އިންޑިއާ ނޭވީ އާއި ގުޅިގެން ލ އަތޮޅުގައި ބޭއްވި ތަމްރީން ނިންމާލައިފި

Facebook
Twitter
WhatsApp
FeNbA8GagAEtooB

ރާއްޖޭގެ ސިފައިން އިންޑިއާގެ ނޭވީ އާއި ގުޅިގެން ލ. އަތޮޅުގައި ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

އެމްއެންޑިއެފްން ބުނީ “އެކްސަސައިޒް އެކަތަ 2022” ނަމުގައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި  މި ޕްރޮގްރާމުގައި  އެމްއެންޑީއެފްގެ މެރިން ކޯ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސް އާއި އިންޑިއަން ނޭވީގެ 10 މެރިން ކޮމާންޑޯސް ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފްން ބުނެއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒް، ލ.ކައްދޫގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެކްސަސައިޒްގެ “ބެސްޓް ޑައިވަރސް” އެވޯޑް ހާސިލުކުރި މެރީންސްއަށް އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި އެކްސަސައިޒްގައި ބައިވެރިވި އިންޑިއާ އަސްކަރިއްޔާގެ ޓްރެއިނިންގ ޓީމަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްލާ ޝަމާލެވެ.

މީގެއިތުރުން ތަމްރީނުގައި ބައިވެރިވި އެމްއެންޑީއެފް މެރިން ކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ)ގެ މެރީންސްއަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރްއާއި އިންޑިއަން ނޭވީގެ ސަދަން ނޭވަލް ކޮމާންޑްގެ ފްލެގް އޮފިސަރ ކޮމާންޑިންގ އިން ޗީފް، ވައިސް އެޑްމިރަލް އެމްއޭ ހަމްޕިހޯލީއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްލާ ޝަމާލާއި، އިންޑިއަން ނޭވީގެ ސަދަން ނޭވަލް ކޮމާންޑްގެ ފްލެގް އޮފިސަރ ކޮމާންޑިންގ އިން ޗީފް، ވައިސް އެޑްމިރަލް އެމްއޭ ހަމްޕިހޯލީ ވާހަކަފުޅު ދެއްކެވިއެވެ. މިރަސްމިއްޔާތަށްފަހު، ދެ ފަރާތުގެ މެދުގައި މޮމެންޓޯ ބަދަލުކުރެއްވުމާއި، އެކްސަސައިޒްގައި ބޭނުންކުރި ހަތިޔާރުތައް ދައްކާލުން އޮތެވެ.

މި އެކްސަސައިޒްގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމޮލިޝަން، ސީކިއުބީ، ޑައިވޭޓަރ ޑައިވިންގ، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިންގ އޮޕަރޭޝަން ފަދަ ބައިތައް ވަނީ އުނގެނި ފަރިތަކޮށްފައެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް މެރިން ކޯރ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަހީދާއި، އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އަހްމަދު ފާތިހްގެ އިތުރުން އިންޑިއާ އަސްކަރިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ، ކެޕްޓަން މަހޭޝް ސީ. މޯޑްގިލްއާއި، ސެންޓްރަލް އޭރިއާ ކޮމާންޑްގެ ބައެއް އޮފިސަރުންނާއި އެސްއޯޖީގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް