ނޯރޑްސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލީ ކާކު؟

Loading

Facebook
Twitter
WhatsApp

ބޯލްޓިކް ކަނޑުގެ އަޑިން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވުމުގެ ދެ ދުވަސްފަހުން އެއީ ރަޝިޔާއިން ޖަރުމަނަށް ހަކަތަ ފޯރުކޮށް ދިނުމަށް އަޅާފައިވާ ނޯޑް ސްޓްރީމް 2ގެ ބިޔަ ޕައިޕްލައިން ގޮއްވާލީ ކަމަށް ޝައްކު ކުރެވޭތީ އެކަން ކުރިބަޔަކު ހޯދަންޖެހޭ ކަމަށް ޔޫރަޕްގެ ގައުމުތަކުން ގޮވާލައިފިއެވެ. 

ތަޖްރިބާކާރުން ހާމަކުރާ ގޮތުގައި ނޯޑް ސްޓްރީމް ހޮޅިތައް ހަލާކުކޮށްލާފައި ވާނަމަ އެކަން ދެނެގަނެ މަރާމާތުރަން ދުވަސްތަކެއް ނަގާނެއެވެ. މި ހޮޅިތައް ހަލާކުކޮށްލާފައި ވާނަމަ ފިނިމޫސުމުގައި ގޭސް ނުލިބުގެ ހިތާމަޔާއި ހިތްދަތިކަން އިތުރުވެގެން ދާނެއެވެ. މިކަމާގުޅިގެން މިހާރު އުފެދިފައިވާ ބޮޑު ސުވާލަކީ މިކަން ކުރީ ކޮން ބަޔަކު ހެއްޔެވެ؟                               

ޔޫރަޕިއަން ޔުނިއަންގެ ޚާރިޖީ ސިޔާސަތާބެހޭ އެންމެ އިސްވެރިޔާ ޖޯސެޕް ބޯރެލް ވިދާޅުވަނީ މިހާރު ލިބިފައިވާ ހުރިހާ މައުލޫމާތުންވެސް ކަށަވަރުވަނީ ކޮންމެވެސް ބަޔަކު ގަސްދުގައި އެ ޕައިޕްލައިން ގޮއްވާލާފައި ކަމަށެވެ.އެބަޔަކު ހޯދަން ކުރާ ތަޙްގީގަކަށް އަހަރެމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ.

ހަލާކު ކޮށްލާފައިވާ ހޮޅިން ލީކުވަމުންދާ މީތޭން ގޭހުގެ ނުރައްކާތެރިކަމާހުރެ ތަޙުގީގު ކުރުމަށްޓަކައި ވެސް ކައިރިއަށް ދެވޭކަށް ނެތެވެ.ޖަރުމަނު ޕާރލަމެންޓުގެ ދިފާއީ ކޮމެޓީގެ އެންމެ އިސް ވެރިޔާ ޒިމްމާރމަން ވިދާޅުވަނީ މިއީ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ކުރެވޭ ހަނގުރާމައެއް ކަމުގައި ބެލެވޭތީ މިހާތަނަށް ގަރީނާއެއް ލިބިފައިނެތަސް މިއީ ރަޝިޔާއިން ނުކުރާނެކަމެކޭ ނުބުނެވޭނެ ކަމަށެވެ.

ޔަގީން ކަށަވަރުވާކަމަކީ ކާބޯތަކެއްޗާއި ހަކަތައާއި ރެފިއުޖީން ގެ އުކުޅުތައް ބޭނުންކޮށްގެން ވެސް ޔޫރަޕް އެފުށް މިފުށަށް ޖަހާލަން ޕޫޓިން މަސައްކަތްކުރާނެއެވެ. ރަޝިޔާގެ މިލްކުގައިވާ މިހާބޮޑު އެސެޓެއް އެމީހުން ހަލާކުކޮށްލާފާނެ ކަމަށް ނުބެލެވުނަސް ބައެއް މުހައްލިލުން ދެކޭގޮތުގައި ގޭހުގެ އަގު އުފުލުމުގެ ސަބަބުން ޔޫރަޕް ނުކުޅެދިގެން ދިއުމަކީ ރައީސް ޕޫޓިންގެ މަގްސަދުގައި ފައިދާއެއްކަމަށް ވާނެއެވެ.           

ރައީސް ބައިޑަންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލިވާން ވެސް ވިދާޅުވަނީ އެއީ ގަސްދުގައި ބަޔަކު ކޮށްފައިވާ ކަމެއް ކަން ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު މިހާތަނަށް ލިބިފައިވާ އެނގުން ތަކަށް ބަލާއިރު ވަކިފަރާތަކަށް އިނގިލި ދިމާކުރެވޭކަށް ނެތެވެ. އެހެންނަމަވެސް އެ ޕައިޕްތައް ހަލާކުކޮށްލުމުން ރަޝިޔާއަށް ލިބޭ މާލީ ގެއްލުމަށް ވުރެން އެމީހުންގެ މަގްސަދުގައި ލިބޭ ފައިދާ ބޮޑުވާނެކަމަށް ބެލެވެއެވެ.

ޕޮލޭންޑާއި ޔޫކްރެއިނުން އެކަމުގެ ޒިންމާއަޅުވަނީ ރަޝިޔާގެ ބޮލުގައެވެ. އެހެންނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކުން ބުނަމުން ގެންދަނީ އެއްވެސް ގަރީނާއެއް ނުލިބި ރަޝިޔާއާ ދިމާލަށް އެގޮތަށް އިނގިލި ދިއްކުރުމަކީ ރަނގަޅުގޮތް ނޫންކަމުގައެވެ. 

ރަޝިޔާއިން ބުނަނީ އެއީ އެމެރިކާއިން ކުރި ކަމެއް ކަމުގައެވެ. ހެއްކެއްގެ ގޮތުގައި ކްރެމްލިންގެ ސްޕޯކްސް ޕަރސަން ފާހަގަ ކުރައްވަނީ އެމެރިކާގެ ގޭސް ޔޫރަޕަށް ފޯރުކޮށްދީގެން ހޯދަމުންގެންދާ ބޮޑު ފައިދާއެވެ. އަދި ފެބްރުއަރީ 7 ގައި ރައީސް ބައިޑަންދެއްކެވި ވާހަކަ ފުޅުގައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގެންފިނަމަ ނޯރޑްސްޓްރީމް 2 ހުއްޓުވާނެކަމަށް ވިދާޅުވުން ތަކްރާރު ކޮށްފައިވެއެވެ. 

އެހެންނަމަވެސް އެމެރިކާއިން ބުނަނީ އެކަހަލަ ކަމެއް ނުކުރާނެ ކަމަށެވެ. އަދި ބައިޑަންގެ އެ ވިދާޅުވުމަކީ އިގްތިސާދީ ގޮތުންނާއި ސިޔާސީގޮތުން އަޅުއްވާނެ ފިޔަވަޅުތަކަށް ކުރެއްވި އިޝާރާތެއް ކަމުގައެވެ. އަދި ރަޝިޔާއަކީ އަބަދުވެސް ސައްހަނޫން މައުލޫމާތު ފޯރުވަމުންގެންދާ ބަޔަކުކަމުގައެވެ. އަދި އެމެރިކާއާއި ބޭރުގެ ތަޖްރިބާކާރުންވެސް ބުރަވަނީ އެހޮޅީގެ ބޭނުން ނުކުރެވޭ ގޮތެއް ވެއްޖެނަމަ އެ ޕައިޕްލައިން އަޅާފައި އޮތުމާދޭތެރޭ ކުރިންސުރެން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ގެންދާ ޔޫކްރެއިންފަދަ ބޯލްޓިކް ކަނޑަށް ހުޅުވިފައިވާ ގައުމުތަކުން އުފާކުރާނެކަމަށް ބެލެވޭ ކަމަށެވެ. 

ނޯރޑްސްޓްރީމް ޕައިޕްލައިންގެ 1 އަދި 2 ވެސް އެކުލެވިގެން ވަނީ ދެ ހޮޅީގެ މައްޗަށެވެ. ޔޫރަޕްގެ ހަކަތަ ކޮންޓްރޯލް ކުރާނެ ވޭލު ހުޅުވާ ލެއްޕުމަކީ ރައީސް ޕޫޓިންގެ އިޚްތިޔާރުގައި އޮތްކަމެއްގެ ގޮތުގައި ދައްކަން އުޅުނަސް އެ ހޮޅިތައް ރަނގަޅު ގޮތުގައި އޮޕަރޭޓް ކުރެވެމުން ދިއުމަށް ގަޒްޕްރޯމުން ބޭނުންވާނެ ކަމާދޭތެރޭ ޝައްކެއްނެތެވެ. ގަޒްޕްރޯމް ހަކަތަ ކުންފުންޏަށް ފައިދާކުރާނީ އެ ޕައިޕްލައިން ތަކުން ގޭސް ފޯރުކޮށްދިނީމައެވެ. ހަމަ އެއާއެކު ބައެއް ބޭފުޅުން ވިދާޅުވަނީ ހަލާކުވެފައި ކަމަށް ބެލެވެނީ އެއްހޮޅިކަމަށާއި ރައީސް ޕޫޓިން ޚިޔާރު ކުރައްވައިފިނަމަ މިހާރުވެސް ޔޫރަޕަށް ބޭނުންވާ ހަކަތަ ހަލާކު ނުވެ އޮތް ހޮޅިން ފޯރުކޮށްދެވިދާނެ ކަމަށެވެ.                 

ހަނގުރާމަ ފެށުނުތަނާހެން ނޯރޑް ސްޓްރީމް 2 ގެ އޮޕަރޭޝަނަށް ޖަރުމަނުން ހުރަސް އެޅުމާއެކު ނޯރޑް ސްޓްރީމް 1 އިން ޔޫރަޕަށް ހަކަތަ ފޯރުކޮށް ދިނުން ރަޝިޔާއިން މެދުކަނޑާލިއެވެ. ރަޝިޔާގެ މި ފިޔަވަޅުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުން ފިނިމޫސުމުގައި ހޫނުކުރަން ބޭނުންވާ ހަކަތަ ރައްކާ ކުރުމަށާއި އިލެކްޓްރިސިޓީ އުފައްދަން ބޭނުންވާ ހަކަތައަގުބޮޑުކޮށް ހޯދައިގެން ނަމަވެސް ރައްކާ ކުރެވޭނެ ފިޔަވަޅު ތަކެއްވަނީ އަޅަން ފަށާފައެވެ.       

ހުޅަނގުގެ ބައެއް މުޙައްލިލުން ދެކޭގޮތުގައި ގޭސްހޮޅި ގޮއްވާލުން ރައީސްޕޫޓިން ގެންގުޅުއްވާ އިގްތިސާދީ، ސިޔާސީ، އަދި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށް ދިނުމުގައި ޔޫރަޕުގަ އޮތް އެކުވެރިކަން ބައިބައި ކޮށްލުންފަދަ ގިނަ ދިމަދިމާލުން ހަނގުރާމައިގެ ފިއްތުންތައް ކުރިމަތިކުރުމުގެވިސްނުމާއި ފިކުރަށް ވަރަށް ރަނގަޅަށް ފެތޭ ކަމުގައެވެ. އަދި މިހާރުވެސް ޔޫރަޕްގައި ގޭހުގެ މައްސަލާގައި ދެންހަދާނެ ގޮތެއް ނޭންގިގެން އުޅެނިކޮށްމުވާސަލާތާއި އިލެކްރިސިޓީގެ ބޭނުމަށް ކަނޑުއަޑިން އަޅާފައިވާ ކޭބަލްތަކުގެ ރައްކާތެރިކ ަމެއް ނެތްކަންވެސް ހާމަވެގެން ހިގައްޖެއެވެ.                                                               

ޕޯލެންޑުގެ ކުރީގެ ޚާރިޖީ ވަޒީރަކު ކަމުގައިވާ ރަޑެކް ސިކޯސްކީ ގެ ޓްއީޓެއްގައި “ ޝުކުރިއްޔާ ޔޫ. އެސް. އޭ އަދި އެ ޕައިޕްލައިން ހަލާކު ކޮށްލީ އެމެރިކާއިންނަމަ އަހަރެން ވަރަށް އުފާކުރާނަން “ މިހެންބުނެފައިވެއެވެ. ޕޯލެންޑަކީ ރަޝިޔާއާއި ވަރަށް ދެކޮޅު ގައުމެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. ސިކޯސްކީއަށް ފޯނުން ގުޅުމުން ތަފްސީލަކަށް ދާން ބޭނުމެއް ނުވިކަމަށް މީޑިއާ ޚަބަރުތައް ބުނެފައިވެއެވެ.                                                 

ނޯރޑްސްޓްރީމް ޕައިޕްލައިން ހަލާކު ކޮށްލާފައި މިވަނީ ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައިގާ ޔޫކްރެއިނުން ކާމިޔާބީ ތަކެއް ހޯދަމުން ގެންދާ ދުވަސަވަރެއް ގައެވެ. އަދި ރަޝިޔާއިން ހިފާފައިވާ ބިންތަކެއްގ ާނޫނީ ގޮތުން ރަޝިޔާގެ ބައެއްކަމުގައި ހެދުމަށާއި ސިފައިންގެ ލަޝްކަރުތަކަށް އިތުރު ސިފައިންގެނެސް އަދި ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ކޮށްފާނެކަމުގެ ބިރުވެރި ވާހަކަތަކެއްވެސް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.                           

މިދަނޑިވަޅުގައި ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބެނީ ނޯރޑް ސްޓްރީމްގެ 2 ޕައިޕަ ލައިން ހަލާކު ވެފައިވާ ކަމަށް ބެލެވޭއިރެއްގައި ރަޝިޔާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދޭ މިންވަރަށް އެއްވެސް ބަދަލެއް ނާދެއެވެ. ވީމާ ލީކު އުފެދިގެން މިއުޅެނީ ނޯރޑް ސްޓްރީމްގެ ބަދަލުގައި ޕޯލޭންޑުން ރަޝިޔާގެ ގޭހަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ނޯރވޭއިންބޯލްޓިކް ކަނޑުތެރޭން އަޅާފައިވާ ޕައިޕް ލައިނުން މިދިޔަ އަންގާރަދުވަހު ގޭސް ފޮނުވަން ފެށުމުން ދިމާވި ލީކް ވުމަކަށް ވެދާނެއޭ ބައެއް ތަޖްރިބާކާރުން މިހާރު އެބަބުނެއެވެ. ނޯރވޭގެ ޕައިޕްލައިންވެސް އަޅާފައި އޮތީ ލީކް ފެނިގެން މިއުޅޭ ސަރަހައްދުގައެވެ.                         

ކޮންމެއަކަށް ގޭސް ފޯރުކޮށް ނުދިނުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ރަޝިޔާއިން ގެންގުޅޭ ވިސްނުމުގައި ރަޝިޔާ އަށްވެސް ގެއްލުންތަކަކާއިކުރިމަތިލާން އޮތީ ޖެހިފައެވެ. ޔޫރަޕްގައި ރަޝިޔާގެ ގޭސް ކުންފުނި ގަޒްޕްރޯމްގެ ހުރިހާ ބައިވެރިވުމެއް މިވަނީ ގާތްގަނޑަކަށް ނެތިގޮސްފައެވެ.                               

މިދިޔަ ބުދަދުވަހު ކޮންމެވެސް ތިން ޕައިޕްލައިނަކުން ލީކުވަމުންދާ މީތޭން ގޭސް ޑެންމާރކުގެ ބޯރންހޯމް ޖަޒީރާގެ  ސަރަޙައްދުން ކަނޑުގެ ލޮނުގަނޑުން މައްޗަށް އަރަމުންދާކަން ފާހަގަ ކުރެވިފައި ވުމާއެކު އެމެރިކާގެ އެހީއާއެކު ޑެންމާރކް ސަރުކާރުން އެކަންތައް ޖިނާއީ ތަޙުގީގެއްގެ ގޮތުގައި ފަށައިގެންފިއެވެ. 

އެމެރިކާގެ ބައެއް އޮފިޝަލުން ގަބޫލުކުރާގޮތުގައި މިއީ އެއްވެސް ސަރުކާރެއްގެ ބައިވެރި ވުމެއްނެތި  އަމިއްލަ ޖަމާއަތަކުން ކުރި ކަމަކަށްވެސް ވެދާނެއެވެ. އެހެން ބައެއް ދެނެގަތުމެއްގައި ބުނެފައިވަނީ ލީކު ފެނިގެން އުޅޭ ސަރަޙައްދުން ދެފަހަރެއްގެ މަތިން ގޮވުމެއްގެ އަޑު އިވިފައިވާއިރު އެ ސަރަޙައްދުގައި ހުރި ސިސްމޯ މީޓަރުންތަކުން ދައްކަމުން ގެންދަނީ އެ ގޮވުންތަކަކީ މަތިންދާބޯޓަކުން ވައްޓާލި އެއްޗަކުން ނުވަތަ ބޯޓަކުން ކަނޑަށް ފެއްތި އެއްޗެއްގެ ސަބަބުން ހިނގާދިޔަ ޙާދިސާއެއްކަ މުގައެވެ.                                                          

ފިންލޭންޑުގެ ރައީސް ވިދާޅުވަނީ މިއީ ކޮންބަޔަކުކުރި ކަމެއްކަން ދެނެގަތުމަކީ ފަސޭހަކަމަކށް ނުވާނެ ކަމަށެވެ. މިއަދާ ހަމަޔަށްވެސް މި ކަމުގެ ޙަގީގަތަކާ ހަމަޔަށް ނުދެވިފައި މިއޮތީ އެހެންވެގެންނެވެ.                    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް