ނޫމަޑީގެ މައްސަލައިގައި މުއިއްޒު ހައިކޯޓަށް

Loading

Facebook
Twitter
WhatsApp

ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިން ކަމުގެ ދައުވާ އުފުލާފައިވާ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައިކޯޓަށް މައްސަލަ އިސްތިއުނާފަކޮށްފިއެވެ.

ދޮގު ބަޔާން ދިން ކަމުގެ ދައުވާ މުއިއްޒުގެ މައްޗަށް ކުރަނީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލައިގައި ނެދަލޭންޑްސްގައި ހުންނަ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރީ މައްސަލަ ކްރިމިނަލް ކޯޓުން މުއިއްޒު އާއި ދެކޮޅަށް މައްސަލަ ނިންމެވުމުންނެވެ. އިސްތިއުނާފު މައްސަލަ ހައި ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

މި މައްސަލައިގައި މުއިއްޒުގެ މަށްޗަށް ކުރަނީ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ދޮގު ބަޔާންދިނުމުގެ ދައުވާ އެވެ. މި މައްސަލަ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. މައްސލައިގައިވަނީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ ދޮގު ބަޔާނެއް ދީފައިވާތީ ކަމަށެވެ. ނޫމަޑީގެ އެއްބަސްވުންތައް ބާތިލްކޮށްފައިވަނީ ރައީސް އަބްދުއްލާ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެވެ.

މިމައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޖޫން 25، 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ، ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއެއްގެ ގޮތުގައި ހެކިދެއްވާފައި ވަނީ ޑރ. މުއިއްޒު ކަމަށެވެ.

ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ.) ވަނީ ދީފަ އެވެ. ދައުލަތުން މިހާ ބޮޑު ބަދަލެއް ދޭން ޖެހުނީ ހައުސިން ޔުނިޓްތަކެއް އަޅަން އެ ކުންފުންޏާ ހަވާލުކުރި ދެ އެއްބަސްވުން ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

އެއްބަސްވުން އުވާލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ހަރަދުތައް ހޯދަންއެދުނެވެ. އެ ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ.

ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ދެ މައްސަލައެއް ހުށަހެޅި އެވެ .އެއް މައްސަލައަކީ، ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުން ބާތިލް ކުރުމެވެ. މި ހައުސިން ޔުނިޓްތައް އަޅަން އެ ކުންފުންޏާއި ހައުސިން މިނިސްޓްރިއާ ދެމެދު ސޮއިކުރީ ޖެނުއަރީ، 20، 2011، ގަ އެވެ.

ނޫމަޑިން އާބިޓްރޭޝަނަށް ދެން ހުށަހެޅީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް 1 އާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ މެއި، 30، 2013 ގަ އެވެ.

ނޫމަޑި އަށް ބޮޑު ބަދަލެއް ދައުލަތުން ދިނީ، ނޫމަޑިއާ ގުޅޭ ހާއްސަ އޮޑިޓެއް، އޮޑިޓް އޮފީހުން ކުރަމުން ދަނިކޮށެވެ. އަދި އެ ކުންފުނިން ހިންގި ހައުސިން މަޝްރޫއުތަކާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް