އަރުޝަދު ދޫކޮށްލި މައްސަލައިގައި ފުލުހުން އޮޅުވާލައިވާކަމުގެ ތުހުމަތު ޕީޖީން ކޮށްފި

Loading

Facebook
Twitter
WhatsApp

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމުގެ އިސްކޮށްހުންނަ ފަރާތެއްކަމަށް ތުހުމަތުކުރެވޭ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ދޫކޮށްލި މައްސަލައިގައި ފުލުހުން އޮޅުވާލައިފައިވާކަމުގެ ތުހުމަތު ޕީޖީން ކޮށްފިއެވެ.

ޕީޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފައި ވަނިކޮށް އަރުޝަދު ދޫކޮށްލި މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހަދައި ބައެއް ކަންކަން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ޕީޖީން ބުނީ އަރުޝަދު ކޯޓަށް ހާޒިރުކުރުމުގެ ކުރިން އޭނާ ދޫކޮށްލުމަށްފަހު އެކަމާ ގުޅޭ ލިޔުމެއް ފުލުހުންގެ ފަރާތުން އަރުޝަދުއަށް ދިން ކަމަށެވެ. އަދި އަރުޝަދު ހައްޔަރުކުރުމާއި ދޫކޮށްލުމާއި އަދި ފަހުން ކޯޓަށް ހާޒިރުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފް ކަމަށް ވެސް ޕީޖީން ބުނެއެވެ.  އަރުޝަދު ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ނެރުމާއެކު ޕީޖީ އޮފީހުން ގެންދިޔައީ މިކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދިވެހި ފުލުހުންނަށް ދެމުން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިމަހުގެ ހަތްވަނަ ދުވަހުގެ އަރުޝަދު ލަންކާ އިން މާލެއަށް އައުމުން ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަރުޝަދު ހައްޔަރުކުރީ އޭނާއަށް އިސްތިއުނާފް ރައްދުވާ ދައުވާ އާއި ގުޅިގެން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް މިދިޔަ ޖޫން ހަތްވަނަ ދުވަހު ހައިކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރަކާ ގުޅިގެންނެވެ.  ހައިކޯޓުން ރޭ ނެރުނު އަމުރުގައިވާގޮތުން އަރުޝަދު ހައްޔަރުކުރުމަށްފަހު އޭނާ ހައިކޯޓަށް ހާޒިރުކުރުމުގެ ކުރިން ރޭ 7:08 ހާއިރު ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ. އއެހެންވެ އަރުޝަދު ބަންދުން ދުކޮށްލަން އޭނާގެ ފަރާތުން ހައިކޯޓުގައި އެދުނު ނަމަވެސް އޭރު އޭނާ ދޫކޮށްލާފައިވާތީ އެކަމުގައި ގޮތެއް ނިންމާނެ ގާނޫނީ ސަބަބެއް ނެތް ކަމަށް އެ އަމުރުގައިވެ އެވެ.

އެކަމާގުޅިގެން ޕީޖީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަރުޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށާ އަދި އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން ޕީޖީގެ ލަފަޔަކަށް އެދިފައިވެސް ނުވާ ކަމަށް ވެސް ޕީޖީން ބުނެއެވެ.  އަރުޝަދު ދޫކޮށްލުމުގެ ކަންކަން ހިނގާފައިވަނީ މައްސަލަ ތަހުގީގު ކުރާ ފަރާތާއި، ތަހުގީގު ކުރި ޑިޕާޓްމަންޓަށް އެނގުމެއް ނެތި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ޕީޖީގެ ބަޔާނުގައި ވެއެވެ.

 އަދި  އެ ކަމުގައި ބައިވެރިވި ފުލުހުންގެ މައްސަލަތައް ބެލުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޕޮލިސް ބޯޑަށް ހުށަހަޅައިފައިވާކަމަށް ޕީޖީން ބުނެފައިވެއެވެ.


”އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފަށް އަރުޝަދު ހާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި އޮފީހުން ވާނީ އަންގާފަ އެވެ. އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފަ އެވެ،“ ޕީޖީގެ ބަޔާނުގައިވެ އެވެ.



އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ދޫކޮށް ދިޔައީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މާލެއި ހުޅުމާލެއިން އަތުލާގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސްމީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެއެވެ.

އަރުޝަދު މިދިޔަ ދުވަސްތަކުގައި ދިރިއުޅެމުން ދިޔައީ ސްރީލަންކާގަ އެވެ. އޭނާ މާލެ އައިސްފައި މިވަނީ ލަންކާގައި ހުރެފައި އަމިއްލަ ބޭނުމަކު ދުބާއީ އަށް ދިއުމުން ދުބާއީ އަށް އެތެރެވުމަށް ފުރުސަތު ނުދީ އަނބުރާ ލަންކާއަށް ފޮނުވާލި ފަހުންނެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލާގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ.

އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރުއޮތީ ހައި ކޯޓުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް