ޔޫރަޕަށް ފިނިމޫސުން ކައިރިވެއްޖެ ހީފިލުވޭނެގޮތެއް ނެތް 

Loading

Facebook
Twitter
WhatsApp

މި އަހަރުގެ ފިނިމޫސުން އަންނަނީ ކައިރިވަމުންނެވެ. އަދި ހަމަކަށަވަރުންވެސް މި އަހަރުގެ ފިނިމޫސުން ވެގެންދާނީ ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅޭ މީހުން މިހާތަނަށް ތަޖްރިބާ ނުކުރާވަރުގެ އަގުބޮޑު އަދި ހީފިލުވުން ދަތި ފިނިމޫސުމަކަށެވެ.

ދިރިއުޅުމުގެ އަގުތައް އަތްނުފޯރާ ފަށަށް މަތިވެފައިވާ ދަނޑިވަޅެއްގައި އުތުރު އަސްދަނޑި ސަރަޙައްދުގައި ދިރިއުޅޭ މީހުން ކުރިމަތިލާން މި ޖެހެނީ ވަރަށް ފިނިގަދަ ފިނި މޫސުމަކާއެވެ. ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު އެމެރިކާއަށް މިހާތަނަށް މާބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިނުވިޔަސް ފިނިމޫސުން ފެށުމާއެކު ބޮޑެތި އުނދަގޫ ތަކާ ކުރިމަތިލާން ޖެހޭނެކަމަށް ބެލެވެއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމާގައި ހަކަތަ ލިބުމަށް އެޅިފައިވާ ހުރަސްތަކަކީ ހުޅަނގުގެ ގައުމުތަކަށް ޙައްލު ކުރަން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ރަޝިޔާއަކީ ދުނިޔޭގެ ބާޒާރަށް ދެވަނައަށް އެންމެގިނައިން ތެޔޮ ފޯރުކޮށްދޭ ގައުމެވެ. އަދި ޔޫކްރެއިންގެ ހަނގުރާމަ ފެށުމުގެ ކުރިން ހުޅަނގުގެ ގައުމުތަކަށް ގޭސް ފޯރުކޮށް ދިނުމުގައިވެސް އެންމެ ކުރީ ސަފުގައި އުޅެނީ ރަޝިޔާއެވެ. 

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވެފައިވަނީ ރަޝިޔާއިން ތެލާއި ގުދުރަތީ ގޭސް ޔޫރަޕަށް ފޯރުކޮށްދިނުމަށް އުޒުރުވެރިވުން ދޭހަކޮށްދެނީ ހުޅަނގަށް ފިއްތުން ކުރިމަތިކުރުމަށް ބޭނުންކުރާ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި އެ ވަސީލަތްތައް ބޭނުންކުރަނީ ކަމުގައެވެ. މިކަމުގެ އަސަރު މުޅި ދުނިޔެއަށްވެސް ކުރާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް ހުޅަނގުގެ ގައުމުތަކުގައި ހަކަތައިގެ އަގުތައް އުޅެނީ މިއިން ޒަމާނަކުވެސް ނާރާވަރަށް މަތީގައެވެ. 

ޔޫރަޕްގެ ގައުމުތަކުގައި ހަކަތައަށް ޖެހިފައިއޮތް އޮތުމަށް ލުޔެއް ހޯދައި ދިނުމަށްޓަކައި އެމެރިކާއާއި ކެނެޑާއިން ގެންދަނީ ޔޫރަޕަށް އިތުރަށް ހަކަތަ ފޯރުކޮށް ދެމުންނެވެ. މީގެ ނަތީޖާއަކަށް ވެގެން މިދިޔައީ ކެނެޑާއާއި އެމެރިކާގައިވެސް އާންމުންނަށް ގޭސް ލިބުމުގައި ހުރަސްތަކެއް މެދުވެރިވެ އެތައް ގުނައަކަށް އަގު އުފުލިގެން ދިއުމެވެ. ޔޫރަޕްގެ ގައުމުތަކެކޭ އެއްފަދައިން އެމެރިކާއިންވެސް ކުރިމަތިލާން ޖެހިފައިމިވަނީ މިހާތަނަށް ދިމާވި އެންމެ ޚަރަދު ބޮޑު ފިނި މޫސުމާއެވެ.

އަންދާޒާކުރެވޭ ގޮތުގައި އެމެރިކާގައި މިއަންނަ ފިނިމޫސުމުގައި ހޫނުކުރަން ކުރަންޖެހޭ ޚަރަދުގެ އަގު 18 އިން ސައްތަ އާއި ގާތްކުރާ އަދަދަކަށް އުފުލޭނެއެވެ. އެމެރިކާގެ ވަރަށް ގިނަ ރިފައިނަރީތައް ހުރީ މޫސުމީ މަރާމާތަށް ހުއްޓާލާފައެވެ. ފަރަންސޭސި ވިލާތުގައި ކުރިއަށްދާ މުޒާހަރާތަކާހުރެ އެގައުމުން ދުނިޔޭގެ ބާޒާރަށް ނެރެވޭ ހަކަތައިގެ މިންވަރު މިވަނީ ދަނޑިބުރި ވިއްދައިގެންވެސް ކޮރުޖަހަން ފަށާފައެވެ.                                              

ދުނިޔޭގެ ސިޔާސީ މަސްރަހުގައި އުފެދޭ ހަލަބޮލިކަން ޙައްލުކުރަން އާނމުރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެކަމަކު ދުނިޔޭގެ މަސްރަހަށް އަންނަ ކޮންމެ ނުރަނގަޅު ލޮޅުމެއްގެ ގެއްލުމާއި އުނދަގޫ ހިއްސާކުރަން އެންމެ ބޮޑަށް ޖެހޭނީ ނިކަމެތި ރައްޔިތުންނެވެ. މުޅި އަހަރުދުވަހު ނޯކިރީ ކޮށްގެން ހިތް ހަމަޖައްސާލުމަށްޓަކައި ދިހަވަރަކަށް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލަން އެއްކުރާ ފައިސާކޮޅުން ތިން ހަތަރު މަސްދުވަސް ވާންދެން ހޫނު ސަރަޙައްދެއްގައި ޗުއްޓީ ހޭދަކުރެވިދާނެ ފުރުސަތު ނިކަމެތި ރައްޔިތު މީހާއަށް ހުވަފެނުންވެސް ނުފެނުނީއެވެ. އެކަމަކު ވެރިންތިބޭނީ ހުރިހާ ކަމެއް ފުރިހަމަވެގެންނެވެ.                                   

ޕޮލެންޑުގައި ހޫނުކުރަން ބޭނުންކުރާނެ އެހެން އެއްޗެއް ނެތިގެން މިހާރި މިވަނީ ކުނިބުނި އަންދައިގެން ހޫނުކުރަން ފަށާފައެވެ.  ރޮމޭނިޔާގައި ލަކުޑި ކޮޑި މީޓަރެއްގެ އަގު 80 އެމެރިކާ ޑޮލަރަށް އުފުލިއްޖެއެވެ.ވޯރސޯގެ ރައްވެއްސަކު ބުނިގޮތުގައި ކުނިބުނި އެންދުމުން އުފެދޭވަހާހެދި ގިނަވަގުތު ނޯއްދަމާލާކަށް ނުކެރެއެވެ. އަދި މިހާރަކަށް އައިސް މަގުމައްޗަށް އުކާލާފާ ހުންނަ ކުނިބުނިވެސް ފެންނަނީ މަދުންނެވެ.

ކާރޑު ބޯޑާއި ކަރުދާސް ފަދަ އަންދާލެވިދާނެ އެއްވެސް އެއްޗެއް މުނިސިޕަލް ކައުންސިލުން ނަގަން މަގުމަތީ ބަހައްޓާފައި ހުއްޓާވެސް ނުފެނެއެވެ. ރަޝިޔާގެ ބޯޓުދެލި އެތެރެކުރުން ޔޫރަޕްގެ ގައުމުތަކަށް އޮތީ މަނާކޮށްފައެވެ. ފުރުސަތުގެ ބޭނުން ހިފާފާ އެންމެ ގިނައިން ބޯޓުދެލި އެތެރެކުރީ ޕޯލެންޑުންނެވެ. އެކަމަކު އެ ގައުމުގައިވެސް އާބާދީގެ  60 އިން ސައްތަ އަށް ފުދޭ ވަރާ ގާތަކަށްވެސް ދެލި ލިބިފައެއްވެސް ނެތެވެ.މި ފިނި މޫސުމަކީ ޔޫރަޕަށް ވަރަށް ހިތާމަވެރި ނިކަމެތި ދުވަސްވަރަކަށް ވާނެއެވެ.                                

Loading

2 Responses

  1. ވެރިން ތިބޭނީ ހުރިހާ ކަމެއް ފުރިހަމަ ވެފައެވެ…ވަރަށް ބޮޑު ތެދެކެވެ. ކޮންމެ ތަދުމަޑު ކަމެއްގައި ހަނާވެގެންދާނީ ނިކަމެތި ރައްޔިތުންނެވެ. ޔޫރަޕްގެ ހާލަތާމެދު އަޅުގަނޑުމެން ދިވެހިން ވަރަށް ބޮޑަށް ވިސްނަން އެބަ ޖެހެއެވެ. އެމީހުންނަށް މެދުވެރިވާ ކޮންމެ ތަދުމަޑު ކަމެއްގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ އަޅުގަނޑުމެންނެވެ. އެމީހުން އަތުގައި ޚަރަދުކުރާނެ ފައިސާނެތްނަމަ ދަތުރުފަތުރު ނުކުރެވޭނެއެވެ. އަޅުގަނޑުމެން ގާތަށް ޓްއަރިސްޓުންގެ ގޮތުގައި އެމީހުންނަކަށް ނާދެވޭނެއެވެ. އެހިސާބުން އަޅުގަނޑުމެންނަށް އަނެއް ބޮޑުތަދު ފެށުނީއެވެ. އަދި މިއުޅެނީ ކޮވިޑްގެ ބަލާވެރިކަމުން ސަލާމަތް ނުވެވިގެންނެވެ.

    1. ވަރަށް ބޮޑު ތެދެކެވެ. އެހެންވުމުންވެސް ހަމަ ހަނާވަނީ މިތަނުގެވެސް ނިކަމެތީންނެވެ. ސަރުކާރު ލިބި ހެޓަކަށް ވައްކަން ކޮށްފާވާ މީހުނާއި އެމީހުންގެ އެހީގައި ބަދަލާއި ރަށް ފަޅު ހޯދައި ލޯންހޯދައި އިންވެސްޓަރުން ހޯދާއި އެމީހުން އަތުން ކަޓް ނަގާފައިވާ ބައިގަނޑަކަށް ކަމަކަށް ނުވާނެއެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެއުޅެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް