށާއި ހިޖާބަކީ އިޚްތިޔާރީ ކަމުގައި ބަލަންޖެހޭ ކަމުގައެވެ.                          

ކަރުނާޓަކާގެ އުޑިޕީ ގެ ކޮލެޖެއްގައި ކިޔަވަމުން ދިޔަ މުސްލިމް އަންހެން ދަރިވަރުންތަކެއް ހިޖާބު އެޅުމުގެ މައްސަލާގައި މިހާރު އެކޮލެޖްގެ ބަސްމަގުހުރީ ”އަހަރެމެން ބުނީ ހަމައެކަނި ކްލާސްރޫމް ތެރޭގައި ހިޖާބު ނޭޅޭނެ ކަމަށެވެ. ކޭމްޕަސް ތެރޭގައި ހިޖާބު އެޅުން މަނާ ނުކުރަމެވެ“. މިކަހަލަ ގޮތަކަށެވެ.

ބައެއް އަންހެން ޓިޗަރުން ދެކޭގޮތުގައި  އަންހެން ދަރިވަރުން ކްލާސް ރޫމްގައި ހިޖާބު އެޅުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް މި މައްސަލަގަނޑު ފުރަތަމަ އުފެދިގެން އައިއިރު ހިންދޫ ދަރިވަރުންގެ ފަރާތުން ތަފާތު ދުއްތުރާތައް މުސްލިމް އަންހެން ކުދިންނަށް ކުރިމަތި ކުރަމުން ދިޔަކަން އޮތީ ފެނިފައެވެ. 

އަދި ހިންދޫ މަޒްހަބަށް ނިސްބަތްކުރެވޭ ރީދޫ ކުލައިގެ ސްކާފުގައި އިންޑިއާގެ ބައެއް އެހެން ސްޓޭޓް ތަކުގައިވެސް މުޒާހަރާތައް ކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ކަރުނާޓަކާގައި ދުވަސްކޮޅަކަށް ކޮލެޖް ބަންދުކޮށްފާ ބަހައްޓަންވެސް ޖެހުނެވެ.

އެންމެފަހުން މިއީ ގާނޫނުން ދީފައިވާ މިނިވަންކަން ނިގުޅައިގަތުން ކަމަށްބުނެ މުސްލިމް ދަރިވަރުންގެ ފަރާތުން މައްސަލަ ކޯޓަށް ވެއްދީ އެވެ. ކޯޓުގެ ނިންމުމަކީ ކޮންމެ ސްޓޭޓަކަށްވެސް އެ ސްޓޭޓެއްގެ ކޮލެޖްތަކުގެ ޔުނިފޯރމް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިފައިވާ ކަމަށާއި ކްލާސްރޫމްގައި ހެޑްސްކާފް އެޅުންމަނާ ކުރުމަކީވެސް ކޮލެޖުގެ އިޚްތިޔާރެއް ކަމުގައެވެ.

މި ޙުކުމަށްފަހު މިއީވެސް ހިންދޫޒަމް ކުރިއަރުވަން ބޮޑުވަޒީ ނަރެންދުރާ މޯޑީގެ ސަރުކާރުން ގެންގުޅޭ ހަންފެތުރުމުގެ ސިޔާސަތުގެ ދަށުން މުސްލިމުންނަށް އިތުރަށް ދުއްތުރާކުރުން ކަމުގައި ބުނެ ސަރުކާރަށް ފާޑުކިއުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުކުރެވިފައެވެ.                                            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް