ގަވާއިދާއި ހިލާފަށް އުޅަނދު ރަޖިސްޓްރީ ކޮށްފައިވާނަމަ އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ދެއްވައިފިއެވެ.
މިނިސްޓަރ ނަހުލާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުޅަނދުތައް ރަޖިއްޓްރީ ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށާ ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާނަމަ ބާތިލް ކުރައްވާނެ ކަމަށެވެ.
“ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ވާހަކަ ދަންނަވަން. އުޅަނދު ރަޖިސްޓަރ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސްކުރަން” މިނިސްޓަރު ނަހުލާ ކުރެއްވި ޓްވީޓްގައި ވެއެވެ.

ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ވާހަކަ ދަންނަވަން. އުޅަނދު ރަޖިސްޓަރ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސްކުރަން.
— Aishath Nahula (@aishath_nahula) October 6, 2022
މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ދަނީ ފެންނަމުން ކަމަށެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރާ އުޅަދުތަކުގެ ވެރިންނަށް މިނިސްޓަރ އިންޒާރު ދީފައިވާއިރު، މާލޭގައި އެއް ގަރާޖަލަށް އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ މައްސަލަތައްތަކީ އާންމު މައްސަލަތަކަށްވަނީ ވެފައެވެ. މިނިސްޓްރީން ބުނީ އެފަދަ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ މަހުގައި އެއްގަމު އުޅަނދު ތަކުގެ ނަންބޯޑު ގަވާއިދާ އެއްގޮތަށް ޖެހުމަށް އެދި އިއުލާނެއްވެސް ކޮށްފައެވެ.
އެ މިނިސްޓްރީން ބުނީ މިގޮތަށް އެދިފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދު”ގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގައި ނަންބަރު ބޯޑު ހުންނަންވީ ގޮތް ބުނެދީފައިވީ ނަމަވެސް އެގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ނުދާތީ ހަނދާންކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އުޅަދުތަކުން މާލޭގެ މަގުތައް ތޮއްޖެހިފައިވާއިރު މިހާތަނަށް 80،000 އަށްވުރެ ގިނަ އުޅަނދު މާލެއަށް ރަޖިސްޓްރީކޮށްފައިވެއެވެ.
One Response
ވިސްނުންފުޅު މިހުންނަނީ އަބަދުވެސް ނިކަމެތި މީހާއަށް މަގު ބަންދުކުރުމަށެވެ. ނުގަވައިދުން އުޅަނދު ފަހަރު ރަޖިސްޓަރީ ކުރާނީ އެހެންގޮތެއް ނެތީމާކަން އަދި އޭނާގެ މިލްކުގައި ދިހަ ބާރަ އުޅަނދު ނޯންނާނެކަން ހަނދާން ކުރަންޖެހޭނެއެވެ. މިނިސްޓަރު ވިދާޅުވާންޖެހޭނީ ނު ގަވައިދުން ރަޖިސްޓަރީ ކޮށްފާހުރި އުޅަނދުތަކުގެ ވެރިންނަށް އެ އުޅަނދުތައް ރަޖިސްޓަރީ ކުރެވޭނެ ރަނގަޅުގޮތެއް ތިމަން ކަމަނާ ހޯއްދަވާ ދެއްވާނަމެވެ. މިހެންނެވެ.