ސައިބަރ ސޭފް މޯލްޑިވްސް ވެގެންދާނީ ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރުމަށް އެޅޭ ބިންގަލަކަށް : ނައިބް ރައީސް

Loading

Facebook
Twitter
WhatsApp

ސައިބަރ ސޭފް މޯލްޑިވްސް ގައުމީ ކެމްޕޭން ވެގެންދާނީ ރައްކާތެރިކަމާއިއެކު އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި އެޅޭ ބިންގަލަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ”ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022“ ޕްރޮގްރާމްތައް އިފްތިތާހްކުރުމަށް މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައ ވާހަކަފުޅު ދައްކަވަމުްނެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަދި، ރަނގަޅަށް ޕްލޭން ކުރެވިގެން ރޭވިގެން އެކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރެވިއްޖެ ނަމަ ކުރަންޖެހޭ ޚަރަދާއި ކުރިމަތިލާންޖެހޭ ގެއްލުމާއި، އަދި ކުޑަކުދިންނަށް އިންޓަރނެޓްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަންވެސް ދަތިކަންތައް ތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވިގޮތުގައި، އިންޓަރނެޓާއި، ޓެކްނޯލޮޖީގެ ވަސީލަތްތަކަކީ އެއާއި ނުލައި މިއަދު އަޅުގަނޑުމެންނަށް ދިރިއުޅެވެން ނެތް އެއްޗެއްކަމަށެވެ. މިގޮތުން، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަސީލަތްތަކުގެ މުހިއްމުކަން ކޮވިޑް-19ގެ ހާލަތުގައި އަޅުގަނޑުމެން ތަޖުރިބާކުރި ކަންކަމުން އެނގިގެން ގޮސްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 މީގެ އިތުރުން، އިންޓަރނެޓްގެ ތެރެއިން، އިޖުތިމާއީ އެކި މަންސަތަކުގައި މީހުންނަށް ކުރިމަތިވާ ނުރައްކާތަކާއި ގެއްލުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި، ވަކި އުމުރުފުރައެއް ނެތްކަން ފާހަގަކުރައްވައި، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ސަބަބުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގޮތް ބާވަތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލެވުމަކީ، އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަންކަން ކަމަށެވެ.

ސައިބަރ ސޭފް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ހިންގޭ މި ހަރަކާތްތަކަކީ ގައުމީ ފެންވަރުގައި ހިންގޭ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގެ ތެރެއިން، މައުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި، ހިމެނެނީ ’އިންޓަރނެޓްގެ ރައްކާތެރިކަން ކުޑަކުދިންނަށް‘ މި ދާއިރާއާއި، ’ފިޝިންގ އަދި އަމިއްލަ ރައްކާތެރިކަން‘ މި ދާއިރާއާއި، ’ރެންސަމް ވެއަރ އާއި މަލްވެއަރ އިން ރައްކާތެރިވުން‘ މި ދާއިރާ އަދި، ’އީ-ކޮމަރސްގެ ރައްކާތެރިކަން‘ ހިމެނޭހެން ހަތަރު ދާއިރާއެކެވެ.

ސައިބަރ ސޭފް މޯލްޑިވްސް ކެމްޕޭންގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރިޔަށް ގެންދާނީ، މި އޮކްޓޫބަރު މަހަށް ބަހާލައިގެން ކުރިޔަަށް ގެންދާ ހަރަކާތްތަކެކެވެ. މިގޮތުން، މި މަހުގެ ތެރޭގައި ޖުމްލަ 28 ޙަރަކާތެއް ހިންގާއިރު، އޭގެ ތެރޭގައި، 7 ޓްރެއިނިންގ ޕްރޮގްރާމަކާއި، 3 ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއްވެސް ހިމެނެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ، މިހާރު ބައިނަލްއަޤުވާމީ ގޮތުންވެސް އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ. އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 2004 ވަަނަ އަހަރު އެމެރިކާގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް