ދެވަނަ ބޮޑުހަނގުރާމައިގެ ފުރޭތަ ފެންމަތިވެއްޖެ

Loading

Facebook
Twitter
WhatsApp

ދެވަނަ ބޮޑުހަނގުރާމައިގާ ފުރޭތައިގެ ނަންދެވުނު (ދަ ގޯސްޓް) ބޯޓު ކެލިފޯނިޔާގެ ޝަސްތުރާ ކޯރުން ފެންމަތި ވުމުން ސިޔާސީ ބޭފުޅުންނަށްވެސް ޖަވާބު ދޭން ނޭންގޭ ބޮޑެތި ސުވާލު ތަކެއް އުފެދިއްޖެއެވެ.  އަދި ކެލިފޯނިޔާ ސަރަޙައްދަށް މެދުވެރިވަމުންމިދާ ހަނަފަސްކަމުގައި އިތުރު ޙައިރާންކަމެއް ގެނުވައިފިއެވެ.                          

ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރު ހަނގުރާމައިގެ މައިދާނުގައި ޔޫ. އެސް. އެސް. މޮންރޯވިއާއަށް ސިފައިން އުފަލަން ބޭނުންކުރި ފުރޭތައިގެ ނަމުން ނަންދެވުނު  ހިގިންސް ބޯޓުގެ ދަބަރު ޖަހާފައިވާ އޮނިގަނޑު މި ދައްކާލީ އެކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް ހިނދިގެން ދިއުމާ ގުޅިގެންނެވެ. 

މި ބޯޓު އެކޯރަށް ފެތުނުގޮތެއް މިހާތަނަށް އެނގިފައެއް ނެތެއެވެ. ހަމަ އެފަދައިން އެބޯޓު ފެތުނު ޙާދިސާވެސް މިހާތަނަށް ހޯދިފައެއް ނެތެވެ. އެހެންނަމަވެސް އެ ބޯޓުގައި ޖަހާފާހުރި ނަންބަރުން އެ ބޯޓަކީ 1943 ވަނައަހަރު ތެރޭގައި ސިސިލީގެ ޖެނެރަލް ޖޯރޖް ޕަޓޯންގެ ހަނގުރާމައިގެ މަރުކަޒުތަކަށް ޙަމަލާ ދިނުމަށްޓަކައި ޔޫ. އެސް. އެސް. މޮންރޯވިއާއަށް އެހީވެ ދިނުމަށް ޙަވާލު ކުރެވިފައިވާ ބޯޓުކަން އެނގޭކަމުގައި ޝަސްތްރާ ކޯރު ސަރަޙައްދުގެ ފޯރެސްޓް ސަރވިސްއިން މަޢުލުމާތު ދީފައިވެއެވެ. 

ޕެސިފިކް ގެ ޖަޒީރާތަކަށް ޙަމަލާދިނުމަށް އެ ބޯޓުގައި ކުރި  ހަ ދުވަހުގެ ދަތުރެއްގައި އައިޒަން ހާވަރުވެސް އެބޯޓުން ދަތުރު ކުރެއްވިއެވެ. ޕެސިފިކްގެ ޓަވާރާއަށް ޙަމަލާދިނުމަށް ކުރި ދަތުރުގައި ތިލައެއްގެ މައްޗަށް އެ ބޯޓު ބީހުނު ކަމަށާއި ނަމަވެސް ފަހުން ފުންކުރެވުނު ކަމަށްވެސް  އެ މަޢުލޫމާތުގައި ހާމަކޮށްފައިވެއެވެ. ހަނގުރާމައިގާ އެބޯޓުން އަދާކުރި ރޯލު ފާހަގަކުރުމުގެ ގޮތުން 7 ތަރީގެ ޝަރަފް އެބޯޓަށް ދެވުނު ކަމަށްވެސް ބުނެފައި ވެއެވެ. ނަމަވެސް 1969 ވަނައަހަރު އެ ބޯޓު ވަނީ ބާދަނގަޑަށް ވިއްކާލެވިފައެވެ. އެހެންކަމުން އެ ބޯޓު ޝަސްތްރާ ކޯރުގެ ތެރެއަށް ފެތުނީ ކިހެނެއްކަމެއް އެއްގޮތަކަށްވެސް އެނގޭކަށް ނެތެވެ.                   

އާންމުންނަށް ފެންނަގޮތް ހެދުމުގެ ކުރިން މިހާރު އެ ބޯޓުގެ ދަބަރުޖަހާފައިވާ އޮނިގަނޑު ނެބްރަސްކާގެ މިއުޒިއަމަށް ގެންދަން ވަނީ ނިންމާފައެވެ. އޭގެފަހުން ދެމެހެއްޓެނިވި ގޮތަކަށް އެބޯޓުގެ އޮނިގަނޑު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެއެވެ.                                                      

އެމެރިކާގެ ހުޅަނގު ފަރާތަށް މެދުވެރިވަމުންދާ ހަނަފަސް ކަމުގައި ކޯރުތައް ހިނދެމުން ދިއުމުގެ ސަބަބުން މިއީ ފެންމަތިން ދައްކާލި ދެވަނަ ބޯޓެވެ. ދެވަނަ ބޮޑު ހަނގުރާމާގައި ބޭނުންކުރި އެހެން ބޯޓެއް މީގެ ކުރިން މީޑް ކޯރުގެ ތެރެއިންވަނީ ފެނިފައެވެ. އެބޯޓުގެ ތެރޭގައި އެ ބޯޓަށް ދިން ޙަމަލާގައި މަރާލެވިފައިވާ ބައެއްމީހުންގެ ހަށިތައް ހުރިކަމަށް ވެއެވެ.

އެމެރިކާގެ ހުޅަނގުން ދެބައިކުޅަ އެއްބައި ވަރުގެ ސަރަޙައްދަކަށް މެދުވެރިވަމުންމިދާ ހަނަފަސްކަން ކުރިއަށްއޮތް ތަނުގައި އިތުރަށް ގޯސްވެގެން ދާނެކަމަށް ބެލެއެވެ. އަދި އެ ހަނަފަސްކަމަށް ލުޔެއް ލިބިގެން ހިނގައިދާނެފަދަ ވިއްސާރައެއް ކޮށްފާނެ ކަމަކަށްވެސް ނުބެލެވެއެވެ.

ދެވަނަ ބޮޑުހަނގުރާމައިގާ ފެތުނު ބައެއް އެހެން ބޯޓުތައް ފެނުމުގެ ފުރުސަތުވެސް މިހާރު އެބައޮތްކަމަށް އެމެރިކާގެ އޮފިޝަލުން މަޢުލޫމާތް ދީފައިވާކަމަށް ބުނެއެވެ. ނަމަވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފުރޭތައިގެ ނަންދެވުނު މިބޯޓު ޝަސްތުރާ ކޯރުގެ ތެރެއަށް ފެތުނު ގޮތެއް ހޯދުމަށެވެ. މިހާތަނަށް ހޯދުނު ހޯދުން ތަކުން އެބޯޓު ޝަސްތުރާ ކޯރުތެރޭގައި  އޮންނަންޖެހޭ އެއްވެސް ސަބަބެއް އެނގޭކަށް ނެތެވެ. އިތުރުހޯދުންތައް ހޯދަމުން ގެންދާނެކަމަށް ބުނެފާވެއެވެ.                                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް