ނަފްސާނީ ބައްޔަށް ފަރުވާދޭ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ހޮސްޕިޓަލްގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ހާއްސަ ސެންޓަރެއް ހުޅުވައިފިއެވެ.

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

އިންޑިއާގެ ކަޑަބަމް ގްރޫޕާ ގުޅިގެން ހެދި މި ސެންޓަރު  ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވީ ނަފްސާނީ ބައްޔަށް ވަށައިޖެހޭ ފަރުވާއެއް ފޯރުކޮށްދެވޭނީ ހޮސްޕިޓަލްގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުންވެސް އެއީ ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިވާ އަޅާލާ މީހަކަށް ވެގެންކަމަށެވެ.

އަދި އެންމެ ދެކެން ބޭނުންވާ އެންމެ މުހިއްމު އެއްކަމަކީ ހޮސްޕިޓަލްގެ އެހެން ހުރިހާ ޑިޕާޓްމަންޓްތަކާއި މުވައްޒަފުންވެސް ނަފްސާނީ ސިއްހަތުގެ މުހިއްމުކަން ދެނެގަނެ، އެކަމަށްޓަކައި މަސައްކަތްކުރެއްވުންކަމަށާ އަދި އެއީ ހަމައެކަނި މެންޓަލް ހެލްތު ސެންޓަރުގެ ޒިންމާއެއްކަމަށް ދެކެވަޑައިނުގަތުމަށްވެސް ފަޒްނާ ވިދާޅުވިއެވެ.

މި ސެންޓަރުން އޮންލައިންކޮށް އިންޑިއާގައި ތިއްބަވާ ކަޑަބަމްސްގެ ސުޕަރސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާއި މެންޓަލް ހެލްތު ސެންޓަރު ގުޅިގެން ދެވޭ ފަރުވާގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ އިސްކަމެއް ދީގެން ޑޮކްޓަރަށް ދައްކާ ފަރުވާ ކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައެވެ.

އަދި ހޮސްޕިޓަލްގެ އެހެން ހުރިހާ ޑިޕާޓްމަންޓެއްގެ އެހީތެރިކަން ނަފްސާނީ ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް ލިބޭނެ މަގުވަނީ ފަހިކޮށްފައެވެ. ފަރުވާގެތެރޭގައި ސްޓްރެސް މެނޭޖްކުރަނެގޮތް ދަސްކޮށްދިނުމާއި އޮންލައިން ތެރަޕީ ފަދަ ހިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 މީގެއިތުރުން ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެކި ހަރަކާތްތައް ހިންގުމަށްވެސް ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތު ސެންޓަރުންވަނީ ނިންމާފައެވެ.


މިރަސްމިއްޔާތުގައި ކަޑަބަމްސް ގްރޫޕްގެ ފަރާތުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަށާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމުކުރި ނަފްސާނީ ބައްޔަށް ފަރުވާދޭ މި ސެންޓަރަކީ ރާއްޖޭގައި އިތުރުވަމުން އަންނަ ނަފްސާނީ ބަލިމަޑުކަމަށް ހައްލެއް ގެނައުމަށް ގާއިމުކުރި މިފަދަ ދެވަނަ ސެންޓަރެވެ.

އައިޖީއެމްއެޗްގައި މިވަގުތުވެސް ނަފްސާނީ ބައްޔަށް ހާއްސަ ސެންޓަރެއް ގާއިމުކޮށްފައިވާއިރު އަތޮޅުތަކުގައި މިފަދަ މަރުކަޒުތައް ގާއިމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަފްސާނީ ބަލިމަޑުކަމަކީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ އެއްބައްޔެވެ. ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް މިއަދު ފާހަގަކުރާއިރު  މިދުވަހުގެ ޝިއާރެއްގެގޮތުގައި މިއަހަރު ކަނޑައަޅާފައިވަނީ ”މޭކް މެންޓަލް ހެލްތު ފޯރ އޯލް އަ ގްލޯބަލް ޕްރައޮރިޓީ“އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް